Sunday, May 1, 2011

ދިވެހި ލިޔުންތެރިކަމުގެ ދައުރުތަކުގައި ހުރި ބައެއް ތަފާތުތައް

ދިވެހި ލިޔުންތެރިކަމުގެ ދައުރުތަކުގައި ހުރި ބައެއް ތަފާތުތައް

     ދިރާސާތަކުން ހާމަވާ ގޮތުން ފަންސަވީސް ޤަރުނުގެ ފަޚްރުވެރި ދިގު ތާރީޚެއް ލިބިފައިވާ އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމުގެ ރަށްވެހީން މިދީބަށް ނޭވާލީ ހިނދުން ފެށިގެންވެސް ބަށްމޮށެ އުޅޭނެކަމީ މުޖައްރިބު ކަމެކެވެ. ހަމަ މިބީދައިން ކޮންމެވެސް ސިފައެއްގައި ލިޔެކިއުންވެސް ގެންގުޅޭނެކަމީވެސް ކަށަވަރު ކަމެކެވެ. އަޅުގަނޑުމެންނާ ހަމައަށް ފުރިހަމައަށް އަދި ނުފޯރާ ތާރީޚި ސަފްޙާތަކާއި އަޅުގަނޑުމެންނަށް ފެނުމުގެ ނަސީބު ލިބިފައިވާ ފަތްފުށްތަކުގެ އެހީގައި ޒަމާންވީ ބަހުގެ ޢިލްމީ ތަރަހަތައް ޤާއިމްކުރެވިފައިވާ ހަމަތަކާއި ބަހުގެ އަދަބިއްޔާތައިމެދު އުފަލުން ހިނިތުން ނުވެވޭވަރެއްނޫނެވެ. އަދި ހަމަ އެކިދުވަސްވަރު ބަހުގެ އަދަބިއްޔާތަށް އައިސްފައިވާ ދިރުމާ ކުރިއެރުމަކީވެސް ވަކިން ސަހަލު ކަމެއްނޫނެވެ.

އަޅުގަނޑުމެން އެބަހަކަށްޓަކައި މި ފަޚްރުވެރިވާ ދިވެހިބަހުގެ އަދިބުންނާއި ލިޔުންތެރިން އަދަބިއްޔާތުގެ ތާރީޚް ބައްސަވާލައްވާފައި ވަނީ ތިން ދައުރަކަށެވެ. އެއީ ޅަފަތުގެ ދައުރާއި ފިރުކެންފެށި ދައުރާއި ހިނގައިގަނެވުނު ދައުރެވެ. މިތިން ދައުރުގެ ލިޔުންތަކަށް ބަލައި ހޯދައި އެއާއިމެދު ފިކުރު ކޮށްލުމުން ވަރަށް ތަފާތު ކަންތައްތައް ފާހަގަކުރެވިގެން ދެއެވެ.
ދިވެހި އަދަބިއްޔާތުގެ ޅަފަތުގެ ދައުރަކީ ބަނޑޭރި ޙަސަންމަނިކުފާނާއި އެދުރު އުމަރު މާފަތްކަލޭގެފާނު ފަދަ ބޭބޭފުޅުން ދިވެހިބަހުގެ އަދަބީ ބުސްތާނުގައި ފިޔަޖަހާލި ދައުރެވެ. މިދުވަސްވަރުގެ ލިޔުންތަކުގެ ތެރެއިން ވަރަށް މަދު ލިޔުމެއް ނޫނީ ފެންނަން ނެތްކަން މިއީ ހިތާމަވެރި ޙަގީގަތެކެވެ. އެދުރު ޢުމަރު މާފަތްކަލޭގެފާނު ހެއްދެވި ބޮޑުތާހީދު ރައިވަރު ފޮތާއި ބަނޑޭރި ޙަސަންމަނިކުފާނު ލިޔުއްވި ދިޔޯގެ ރައިވަރާއި، އަރިއަތޮޅު އަރުމާދު ރައިވަރު ފޮތް ނޫނީ ފެންނާކަށް ނެތެވެ. މުޅިންވެސް ހުރީ އަތުލިޔުމެވެ. ފާހަގަ ކުރެވޭ އެއް ކަމަކީ އެދުވަސްވަރުގެ އަދަބިއްޔާތުގެ އެންމެ ނަންހުރި ފަންނަކީ ރައިވަރުކަމެވެ. މިދައުރުގައި ލިޔެވިފައި ހުރި ލިޔުންތަކުގައި ބޭނުންކުރެވިފައި ހުރީ ވަރަށް ފައިކޮޅު ދިގުކޮށް ހުންނަ ތާނައިގެ އަކުރާއި ފިއްޔެވެ. ރައިވަރު ނޫން އެހެން ލިޔުމެއް ފެންނަންނެތުމާއިއެކު ޖުމުލަ ރާވައި އެތުރުމާއި އެހެންވެސް އަދަބީ  އަސާސްތަކާއިބެހޭ އެއްވެސް އެއްޗެއް ދެންނެވޭކަށް ނެތެވެ.
ދިވެހި އަދަބިއްޔާތުގެ ޅަފަތުގެދައުރުން ފިރުކެންފެށި ދައުރަށް ބަދަލުވެ ހުތް ޢަލީ ދީދީ އާއި ޙުސައިން ޞަލާޙުއްދީން ފަދަ ބޭބޭފުޅުން ދިވެހި އަދަބީ ޗަމަންގައި ތަފާތު މާތައް ފޮޅުވާ ބުސްތާނުގެ ވަސްމީރު ކޮށްދެއްވިއެވެ. ފިރުކެންފެށި ދައުރުގައި ތަފާތު ޢިލްމުވެރިން އުފެދި ލިޔުންތައް ޗާޕުކުރަންވެސް ފެށިފައިވާކަން ފާހަގަކުރެވެއެވެ. ދިވެހި އަދަބިއްޔާތުގެ އެއް ބަހާ ކަމުގައިވާ ޅެން ވުޖޫދު ކުރެވިފައިވަނީ މިދައުރުގައެވެ. އެގޮތުން ފުރަތަމަ ޅެމެއް ހެއްދެވީ ހުތް އަލީ ދީދީއެވެ. އެޅެމުގެ ވަޒަނުގެ އަސްލަކަށް ބެލިފައިވަނީ ޢަރަބި ޅެން ވަޒަނެކެވެ. މިދައުރުގެ އަނެއް އަދަބީ އުސްތާޒަކީ ނާއިބު ތުއްތެވެ. " ތާނަލިޔުމުގެ ޤަވާޢިދު " ގެނަމުގައި ފޮތެއް ލިޔުއްވީ މިބޭފުޅާއެވެ. އެއީ ދިވެހިބަހުން ދެވަނައަށް އެކަށައެޅުނު ޤަވާޢިދު ފޮތްވެސް މެއެވެ. ދިވެހިބަހުން އެކަށައެޅުނު ފުރަތަމަ ޤަވާޢިދުފޮތްވެސް ލިޔުއްވީ އެބޭފުޅާކަން ފާހަގަކުރަމެވެ. އަދި ޙުސައިން ޞަލާޙުއްދީނުގެ އެއް އުސްތާޒަކީވެސް ނާއިބު ތުއްތުއެވެ. މިދައުރުގައި ލިޔެވުނު ތަފާތު ލިޔުންތައް ފެންނަން ހުރުމާއިއެކު ފާހަގަ ކުރެވޭ ކަމަކީ ލިޔަން ބޭނުންކުރި އަކުރަކީ ކުރީދައުރުގައިވެސް ބޭނުންކުރި އަކުރުތައް ކަމެވެ. ނަމަވެސް މިހާރުގެ ލިޔުންތަކުގެ ޖުމުލަތައް ނިންމުމުގައި މި ބޭނުންކުރާ "އެވެ" ،"މެވެ" ފަދަ ނިންމުމުގެ ބަދަލުގައި ލިޔެފައިހުންނަނީ "ހުށި" ، "މެއަ" ފަދަ އަކުރުތަކެވެ. މިސާލަކަށް:- މިބުނި މަގުން ކަންކުރާ ހުށި. ، މިނޫނަސް ކިތަންމެ އެއްޗެއް ލިބުނު މިއަ. މިފަދައިންނެވެ.
ދިވެހިބަހުގެ އަދަބިއްޔާތައް އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ހިނގައިގަނެވުނު ދައުރުގައެވެ. ފިރުކެންފެށި ދައުރު ނިމި ހިނގައިގަނެވުނު ދައުރަށް އެޅުނުއިރުވެސް ޙުސައިން ސަލާހުއްދީނު ޚިދުމަތުގައި ހުންނެވިއެވެ. އަދި މުޙައްމަދު އަމީނާއި ބޮޑުފެންވަޅުގޭ ސީދީއާއި، އިބްރާހީމް ޝިހާބާއި، މުޙައްމަދު ޖަމީލު ދީދީއާއި، އަޙްމަދު ކާމިލް ދީދީއާއި، މުޙައްމަދު އިސްމާޢީލް ދީދީއާއި، ޢަބްދުﷲ ޖަލާލުއްދީނު ފަދަ ބޭބޭފުޅުން އަދަބިއްޔާތުގެ ސިންގާސަނާގައި ޚިދުމަތްކުރެއްވީވެސް މިދައުރުގައެވެ. ނޫސްމަޖައްލާތައް ޗާޕުކުރެވި ނެރެން ފެށިފައިވަނީ މިދައުރުގައެވެ. ހަމައެހެންމެ އިބާރާތް ކުރުމުގައި ކުރުކޮށް ސާފުވާހެން ޖުމްލަތައް އެތުރުންފަދަ ކަންކަމަށް ސަމާލުކަންދިނުމާއި ބަހުގެ އިތުރު ޤަވާޢިދުތައް ނެރެވި އާއުސޫލުތައް ކަނޑައެޅެންފެށީވެސް މިދައުރުގައެވެ.
އިންސާނެއްގެ ޙަޔާތުގެ ދައުރުތަކުގެ ބީދައިން ބަހުގެ އަދަބިއްޔާތުގައިވެސް ޅަފަތުގެ ދައުރުގައި ކުރެވިފައިވަނީ މަދު ކަންތަކެވެ. އެއީ އެދައުރުގައި ލޮލަށް ފެންނަ ތަކެއްޗާއި އިވޭ އަޑުތައް މަދުކަމާވެސް ހުރެއެވެ. ފިރުކެވެންފެށުމުން މާޙައުލުގެ ދާއިރާ ފުޅާވެ ކުއްޖާގެ ސިކުނޑި ތަރައްޤީވާ މޭރުމުން ބަހުގެ އަދަބިއްޔާތައްވެސް ދިރުން އައިސްފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ހިނގާ ބިނގާވެ އުޅެވެން ފެށުމުން ދުނިޔެއާއިމެދު މީހާގެ ލޯހުޅުވި ތަޖުރިބާތައް ކުރެވޭ ފަދައިން ދިވެހިބަހުގެ އަދަބިއްޔާތުގައިވެސް ހިނގައިގަނެވުނު ދައުރުގައި ވަރަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ.


No comments:

Post a Comment