ދިވެހި ލިޔުމަށް ބޭނުންކުރެވޭ
އަކުރު
ޢަބްދުﷲ ޢިމްރާން / އދ.
ހަންޏާމީދޫ
ދިވެހިބަސް އުފެދި ކުރިއަރައިގެން
އައިގޮތުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު އެބަސް އުފެދުމުގެ އެންމެ މުހިންމު
އެއް ސަބަބެއް ކަމުގައި ދިވެހި އަކުރުވުން އެކަށީގެންވެއެވެ. ސަބަބަކީ މިހާރު
އަޅުގަނޑުމެން އަމިއްލަ އަކުރެއް ބޭނުންކޮށްގެން ލިޔެކިޔަމުން ގެންދިޔަނަމަވެސް
ދިވެހިންގެ ލިޔެކިޔުމުގައި ބޭރުގެ އަކުރު ބޭނުންކުރިކަން ސާބިތުވެއެވެ. ނަމަވެސް
ފަހުން ދިވެހި ބަހެކޭ އެއްގޮތަށް ދިވެހި އަކުރުވެސް މިނިވަން އަމިއްލަ
އަކުރަކަށްވީއެވެ.
ދިވެހިން ލިޔެކިޔުމުގައި ފުރަތަމަ ބޭނުންކުރި
އަކުރާއިމެދު ބަސް ދިރާސާކުރައްވާ ބޭފުޅުންގެމެދުގައި ކުދިކުދި
ޚިލާފުތައްހުރިނަމަވެސް ބޮޑަށް ބުރަވެވިފައިވަނީ ފުރަތަމަ ބޭނުންކުރެވުނު އަކުރަކީ
އެވޭލާ އަކުރުކަމަށެވެ. މުޙައްމަދު އިބްރާހީމް ލުޠުފީ (1983) ހާމަކުރައްވާ
ގޮތުގައި ދިވެހިން ފުރަތަމަ ބޭނުންކުރީ އެވޭލާ އަކުރެވެ. އަދި އެއަކުރަކީ
ދިވެހިންގެ އަސްލު ވަޒަންވެރިންނާއިއެކު އައި އަކުރެއްކަމަށް ބެލެވޭކަމަށެވެ.
އެއަކުރު އެންމެ ވައްތަރީ މުސްކުޅި ސިންހަޅަ އަކުރު ކަމަށްވާ "އޭލޫ
އަކުރާ" ކަމަށެވެ. ނަސީމާ މުޙަންމަދު (1998) ވެސް ވިދާޅުވަނީ އަޅުގަނޑުމެންގެ
ކާބަފައިން ބޭނުންކުރިކަމަށް ފެންނަން އޮތް އެންމެ ދުވަސްވީ އަކުރަކީ އެވޭލާ
އަކުރު ކަމަށެވެ. އަދި އެއަކުރު މުސްކުޅި ސިންގަޅައަކުރާއި އަދި ތަމަޅައަކުރާއި އެއްގޮތް ގޮތެއްހުރި ކަމަށެވެ. ނުވަތަ
އެދުވަސްވަރު ސިންގަޅައިން ބޭނުންކުރި އޭލޫ އަކުރާއި ދެކުނު އިންޑިޔާގެ
ވެއްޓުލުއްޓު އަކުރާއި މި އެވޭލާ އަކުރުގައި ތިމާގެ ކަމެއް ހުރިކަމަށެވެ. މި
ޚިޔާލަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވަނީ އޭލޫ އަކުރާއި ވެއްޓުލުއްޓު އަކުރު
މަސްހުނިވެގެން އެވޭލާ އަކުރު އުފެދުނީ ކަމަށެވެ. ނުވަތަ ބްރަހަމީ އަކުރުން އެވޭލާ
އަކުރު އުފެދުނީ ކަމަށެވެ.
ދިވެހިރާއްޖެއިން މިހާތަނަށް ފެނުނު އެންމެ ދުވަސްވީ އެއް
ލިޔުމަކީ އއ. މާޅޮހުގެ ފަސްގަނޑުން ފެނުނު ގަލުގެ ފޮއްށީގައި ލިޔެފައިވާ ލިޔުމެވެ.
މިލިޔުން ލިޔެފައިވަނީ ޕްރޯޓޯ-ނާގަރީ އަކުރު ކަމަށްވެއެވެ. ނަސީމާ މުޙައްމަދު
(1998) އަކުރު ދިރާސާކުރައްވާ ފަރާތްތަކާ ހަވާލާދެއްވައި ވިދާޅުވާ ގޮތުގައި
އެލިޔުން ލިޔެވިފައިވަނީ މީލާދީން 9ވަނަ ޤުރުނުގެ ތެރޭގައެވެ. އަދި އެވޭލާ އަކުރު
ބޭނުންކުރަން ފެށުނު ކަމަށް ނަސީމާ މުޙައްމަދު (1998) ވިދާޅުވަނީ މީލާދީން 12ވަނަ
ޤަރުނުގެ ތެރޭގައި ކަމަށްވުމެވެ. އެހެން ވުމުން މިދެމެދަށް ދިޔަ
ދުވަސްތަކުގައިވެސް ލިޔެކިޔުމަށް އަކުރެއް ބޭނުންކުރާނެ ކަމަށް ޤަބޫލް ކުރެވެއެވެ.
އެވޭލާ އަކުރުން ލިޔެފައިވާ އެންމެ ދުވަސްވީ ލިޔުމެއް ކަމަށް ނަސީމާ މުޙައްމަދު
(1998) ވިދާޅުވަނީ މީލާދީން 1194ގައި ލިޔެފައިވާ އިސްދޫލޯމާފާނެވެ. ނަމަވެސް
ނަސީމާވެސް ޤަބޫލްކުރައްވާ ގޮތުގައި އެލޯމާފާނުގައި ލިޔެފައިވާ އެވޭލާ އަކުރުގެ
ތެރޭގައި ޕޮރޯޓޯ-ނާގަރީ އަކުރުވެސް ހިމެނެއެވެ.
އިސްލާދީން ރާއްޖެއަށް އައުމަށްފަހު އަޅުގަނޑުމެންގެ
ކާބަފައިން ބޭނުންކުރި އެންމެ ދުވަސްވީ އަކުރަކީ އެވޭލާ އަކުރެވެ. (1194މ އިސްދޫ
ލޯމާފާނުގައިވާ އަކުރު) މިއީ ވާއަތުން ކަނާއަތަށް ލިޔެވޭ އަކުރެކެވެ.
ދިވެހިރާއްޖޭގައި އޭރުގައި ގެންގުޅުނު އެވޭލާ އަކުރާއި ލަންކާގައި އޭރު ގެންގުޅުނު
އޭލޫ އަކުރާއި ދެކުނު އިންޑިޔާގައި ތަމަޅައާއި މަލަޔާޅަމް ލިޔުމަށް ގެންގުޅުނު
ވައްޓެލުއްޓު އަކުރާ ދޭތެރޭ ތިމާގެ ކަމެއް އެބަހުއްޓެވެ. ނަސީމާ މުޙައްމަދު (1998)
ހާމަކުރައްވާގޮތުގައި މިތިން އަކުރުވެސް އުފެދުނީ ބްރަހަމީ ނަމަކަށް ކިޔާ
އަކުރަކުންނެވެ. އެވޭލާ އަކުރާއި އެއަކުރު ތަރައްގީވެގެން އުފެދުނު ދިވެސް (ނުވަތަ
ދިވެހި) އަކުރުގައިވެސް ފާހަގަކުރެވޭ ޚާއްޞައެއްކަމަކީ އަކުރު ލިޔެފައި
ފިއްޔެއްނުޖަހާ އޮންނައިރު އެއަކުރުގައި އަބަފިލިޖަހާފައި އޮންނައިރު ކިޔާގޮތަށް
ކިޔާކަމެވެ. އެހެންފިލިތައް ޖަހަން ބޭނުންވުމުން އެފިއްޔަކަށް ނިސްބަތްވާ ނިޝާނެއް
އޭގައި ޖަހަންޖެހެއެވެ. ސުކުންކުރާއިރު ބައެއް ސުކުން ކުރެވޭނީ ދެއަކުރު
އެއްކޮށްލުމުންނެވެ. އަނެއްބައި ސުކުން ދައްކާނީ ތަފާތު ނިޝާނަކުންނެވެ.
12 ވަނަ ޤަރުނުގެފަހުން ގާތްގަޑަކަށް 200 އަހަރުތެރޭގައި
އެވޭލާ އަކުރު މަޑުމަޑުން ތަރައްޤިވެ، ދިވެސް އަކުރަށް ބަދަލުވީ ކަމަށް ނަސީމާ
މުޙައްމަދު (1998) ވިދާޅުވެއެވެ. ދިވެސް އަކުރަކީވެސް ވާއަތުން ކަނާއަތަށް
ލިޔެއުޅުނު އަކުރެކެވެ. ނަމަވެސް ދިވެސް އަކުރުގައި އެވޭލާ އަކުރުގައި ނެތް އަކުރުތަކެއް
ވެއެވެ. އެއީ ފ، ޏ، ޒ، ޗ އަދި ޖ މިއަކުރުތަކެވެ. މުޙައްމަދު އިބްރާހީމް ލުތުފީ
(1983) ހާމަކުރައްވާ ގޮތުގައި ރާއްޖެ އިސްލާވީތާ ފަސްދޮޅަހަކަށް އަހަރުފަހުންވެސް
އެވޭލާ އަކުރާއި ދިވެސް އަކުރު ރަސްމީ ލިޔުންތަކުގައި ބޭނުންކުރެވުނެވެ.
އެހެންވާންޖެހުނީ ފަހުން އުފެދުނު ދިވެސްއަކުރު ލިޔަން ފަސޭހަ އަކުރަކަށް
ނުވުންކަމަށް ދެކެލައްވާކަމަށެވެ. އަދި މުޙައްމަދު އިބްރާހީމް ލުތުފީ (1983)
ދެކެލެއްވާ ގޮތުގައި ދިވެސް އަކުރަކީ އެވޭލާ އަކުރުގެ މޮޑިފިކޭޝަނެކެވެ. ދިވެސް
އަކުރުގެ އެންމެ ދުވަސްވީ އެއް ލިޔުމަކީ މީލާދީން 1356ވަނަ އަހަރު ލިޔެފައިވާ
ބޮޑުގަލު ލޯމާފާނެވެ. ދިވެސް އަކުރު ބޭނުން ކުރުން ހުއްޓުނީ މީލާދީން 1778ވަނަ
އަހަރު ފަހުންކަމުގައި ބެލެވެއެވެ.
ނަސީމާ މުޙައްމަދު (2008) ހާމަކުރައްވާ ގޮތުގައި ތާނަ
އަކުރު އުފެއްދެވީ އުތީމު މަހާރަދުން އަލްޣާޒީ މުޙަންމަދު ތަކުރުފާނު، އެރަސްގެފާނުގެ
ރަސްކަމުގެ ދުވަސްވަރުއެވެ. ނަމަވެސް އިބްރާހީމް ލުޠުފީ
(1983) ބަޔާން ކުރައްވާ ގޮތުގައި ތާނައަކުރު އުފެދުނީ ހިޖުރައިން 800ވަނަ އަހަރުގެ
ތެރޭގައެވެ. އަދި އެއަކުރު ފުރަތަމަ ބޭނުންކުރެއްވީ ހަދި ޙަސަން ސިރީރާދަވީރު
މަހާރަދުންގެ ރަސްކަމުގައެވެ. އެކަމަކު ދިވެހި ތާރީޚަށް އައު އަލިކަމެއް (1990)
އެފޮތުގައިވަނީ ތާނައަކުރު އުފެދުނީ މުޙައްމަދު ތަކުރުފާނުގެ ރަސްކަމުގައި ކަމަށް
ބެލެވޭ ކަމަށާއި ތާނައަކުރުގެ އެންމެދުވަސްވީ ލިޔުމަކީ ކަނޑިތީމު މިސްކިތުން
ފެނުނު ފިލައެއްގައި ހުރި ލިޔުންކަމަށެވެ. މިލިޔުމަކީ އިބްރާހީމް ކަލާފާނުގެ
ރަސްކަމުގެ ދުވަސްވަރުގެ ލިޔުމެކެވެ.
ތާނަ އަކުރު އުފެދިފައިވާ ގޮތާމެދު ނަސީމާ މުޙައްމަދު
(1998) ވިދާޅުވެފައިވަނީ ތާނަ އަކުރުގެ ފުރަތަމަ 9 އަކުރު އުފެދިފައި ވަނީ ޢަރަބި
އަކަ އަޞްލަކަށް ބަލައިގެން ކަމަށާއި ދެވަނަ 9 އަކުރު އުފެދިފައި ވަނީ ދިވެހި އަކަ
އަޞްލަކަށް ބަލައިގެން، އަދި ބާކީ 6 އަކުރު އުފެދިފައި ވަނީ ފުރަތަމަ 18 އަކުރުގެ
ބައްޓަމަށް ބަދަލުގެނެސްގެން ކަމުގައެވެ. ނަމަވެސް އ. ލުތުފީ (1983)
ބަޔާންކުރައްވާ ގޮތުގައި ތާނަ އަކުރު އުފެއްދެވީ ދިވެހި ޢިލްމު ވެރިބަޔަކާއި
ސޯމާލިޔާގެ “އަލްމަރަވިއްޔާ” ބަސް ދެނެވަޑައިގަންނަވާ ބަޔަކު ގުޅިގެން ކަމަށް އޭނާ
ދެކިލައްވާކަމުގައެވެ.
ތާނަ އަކުރަކީ މިސަރަހަށްދުގައި ބޭނުން ކުރެވެމުންދާ
އަކުރުތަކުގެ ތެރެއިން އެންމެ ސައިންޓިފިކް އަކުރައްވާއިރު ތާނަ އަކުރު މިހާ
ހިސާބަށް އައިއިރު ގިނަ މަރުޙަލާތަކެއް ކަޑަށްތު ކޮށްފައިވެއެވެ. ތާނަ އަކުރުގެ
ތެރޭގައި 5 ބާވަތެއްގެ އަކުރު ވެއެވެ. އެއީ ގަބުޅި ތާނަ، ތިކިޖެހި ތާނަ، ހެދި
އަކުރު އަދި އަތިރީގޭ ތާނަ ނުވަތަ ވަޑާންކަށި އަކުރެވެ. ގަބުޅި ތާނައާއި އަތިރީގޭތާނަ
ނުވަތަ ވަޑާންކަށި ތާނައަކީ ތާނައިގެ ފޮންޓްތަކެކެވެ. މީގެ ޒަމާންތަކެއް ކުރިން
ތާނައަކުރުގެ އަކުރުތައް ހުރިކަމަށް ވަނީ ވަރަށް ތެދުކޮށެވެ. އެއަށްފަހު
އަކުރުތަކުގެ ފައިކަށި ވަރަށް ދިގުކޮށް ލިޔުނު ދުވަސްވަރެއްވެސް އައެވެ. މިހާރު
މިފެންނަ ގޮތަށް ތާނަ އަކުރު ބަދަލުވި ކަމަށް ވަނީ މީގެ ފަންސާހަކަށް އަހަރު
ކުރީންނެވެ.
No comments:
Post a Comment