Sunday, May 1, 2011

އެވޭލާއަކުރާއި ދިވެސްއަކުރުގައި ހުރި އެއްގޮތް ސިފަތައް Similarity of Eveyla & Dhives Letter

ދިވެހިންގެ ލިޔެކިޔުމުގައި ބޭނުންކުރެވުނު އެވޭލާއަކުރާއި ދިވެސްއަކުރުގައި ހުރި އެއްގޮތް ސިފަތައް

     އެވޭލާއަކުރަކީ ދިވެހީންގެ ލިޔެކިޔުމުގައި އެންމެ ފުރަތަމަ ބެނުންކުރެވުނު އަކުރެވެ. ދިވެހިބަހާބެހޭ ހޯދުންތައް ހޯއްދަވާ ހުރިހާ ފަރާތްތަކަކުން ދިވެހިންގެ ފުރަތަމަ އަކުރުކަމަށް އިއްތިފާގުވާ، މިއަކުރަކީ މީލާދީން 12ވަނަ ޤަރުނުގެ ތެރޭގައި ބޭނުންކުރެވުނު އަކުރެއް ކަމުގައި މުޙައްމަދު އިބްރާހީމް ލުޠުފީ (1983) އާއި ޑިސިލްވަރ (1992) އާއި ނަސީމާ މުޙައްމަދު (1998) އަދި ޙަސަން ޙަމީދު (2009) ހާމަކުރައްވައެވެ. އެވޭލާ އަކުރުގެ ސިފަޔާއި އަކުރުތަކުގެ އަޑުގައި ތަމަޅަ އާއި މަލިޔާޅަމް ލިޔުމަށް ބޭނުންކުރެވުނު ވައްޓަލެއްޓު އަކުރާއި އެވޭލާ ޒަމާނުގައި ލަންކާގައި ބޭނުންކުރެވުނު އޭލޫ އަކުރާއި ވައްތަރު، އެއްގޮތް ކަމެއްވެއެވެ. ނަސީމާ މުޙައްމަދު (1998) ހާމަކުރައްވާ ގޮތުގައި މިއެއްގޮތްކަން ހުރުމުގެ ސަބަބަކީ މި ތިން އަކުރަކީވެސް ބްރަހަމީ އަކުރުން އުފެދުނު އަކުރުކަމުގައިވުމެވެ. އެހެންކަމުން އެވޭލާ އަކުރުގެ އަސްލަކީ ބްރަހަމީ އަކުރުކަމަށް ބެލެވެއެވެ.

     އެވޭލާ އަކުރުގައި ހިމެނިފައިވާ އަކުރުގެ އަދަދާއިމެދު ސުވާލުތަކެއް އުފެދިފައިވެއެވެ. ނަސީމާ މުޙައްމަދު (1998) އެކަމަނާގެ "ދިވެހީންގެ އަކުރު" ފޮތުގައި އޮތް ކުރެހުމުގައިވާގޮތުން އެވޭލާ އަކުރުގެ ގޮތުގައި 23 އަކުރާއި 9 ފިލިއަކުރާއި 11 ފިލިވެއެވެ. ނަމަވެސް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1994) ބަޔާންކުރައްވާ ގޮތުގައި އެވޭލާ އަކުރުގައި ހިމެނެނީ 27 އަކުރާއި 9 ފިއްޔެވެ. އަދި މުޙަންމަދު އިބްރާހީމް ލުޠުފީ (1983) ލިޔުއްވާފައިވަނީ އެވޭލާއަކުރާއި ދިވެސްއަކުރުގެ ގޮތުގައި ބޭނުން ކުރެވުނީ ހ، ށ، ނ، ރ، ބ، ކ، އ، ވ، މ، ފ، ދ، ތ، ލ، ސ، ޑ މި 15 އަކުރުކަމުގައެވެ. ދިވެސް އަކުރުގެ އަދަދާމެދު ދތޚޤމ (2004) ހާމަކުރައްވަނީ ދިވެސް އަކުރުގެ ގޮތުގައި 41 އަކުރާއި 15 ފިލި އޮންނަ ކަމަށެވެ. ކޮންމެއަކަސް އަކުރުގެ އަދަދާމެދު އެވޭލާ އަކުރު އަދި ދިވެސް އަކުރުގައިވެސް ސުވާލުއުފެދެއެވެ.
     މިދެއަކުރުގައި އެއްގޮތް ވަރަށް ގިނަ ކަންތައްތަކެއް ވެއެވެ. މިދެއަކުރުގެ  އެއްގޮތް ސިފަތަކަށް ބަލާލާއިރު މުޙައްމަދު އިބްރާހީމް ލުޠުފީ (1983) ހާމަކުރައްވާ ގޮތުގައި މިދެއަކުރުގައިވެސް ބޭނުންކުރެވުނު އަކުރުތަކަކީ ހ، ށ، ނ، ރ، ބ، ކ، އ، ވ، މ، ފ، ދ، ތ، ލ، ސ، ޑ މި 15 އަކުރެވެ. ފިލިތަކަށް ބަލާލާއިރު ފާހަގަ ކުރެވެނީ ދެއަކުރުގައިވެސް އަބަފިއްޔާއި އާބާފިލި އެއްގޮތްކަމެވެ. އަދި އެބެފިއްޔާއި އޭބޭފިލިވެސް ވަރަށް އެއްގޮތް ކަމެވެ. ނަސީމާ މުޙައްމަދު (1998) ހާމަކުރައްވާގޮތުގައި އެވޭލާ އަކުރާއި އެއަކުރު ތަރައްޤީވެގެން އުފެދުނު ދިވެސް (ނުވަތަ ދިވެހި) އަކުރުގައިވެސް ފާހަގަކުރެވޭ ޚާއްޞައެއްކަމަކީ އަކުރު ލިޔެފައި ފިއްޔެއް ނުޖަހާ އޮންނައިރު އެއަކުރުގައި އަބަފިލިޖަހާފައި އޮންނައިރު ކިޔާގޮތަށް ކިޔާކަމެވެ. އެހެން ފިލިތައް ޖަހަން ބޭނުން ވުމުން އެފިއްޔަކަށް ނިސްބަތްވާ ނިޝާނެއް އޭގައި ޖަހަންޖެހެއެވެ. ސުކުންކުރާއިރު ބައެއް ސުކުން ކުރެވޭނީ ދެއަކުރު އެއްކޮށްލުމުންނެވެ. އަނެއްބައި ސުކުން ދައްކާނީ ތަފާތު ނިޝާންތަކެއްގެ ގޮތަށެވެ. މީގެ އިތުރުންވެސް އެވޭލާ އަކުރާއި ދިވެސް އަކުރަކީވެސް ވާއަތުން ކަނާއަތަށް ލިޔެއުޅުނު ދެއަކުރުސެޓެއް ކަމަށްވެސް ނަސީމާ މުޙައްމަދު (1998) ބަޔާންކުރައްވައެވެ. މި ދެއަކުރުސެޓުގައި އެކުލެވޭ އަކުރުތަކުގެ ތެރެއިން ނ، ބ، ޅ، ކ، މ، ފ، ދ، ލ، ތ އަދި ގ އަކީ އެއަކުރުތަކުގެ ސިފަ ދެއަކުރުގައިވެސް ވަރަށް އެއްގޮތް އަކުރުތަކެއްކަން ފާހަގަ ކުރެވެއެވެ.
    ދިވެސް އަކުރާއިމެދުގައިވެސް ތަފާތު ޚިޔާލުތަކެއް ވެއެވެ. ނަމަވެސް މި ޚިޔާލުތަކުގައި މާބޮޑު ޚިލާފުތަކެއް ނުވާކަން ފާހަގަކުރެވެއެވެ. މިގޮތުން 12 ވަނަ ޤަރުނުގެފަހުން ގާތްގަޑަކަށް 200 އަހަރުތެރޭގައި އެވޭލާ އަކުރު މަޑުމަޑުންތަރައްޤީވެ، ދިވެސް އަކުރަށް ބަދަލުވީކަމަށާއި ނަމަވެސް ދިވެސް އަކުރުގައި އެވޭލާ އަކުރުގައި ނުވާ އަކުރުތަކެއް ވާކަމަށާއި އެއަކުރުތަކަކީ ފ، ޏ، ޒ، ޗ އަދި ޖ ކަމަށް ނަސީމާ މުޙައްމަދު (1998) ބަޔާންކުރައްވައެވެ. ނަމަވެސް މުޙައްމަދު އިބްރާހީމް ލުޠުފީ (1983) ހާމަކުރައްވާ ގޮތުގައި ދިވެސް އަކުރަކީ އެވެލާ އަކުރުގެ މޮޑިފިކޭޝަނެކެވެ.
    އެވޭލާ އަކުރާއި ދިވެސް އަކުރަކީވެސް އެއަކުރުގެ ސިފަޔާއި ބޭނުންކުރާގޮތް ވަރަށް އެއްގޮތް ދެއަކުރެކެވެ. އަދި މިދެއަކުރު ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެކުއެކީގައި ބޭނުންކުރެވުނެވެ. އެހެންކަމުން މިދެއަކުރުގައި އެއްގޮތް ކަންތައްތަކެއް ވާނޭކަމަށް ޤަބޫލުވެސް ކުރެވެއެވެ. މިދެއަކުރުގައި އެއްގޮތް ވަރަށްގިނަ ސިފަތަކެއް އިބަހުރިވެސް މެއެވެ.

No comments:

Post a Comment