ދިވެހިބަސް މަރުވިޔަނުދީ
ދިރިދަމަހައްޓަންވީ ކީއްވެ؟ އަދި ދިވެހިބަސް ދިރިދަމަހައްޓާނީ ކިހިނެތް؟
ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ
ދިވެހިބަހަކީ ދިވެހީންނޭ ކިޔާ ބަޔަކު
ދުނިޔޭގައި އުޅެން ފެށީއްސުރެ އެމީހުން ވާހަކަދައްކާ އުޅޭ ބަހެވެ. ޒަމާނަށް އަންނަ
ބަދަލާއި ގުޅިގެން ބައެއް ލަފުޒުތައް ބަދަލުވަމުންދިޔަ ނަމަވެސް އޭރުވެސް
މިހާރުވެސް ދިވެހިން ވާހަކަދެއްކުމަށާއި ލިޔެކިޔައި އުޅޭ ބަހަކީ ދިވެހިބަހެވެ.
އެހެނީ ތާރީޚުގެ އެންމެ އެވޭލާ ފަތްފުށްތައް ލިޔެވިފައިވަނީ ދިވެހިބަހުންނެވެ.
ހަމައެހެންމެ ތާރީޚު ހެކިދޭގޮތުގައި އެންމެ އިހުއްސުރެވެސް ދިވެހިން މޮށެއުޅުމަށް
ބޭނުންކުރި ބަހަކީވެސް ދިވެހިބަހެވެ. ވީމާ ދިވެހިބަސް ރައްކައުތެރިކޮށް ކުރިމަގުގެ
ޖީލުތަކަށް ހެޔޮގޮތުގައި ފޯރުކޮށްދިނުމަކީ މިއަދުގެ ދިވެހީންގެ ކޮނޑުގައި
އެޅިފައިވާ ވާޖިބަކަށް ނޫނީ ނުވާނެއެވެ. އެއީ ދިވެހިބަހަކީ ދިވެހީންގެ އަމިއްލަ
ބަހަކަށް ވާތީއެވެ. ދިވެހިންގެ "އައިޑެންޓީޓީ" އަކަށް ވާތީއެވެ. އަދި
ދިވެހީންގެ ފަޚުރާއި ހަމަޖެހުމަށް ވާތީއެވެ.
ނަމަވެސް މިއަދު ދުނިޔޭގެ އެހެން ބަސްތަކަށްވެސް ކުރިމަތިވެފައިވާ ބަވަނަކުރުމާ ދިވެހިބަސްވެސް މިވަނީ ކުރިމަތިލައިފައެވެ. ވީމާ ދިވެހިބަސް މަރުވިޔަނުދީ ދިރިދެމެހެއްޓުމަށްޓަކައި ދިވެހިޤައުމުގައި، ދިވެހި މަދަރުސާތަކުގައި އަދި ދިވެހި ނޫސްތަކާއި ދިވެހިންގެ މާހައުލުގައި ދިވެހިބަހުގެ ދައުރު ފުޅާކޮށް އިތުރު ކުރަން ޖެހެއެވެ. ދިވެހި ދަރީންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖައްސުވައި ދިވެހިބަހުން ދިވެހިބަހުގެ ހަމަތަކާއި އެއްގޮތަށް ވާހަކަދައްކައި ލިޔެކިޔަން ދަސްކޮށްދޭން ޖެހެއެވެ.
ނަމަވެސް މިއަދު ދުނިޔޭގެ އެހެން ބަސްތަކަށްވެސް ކުރިމަތިވެފައިވާ ބަވަނަކުރުމާ ދިވެހިބަސްވެސް މިވަނީ ކުރިމަތިލައިފައެވެ. ވީމާ ދިވެހިބަސް މަރުވިޔަނުދީ ދިރިދެމެހެއްޓުމަށްޓަކައި ދިވެހިޤައުމުގައި، ދިވެހި މަދަރުސާތަކުގައި އަދި ދިވެހި ނޫސްތަކާއި ދިވެހިންގެ މާހައުލުގައި ދިވެހިބަހުގެ ދައުރު ފުޅާކޮށް އިތުރު ކުރަން ޖެހެއެވެ. ދިވެހި ދަރީންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖައްސުވައި ދިވެހިބަހުން ދިވެހިބަހުގެ ހަމަތަކާއި އެއްގޮތަށް ވާހަކަދައްކައި ލިޔެކިޔަން ދަސްކޮށްދޭން ޖެހެއެވެ.
އަމިއްލަބަހެއް ލިބިފައިވާ ކޮންމެ ބަޔަކުވެސް އެބަޔަކު
ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ އަމިއްލަ ބަސް ދޫކޮށްނުލައި ހިފެހެއްޓޭތޯ
މަސައްކަތްކުރެއެވެ. އެއީ އެބައެއްގެ އަމިއްލަ ބަސް މަރުވިޔަނުދީ ދިރިދެމެހެއްޓުމަށް
ޓަކައެވެ. ދިވެހިބަހަކީ ދިވެހީންގެ އަމިއްލަ ބަހެކެވެ. އެއީ ދިވެހީން ނޫން އެހެން
ބަޔަކު ރަސްމީ ބަހެއްގެ ގޮތުގައި ދިވެހިބަހުން ވާހަކަ ނުދައްކާތީއެވެ. އަދި
ދިވެހިބަހަކީ އެންމެ އެވޭލާ ޒަމާނުއްސުރެ ދިވެހީން ބޭނުންކުރަމުން އައި ބަހެވެ.
ދިވެހިބަހަކީ އެންމެ އެވޭލާ ޒަމާނުއްސުރެ ދިވެހީން ބޭނުންކުރަމުން އައި ބަސްކަން
އެނގެނީ ދިވެހީންގެ އެންމެ އެވޭލާ ލިޔުންތައް ލިޔެފައިވަނީ ދިވެހިބަހުންކަމަށް
ވާތީ އާއި ދިވެހިންގެ އެންމެ އިހުގެ އެނގުންތަކުގައިވެސް ދިވެހީންގެ އަމިއްލަ
ބަހެއް އޮންނަކަމަށް ބަޔާންކޮށްފައި ވާތީ އާއި ދިވެހިބަސް ނޫން އެހެންބަހެއް
ދިވެހިބަސްކަމުގައި ބަލައިގެން ބޭނުންނުކުރާކަމަށް ދިވެހި ތާރީޚުގައި
ލިޔެވިފައިވާތީއެވެ. މިކަމަށް ބާރުދެއްވާ އައްބާސް ޢިބްރާހީމް (2010)
ބަޔާންކުރައްވާފައިވާ ގޮތުގައި ދިވެހިބަހަކީ ދިވެހީންނޭ ކިޔާ ބަޔަކު ދުނިޔޭގައި
އުޅެން ފެށީއްސުރެ އެމީހުން ވާހަކަދައްކާ އުޅޭ ބަހެވެ. ޒަމާނަށް އަންނަ ބަދަލާއި
ގުޅިގެން ބައެއް ލަފުޒުތައް ބަދަލުވަމުންދިޔަ ނަމަވެސް އޭރުވެސް މިހާރުވެސް
ދިވެހިން ބޭނުންކޮށްއުޅޭ ބަހަކީ ދިވެހިބަހެވެ. ވީމާ ދިވެހިބަހަކީ އެންމެ އެވޭލާ
ޒަމާނުއްސުރެ ދިވެހިން ބޭނުންކުރަމުން އައި ބަހަށްވާތީ ދިވެހިން ދިވެހިބަސް
މަރުވިޔަނުދީ ދިރިދަމެހެއްޓުމަށް މަސައްކަތްކުރަން ޖެހޭނެއެވެ.
ކޮންމެ ދިވެއްސަކީ
ދިވެހިރައްޔިތަކަށް ވާތީ ކޮންމެ ދިވެއްސަކުމެ ދިވެހި ޤައުމިއްޔަތުގެ ރުކުންތައް
ރައްކާތެރިކުރުމަށް މަސައްކަތްކުރަން ޖެހޭނެއެވެ. ދިވެހިބަހަކީ ދިވެހި
ޤައުމިއްޔަތުގެ އެއް ރުކުނެވެ. ދިވެހި ބަހުގެ ރަދީފު (2006) ހާމަކުރައްވާ ގޮތުގައި
ޤައުމިއްޔަތަކީ ޤައުމުވަންތަކަން ދައްކުވައިދިނުން ނުވަތަ ޤައުމާމެދު ހިތުގައި
އުފެދޭ ފަޚުރުވެރިކަމުގެ ޝުޢޫރެވެ. ދިވެހިބަސް ދިވެހި ޤައުމިއްޔަތުގެ
ރުކުނަކަށްވަނީ ދިވެހި ޤައުމު ޤައުމެއްގެ ގޮތުގައި ބެލެވޭ އެއް ސަބަބަކީ އަދި
ދިވެހި ޤައުމާމެދު ދިވެހިން ފަޚުރުވެރިވާ އެއް ސަބަބަކީ ދިވެހިބަސްކަމުގައި
ވާތީއެވެ. ވީމާ ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ ރުކުނެކެވެ. އަދި ދިވެހި
ހިލިހިލާގެ އެއް ބޮޅެވެ. ވީމާ ދިވެހި ޤައުމިއްޔަތުގެ ރުކުންތައް ރައްކާތެރިކުރުމަށް
ޓަކައި ދިވެހިބަސް މަރުވިޔަނުދީ ދިރިދަމަހައްޓަން ޖެހެއެވެ. ނަމަވެސް މިއަދު
ދިވެހިންގެ ޢަމަލުތައް ހުރި ގޮތުން ދިވެހި ޤައުމިއްޔަތުގެ އެއް ރުކުންކަމުގައި
ބެލެވޭ ދިވެހިބަސް ދިވެހި ޤައުމިއްޔަތުގެ ރުކުންތަކުގެ ތެރެއިން އުނިވެގެން
ހިނގައިދާނެކަމުގެ ބިރު މިވަނީ ހީވާންފަށާފައެވެ (މުޙަންމަދު ޝާހިދު ޙަލީމް، 2009، ޕެރަ.1). ސަބަބަކީ ދިވެހިބަހަށް ދިވެހި މުޖުތަމަޢުގައި
ދެވެމުންއައި ޤަދަރާއި ލޯބި މިހާރު ކުޑަވާން ފަށާފައިވުމެވެ. ދިވެހިންގެ ހިތުގައި
ދިވެހިބަހަށް ދެވެމުންއައި ޤަދަރާއި ލޯބި ކުޑަވާން ފަށާފައިވާކަމުގެ އެއް ހެއްކަކީ
ދިވެހިބަހުގެ ހަމަތަކާއި އެއްގޮތަށް ދިވެހިބަހުން ވާހަކަދައްކަން އެނގޭ މީހުން
އެއް ދުވަހުން އަނެއް ދުވަހަށް މަދުވަމުން ދިއުމެވެ. އެހެންކަމުން ދިވެހި
ޤައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި ދިވެހިބަހުގެ ހަމަތަކާ އެއްގޮތަށް
ދިވެހިބަހުން ވާހަކަދައްކައި ލިޔެކިޔަން ދިވެހީން ދަސްކުރަން ޖެހެއެވެ. އެހެނީ
ދިވެހިބަސް ރައްކާތެރިކުރުމަށް ޓަކައި ދިވެހިބަހަށް ދިވެހިންގެ ހިތުގައި
ލޯބިޖައްސައި ދިވެހިބަހުގެ ހަމަތަކާއި އެއްގޮތަށް ވާހަކަދައްކަން ދަސްކުރަން
ޖެހެއެވެ. ވީމާ ދިވެހީން ދިވެހިބަހުގެ ހަމަތަކާއި އެއްގޮތަށް ވާހަކަދައްކަން
ދަސްކުރުމަކީ ދިވެހިބަސް ދިރިދެމެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ.
މުޖުތަމަޢުގައި
ދިރިއުޅެމުންދާ އެންމެންނަކީ އެއް ބަހަކުން ވާހަކަދައްކާ ބަޔަކަށްވާނަމަ
އެމުޖުތަމައެއްގައި ހަމަޖެހުން އޮންނާނެއެވެ. އެހެނީ މުޖުތަމަޢުގައި ހަމަޖެހުން
އޮތުމަށް މަގުފަހިވާ އެއް ސަބަބަކީ އެމުޖުތަމަޢުއެއްގެ ރައްޔިތުންގެ މެދުގައި
އޮންނަ އެކަކު އަނެކަކަކަށް އެނގުމާއި ދޭހަވުމެވެ. ޢައްބާސް އިބްރާހީމް (2010)
ވެސް ދެކިލައްވާގޮތުގައި މުޖުތަމަޢުގެ ހަމަޖެހުން އޮތުމަށް އެންމެބޮޑު
އެހީއަކަށްވަނީ އެމުޖުތަމައުއެއްގައި އުޅޭ އެންމެން އެއް ބަހަކުން
ވާހަކަދެއްކުމެވެ. ދިވެހި ރާއްޖޭގައި އޮންނަނީ ހަމައެކަނި ދިވެހިބަހެވެ. ވީމާ
ދިވެހިބަސް ރައްކާތެރިކުރުމަކީ ދިވެހި މުޖުތަމަޢުގެ ހަމަޖެހުމަށްޓަކައި
ކުރެވިދާނެކަމެކެވެ. ސަބަބަކީ އެނގުމާއި ދޭހަވުން ހަރުދަނާވުމުގެ އެންމެ މުހިންމު
ވަޞީލަތަކަށް ވާނީ އަބަދުވެސް އެބައެއްގެ ބަސްކަމަށް ވާތީއެވެ. ވީމާ ދިވެހި
މުޖުތަމަޢުގެ ހަމަޖެހުމަށާއި ދިވެހިންގެ ތެރޭގައިވާ އެނގުމާއި ދޭހަވުން
ހަރުދަނާކުރުމަށް ޓަކައި ދިވެހިބަސް މަރުވިޔަނުދީ ދިރިދަމަހައްޓަން ޖެހެއެވެ.
އިންސާނާއަށް
ކަންކަން އެގުމާއި ދޭހަވުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާ އެއްޗަކީ ބަހެވެ.
އެހެނީ ބަހަކުން މުވާޞަލާތުކުރުމުން އެހެން ވަޞީލަތެއް ބޭނުން ކޮށްގެން
މުވާޞަލާތުކުރުމުން ދޭހަވާ ވަރަށް ވުރެން ރަނގަޅަށް ދޭހަކުރެވޭތީއެވެ.
އެހެންކަމުން ދޭހަކުރުމުގައި އިންސާނާގެ އިޙްސާސްތައް އެންމެ ބޮޑަށް ގުޅިފައިވާ
އެކައްޗަކީ ބަހެވެ. އަދި ބަހަކީ އިންސާނާގެ އިޙްސާސްތަކާ ގުޅިލާމެހިފައިވާ
އެއްޗަކަށްވާއިރު، އިޙްސާސްތައް
ގުޅިލާމެހިފައިވާނީ އެބަޔަކު ދިރިއުޅޭ ވެށްޓާއެވެ. ވީމާ އެބަޔަކު ދިރިއުޅޭ ވެށްޓާ
އެބައެއްގެ ބަހާއި ވާނީ ގުޅިލާމެހިފައެވެ. އެގޮތުން "އެބައެއްގެ ބަހުގެ
ލަފުޒުތަކުގައި ގިނަވާނީވެސް އެބަޔަކު ދިރިއުޅޭ ވެށްޓެއްގައި ހިމެނޭ ތަކެއްޗަށް
ކިޔާނަމާއި އެބަޔަކު ކުރާ ޢަމަލުތަކުގެ ނަން ނުވަތަ ކަމެވެ" (ޙަސަން ޙަމީދު، 2009، ޕެރެ.13).
އެހެންކަމުން ދިވެހިންނާ އެންމެ ގުޅުން ބޮޑުވާނީ ދިވެހި ބަހާއެވެ. ޢައްބާސް
އިބްރާހީމް (2010) ބަޔާންކުރައްވާ ގޮތުގައި ދިވެހިރާއްޖޭގައި ދިވެހިބަސް ނޫން
އެހެންބަހެއް ބޭނުމެއް ނުކުރެއެވެ. އެހެންކަމުން ފެށުނީއްސުރެ ދިވެހިވެށީގެ ބަހަކީ
ދިވެހިބަހެވެ. ވީމާ ދިވެހިންނަށް އެނގުމާއި
ދޭހަކުރުމުގައި އެންމެ ފަސޭހަ ބަހަކަށްވާނީ ދިވެހިބަސް ކަމަށްވާތީ އާއި ދިވެހިވެށީގެ
ބަހަކީ ދިވެހިބަސް ކަމަށްވާތީ ދިވެހިބަސް ރައްކާތެރިކުރަން ޖެހެއެވެ.
ދިވެހިބަސް
ރައްކާތެރިކުރަންވީ ދިވެހިބަސް ނެތިއްޖެނަމަ ދިވެހިވެށީގެ އެންމެ މުހިންމު ތަރިކަ
ގެއްލޭނެތީއެވެ. ދިވެހިބަހުގެ ރަދީފު (2006) ބަޔާންކުރައްވާ ގޮތުގައި ތަރިކައަކީ
ތާރީޚީ ގޮތުންނާއި ޘަޤާފީ ގޮތުންނާއި އަދަބީގޮތުން ރައްކާތެރިކޮށް ބަލަހައްޓަން
ޖެހޭ ކާބަފައިންގެ ކަންތައްތަކާއި އެއްޗިއްސާއި ގޮތްތަކެވެ. ޢައްބާސް އިބްރާހީމް
(2010) ހާމަކުރައްވާ ގޮތުގައި ދިވެހި ކާބަފައިން ވާހަކަދެއްކުމަށާއި
މުވާޞަލާތުކުރުމަށާއި އަދަބީ ކަންކަމުގައާއި ލިޔެކިޔުމުގައި ބޭނުންކުރީ
ދިވެހިބަހެވެ. އެހެންވީމާ ދިވެހިބަހަކީ ދިވެހިންގެ ތަރިކައެކެވެ. ވީމާ ދިވެހިބަސް
ދިވެހިންގެ ތަރިކައިން އުނިވެގެން ހިނގައްޖެނަމަ އެއުނިވަނީ ދިވެހި ތަރިކައިން
ބައެކެވެ. އަދި ދިވެހި ތަރިކައިން އުނިވެގެންދާ ކޮންމެ އެއްޗަކީ ދިވެހިންގެ މާޒީއާއި
އާދަކާދައާއި ދިވެހިންނާ އޮތްގުޅުން ހަނިކުރާނެ އެއްޗެކެވެ. އެހެނީ މުޙަންމަދު
ޝާހިދު ޙަލީމް (2009) ބަޔާންކުރައްވާ ގޮތުގައި ދިވެހިބަސް ނެތިގެން ހިނގައްޖެނަމަ
އެނެތިގެންދަނީ ދިވެހީންގެ ތަރިކައެއްގެ އިތުރުން ދިވެހީންގެ މާޒީއާއި
އާދަކާދަޔާއި ދިވެހިންނާ ދެމެދުއޮތް ގުޅުމެވެ. އެހެންވީމާ ދިވެހިންގެ ތަރިކަ
ހިމާޔަތްކުރުމަށާއި ދިވެހިންގެ މާޒީއާއި އާދަކާދައާއި ދިވެހިންނާ ދެމެދު
އޮތްގުޅުން ކެނޑިގެންދިޔަ ނުދިނުމަށްޓަކައި ދިވެހިބަސް ރައްކާތެރިކޮށް
ދަމަހައްޓަން ޖެހެއެވެ.
ދިވެހިންގެ ތަރިކަ
ރައްކާތެރި ކުރުމަށްޓަކައި ދިވެހިބަސް ރައްކާތެރިކޮށް ދަމަހަށްޓަން ޖެހެއެވެ.
ސަބަބަކީ ބައެއްގެ އާދަކާދަތަކާއި ސަޤާފަތް އެއް ޖީލުން އަނެއް ޖީލަށް ގެންގޮސްދޭ
އެއް ވަސީލަތަކީ އެބައެއްގެ ބަސްކަމަށް ވާތީއެވެ. އެބައެއްގެ ސަޤާފަތާއި އާދަކާދަ
އެއް ޖީލުން އަނެއް ޖީލަށް ގެންގޮސްދޭ އެއް ވަސީލަތަކީ ބަސްކަމަށް ޔުމްނާ މައުމޫނު
(2007) ވަކާލާތު ކުރައްވަމުން ބަޔާންކުރައްވާ އެއް ހެއްކަކީ ބަހަކީ އެބައެއްގެ
ވެށްޓާއި ސަޤާފަތާއި އާދަކާދަޔާއި އަދި ތާރީޚާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ
އެއްޗެއްކަމަށެވެ. އެހެނީ ބަހެއްގައި ހުންނަ ލަފުޒުތަކާއި ހަރުބަހާއި މިސާލުބަސް
ފަދަ އެއްޗެހި އެބައެއްގެ ދިރިއުޅުމާއި އާދަކާދަޔާއި ވިސްނުމާއި ޚިޔާލުތައް އެއް
ޒަމާނެއްގައި ހުރިގޮތް ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. އެހެންކަމުން ބަހަކީ
އެބައެއްގެ މާޒީގެ ހަނދާންތައް އާކޮށްދީ، މިހާރާއި މާޒީއާއި ގުޅުވައިދޭ މުހިންމު
ވަސީލަތެކެވެ. ދިވެހިން އަބަދުވެސް ދިވެހިންގެ މުވާޞަލާތާއި މުޢާމަލާތުގައި
ބޭނުންކުރި އަދި ބޭނުންކުރާ ބަހަކީ ދިވެހިބަސްކަމަށް ޢައްބާސް އިބްރާހީމް (2010)
ހާމަކުރައްވައެވެ. ވީމާ ދިވެހިންގެ ސަޤާފަތާއި އާދަކާދައާއި ތާރީޚާއި ދިރިއުޅުން
އެއް ޖީލުން އަނެއް ޖީލަށް ވާސިލުކޮށްދިނުމަށް ޓަކައި ދިވެހިބަސް ރައްކާތެރިކޮށް،
މަރުވިޔަނުދީ ދިރިދަމަހައްޓަން ޖެހެއެވެ.
ކޮންމެ ބަހަކީވެސް
އެބަހަކަށް ޚާއްޞަ ސިފަތަކެއް ލިބިގެންވާ ބަހެކެވެ. ނަމަވެސް ކޮންމެ ބަހަކީ
އެބަހެއް ލިޔުމަށް އެބަހަކަށް ޚާއްޞަ އަކުރުތަކެއް ހުންނަ ބަހެއް ނޫނެވެ.
ހަމައެހެންމެ ކޮންމެ ބަހަކީ އަޑު ނިޔާކުރާގޮތަށް ލިޔާ ބަހެއްވެސް ނުމެނޫނެވެ.
ނަމަވެސް "ދިވެހިބަހަކީ އެ ބަސް ލިޔާނޭ އަމިއްލަ އަކުރުތަކެއް ހުރި
ބަހަކެވެ" (ޝާހިދު ޙަލީމް، 2009، ޕެރެ.7). އަދި ދިވެހި ބަހަކީ ދުނިޔޭގައިވާ ބަސްތަކުގެ ތެރެއިން ވަރަށް މަދު ބަސްތަކެއް ފަދައިން އަޑު ނިޔާކުރާގޮތަށް
ލިޔާ ބަހެއް ކަމަށް ޒާހިޔާ ޒަރީރު (2010) ހާމަކުރައްވައެވެ. އަދި ހަމައެކަނި
ދިވެހިބަސް ލިޔުމަށް ބޭނުންކުރާ ތާނަ އަކުރަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި
ލިޔުމަށް ބޭނުން ކުރެވޭ އެންމެ ސައިންޓިފިކް އަކުރު ސެޓު ކަމަށް އެމް. ޑަބްލިޔު.
ސުގަތަޕާލާ ޑިސިލްވާ (1992) ބަޔާންކުރައްވައެވެ. ވީމާ ދިވެހި ބަހަކީ އެބަހަށް
ޚާއްޞަ އަކުރެއްވާ ބަހަކަށް ވާތީއާއި އެއަކުރަކީ މިސަރަޙަށްދުގައި ބޭނުން ކުރެވޭ
އެންމެ ސައިންޓިފިކް އަކުރަށް ވުމުގެ އިތުރުން ދިވެހިބަހަކީ އަޑުނިޔާ ކުރާގޮތަށް
ލިޔެވޭ ބަހަކަށް ވާތީވެ، ދިވެހިބަސް
މަރުވިޔަނުދީ ދިރިދަމަހައްޓަން ޖެހެއެވެ. އެހެނީ ދިވެހިބަސް އުވިއްޖެނަމަ ތާނަ
އަކުރު އުވޭނެތީއެވެ. އަދި ތާނަ އަކުރު އުވިއްޖެނަމަ އެއުވިގެންދަނީ ސައިންޓިފިކް
ލިޔުމުގެ ނިޒާމެއްގެ އިތުރުން ދިވެހިންނަށް ލިބިފައިވާ ފަޚުރަކަށް ވާތީއެވެ.
ދިވެހިބަހަކީ
ދިވެހިންގެ އަމިއްލަވަންތަކަން ދައްކުވައިދޭ އެއް ނިޝާނެވެ. އެހެނީ ދިވެހިބަސް
ރަސްމީ ސިފައެއްގައި ބޭނުން ކުރާ ހަމައެކަނި ބަޔަކީ ދިވެހީންނެވެ. އެހެންކަމުން
ދިވެހިބަސް އުވިގެން ހިނގައްޖެނަމަ އުވިގެންއެދަނީ ދިވެހީންގެ މޫނުމަތިކަމަށް
ޔުމްނާ މައުމޫން (2007) ސިފަކުރައްވައެވެ. އެހެންނޫނަސް ބަހެއް ދޫކޮށް
އެހެންބަހަކަށް ބަދަލުވާންޖެހޭ އެއް ސަބަބަކީ އެބަހުން އެބަހެއްގެ އަހުލުވެރީނަށް
އެބައެއްގެ ޝުޢޫރުތައް ފާޅުނުކުރެވުން ކަމަށް ލިންގުއިސްޓުން ޤަބޫލުކުރެއެވެ.
ނަމަވެސް ދިވެހިބަހުން ވާހަކަދައްކައިގެން، ދިވެހިބަހުން ލިޔެގެން ދިވެހި ކާބަފައިންނަށް،
އަނެކަކަށް އަންގައިދޭން ބޭނުންވާ ކަމެއް އަންގައި ނުދެވިފައެއް ނެތެވެ. އަދި
މިހާރު ދިވެހިބަހުން ވާހަކަދައްކާ، ލިޔާ ދިވެހީންނަށް ވެސް އަނެކަކަށް
އަންގައިދޭން ބޭނުންވާ ކަމެއް އަންގައިނުދެވިފައެއް ނޯންނަކަމަށް ޝާހިދު ޙަލީމް
(2009) ޔަޤީންކުރައްވައެވެ. ވީމާ ދިވެހިބަސް ދޫކޮށްފައި ދިވެހިން އެހެން ބަހަކަށް
ބަދަލުވާންޖެހޭ ޙާލަތަކަށް ދިވެހިންގެ ބަހެއް (ދިވެހިބަހެއް) ނުދެއެވެ. އެހެންވީމާ
ދިވެހިބަސް ދޫކޮށްނުލައި އެބަސް ދިރުވައި އާލާކޮށް، ދިރިދަމަހައްޓަން ޖެހެއެވެ. ސަބަބަކީ ދިވެހިބަހަކީ
ދިވެހީންގެ ދިވެހިވަންތަކަމުގެ އެއް ނިޝާންގެ އިތުރުން ދިވެހިބަހަކީ ދިވެހީންގެ
މޫނުކަމަށް ވާތީއެވެ. އަދި ދިވެހި ބަހުން މުވާޞަލާތުކޮށްގެން އެބުނެވުނު ނުވަތަ
ލިޔެވުނު އެއްޗެއް އަނެކަކަށް ފަހުމު ނުވެގެން އުޅެން ނުޖެހޭތީއެވެ.
ބަހެއް ދިރިދެމެހެއްޓުމަށް
ޓަކައި އެތައްބައިވަރު މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެގޮތުން ދިވެހިބަސް
މަރުވިޔަނުދީ ދިރިދެމެހެއްޓުމަށް ކުރެވިދާނެ އެއް ކަމަކީ އަމިއްލަ ބަހާމެދު މީހުން
ދެކޭގޮތް ރަގަޅުކުރުމެވެ. ބަހެއް ދިރިދެމެހެއްޓުމަށް ކުރެވިދާނެ އެއް ކަމަކީ
ބަހާމެދު މީހުން ދެކޭގޮތް ރަނގަޅުކުރުން ކަމަށް ޔުމްނާ މައުމޫން (2007)ވެސް
ބަޔާންކުރައްވައެވެ. އެގޮތުން ދިވެހިބަހާމެދު ދިވެހީން ދެކޭގޮތް ރަނގަޅު
ކުރުމަށްޓަކައި ޒުވާނުންނާއި ކުޑަކުދީންގެ ހިތްތަކުގައި ދިވެހިބަހަށް
ޝައުޤުވެރިކަން އުފެއްދުވިދާނެއެވެ. އަމިއްލަ ބަހާމެދު ފަޚުރުވެރިވާންވެސް
ދަސްކޮށްދެވިދާނެއެވެ. އަދި ދިވެހިބަހަކީ އަޅުގަނޑުމެންނަށް ދޫކޮށްލެވެންނެތް
ބަހެއްކަމުގެ ހޭލުންތެރިކަން، ދިވެހީންގެތެރޭގައި
އިތުރުކުރެވިދާނެވެ. އެހެނީ "ދިވެހިބަހަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ
އެއް ރުކުން ކަމަށް އަޅުގަނޑުމެން ގަބޫލުކުރާ ކަމަށްވާނީ، އެބަސްދެކެ ލޯބިވެ،
އެބަހަށް ހޭހަންކޮށް، އެބަސް ރައްކާތެރިކޮށް ދަމަހައްޓައިގެން ކަން
ހަނދާންކޮށްދިނުމެވެ" (ޝާހިދު ޙަލީމް ، 2009، ޕެރެ.2). އަދި ބޭރުގެ ބަސްތަކެކޭ އެއްފަދައިން ދިވެހި
ބަހަކީވެސް މުއްސަނދި ބަހެއްކަން ދިވެހި ދަރީނަށް ވިސްނައިދީ ދިވެހިބަހުން، ދިވެހިބަހުގެ މުއްސަދިކަމުގެ ހެއްކާއި ދަލީލު ދައްކައި
ދިނުމަކީވެސް ދިވެހިބަސް މަރުވިޔަނުދީ ދިރިދެމެހެއްޓުމަށް ޓަކައި
ކުރެވިދާނެކަމެކެވެ. ވީމާ ދިވެހިބަހާމެދު ދިވެހީން ދެކޭގޮތް ރަނގަޅުކުރުމަކީ
ދިވެހިބަސް ދިރިދެމެހެއްޓުމަށް ޓަކައި ކުރެވިދާނެ ކަމެކެވެ.
ދިވެހިރާއްޖޭގައި
ތަޢުލީމު ޢާންމުކުރެވިފައި ވަނީ ބޭރު ބަހަކުން ކަމަށްވުމަކީ ދިވެހިބަސް
ދިރިދެމެހެއްޓުމަށް އެޅޭ ހުރަހެކެވެ. އެހެނީ "ބަހެއް އުވިގެން
ދިޔަނުދިނުމަށްޓަކައި ކުރެވިދާނެ އެއްކަމަކީ ތަޢުލީމީ ނިޒާމުގައި އަމިއްލަ
މާދަރީބަހުގެ ދައުރު ފުޅާކުރުމެވެ" (ޔުމްނާ މައުމޫން، 2007، ޕެރަ.15).
ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ބޭރުބަހަކުން ކިޔަވައިދޭ ތަޢުލީމީ ނިޒާމެކެވެ.
ނަމަވެސް ދިވެހީންގެ މާދަރީ ބަހަކީ ދިވެހިބަހެވެ. ވީމާ ދިވެހިބަސް
ދިރިދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމާއި ތަޢުލީމު ދިވެހިބަހުން
ޢާންމުކުރެވިދާނެއެވެ.
ބަހަކަށް ލަފުޒު
އިތުރުކުރެވޭނަމަ އެބަހެއް ދިރިއޮތުމަށް މަގުފަހިވާނެއެވެ. ދިވެހިރާއްޖޭގެ
ތަޢުލީމީ ނިޒާމު ދިވެހިބަހުން ޢާންމުކުރުމުން ބަހަށް (ބަހުގެ ލަފުޒުތަކަށް)
ކުރިއެރުންތަކެއް ލިބޭނެއެވެ. އަދި ދިވެހިބަހަށް ލަފުޒު އިތުރުވާނެއެވެ. ސަބަބަކީ
ބޭރުގެ ގިނަ ލަފުޒުތަކެއް ދިވެހިކުރާން ޖެހޭނެތީއެވެ. އެއީ ދިވެހިބަހުން ތަޢުލީމު
ޢާންމުކުރުމުން ތަޢުލީމީ ދާއިރާގައި ބޭނުންކުރާ ފޮތްތައް ދިވެހިބަހުން ލިޔަން
ޖެހޭނެތީއެވެ. އަދި ތަޢުލީމީ ދާއިރާގެ ފޮތްތައް ދިވެހިބަހުން ލިޔަން ފެށުމުން
ދިވެހިބަހުން ލިޔެވޭ ފޮތްތައް އިތުރުވުމަށް މަގުފަހިވާނެއެވެ. ނަތީޖާއެއްގެ ގޮތުން
ތަރުޖަމާ ކުރުމުގެ ރޫޙު ދިވެހިންގެ ތެރޭގައި އާންމުވެ، ދިވެހިބަހަށް
ތަރުޖަމާކުރެވޭ ފޮތްތައް އިތުރުވުމަށް މަގުފަހިވާނެއެވެ. ދިވެހިބަހަށް
ތަރުޖަމާކުރެވޭ ފޮތް އިތުރުވީވަރަކަށް ދިވެހިބަހަށް ލަފުޒު އިތުރުވުމަށް
މަގުފަހިވެ، ދިވެހިބަހަށް ލަފުޒު އިތުރުވަމުންވެސް ދާނެއެވެ. ވީމާ ދިވެހިރާއްޖޭގެ
ތަޢުލީމީ ނިޒާމަކީ ދިވެހިބަހުން ކިޔަވައިދޭ ތަޢުލީމީ ނިޒާމަކަށް ބަދަލުކުރުމުން
ދިވެހިބަހުގެ ލަފުޒު އިތުރުވާނެއެވެ. ދިވެހިބަހުގެ ލަފުޒު އިތުރުވުމުން ދިވެހިބަސް
ދިރިދެމިއޮތުމަށް މަގުފަހިވާނެއެވެ. ވީމާ ދިވެހިބަސް ދިރިދެމެހެއްޓުމަށްޓަކައި
ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ދިވެހިބަހުން ކިޔަވައިދޭ ނިޒާމަކަށް ބަދަލުކޮށް
ދިވެހިބަހަށް ފޮތްތައް ތަރުޖަމާކުރުމުގެ ޝައުޤުވެރިކަން ދިވެހިންގެ ތެރޭގައި
އިތުރުކުރެވިދާނެއެވެ.
ދިވެހިބަސް ދިރިދެމެހެއްޓުމަށްޓަކައި
އިންފޮމޭޝަން ޓެކްނޮލޮޖީގައި ދިވެހިބަހުގެ ދައުރު ފުޅާކުރެވިދާނެއެވެ. އެހެނީ
އިންފޮމޭޝަން ޓެކްނޮލޮޖީގައި ބޭނުންކުރެވޭ ބަސްތައް އުވިދިޔުމުގެ ފުރުޞަތު
ހަނިކަމަށްވެއެވެ. އެއީ އިންފޮމޭޝަން ޓެކްނޮލޮޖީއާ ރައްޓެހި ބަސްތައް ބޭނުންކުރެވޭ
މިންވަރު އިތުރުވާތީއެވެ. ނަމަވެސް ދިވެހިބަހަކީ އިންފޮމޭޝަން ޓެކްނޮލޮޖީގަ
ފުޅާދާއިރާއެއްގައި ބޭނުންކުރެވޭ ބަހެއް ނޫނެވެ. ވީމާ އިންފޮމޭޝަން ޓެކްނޮލޮޖީގައި
ދިވެހިބަހުގެ ދައުރު ފުޅާކުރުމަށްޓަކައި ދިވެހިބަހުން ސޮފްޓްވެއަރތައް އުފައްދައި
އިންފޮމޭޝަން ޓެކްނޮލޮޖީގައި ދިވެހިބަސް ބޭނުންކުރެވޭނެ ގޮތްތައް ހޯދައި
އިތުރުކުރެވިދާނެ ކަމަށް ޔުމްނާ މައުމޫނު (2007) ދެކިލައްވައެވެ. އިންފޮމޭޝަން
ޓެކްނޮލޮޖީގައި ދިވެހިބަސް ބޭނުން ކުރެވޭނެ ގޮތްތަކާއި ދިވެހި ސޮފްޓުވެއާރތައް
ތަޢާރަފުކޮށް އިންފޮމޭޝަން ޓެކްނޮލޮޖީގައި ދިވެހިބަސް ނުވަތަ ތާނައަކުރު
ބޭނުންކުރެވޭނެގޮތް ފަހިވުމުން ދިވެހިބަސް ބޭނުން ކުރުން އިތުރުވާނެއެވެ. އެހެނީ
މިހާރަކަށް އައިސް ލިޔެކިޔުމުގެ ހުރިހާ މަސައްކަތެއްވެސް ކުރެވެނީ
އިންފޮމޭޝަންޓެކްނޮލޮޖީގެ އާލާތްތަކުން ކަމަށްވުމެވެ. އެހެންވީމާ
އިންފޮމޭޝަންޓެކްނޮލޮޖީގެ ދާއިރާގައި ދިވެހިބަސްބޭނުން ކުރުން އިތުރުވާނަމަ
ދިވެހިބަސް މަރެއް ނުވާނެއެވެ. ސަބަބަކީ އިންފޮމޭޝަން ޓެކްނޮލޮޖީގައި ދިވެހިބަސް
ބޭނުންކުރެވޭ ގޮތްތައް އިތުރުކުރުމުން ދިވެހި ލިޔުންތައް ކިޔާނެ މީހުން
އިތުރުވުމާއެކު ދިވެހީން ދިވެހި ސޮފްޓްވެއާރތައް ބޭނުން ކުރުމަށް މަގުފަހިވާނެތީއެވެ.
ވީމާ އިންފޮމޭޝަން ޓެކްނޮލޮޖީގައި ދިވެހިބަހުގެ ދައުރު ފުޅާކުރުމުން ދިވެހިބަސް
ދިރިއޮތުމަށް މަގުފަހިވާނެއެވެ. އެހެންކަމުން ދިވެހިބަސް މަރުވިޔަނުދީ
ދިރިދެމެހެއްޓުމަށްޓަކައި އިންފޮމޭޝަން ޓެކްނޮލޮޖީގައި ދިވެހިބަހުގެ ދައުރު
ފުޅާކުރެވިދާނެއެވެ.
ބަހުގެ ހަމަތަކާއި
ޚިލާފަށް ބަހެއް ބޭނުން ކުރެވެމުންދާނަމަ އެބަހެއް މަރުވެދާނެއެވެ. އެހެނީ ބަހުގެ
ހަމަތައް ނުވާނަމަ ބަސްބޭނުންކޮށްގެން ކުރެވޭ މުވާޞަލާތާއި މުޢާމަލާތުތައް
ދޭހަވުމުގައި ފުށުއެރުންތަކެއް ކުރިމަތިވާނެތީއެވެ. މިހާރަކަށް އައިސް ދިވެހިބަސް
ވަކިހަމައެއްނެތި ޚަބަހަރު ފަތުރާ ވަޞީލަތްތަކުން ބޭނުންކުރެއެވެ. ވީމާ ޚަބަރު
ފަތުރާ ވަޞީލަތްތަކުން ދިވެހިބަސް ވަކިހަމައެއް ނެތި ބޭނުންކުރާ ކުރުން ހުއްޓުވުމަށްޓަކައި އެއިދާރާތަކަށް، އެއިދާރާތަކުން ދިވެހިބަސް ބޭނުން ކުރާއިރު ލިޔެކިޔާ
ބަހުގެ ކުށްތައް ބަލައި ޗެކުކޮށް އެކުށްތައް އިޞްލާޙުކުރުވަން ޖެހޭކަމަށް ޢަބްދުލް
އަޒީޒު ޖަމާލު އަބޫބަކުރު (2010) ޤަބޫލުކުރައްވައެވެ. ޚަބަރު ފަތުރާ
ވަޞީލަތްތަކުން ދިވެހިބަސް ބޭނުންކުރުމުގައި ލިޔެކިޔާ ކުށްތައް އިޞްލާހުކުރުވަނީ
ދިވެހިބަސް މަރުވެދާނެތީއެވެ. އަދި ޚަބަރު ފަތުރާ
ވަޞީލަތްތަކުން ލިޔެކިޔާ ކުށްތައް އިޞްލާޙުކުރުމަށް އެއިދާރާތަކަށް، އެއިދާރާތަކުން ދިވެހިބަހުން ލިޔެކިޔާ ކުށްތައް
އިސްލާހުކުރުމަށް ޚާއްޞަ މުވައްޒަފުން ލުމުން ވަކިހަމައެއްނެތި ޚަބަރުފަތުރާ
ވަޞީލަތްތަކުގައި ދިވެހިބަސް ބޭނުންކުރާ ބޭނުންކުރުން ހުއްޓުވޭނެ ކަމަށްވެސް
ޢަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު (2010) ޤަބޫލުކުރައްވައެވެ. ދިވެހިބަހުގެ
ހަޔާއި ޚިލާފަށް ދިވެހިބަސް ބޭނުން ކުރުން ހުއްޓުވުމުން ދިވެހިބަސް ހިމާޔަތް
ކުރެވޭނެއެވެ. ދިވެހިބަސް ހިމާޔަތްކުރުމަކީ ދިވެހިބުގެ ރަދީފު (2006)ގައިވާގޮތުން
ރައްކާތެރިކުރުމެވެ. ރައްކާތެރިކުރުމަކީ އެރައްކާތެރިކުރެވޭ އެއްޗަކަށް ގެއްލުމެއް
ނުލިބޭނެހެން ހެދުމެވެ. އެހެންވީމާ ދިވެހިބަސް ހިމާޔަތްކުރުމަކީ ދިވެހިބަސް
މަރުވިޔަނުދީ ދިރިދެމެހެއްޓުމަށް ޓަކައި ކުރެވިދާނެ ކަމެވެ.
ދިވެހިބަސް
މަރުވިޔަނުދީ ދިރިދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރެވޭނެ އެއްބަޔަކީ ދިވެހި
ނޫސްވެރިންނެވެ. އެހެނީ ދިވެހި ނޫސްވެރިންނަކީ ދިވެހިބަހުގެ ބޭނުންކޮށްގެން
މުޖުތަމަޢުގައި ޚަބަރުފަތުރާ ބައެކެވެ. އެހެންކަމުން ދިވެހިބަސް
މަރުވިޔަނުދިނުމަށްޓަކައި ދިވެހިނޫސްވެރިންނަށް އެތައްކަމެއް ކުރެވިދާނެއެވެ.
އެގޮތުން ކުރެވިދާނެ އެއްކަމެއް ކަމަށް ޝާހިދު ޙަލީމް (އަހަރު އެގެން ނެތް)
ހާމަކުރައްވާފައި ވަނީ ދިވެހި ނޫސްތަކުގައި ޖަހާ އިޝްތިހާރާއި އެންގުންތައް
ދިވެހިބަހުން ޝާއިޢު ކުރުމެވެ. މީގެ އިތުރުން ދިވެހި ނޫސްވެރިކަމުގައި ކޮންމެހެން
ބޭނުންވާ ލަފުޒުތައް އުފައްދައި އެއީ ދިވެހިލަފުޒުގެ ގޮތުގައި ދިވެހި
ނޫސްވެރިކަމުގެ ދާއިރާގައި ބޭނުން ކުރަން ފެށިދާނެކަމަށް (ވަލީދާ އީސާ، މީޑިޔާގެ
ބަސްމަގު ލެކްޗަރ، 09 މާރޗް 2010) ޚިޔާލުފައުޅުކުރައްވައެވެ. އެހެނީ ދުނިޔޭގެ
އެހެން ޤައުމުތަކުގައިވެސް ނޫސްވެރިންނަކީ އެބައެއްގެ ބަހަށް އެވަގުތަކަށް
ބޭނުންވާ ގިނަ ލަފުޒުތަކެއް އުފައްދާ ބޭނުންކުރާ ބައެކަށް ވާތީއެވެ. މީގެ އިތުރުން
ދިވެހި ނޫސްވެރިން ދިވެހިންނަށް އަމާޒުކޮށްގެން ލިޔާ ލިޔުންތައް ދިވެހިބަހުން
ލިޔެވިދާނެކަމަށް ޝާހިދު ޙަލީމް (އަހަރު އެގެން ނެތް) ހާމަކުރައްވައެވެ. ވީމާ
ދިވެހިބަސް މަރުވިޔަނުދީ ދިރިދެމެހެއްޓުމަށްޓަކައި ދިވެހިބަހުން އިޝްތިހާރުތައް
ޝާއިޢުކޮށް، ދިވެހިންނަށް އަމާޒުކުރެވޭ ޚަބަރާއި ލިޔުންތައް ދިވެހިބަހުން ލިޔެ،
ކިޔައި، ހެދުމާއެކު، ބިދޭސީ ލަފުޒުތަކުގެ ބަދަލުގައި ދިވެހިލަފުޒު އުފައްދައިގެން
ދިވެހި ނޫސްވެރިކަމުގައި ބޭނުން ކުރުމަކީ ދިވެހިބަސް މަރުވިޔަނުދީ
ދިރިދެމެހެއްޓުމަށްޓަކައި ދިވެހި ނޫސްވެރިންނަށް ކުރެވިދާނެ ކަންކަމެވެ.
އަމިއްލަ މާދަރީބަސް
ދިރާސާކޮށް އެބަހާބެހޭ ފޮތްފޮތް ލިޔުމަކީ އަމިއްލަ މާދަރީބަސް ދިރިދެމެހެއްޓުމަށް
ކުރެވިދާނެ ކަމެކެވެ. އެހެނީ މާދަރީބަސް ދިރާސާކުރުމުން ބަހުގެ ގަވައިދުތައް
ބަހުގެ އަހުލުވެރިންނާ ގުޅޭގޮތަށް އެކަށައެޅޭނެތީއެވެ. ބަހުގައި އޮޅުންއަރާ
ކަންކަމުގައި ހަމަތަކެއް ކަނޑައެޅޭނެތީއެވެ. ބަހަކީ ބަދަލުވަމުންދާ
އެއްޗަކަށްވާއިރު، ބަހަށް އަންނަ ބަދަލުތައް ދެނެގަނެވޭނެތީއެވެ. ބަސް
ބޭނުންކުރުމުގައި ދިމާވާ ހަގީގީ މައްސަލަތަކަށް ފިޔަވަޅު އެޅޭނެތީއެވެ.
މީގެއިތުރުން ޔުމްނާ މައުމޫނު (2007) ދެކިލައްވާގޮތުގައި ކުރީ ޒަމާނުއްސުރެ
ދިވެހިން ކިޔައި އުޅޭ ވާހަކަ، ބަނދި، ރައިވަރު، ޅެން، ފަރިހި، ފަދަ އެއްޗެހި ދިރާސާކޮށް ޝާއިޢުކުރުމަކީ ދިވެހިބަސް
މަރުވިޔަނުދިނުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. އެހެނީ ދިވެހީންގެ މާދަރީ ބަހަކީ
ދިވެހިބަހެވެ. ވީމާ ދިވެހިބަސް ދިރާސާކޮށް ދިވެހިބަހުގެ ޤަވާއިދުގައިވާ
ފުށުއެރުންތަކާއި އޮޅުން ބޮޅުންތައް ފިލުވައި، ދިވެހިބަހަށް އަންނަ ބަދަލާއެއްގޮތަށް ބަހުގެ
ޤަވާއިދުތައް އެކަށައަޅައި، ދިވެހިބަހާއި ދިވެހިބަހުގެ އެކިއެކި ބައިތައް
ދިރާސާކުރަމުންގެންދިއުމަކީ ދިވެހިބަސް މަރުވިޔަނުދީ ދިރިދެމެހެއްޓުމަށް
ކުރެވިދާނެ ކަމެކެވެ.
ދިވެހިބަހަކީ ދިވެހި ކާބަފައިންގެ ތަރިކައެވެ. ދިވެހިބަހަކީ ދިވެހިންގެ
އެއްބައިވަންތަކަން ދަމަހަށްޓައިދޭ ވަޞީލަތެވެ. އަދި ދިވަހިބަހަކީ ދިވެހި ވެށީގެ
އެއްބައެވެ. ދިވެހި އާދަކާދައިގެ ހަނދާނެވެ. ދިވެހިބަހަކީ ދިވެހީންގެ
"އައިޑެންޓިޓީ"އެވެ. ދިވެހިބަހަކީ ދިވެހި މުޖުތަމަޢުގެ
އަމަންއަމާންކަމުގެ އަޞްލެވެ. ދިވެހީންގެ ޚިޔާލާއި ފިކުރެވެ. ދިވެހިބަހަކީ
ދިވެހީންގެ ޝުޢޫރެވެ. މީގެ އިތުރުން ދިވެހިބަހަކީ ތާނައަކުރު ދިރި އޮތުމުގެ
ބޭނުމާއި އޭގެ މޮޅުކަމުގެ އަޞްލެވެ. އެހެންކަމުން ދިވެހިބަސް މަރުވިޔަނުދީ،
ރައްކާތެރިކޮށް ދިރިދަމަހަށްޓަންޖެހެއެވެ. އަދި ދިވެހިބަސް ދިރިދެމެހެއްޓުމަކީ
ހުރިހައި ދިވެހީންގެ މައްޗަށް އޮތް ވާޖިބެއްވެސްމެއެވެ. ވީމާ ދިވެހިބަސް
ދިރިދެމެހެއްޓުމައްޓަކައި ދިވެހި މަދަރުސާތަކުގައި ދިވެހިބަހުން ކިޔަވައިދީ
މަދަރުސާތަކުގެ ކަރިކިޔުލަމަށް ބޭނުންވާ ފޮތްތައް ދިވެހިބަހުން ޝާއިޢު
ކުރެވިދާނެއެވެ. ދިވެހިބަސް އިތުރަށް ދިރާސާކޮށް ދިވެހިބަހާބެހޭ ހޯދުންތައް ހޯދައި
ދިވެހިބަހުގެ މުއްސަދިކަން ޢާންމުންނަށް ހާމަކޮށްދެވިދާނެއެވެ. ދިވެހި މީޑިޔާއިން
ދިވެހިބަހުން ދިވެހިބަހުގެ ހަމަތަކާއެއްގޮތަށް ޚަބަރުފަތުރައި
ޢާންމުކުރެވިދާނެއެވެ. އަދި ދިވެހިން ދިވެހިންގެ އަމިއްލަ ބަހާމެދު ދެކޭގޮތް
ރަނގަޅުކުރުމަކީވެސް ދިވެހިބަސް ރައްކާތެރިކުރުމަށްޓަކައި ކުރެވިދާނެ ކަމެކެވެ.
ވީމާ ދިވެހިބަސް ދިރާސާކޮށް، ދިވެހިބަހުން ދިވެހި މަދަރުސާތަކުގައި ކިޔަވައިދީ،
މީޑިޔާގައި ބަހުގެ ދައުރުފުޅާކޮށް މީޑިޔާގައި ދިވެހިބަސް އެބަހުގެ
ހަމަތަކާއެއްގޮތަށް ބޭނުންކުރުމާއެކު ދިވެހިބަހާމެދު ދިވެހިން ދެކޭގޮތް
ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރެވިއްޖެނަމަ ދިވެހިބަސް މަރުވިޔަނުދީ
ދިރިދެމެހެއްޓިދާނެއެވެ.
No comments:
Post a Comment