Saturday, April 30, 2011

އިންޑަސްވާދީގެ ރަށްވެހިކަމާ ދިވެހިރާއްޖެ އާއި އޮތް ގުޅުން

އިންޑަސްވާދީގެ ރަށްވެހިކަމާ ދިވެހިރާއްޖެ އާއި އޮތް ގުޅުން

ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ

ފެށުން
     ދުނިޔޭގައި އުފެދުނު ޙަޟާރަތްތަކުގެ ތެރެއިން ދިވެހިރާއްޖެއާއި އެންމެ ގުޅުން ބޮޑު ޙަޟާރަތަކީ އިންޑަސްވާދީގެ ރަށްވެހިކަމެވެ. އެހެނީ ރާއްޖޭގެ ވަޒަންވެރިންނާއި އެޙަޟާރަތުގެ ވަޒަންވެރިންގެ ސިފައިގެ އެއްގޮތްކަމާއި ދީނާއި އަޤީދާގެ އެއްގޮތްކަމާއި ރާއްޖެއިން ފެނިފައިވާ އާޘާރުތަކުން ފެންނަ އެއްގޮތްކަމެވެ. ހަމައެހެންމެ ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖެ އޮތް މަޤާމުގެ ނުވަތަ ތަނުގެ ސަބަބުން އެކި ޤައުމުތަކުގެ ދަތުރުވެރިން އެމީހުންގެ ހިތާމަތަކާއި އުފާތައް ރާއްޖެއާއި ޙިއްސާކޮށްފައި ވާނެކަމީ ޤަބޫލުކުރެވޭ ކަމެކެވެ. އެކަމުގެ ހެކިތައްވެސް ރާއްޖެއިން ފެނިފައިވެއެވެ. އަދި ފެންނަމުންވެސް ދެއެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގެ ރަށްވެހިންގެ އަޞްލު ހޯދުމަށް ކުރެވިފައިވާ މަސައްކަތުން އެނގި ފައުޅުވެފައިވަނީ މިސަރަޙައްދުގައި އުފެދު އެންމެ ވަރުގަދަ ރަށްވެހިކަމާއި ދިވެހިރާއްޖެއާއި ދެމެދުގައި ވަރަށް ހަރުދަނާ ގުޅުންތަކެއް އޮތް ކަމެވެ.
މިހެންކަމުން މި އެސައިންމަންޓްގައި ބަލައިލާފައިވާނީ ރާއްޖެއާއި އެ ރަށްވެހިކަމާއި (އިންޑަސް ވާދީ ޙަޟާރަތާއި) ދެމެދުގައި އޮތް ގުޅުންތަކަށެވެ. އެގޮތުން މިގުޅުންތައް އޮތްކަމަށް ހެކިދޭ ބައެއް ވާހަކަތަކާއި، ދިރާސާތަކާއި، އާޘާރުތަކާއި، އާދަކާދަތަކާއި، ބަހާއި، ދީނާއި އަދި އެހެނިހެން ހެކިތަކުގެ މައްޗަށްވެސް ބަލާލެވިފައިވާނެއެވެ.  
ރާއްޖެ އުފެދުން
     ދުނިޔޭގެ ޕްލޭޓްތަކަކީ އަބަދުވެސް ބަދަލުވަމުން ނުވަތަ ދަތުރުކުރަމުންދާ ޕްލޭޓްތަކެކެވެ. އެގޮތަށް ޕްލޭޓްތައް ކުރަމުންދިޔަ ދަތުރުތަކުގައި، ޕްލޭޓްތަކަށް މީގެ އެތައް މިލިޔަން އަހަރުކުރިން އައި ލޮޅުންތަކާއި ގުޅިގެން ދިވެހިރާއްޖެ އުފެދުމަށް މެދުވެރިވިކަމަށް މުޙަންމަދު ޢަލީ (2010) ލަފާކުރައްވައެވެ. އޭގެކުރިން ރާއްޖެ މިއޮތްތަނުގައި އޮތްކަމަށްވަނީ އުސްފަރުބަދަތަކާއި ވާދީތަކެކެވެ. ނަމަވެސް މި އުފެދުނު ލޮޅުމުގެ ސަބަބުން މިވާދީތަކާއި ފަރުބަދަތައް ޣަރަގުވެގެންދިޔައީ ކަމަށާއި އޭގެފަހުގައި މިހާރުގެ ރީޔޫނިޔަން ނަމުން މަޝްހޫރުވެފައިއެވާ ޤައުމުގައި ހުރި ބާގަނޑަކުން ނުވަތަ ވަޅަކުން ނިކުތް ހޫނު ދިޔާ އަލިފާން ނުވަތަ ވިރިގެން ނިކުތް ހިލަ އެސަރަޙައްދަށް ފައިބާ އެއިން 3000 ކިލޯމީޓަރު ދިގު ހަނި ފަރުބަދައެއް ނުވަތަ ފައުންޑޭޝަނެއް އުފެދުނުކަމަށް ނަސީމާ މުޙަންމަދު (1998) ބަޔާންކުރައްވައެވެ. އަދި މި ފައުންޑޭޝަނުގެ ޢުމުރަކީ 52.7 މިލިޔަން އަހަރުކަމަށް މުޙަންމަދު ޢަލީ (2010) ޔަޤީންކުރައްވައެވެ. މި ފައުންޑޭޝަނަށް ޗޭގޮސް ރިޖްއޭކިޔެއެވެ.
     ކަނޑު އަޑީގައި އުފެދުނު މި ފަރުބަދަ ބަރީގައި މުރަކަ ހިފައި ކާބަނޭޓް ނުވަތަ ފަރުގެ ގޮތަށް ހެދެން ފެށީ އުފެދުނުތާ ގާތްގަނޑަކަށް 7 މިލިއަން އަހަރު ފަހުންނެވެ. އެއީ ކަނޑުގެ ސަތަޙަ ވަރަށް ބޮޑަށް ތިރިވުމުގެ ސަބަބުން ކަމަށް މުޙަންމަދު ޢަލީ (2010) ހާމަކުރައްވާފައިވެއެވެ. އަދި ކަނޑުގެ ސަތަހަޔަށް އޭރު އަންނަމުންދިޔަ ބަދަލުތަކުން މި އުފެދެމުންއައި ފަރުގެ އުފެދުމަށް ވަރަށް ބޮޑެތި އަސަރުތަކެއްކޮށް، އެ ބައްޓަން ކުރެވިފައިވެއެވެ. 
     ރާއްޖޭގެ ރަށްރަށުގެ ޢުމުރަށް ބަލާއިރު އެކިރަށްރަށުގެ އުމުރު އެކިވަރެވެ. އެހެންއެވަނީ ކުރިން ބުނިގޮތަށް ރާއްޖެ އުފެދެމުން އަންނާތީކަމަށާއި ކުރެވުނު ތަހުލީލުތަކުން ރާއްޖޭގެ ބައެއް ރަށްރަށް، މީހުނަށް އުޅެވޭ ވަރަށް އުފެދިފައިވާނީ މީގެ 4000 އަހަރު ކުރިންކަމަށް މުހަންމަދު ޢަލީ (2010) ކަށަވަރު ކުރައްވައެވެ. އެހެންކަމަށްވާނަމަ އެއަށްވުރެން ދޮށީ ރަށްރަށާއި ހަގު ރަށްރަށްވެސް ރާއްޖޭގައި ހުންނާނެކަން ކަށަވަރެވެ. އެހެނީ މިހާރުވެސް ރާއްޖޭގައި އަލަށް އުފެދޭ ރަށްރަށާއި ވޮޑިގިރާ ރަށްރަށް އެބަހުއްޓެވެ.
ރާއްޖޭގައި މީހުން ވަޒަންވެރިވުމާއި، ވަޒަންވެރިން
     ދުނިޔޭގެ ޗާޓުގައި ރާއްޖެ އުފެދިފައިވާ ހިސާބަކީ އިންޑަސްގެ ރަށްވެހިކަން އުފެދުނީއްސުރެ ވަރަށް ކާރޫބާރޫ ބޮޑު ސަރަޙައްދެކެވެ. މިހެންވުމުން ދުނިޔޭގެ އިރުން ހުޅަނގަށް އަދި ހުޅަނގުން އިރަށް ދަތުރުކުރާ ދަތުރުވެރީންގެ މަންޒިލަކަށް މިތަން ވަރަށް ގިނަފަހަރަށް ވެފައިވާނެކަމާމެދަކު ޝައްކެއްނެތެވެ. މިކަމަށް އިޝާރާތްކުރައްވާ ނަސީމާ މުޙަންމަދު (1998) ލިޔުއްވާފައިވަނީ "ބައެއް މުއައްރިޚުން ދެކިވަޑައިގަންނަވާ ގޮތުގައި ހިންދުކަނޑު ހުރަސްކޮށް އުތުރުކަރަޔަށާއި ދުރުއިރުމައްޗަށް ނާފަހަރު ދަތުރުކުރަން ފެށީއްސުރެ މިރާއްޖެގައި މީހުން ދިރިއުޅެފައިވާނެއެވެ" (ޞ.31). ނަސީމާގެ މިވާހަކައަކީ ތެދެއްކަމަށްވާނަމަ ރައްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވާނީ އިންޑަސްގެ ރަށްވެހިންކަމަށް ބެލެވެއެވެ. އެހެނީ ރާއްޖެ އުފެދިފައިވަނީ އެރަށްވެހިކަމާ ވަރަށް ކައިރި ހިސާބެއްގައެވެ. އަދި އިންޑަސް ރަށްވެހީންނަކީ ދަތުރުވެރި ބައެއްކަން ޘާބިތުވެފައިވެސް ވެފައިވެއެވެ. ވީމާ އެމީހުންގެ ދަތުރުތަކުގައި ރާއްޖެފެނި ރާއްޖޭގައި ވަޒަންވެރިވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ.
     ރާއްޖެގައި ވަޒަންވެރިވި މީހުން އައީ މިވެނި ތަނަކުންނޭ ބުނުމަކީ އެހާ ފަސޭހަކަމަށް ނުވެއެވެ. ނަމަވެސް ނަސީމާ މުޙަންމަދު (2000) ލަފާކުރައްވާގޮތުގައި ރާއްޖެއޮތް ސަރަޙައްދަށް ބަލާއިރު ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވާނީ މަލަބާރުކަރަޔާއި އަދި މި ސަރަޙައްދުގެ އެހެންޤައުމުތަކުގެ މަސްވެރިންނެވެ. ސަބަބަކީ އެވޭލާ ޒަމާނުގައި ލެކަޑިވްސް 'ލަކުޑިދީބު' އާއި ދިވެހިރާއްޖެއާއި ޗާގޯސް ރިޖަކީ އެއް ގުރޫޕެއްގެ ރަށްތަކަކަށްވުމާއި ރާއްޖެއާއި އެންމެކައިރީ، މަލާބާރުކަރަޔަށްވުމާއި، އެބައިމީހުންނަކީ މަސްވެރިކަން ކުރަމުން އައިބަޔަކަށްވުމުން މަސްވެރިކަމުގައި ރާއްޖެއަށް އާދެވިފައިވުމަކީވުން ވަރަށް ކައިރި ކަމަކަށްވާތީއެވެ. ނުވަތަ  "އަޔަން އޭޖްގައި' އިންޑަސް ވާދީގެ އަހުލުވެރިން އިންޑިޔާއިންނާއި ލަންކާއިން ރޯމަނަށް ކުރި ވިޔަފާރި ދަތުރުތަކުގައި ރާއްޖޭގައި މީހުން ވަޒަންވެރިވީކަމަށްވެދާނެވެ. އެދުވަސްވަރަކީ ފުރަތަމަ މިލީނިއަމް ބީ.ސީގެ ދުވަސްވަރު ކަމަށްވެސް ނަސީމާ މުޙަންމަދު (2000) ލަފާކުރައްވައެވެ. އަދި ޑރ. ޕީ. ރަގުޕަތީ (1993) އާއި ހަވާލާދެއްވައި ނަސީމާ މުޙަންމަދު (2000) ހާމަކުރައްވާފައިވާގޮތުގައި ކަނޑުމަތީގެ ދަތުރުތަކުގައި ފަރަށް އުރުމުން ސަލާމަތްވާ މީހުން ރާއްޖޭގައި ވަޒަންވެރިވާން ފެށުމުން ރާއްޖޭގައި މީހުން އުޅޭން ފެށުނީއެވެ. ކޮންމެއަކަސް މިސަރަޙައްދުގައި އެންމެ ގިނައިން ދަތުރުކޮށްފައި ވާނީ އިންޑަސްގެ އަހުލުވެރިން ކަމަށްބެލެވެއެވެ. އެހެނީ މިސަރަހަށްދުގައި އޭރު އެންމެ ކުރިއަރާފައިވާ އަދި ކަނޑުމަށްޗަށް އެންމެ ކުޅަދާނަ ބަޔަކީ އެބައިމީހުންނެވެ.
     ރާއްޖެ އޮތީ ދެކުނު އޭޝިޔާއާއި ދުނިޔޭގެ ދެކުނާ ގުޅުވާލަދޭ ދޮރުމަތީގައެވެ. ރާއްޖޭގައިވަނީ ފަރުތަކަކުން އުފެދިފައިވާ ރަށްތަކެއްކަމުން މި ކަނޑުއޮޅި ތަކުގައި ދަތުރުކުރި ވަރަށް ގިނަ އުޅަދުތައް މިފަރުތަކަށް އަރައި ހަލާކުވިކަން ވަރަށް ގިނަ ޞައްޔާހުންގެ ލިޔުންތަކުން އެނގެއެވެ. ހަލާކުވީ މިއުޅަދުތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވީކަމުގައިވެސް ބެލެވެއެވެ. ޑރ. ރަގުޕަތީ (1993) އާއި ހަވާލާދެއްވާ ނަސީމާ މުޙައްމަދު (2000) ހާމަކުރައްވާގޮތުގައި މިކަހަލަ ހާދިސާތަކާއި ގުޅިގެން ރާއްޖޭގައި ވަޒަންވެރިވެފައިވާނީ:
1.      ޕްރާކްރިތުން ވާހަކަދައްކާ ސިންހަޅަބައެއް، މިއީ ހުޅަގު އިންޑިޔާއިން އައި ބައެއް.
2.      މުސްކުޅި ތަމަޅަ ބަހުން ވާހަކަދައްކާ ބައެއް، މިއީ ކެރެލާ ސަރަޙައްދުން އައި ބައެއް.
3.      މުސްކުޅި ސިންހަޅަ ބަހުން ވާހަކަދައްކާބައެއް، މިއީ ލަންކާއިން އައި ބައެއްކަމަށެވެ.
ދިވެހިރާއްޖޭގެ ވަކިވަކިރަށްތަކަށް ބަލާލުމުން ޑރ. ރަގުޕަތީގެ ޚިޔާލަށް ޔަޤީންކަމެއް ގެނުވައެވެ. ނަމަވެސް އުރުމިލާ ފާޑްނިސް އެލަދަތު ލުއިޓިޓުއި (1985) ބަޔާންކުރައްވާފައިވާގޮތުގައި ދިވެހިރާއްޖެއަށް ފުރަތަމަ މީހުން އައިސްފައިވަނީ ޢީސާގެފާނުގެ ކުރިން 5 ވަނަ ނުވަތަ 6 ވަނަ ޤަރުނުތެރޭގައެވެ. އަދި އެއައި ބަޔަކީ އިންޑަސްވާދީގެ ކޯރެއްކަމަށްވާ ސަރަސްވަތީގެ ކޯރުގެ އައްސޭރީގައި އޮތް "ކާލިބަން ނަމަކަށް ކިޔުނު ރަށެއްގެ މީހުން" ނުވަތަ ދިވެހިންގެތެރޭގައި މަޝްހޫރު ދީވީން ކަމަށް އަޙްމަދު ޝިހާބުއްދީން (އަހަރުނެތް) އެނާގެ ފޮތުގައި ލިޔުއްވާފައިވެއެވެ. އެހެންކަމުން ރާއްޖޭގައި މީހުން ވަޒަންވެރިވުމުގައި އިންޑަސްރަށްވެހިކަމުގެ އަސަރު ވަރަށް ގަދަޔަށް ހުންނާނެކަމަށް ބެލެވެއެވެ.
     ސްރީލަންކާގެ ތާރީޚީ ފޮތް ކަމުގައިވާ "މަހަވަންސާ"ގައި ރާއްޖޭގެ ވަޒަންވެރިންނާމެދު ޚިޔާލުފައުޅުކޮށްފައި ވެއެވެ. ނަސީމާ މުޙަންމަދު (1998) މަހަވަންސާއާ ޙަވާލާދެއްވާ ހާމަކުރައްވާގޮތުގައި މީލާދުގެ 500 އަހަރު ކުރިން ޕްރިންސްވިޖެޔާ ލަންކާއަށް އައިއިރު އޭނަޔާއެކު ދަތުރުކުރި އެއްނައު ރާއްޖެއަށް އައިސް އެބައިމީހުން ރާއްޖޭގައި ވަޒަންވެރިވިއެވެ. އެކަމަކު މިމީހުން އައިއިރުވެސް ރާއްޖޭގައި އެހެންބަޔަކު ދިރިއުޅެމުންދިޔަ ކަމަށްވެއެވެ. އެބަޔަކީ ޑްރެވީޑިޔަން އާއިލާއަށް ނިސްބަތްވާ ބައެއްކަމުގައި ލަފާކުރެވިފައިވެސް ވާކަމަށް ނަސީމާ މުޙަންމަދު (1998) ހާމަކުރައްވައެވެ. ކޮންމެއަކަސް ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ ބަޔަކާއި މެދު ތާރީޚު ދިރާސާ ކުރައްވާ ފަރާތްތަކުގެ މެދުގައި ޚިލާފު އުފެދިފައިވީނަމަވެސް ފުރަތަމަ ވަޒަންވެރިންގެ ތެރޭގައި އިންޑަސްގެ އަހުލުވެރިން ވާކަން ފެންނަންހުރި ހެކިތަކުގެ އަލީގައި ޘާބިތުވެއެވެ.
ދިވެހިންގެ އަސްލާއިމެދު ފެންނަންހުރި ސައިންޓިފިކް ހެކިތައް
     ދިވެހިންގެ އަޞްލު ހޯދުމަށްޓަކައި 1899މ. ވަނައަހަރު ސައިންޓިފިކް ދިރާސާތަކެއް ކުރެވުނެވެ. މިކުރެވުނު ދިރާސާތަކަށްފަހު ޕްރޮފިސަރ ޖޯން ސްޓެންލީ ގާރޑިނަރ ހާމަކުރައްވާފައިވާ ގޮތުގައި މައިގަނޑުގޮތެއްގައި ދިވެހީންގެ ތެރޭގައި އިންޑިޔާ ސަބްކޮންޓިނެންޓާއި ލަންކާއާއި ޢަރަބިކަރަޔާއި އެފްރިކާ އަދި އަސޭކަރައިގެ ނަޞްލުގެ މީހުންވެއެވެ. އަދި މިދިރާސާގެ އިތުރު ތަފްޞީލު ދެއްވަމުން ނަސީމާ މުޙަންމަދު (1998) ބަޔާންކުރައްވާފައިވާގޮތުގައި މިދިރާސާއަށް ޓަކައި ރާއްޖޭގެ އެކިރަށްރަށުގެ މީހުންގެ އިސްކޮޅާއި ބޮލާއި ހަށިގަނޑުގެ ސައިންޓިފިކް މިންތައް ނަގައި ތަޙުލީލު ކުރެވުނެވެ. އަދި ކުރެވުނު ދެވަނަ ދިރާސާ ކުރެވިފައިވަނީ ދިވެހިންގެ ލޭގައި ހިމެނޭ ޖެނެޓިކް ބައިތައް ތަޙްލީލުކޮށްގެންނެވެ. މިދިރާސާއިން ދިވެހިންގެ ލޭގެ އަސްލާއި އެންމެ ގާތްކުރާ ބަޔަކީ މެދުއިރުމަތީގެ އަހުލުވެރިންނާއި، ބަންގާޅާއި، އިންޑިޔާ، އިންޑޮނޭޝިޔާ، އެފްރިކާ، އަދި ރަތްކަނޑުގެ އަހުލުވެރިންނާއި ގަލްފުސަރަޙައްދުގެ އަހުލުވެރިންކަން އެނގިފައިވެއެވެ. ވީމާ ދިވެހި ވަޒަންވެރިންގެ ތެރޭގައި އިންޑަސްއަށް ނިސްބަތްވާ މީހުން އުޅެމުންދާ ކަމަށް ބެލެވެއެވެ.
      ރާއްޖޭގެ އެކިރަށްރަށަށް ނަޒަރު ހިންގާލާއިރު އެކިރަށްރަށުގެ މީހުން ވައްތަރުވަނީ އެކިޤައުމުތަކުގެ މީހުންނާއެވެ. މިގޮތުން ކްލިއަރެންސް މެލޮނީ (1980) ބަޔާންކުރައްވާފައިވާ ގޮތުގައި އިންޑަސްގެ ރަށްވެހިންގެ ތެރޭގައިވާފަދަ ކަންފަތު ފޫޅުގަނޑު ދިގު ގިނަ އަދަދެއްގެ ބަޔަކު އެއް ޒަމާނެއްގައި ދިވެހިންގެ ތެރޭގައިވެސް އުޅުނެވެ. ނަމަވެސް ފަހުން ތަފާތު އެހެން ނަސްލުތަކުގެ މީހުން ދަތުރުތަކުގައި ރާއްޖެ އައިސް ވަޒަންވެރިވުމުން، ތަފާތު އެކި ނަސްލުގެ މީހުންގިނަވެ، މިސިފަ ނެތެންފެށީ ކަމަށް ނަސީމާ މުޙަންމަދު (1998) ލަފާކުރައްވާފައި ވެއެވެ. ދިވެހިންގެ ތެރޭގައި ދޮން މީހުންނާއި ކަޅު މީހުންނާއި މެދުމިނުގެ ކުލައެއްވާ މީހުންނާއި އިސްކޮޅުން ދިގު މީހުނާއި ކުރު މީހުނާއި ކަޅީގެ ކުލައިގެވެސް ތަފާތުތަކެއް އެވަނީ އެހެންވެގެން ކަމަށް އެކަމަނާ ލިޔުއްވާފައިވެއެވެ. އެހެންނަމަވެސް ގިނަ ހެކިތަކުން ފެންނަގޮތުންނާއި ދިވެހީންގެ ސިފަޔަށް ބަލާއިރު އަދިވެސް ދިވެހީންނާ އެންމެ ވައްތަރުވަނީ އިންޑިޔާ ސަބްކޮންޓިނެންޓްގެ މީހުންނާއެވެ. އާދެ! އިންޑަސްގެ ރަށްވެހިންނާއެވެ. 
ދިވެހީންގެ އާދަކާދަ
     މީލާދުގެ 2700 އެއްހާ އަހަރުކުރިން އިންޑިޔާގައި އުފެދުނު ރަށްވެހިކަމުގެ އަހުލުވެރިންނަކީ ޒީނަތްތެރިވުމަށާއި ދަރިން ބެލުމަށް ޚާއްޞަ ސަމާލުކަމެއްދިން ބައެކެވެ. ހަމައެހެންމެ ދިވެހިން ދަރިން ބަލައިބުކުރާ ގޮތަށް ދަރިން ބަލައިބޮޑުކުރާ އެހެން އެއްވެސް ބަޔަކު ދެކިނުލައްވާކަމަށް އިބްނު ބަތޫތާ ލިޔުއްވާފައި ވެއެވެ. އިންޑަސްގެ އަހުލުވެރިންނެކޭ އެއްގޮތަށް ދިވެހިންނަކީވެސް ނަލަހެދުމަށާއި ޒީނަތްތެރިވުމަށް ލޯބިކުރާބައެއް ކަމުގައި އަހުމަދު ޝަފީޤް (2000) ހާމަކުރައްވާފައިވެއެވެ. މިގޮތުން ކަންފަތު މުދިލުމާއި ތަކަހޮޅި އެޅުމާއި ގޮތްގޮތަށް ބޯހެދުމަކީ އިންޑަސްރަށްވެހިންނާއި ދިވެހިންގެ އެއްގޮތްކަން ފާހަގަ ކޮށްލެވޭ ކަންކަމެވެ. މިއާދަޔަކީ އިންޑަސްއާއި ދިވެހިންނާއިއޮތް ގުޅުންދައްކުވައިދޭ ހެއްކެއް ކަމަށް ވުމީވެސް އެކަށީގެންވާ ކަމެކެވެ.
     ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން ކުރި މަސައްކަތަކާއިމެދުގައި ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން ކުރަމުންއައީ ދަނޑުވެރިކަން ކަމަށް އަހުމަދު ޝާފީޤް (2000) ލިޔުއްވާފައިވާއިރު، ނަސީމާ މުޙަންމަދު (1998)ޚިޔާލު ފައުޅުކުރައްވާފައިވަނީ އެބަޔަކީ މަސްވެރިކަންކުރި ބައެއް ކަމަށެވެ. ކޮންމެއަކަސް ޑްރިވީޑިޔަނުންނަކީވެސް މަސްވެރިކަމާއި ދަނޑުވެރިކަމަށް އަރާތިބި ބައެއްކަމަށް ރިޗަޑް ގްރީންވުޑް (1997) ލިޔުއްވާފައިވެއެވެ. އެމީހުން (އިންޑަސްގެ ރަށްވެހިން) މަސްވެރިކަން ކުރިގޮތާއި، ދޯނިފަހަރު ބަނދެއުޅުނުގޮތާއި، އިހުގެ ދިވެހިން މިމަސައްކަތްތައް ކުރަމުންއައި ގޮތުގައި މާބޮޑު ތަފާތުތަކެއް ނެތްކަމަށް ނަސީމާ މުޙަންމަދު (1998) ބަޔާންކުރައްވާފައިވެއެވެ. މީގެއިތުރުން ދިވެހިން ރުއް އަރާގޮތާއި އެކަމުގައި ބޭނުންކުރާ ސާމާނާއި މަސްވެރިކަމުގައި ބެނުންކުރި ސާމާނާ، އެއްވައްތަރުގެ ސާމާނުތަކެއް (ބުޅި، ކަންވާރު، އާލާތްތައް) އިންޑަސްކޮނުމުގެ ތެރެއިން ފެނިފައިވާކަމަށް ތޯރ ހަޔަރޑާލް (1986) ކަށަވަރުކޮށްދެއްވާފައިވެއެވެ. އެހެންކަމުން ދެޤައުމުގެ ދެމެދުގައި ގުޅުންތަކެއް ހިނގާފައިވާކަމާއި އެއީ ވަރަށް ގާތް ގުޅުން ތަކެއްކަން ކަށަވަރުވެއެވެ. ހަމައެހެންމެ ޑްރިވީޑިޔަނުންނަކީ ކަނޑު މައްޗަށް ގަދަ ކެރޭ ބަޔަކަށްވާއިރު ދިވެހިންނަކީވެސް މިކަހަލަ ބައެކެވެ. އަދި މި ސިފަތަކަކީ ޑްރިވީޑިޔަނުންނާއި ދިވެހިންގެ ގައިގައިވާ ވަރަށް އެއްގޮތް ސިފަތަކެއްވެސްމެއެވެ.
     ދިވެހިންގެ އެވޭލާ ކެއިންބުއިން މިހާރުމިވަނީ ވަރަށްބޮޑަށް ބަދަލުވެ ޔޫރަޕުގެ ކެއިންބުއިމާ ވައްތަރުވާން ފަށާފައެވެ. ނަސީމާ މުޙަންމަދު (1998) ހާމަކުރައްވާފައިވާ ގޮތުގައި އެވޭލާ ދިވެހިންގެ ކެއިންބުއިމުގެ ކަންތައްތަކާއި ގެދޮރު އިމާރާތްކުރުމުގެ ފަންނުވެރިކަމުގެ ކަންތައްތައް އިންޑަސް ޙަޟާރަތުގެ ކަންތައްތަކާއި ނުވަތަ ދެކުނު އިންޑިޔާގެ މީހުން މިކަންކުރާގޮތާއި ވަރަށް އެއްގޮތެވެ. މިކަމަށް އެއްބަސްވެލައްވާ މުޙަންމަދު އިބްރާހީމް ލުޠުފީ (1993) ޕޯޗްގީޒުގެ ލިޔުންތެރިޔަކާ ހަވާލާދެއްވާ ލިޔުއްވާފައިވަނީ މީލާދީން 1499 ހާތަނުގައި ރާއްޖޭމީހުންގެ މައިގަނޑު ކެއުމަކީ އުރާ، ކުދިބަތް، ބިންބި، ދޮނަޅަ، ކާށި، ކަނޑުމަސް އަދި ކައްޓަލަޔާއި އަލުވިކަމުގައެވެ. މިތަކެއްޗަކީ އިންޑަސްވާދީގައިވެސް ކެއިންބުއިމަށް ބޭނުންކޮށްފައިވާ ތަކެތިކަމަށް ވެއެވެ.
      ދިވެހިންގެ ޘަޤާފީ ބައެއް ކުޅިވަރުތަކަކީ ފެށުނު ވަކި ދުވަސްވަރެއް ކަނޑައެޅިގެން ބުނަން ނޭނގޭ ކުޅިވަރުތަކެވެ. މިގޮތުން ފެންކުޅި ކުޅުމާއި ބައިބަލާ ކުޅުމާއި ކޮރާ ކުޅުމާއި ކޯޑި ކުޅިވަރު ކުޅުމަކީވެސް ވަރަށް އިހުއްސުރެ ދިވެހިން ކުޅެމުން އަންނަ ކުޅިވަރު ތަކެކެވެ. މޫސާ ޢަލީ (1994) ހާމަކުރައްވާގޮތުގައި މިއީ ދިވެހިންގެ ޤަދީމީ ކުޅިވަރުތަކެކެވެ. ހަމަމިކުޅިވަރުތައް ރާއްޖޭގައި ކުޅޭގޮތާއި ދާދިއެއްގޮތަށް އިންޑިޔާގެ އެކި ސަރަޙައްދުތަކުގައިވެސް ކުޅެމުންދެއެވެ. މިސަބަބަށްޓަކައި ލަފާކުރެވޭ ގޮތުގައި މިއީ އިންޑިޔާއިން ރާއްޖެއަށް އައިސްފައިވާނެ ކުޅިވަރުތަކެކެވެ. އަދި ހަމައެހެންމެ މިނޫން ކިތަންމެ ކުޅިވަރުތަކަކާއި އާދަކާދަތަކެއްގެ މޫތައް ގުޅިލާމެހިފައިވަނީ އިންޑިޔާއާއެވެ. ނުވަތަ އިންޑަސްގެ ރަށްވެހިކަމާއެވެ. މިސަބަބުތައް މިހެންހުރުމުން ރާއްޖެއާއި އިންޑަސްއާއި ދެމެދު ފެށުނީއްސުރެން ގާތް ގުޅުންތަކެއް ވާކަމަށް ޔަޤީންކުރެވެއެވެ.
     ދިވެހީންނަކީ ވަރަށް އެވޭލާ ޒަމާނުއްސުރެ އެބައިމީހުންގެ އަމިއްލަ ވެރިކަމެއް ކުރަމުންއަންނަ ބައެއްކަން ފެންނަންހުރި ހެކިތަކުން އެނގެއެވެ. މުޙަންމަދު އިބްރަހީމް ލުޠުފީ (1991) ޔަޤީންކުރައްވާފައިވާ ގޮތުން މިވެރިކަން ނުވަތަ ރަސްކަން ވާރުތަވަމުން އައިސްފައިވަނީ އަންހެން ފަރާތަށް ނުވަތަ އަންހެންދަރީގެ ފަރާތަށެވެ. މީގެ އިތުރުން މަޤާމާއި މުދާ އަނބި ނުވަތަ އަންހެންދަރީގެ ފަރާތަށް ވާރުތަވާކަން ލޯމާފާނުތަކުންވެސް ޘާބިތުވެއެވެ. އޭނާ އިތުރަށް ބަޔާންކުރައްވާ ގޮތުގައި މިއީ އިންޑަސްގެރަށްވެހިކަމުގައި މިކަން ހިނގަމުންއައިސްފައިވާ ގޮތެވެ. މިކަހަލަ ކިތަންމެ ކަމެއް (ދިވެހިންގެ އާދަކާދަތަކެއް) ހިނގަމުން އައިސްފައިވަނީ އިންޑަސްވާދީގެ ރަށްވެހިން އެކަންކަން ކުރަމުން އައި ގޮތަށެވެ. މިހެންކަމުން އިންޑަސްއާއި ރާއްޖެއާއި ދެމެދު ޘަޤާފީ ގާތްގުޅުންތަކެއް ހުރިކަން ކަށަވަރުކުރެވެއެވެ.
ދިވެހީންގެ ބަސް
     ދިވެހިރާއްޖެއިން ފެނިފައިވާ އެންމެ އިހުގެ ލިޔުމަކީ މީލާދުގެ ހަވަނަ ޤަރުނުގެ ލިޔުމެކެވެ. މިލިޔުން ލިޔެވިފައިވަނީ ބްރަހަމީ އަކުރުންނެވެ. މިއަކުރަކީ އިންޑަސްވާދީގެ ރަށްވެހިން ކަމުގައި ބެލެވޭ ޑްރިވީޑިޔަނުން އެބައިމީހުންގެ ލިޔެކިޔުމުގައި ބޭނުންކޮށްފައިވާ އަކުރެއް ކަމަށް ނަސީމާ މުޙަންމަދު (1998) ބަޔާންކުރައްވާފައި ވެއެވެ. ދެވަނައަށް ފެނުނު އެންމެ ދުވަސްވީ އަކުރަކީ ޕްރޯޓޯ ނާގަރީ އަކުރު ކަމަށާއި މިލިޔުމަކީ ވަޖްރަޔާނާ ބުޑިޒަމްގެ ލިޔުމެއްކަމަށްވެސް ނަސީމާ މުޙަންމަދު (1998) ލިޔުއްވާފައި ވެއެވެ. އަދި ދިވެހިންގެ "އެވޭލާ" އަކުރުގެ މޫތައްވެސް ގުޅިފައިވަނީ ބްރަހަމީ އަކުރާކަމަށް އެކަމަނާ ހާމަކުރައްވާފައި ވެއެވެ. ވީމާ ދިވެހިންގެ ލިޔުންތެރިކަމުގައި އިންޑަސްރަށްވެހިންގެ ނުފޫޒު ވަރަށް ބޮޑަށް އެކުލެވިގެންވާ ކަމަށް ބެލެވެއެވެ.
     ލިޔުންތެރިކަމަކީ ބަސްމޮށުންތެރިކަމަށް ވުރެން މާފަހުން އުފެދުނު، އަދި އުފެދޭކަމެކެވެ. ދިވެހީންގެ ވާހަކަދެއްކުމުގަ އާއި ބަހުގެ ޤަވާޢިދުގައި ހިމެނޭ ވަރަށް ގިނަ ކަންކަން އިންޑަސް އަހުލުވެރިންކަމުގައި ބެލެވޭ ޑްރެވީޑިޔަނުންގެ ބަހާއި އެއްގޮތެވެ. މިކަހަލަ އެއް އެއްގޮތްކަމަކީ ބައެއް ތަކެއްޗަށް ކިޔާ ނަންނަމެވެ. މިސާލަކަށް ކަނޑު، ތީމު، އޮޑި މިބަސްތަކަކީ ޑްރިވީޑިޔަން ބަސްތަކެއްކަމަށް ނަސީމާ މުހަންމަދު (1998) ޔަޤީންކުރައްވައެވެ. މީގެ އިތުރުން “ދޫ” ކިއިފައިވަނީ ޑްރެވީޑިއަން ބަސްތަކުން އުފެދިފައިވާ ސާންސްކްރިތް، މަލަޔާލަމް، ސިންގަޅަ، ތެލޫނގުފަދަ ބަސްބަހުން ދޫވާ، ދީވާ، ދީވިޕިއާ ފަދަ ރަށްރަށަށް ކިޔާ ނަންތަކުން ކަމަށް މުޙަންމަދު އިބްރާހީމް ލުޠުފީ (1991) ބަޔާންކުރައްވާފައި ވެއެވެ. މިސާލު: ‘ދޫ’- އިސްދޫ، ހިތަދޫ، މީދޫއެވެ. މިހެންވުމުން މިރަށްރަށުގައި ފުރަތަމަ ވަޒަންވެރިވި ބަޔަކީވެސް ޑްރެވީޑިޔަނުންކަމުގައި ބެލެވެއެވެ. އެހެނީ އެބަޔަކު އުޅޭތަނަށް ނަންކިޔާނީ އެބައެއްގެ ބަހުންކަމަށް ވާތީއެވެ.
     ދިވެހިބަހުގެ އަސްލުހޯއްދެވުމަށް ދިރާސާކުރެއްވެވި އެއް ބޭފުޅަކީ އެމް. ޑަބްލިޔު. ސުގަތަޕާލާ ޑިސިލްވާއެވެ. އޭނާގެ ދިރާސާއަށްފަހު ޑިސިލްވަ (1992) ޢާންމުކުރެއްވެވި ރިޕޯޓުގައި ވަނީ ދިވެހިބަހުގެ އޮނިގަނޑުގައި ޑްރެވީޑިޔަންބަހުގެ އަސަރުތައް އެކުލެވިގެންވާ ކަމަށެވެ. މިގޮތުން ދިވެހި ބަހުގައި އަމުރެއްކަން އަންގައި ދިނުމަށް ބެނުން ކުރެވޭ "ތި" (ނުކަނޑާތި!) އަކީ ޑްރެވީޑިއަން ބަހުން އައިސްފައިވާ އަކުރެއްކަމަށް ހެއްކާއެކު ޑިސިލްވަ ބަޔާންކުރައްވާފައި ވެއެވެ. މީގެ އިތުރުން ދިވެހި ބަހުގައި ބޭނުން ކުރެވޭ "އަށް" އާއި "ކަށް" މި ދެހަމައަކީ ޑްރިވީޑިއަން ބަސްތަކުން އައިސްފައިވާ ދެހަމައެއް ކަމަށް ޑިސިލްވަ ހާމަކޮށްދެއްވާފައި ވެއެވެ. އަދިވެސް ޑިސިލްވަ (1992) ބަޔާންކުރައްވާފައިވާ ގޮތުގައި ދިވެހި ބަހުގެ މިކަހަލަ ހަމަތަކަކީ ބަހުގެ މުގުލާ ގުޅިފައިވާ ކަންތައްތަކެކެވެ. މިސަބަބަށްޓަކައި ދިވެހިންގެ ބަސްމޮށުމުގަ އާއި ލިޔެކިޔުމުގައި އިންޑަސްގެ އަހުލުވެރިންކަމުގައިވާ ޑްރެވީޑިޔަނުންގެ ބަހާއި ގުޅުންތަކެއް ވާކަމަށް ބެލެވެއެވެ.
ދިވެހިންގެ ދީނާއި ތާރީޚީ ތަކެތި
     ދިވެހިންގެ އަޞްލާއި ދީންތައް ހޯދުމަށް އެކިދުވަސްވަރުމަތިން ރާއްޖޭގެ އެކި ރަށްރަށުގައިވާ އުސް ފަސްގަޑުތަކާއި ގައުފުނިތައް ކޮނެވިފައިވެއެވެ. މިކުރެވުނު މަސައްކަތުން ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރިން އަޅުކަންކުރީ ބާރުގަދަ ތަކެއްޗަށްކަން އެނގިފައިވާ ކަމަށް ނަސީމާ މުޙަންމަދު (2004) އާއި މުޙަންމަދު އިބްރާހީމް ލުޠުފީ (1983) ހާމަކުރައްވާފައި ވެއެވެ. މިގޮތުން ތަރި ، އިރު ، ހަނދު، އަލިފާން އަދި ފިރިހެންހަށިފަދަ ތަކެއްޗަށް އަޅުކަންކޮށްފައިވާ ކަމުގެ ހެކި ފެނިފައިވެއެވެ. އަދި މިހެކިތަކުގެ އަލީގައި ރާއްޖޭގައި ހިންދުއިޒަމާއި ބުޑިޒަމްވެސް އޮތްކަން އެނގޭކަމަށް މުހަންމަދު އިބްރާހީމް ލުޠުފީ (1983) ބަޔާންކުރައްވާފައި ވެއެވެ. ރާއްޖޭގައި އަޅުކަން ކުރުމަށް ބޭނުން ކޮށްފައިވާ ތަކެއްޗާއި ވައްތަރު ނުވަތަ އެބާވަތުގެތަކެތި އިންޑަސްގެރަށްތައް ކޮނުމުގެތެރޭގައި ފެނިފައިވާކަމަށް ހަޔަރދާލް (1986) ކަށަވަރުކުރައްވާފައި ވެއެވެ. ވީމާ އިހުގެ ދިވެހިންގެ ޤަބޫލުކުރުންތަކާއި އަޅުކަންކޮށްފައިވާ ތަކެއްޗަށް ބަލާއިރު ދިވެހިންނާއި އިންޑަސްމީހުންގެ މިކަންކަންކޮށްފައިވަނީ އެއްގޮތަށް ކަމަށްވުމުން މިއީ އިންޑަސްއާއި ދިވެހިންގެ މެދުގައިވާ ގުޅުމެއް ކަމަށް ބެލެވިދާނެއެވެ.
     ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ އިންޑަސްވާދީގެ އަހުލުވެރިންނެވެ. އެހެނީ ނަސީމާ މުހަންމަދު (2000) ބަޔާންކުރައްވާގޮތުގައި ރެދިންނަކީ ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނެވެ. އަދި މިރެދިންނަކީ އިރަށް އަޅުކަންކުރި ބައެއް ކަމަށާއި މިމީހުން ދިރިއުޅުނު އެއްރަށަކީ ގދ. ކޮނޑޭކަމަށް މުޙަންމަދު އިބްރާހީމް ލުޠުފީ (1983) ޚިޔާލު ފައުޅު ކުރައްވާފައި ވެއެވެ. އެއީ ކޮނޑޭއިން ފެނުނު، ހިރިގަލުން ހަދާފައިވާ ކޮތަރަކީ ހިންދުއިޒަމާއި ބުޑިޒަމުގައި ޚިޔާލީ ކަލާނގެއެއް ކަމުގައި ބެލެވޭ "މަކަރަ" ސިފަކުރާ ކަލާނގެއެއް ކަމުގައިވުމާއި، ހުވަދޫ އަތޮޅު ގަމުން ޑރ. ތޯހައިދާލަށް ފެނުނު އާޘާރީ ތަންތަނުގެ ތެރޭގައި އިރުގެ ކަލާނގެއަށް އަޅުކަން ކުރުމުގެ ފައްޅިއެއްގެ ބިނާތަކާއި އެ މަޛްހަބުގެ ނިޝާންތައް ފެނިފައިވާތީއެވެ. މިބާވަތުގެ ބުދު މިހާރުވެސް ހިންދީންގެ ފައްޅިތަކުގައި ހުންނަކަމަށާއި ނޭޕާލުން މަކަރަ ބުދެއް ދުށްކަމަށް ހަޔަރދާލް (1986) ހާމަކުރައްވާފައި ވެއެވެ. މީގެ އިތުރުން ފ. ނިލާންދޫ ފޯއްމައްޗަކީ ފިރިހެން ހައްޓަށް އަޅުކަންކުރި ބައެއްގެ ކަލާނގެއެއް ހުރި ތަނެއްކަމަށާއި މިތަނުގައި ހިންދުއިޒަމަށް އަޅުކަންކުރި ބައެއްތަކެތި ވަޅުލާފައި ހުއްޓާފެނިފައިވާކަމަށް މުޙަންމަދު އިބްރާޙިމް ލުތުފީ (1983) ކަށަވަރުކޮށްދެއްވާފައި ވެއެވެ. މިހެކިތަކުގެ އަލީގައި ރާއްޖޭގައި ފުރަތަމަ އޮތީ ހިންދުއިޒަމް ނުވަތަ ތަފާތުކަލާނގެތަކަށް އަޅުކަންކުރާ ދީނެއް ކަމަށް ބެލެވެއެވެ. އަދި ހިންދުއިޒަމްގެ މޫތައް ގުޅިލާމެހިފައިވަނީ އިންޑަސްގެ ރަށްވެހިކަމާ ކަމަށް ހަޔަރދާލް (1986) ލިޔުއްވަވާފައިވެއެވެ. ވީމާ ދިވެހިރާއްޖޭގައި އިހުގައި އަޅުކަންކޮށްއުޅުނީ އިންޑަސްމީހުން އަޅުކަންކުރި ތަކެއްޗަށެވެ. އެހެންވީމާ ރާއްޖޭގެ ވަޒަންވެރިންނަކީ އިންޑަސްގެ އަހުލުވެރިންނަށް ވުމަކީ ވެދާނެ ކަމެކެވެ.
     ވަޖުރަޔާނާ ބުޑިޒަމަކީ ރާއްޖޭގައިއޮތް ދީންތަކުގެރެއިން ފާހަގަކޮށްލެވޭ ދީނީ މަޒުހަބެކެވެ. މިމަޒުހަބަކީ ބަންގާޅާއި އޮރިއްސާއި އިރުމަތީ އިންޑިޔާގައި އޮތް މަޒުހަބެއް ކަމަށް ނަސީމާ މުޙަންމަދު (1998) ހާމަކުރައްވާފައި ވެއެވެ. ވީމާ މިމަޒުހަބު ރާއްޖެއަށް އައިސްފައިވާނީ އިންޑިޔާއިން ކަމަށް ނަސީމާ މުޙަންމަދު (1998) ލިޔުއްވާފައިވެއެވެ. ކޮންމެއަކަސް މިމަޒުހަބުގެ އާޘާރީ ތަކެތީގެ ތެރޭގައި ހިމެނޭ ބުދު، ކުރަނޑި، އިސްތޫޕާ ކަހަލަ ތަކެތި މެދުރާއްޖެތެރެއިން ފެނިފައިވެއެވެ. މީގެ އިތުރުން ހިންދޫ ދީނުގެ އާދަކާދަތައްވެސް ދިވެހިންގެ ތެރޭގައި އެބަހުއްޓެވެ. މިގޮތުން ޒިޔާރަތްތަކަށް ނަދުރު ބުނުމާއި އޮޑިދޯނިފަހަރު ބާލާއިރު ކާށި ޖެހުމާއި ފަންވަތް ލިޔުންފަދަ ކަންކަމަކީ ހިންދޫ ދީނުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށް އަޙުމަދު ޝަފީޤް (2000) ލިޔުއްވާފައި ވެއެވެ. ރާއްޖެގައި މިކަންކަން ފުޅާދާއިރާއެއްގައި ކުރަމުން ގޮސްފައިވާތީ، ޤަބޫލު ކުރެވެނީ އިންޑިޔާގައި މިދީން އޮތް ކޮންމެވެސް ސަރަޙައްދެއްގެ ބަޔަކު މިދީން އޮތް ދުވަސްވަރު ރާއްޖެއަށް ހިޖުރަކޮށްފައިވާ ކަމަށެވެ. އަދި މިދީނުގެ މޫތައް ގުޅިފައިވާނީ އިންޑަސްގެ ރަށްވެހިކަމާކަމަށް ވުމުން އެބަޔަކީ އިންޑަސްއަށް ނިސްބަތްވާ ބަޔަކަށްވާނެ ކަމަށް ބެލެވެއެވެ.
     ދިވެހިންގެ ތާރީޚުގެ އެންމެދިގު މާޒީއެއް ލިބިގެންވާ އެކައްޗަކީ ދިވެހި ބޮއްޔެވެ. ދިވެހި ބޮއްޔާއި އިންޑަސްއާއޮތް ގުޅުމަށް ބަލައި ހަޔަރދާލް (1986) ލަފާކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ އަހުލުވެރިންނަކީ އިންޑަސްވާދީގެ ރަށްވެހިންނެވެ. އެއީ މިލާދުގެ 1500 އަހަރުކުރިން އިންޑަސްގެ ރަށްވެހިކަން ނިމިގެންދިޔައިރު އެސަރަޙައްދުގެ މީހުން އެހެން ސަރަޙައްދުތަކަށް ދަތުރުކުރުމުގައި ރާއްޖެއަށް އާދެވި މިތަނުގައި ވަޒަންވެރިވުމަކީ ވުންކައިރި ކަމަކަށްވެފައި، ލޯތާލުގެ ބަދަރުން މޯލްޑިވްސް ކައުރީ ބޮލި ފެނިފައިވުމުން އޭރު ރާއްޖެއޮތްކަމާއި ރާއްޖޭގައި ބަޔަކު އުޅުނުކަން ނުވަތަ ރާއްޖެއަށް އިންޑަސްގެ ބަޔަކު އައިސް ގޮސްފައިވާކަމަށް، މިކަމުން ދަލީލުކުރާތީއެވެ. މިގުޅުންތައް މިހެން ހިނގާފައި ވުމުންނާއި ރާއްޖެއޮތީ އިންޑަސްގެ ރަށްވެހިކަމާ ވަރަށް ކައިރި ހިސާބެއްގައި ކަމަށްވުމުން އިންޑަސްގެ ރަށްވެހިން ރާއްޖޭގައި ވަޒަންވެރި ވެފައިވާނެކަމަށް ހީކުރެވޭ ހީކުރުންތަކަށް އިތުރުބާރަކަށް ވެއެވެ. އަހުމަދު ޝަފީޤު (2000) ވެސް ބަޔާންކުރައްވާފައި ވަނީ ރާއްޖޭގައި ވަޒަންވެރިވި ފުރަތަމަ މީހުންނަކީ އަވައްޓެރި އެކި ޤައުމުތަކުން އައި މީހުންނަށް ވުމަކީ ބުއްދީގެ ގޮތުންނާއި ތާރީޚީ ހޯދުންތެރީންގެ ހޯދުންތަކަށް ބަލައި ޤަބޫލު ކުރެވޭ ގޮތެއްކަމަށެވެ. އެހެނީ ރާއްޖެއާއި އެންމެކައިރީގައިވަނީ އިންޑަސްގެ ރަށްވެހިކަމެވެ. އަދި އެޒަމާނުގައި މިސަރަޙައްދުގައި ކުރިއަރާފައިވާ ރަށްވެހިކަމެއް އޮތީވެސް އިންޑަސްގައެވެ. ވީމާ ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވާނެ އެއްބަޔަކީ އިންޑަސް އަހުލުވެރިންނެވެ. އެހެންކަމުން ނަސްލީގުޅުން ދިވެހިންނާއި އިންޑަސްއާއި ދެމެދުގައި ވާކަމަށް ބެލެވެއެވެ.
     އިންޑަސްވާދީއަށް ނިސްބަތްވާ ވަރަށްގިނަ ތަކެއްޗާއި ގުޅުންތައް ރާއްޖެއިންނާއި އިންޑަސްވާދީންވެސް ފެނިފައިވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ އެކައްޗަކީ ކުރިންވެސް ބަޔާންކުރިފަދައިން އިންޑަސްއިން ފެނިފައިވާ ދިވެހި ބޮއްޔެވެ. އިބްރާހީމް ވަޙީދު (1999) ޔަޤީންކުރައްވާގޮތުގައި މިބޮލިރާއްޖެނޫން އެހެންތަނަކުން ލިބޭކަށް ނުހުރެއެވެ. އަދި މިބޮލި ރާއްޖެއިން ލޯތާލަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ގއ. ވާދޫއިންނާއި ގއ. ގަން ކޮނުމުގެ ތެރެއިން ފެނިފައިވާ އެގޭޓް މިނާފުއްތަކަކީ އިންޑަސްގެ ރައްވެހިކަމުގައި ބޭނުންކޮށްފައިވާ ތަކެތިކަމަށާއި އިންޑަސްގެ ލޯތާލް ކޮނުމުގެ ތެރޭގައި އެތަނުގައިވާ ގުދަނަކުން އެކްސްޕޯޓްކުރުމަށް ތައްޔާރުކޮށްފައިވާ މިކަހަލަ މިނާފުއްތަކެއް ފެނިފައިވާކަމަށް ހަޔަރދާލް (1986) ބަޔާންކުރައްވައެވެ. އެހެންކަމުން އިންޑަސްއާއި ރާއްޖެއާ ގާތްގުޅުންތަކެއް ވަރަށް އެވޭލާގައި ހިނގާފައިވާކަން އެނގެއެވެ.
     އުސް ފަސްގަޑުތައް ކޮނުމުގެ މަސައްކަތުގެ ތެރެއިން ތަފާތު ވައްތަރުގެ ބުދުތައް ރާއްޖެއިން ފެނިފައިވެއެވެ. މިގޮތުން ލ.ގަމުން ފެނިފައިވާ ލޯޑު ބުއްދާ ފާޑުގެ ބުދަކީ އިންޑަސްވާދީގައި ބޭނުންކުރެވުނު އެއްޗެއްކަމަށް ބެލެވެއެވެ. އެއީ ހަޔަރދާލް (1986) ބަޔާންކުރައްވާފައިވާ ގޮތުން ރާއްޖެއިން ފެނިފައިވާ ދިގުކަންފަތްލީ ބުދުތަކާއި ކަންފަތު ފޫޅުގަނޑު ބޮޑު ބުދުތަކުގެ ކަންފަތުގައި ލާފައިވާ ބާވަތުގެ މުދިތައް ލޯތާލުން ފެނިފައިވެއެވެ. މީގެ އިތުރުން ރާއްޖޭގައި މިއުޅޭ ބާވަތުގެ ކާޅަކީ އިންޑަސްގައި އުޅުނު އަދި އެމީހުންގެ ދަތުރުފަތުރުގައި މަގު ހޯދުމަށް ބޭނުން ކުރިއެއްޗެއްކަމަށްވެސް ހަޔަރދާލް (1986) ޔަޤީންކުރައްވާފައިވެއެވެ. މިހުރިހާ ކަމަކުންވެސް އެގިގެންދަނީ ރާއްޖެއާއި އިންޑަސްއާ ދެމެދު ގުޅުންތަކެއް ހިގާފައިވާކަމާއި އެގުޅުންތަކުގެ ދޮށީކަމެވެ.
     ރާއްޖޭގައި ބޭނުންކޮށްފައިވާ ބައެއް މުށިކަންވާރަކީވެސް އިންޑަސްގައި ބެނުންކޮށްފައިވާ ޒާތުގެ ތަކެއްޗެވެ. މީގެއިތުރުން އިންޑަސްގައި ހަދާފައިވާ ވެވުތަކާއި ރާއްޖޭގައި ހަދާފައިވާ ވެވުތަކުގައިވެސް އެއްގޮތް ކިތަންމެ ސިފަތަކެއްވާކަމަށް ހަޔަރދާލް (1986) އާއި ނަސީމަ މުޙަންމަދު (1998) ބަޔާންކުރައްވައެވެ. ޚާއްޞަކޮށް ޏ. ފުއްވައްމުލަކުގައިވާ ވެވު ވަރަށް އެއްގޮތްކަމަށް ހަޔަރދާލް (1986) ހާމަކުރައްވައެވެ. އަދި އިންޑަސްގެ އަހުލުވެރިންނަކީ ކަނޑު ދަތުރު ކުރުމުގައި ކުޅަދާނަބަޔަކަށް ވެފައިވާއިރު، އެމީހުން ދުނިޔޭގެ ހުޅަނގަށް ދަތުރުކުރިގޮތަށް އިރުމައްޗަށްވެސް ދަތުރުކޮށްފައިވުމަކީ ވެދާނެކަމެކެވެ. މިދަތުރުތަކުގައި ރާއްޖެއަށް އާދެވިފައި ވާނެކަމަށް ބެލެވެއެވެ. ކޮންމެއަކަސް ރާއްޖެއާއި އިންޑަސްއާއި ދެމެދުގައި ރާއްޖެ އުފެދުނު ހިސާބުންވެސް ގުޅުންތަކެއްވާކަން ފެނިފައިވާ ހެކިތަކުން ޘާބިތުވެއެވެ.
ނިންމުން
     ދިވެހިރާއްޖެއިން ފެނިފައިވާ ތަފާތު އާޘާރުތަކުން ހެކިދޭގޮތުގައި ދިވެހިރާއްޖެއާއި އިންޑަސްވާދީގެ ރަށްވެހިކަމާ ދެމެދުގައި ހަރުދަނާ ގުޅުންތަކެއް އޮތެވެ. މިގޮތުން މީލާދުގެ ކުރީގައި ރާއްޖޭގައި އޮތް ދީންތަކަކީ އިންޑަސްރަށްވެހިކަމުން ރާއްޖެއަށް ގެނެވިފައިވާ ދީންތަކެއް ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ. މީގެއިތުރުން ރާއްޖޭގެ ވަޒަންވެރިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ވަރަށް ގިނަ ކަންތައްތަކުގެ އަސްލުފެށުން ގުޅިފައިވަނީ ކުރިން ދެންނެވި ރަށްވެހިކަމާއިކަމަށް ބެލެވެއެވެ. ދިވެހިންގެ ސިފަޔާއި ސައިންޓިފިކްގޮތުން ދިވެހިންގެ އަޞްލުހޯދުމަށް ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި މިރާއްޖޭގައި އިންޑަސްރަށްވެހިންގެ އަސަރު ވަރަށް ބޮޑަށް އެކުލެވިފައިވެއެވެ. ހަމައެހެންމެ ދިވެހިންގެ ބަސްމޮށުމުގަޔާއި ލިޔެކިޔުމަށް ބޭނުންކުރާ އަކުރުތައްވެސް އިންޑަސްވާދީގެ ރަށްވެހިކަމާ ގުޅިފައިވެއެވެ. މިހުރިހާ ކަމެއްގެ މައްޗަށް ވިސްނާ ބަލައިލުމުންނާއި ރާއްޖެގެ އާޘާރުތަކަށް ބަލައިލުމުން އެނގިގެންދާ ޙަޤީޤަތަކީ ދިވެހިންނާ އެންމެ ބޮޑަށް ގުޅިލާމެހިފައިވާ ރަށްވެހިކަމަކީ އިންޑަސްވާދީގައި އުފެދުނު ރަށްވެހިކަންކަން ކަށަވަރެވެ.


1 comment:

  1. މެދުޒަމާނުގެ ތާރީޚުގެ ތެރެއިން ރާއްޖޭގެ ރަސްރަސްކަލުންނާބެހޭ މައުލޫމާތު ލިއުއްވުން އެދެން މިސާލަކަށް ދެއްވަދޫރަސްގެ ފާނު ކަހަލަ

    ReplyDelete