ކުއްޖާ ދުނިޔެއަށް އުފަންވާއިރުވެސް ބަހުގެ ޤަވާޢިދު ކުއްޖާގެ ކިބައިގައި
އަށަގަނެފައިވެއެވެ.
1. ފެށުން.
ތުއްތުކުއްޖާ ދުނިޔެއަށް އުފަންވާއިރުވެސް
މުޢާމަލާތުކުރުމުގެ ކުޅަދާނަކަން އޭނާއަށް ލިބިފައި ވެއެވެ. އެންމެ ތުއްތު
ޢުމުރުގައި ރޮއިގެން އޭނާގެ ބޭނުންތައް އެހެން މީހުންނަށް އަންގައިދެ އެވެ.
ޢުމުރުން 6މަހުގައި ތަފާތު އަޑުއަޑު ލައްވައިގެން އޭނާގެ ބޭނުންތައް
އެހެންމީހުންނަށް އަންގައިދެ އެވެ. އަދި ޢުމުރުން 3 އަހަރުގައި ފުރިހަމަޔަށް
ވާހަކަ ދައްކަން ފަށައެވެ. މި މަރުޙަލާތަކަކަކީ އެކަމާ ދޭތެރޭ ވިސްނާ ފިކުރުކުރާ މީހަކު
އަޖައިބު ވާވަރުގެ ކަންތައްތަކެއް ކުއްޖާގެ ބަސްމޮށުންތެރިކަމުން ފެންނާނެ
ދުވަސްވަރެކެވެ. ސުވާލަކީ ތުއްތުކުއްޖާ އޭނާގެ މާޙައުލުގެ
ބަސްމޮށުންތެރިކަން މިހާއަވަހަށް ދަސްކުރަނީ ކިހިނެއްބާއެވެ؟ އަދި އެތައްހާސް
ލަފުޒެއްގެ އިތުރުން ބަހުގެ ޤަވާޢިދާއި ލަފްޒު އެތުރޭ ތަރުތީބު ދަސްކުރަނީ
ކިހިނެއްބާއެވެ؟ ފާޑުފާޑުގެ ސުވާލުތައް ތަކުރާރުކޮށް ކުރާން ދަސްކުރަނީ
ކިހިނެއްބާއެވެ؟
މިހެންކަމުން މިކަމާދޭތެރޭ ވިސްނަވާ ލިންގުއިސްޓުން ކުދީން
ބަސްދަސްކުރާގޮތް ދެނެގަތުމުގެ ތަހުލީލުތައް 19ވަނަ ޤަރުނުގައި ކުރާންފެށިއެވެ.
މިމަސައްކަތުގެ ބޭނުމަކީ އިންސާނުންގެ ގައިގައި ބަސްމޮށުންތެރިކަން އަށަގަންނަ
ގޮތްތައް ދެނެގަތުމެވެ. މިމަސައްކަތުން މިޔަދުމިވަނީ ބަސްއަށަގަންނަ ގޮތާމެދު
ތަފާތު ނަޒަރިއްޔާތު ތަކެއް ދުނިޔެއަށް އުފަންވެފައެވެ. މި ދިރާސީ މަޒުމޫނުގައި
ބަޔާންކޮށްފައިވާނީ "ކުއްޖާ ދުނިޔެއަށް އުފަންވާއިރު ބަހުގެ ޤަވާޢިދު
އެކުއްޖެއްގެ ކިބައިގައި އަށަގަނެފައިވާކަމަށް ބުނާ ނަޒަރިއްޔާތަކީ ސައްޙަ
ނަޒަރިއްޔާތެއްކަމެވެ. އަދި އެކަމަށް ހެކިދެއްކިފައިވާނެއެވެ."
2. ތުއްތުކުއްޖާ ފުރިހަމަޔަށް ވާހަކަދެއްކުމަށްޓަކައި
ކަޑައްތުކުރާ މަރުޙަލާތައް:
ލިންގުއިސްޓުން ހާމަކުރައްވާ ގޮތުގައި
ތުއްތު ކުއްޖާގެ ރުއިމަކީ ވާހަކަދެއްކުމުގެ މަރުޙަލާއެއް ނޫނެވެ. ވާހަކަދެއްކުމުގެ
މަރުޙަލާއަކީ އަޑުއަޑު ލައްވަންފަށާ (ބެބްލިން) މަރުހަލާއެވެ. ވިކްޓޯރިއާ
ފްރޮމްކިން، ޑޭވިޑް ބްލެއަރ، ޕީޓަރ ކޮލިންސް (1999)ވެސް ހާމަ ކުރައްވާގޮތުގައި
ކުއްޖާ ދުނިޔެއަށް އުފަންވެ 5 މަސް ހަމަވުމާ ހަމަޔަށް ލައްވާ އަޑުތަކަކީ ބަހުގެ
މަރުހަލާއެއް ނޫނެވެ. އެއީ ނޮން ލިންގުއިސްޓިކް މަރުޙަލާއެވެ. ސަބަބަކީ
އެމަރުޙަލާގައި ކުއްޖާގެ ބޭނުންތައް ފުއްދުމަށް މައިގަނޑު ގޮތެއްގައި ކުރާކަމަކީ
ރުއިންކަމުގައިވުމެވެ. އެހެންކަމުން ކުޑަކުދިން ވާހަކަދައްކަން ދަސްކުރާ
މަރުޙަލާތައް ދެބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ޕްރީ ލިންގުއިސްޓިކް މަރުޙަލާ
އާއި ލިންގުއިސްޓިކް މަރުހަލާ އަށެވެ.
ތުއްތުކުއްޖާ
އޭނާގެ ޢުމުރުން ގާތްގަޑަކަށް 6 މަހުގައި ތަފާތު ގިނަ އަޑުތަކެއް ލައްވައެވެ.
މިމަރުޙަލާއަށް އަޑުލެއްވުމުގެ މަރުޙަލާ ނުވަތަ ބެބްލިންއޭ ކިޔެއެވެ. އަދި
ކުއްޖާގެ އުމުރުން 6 މަހުގައި އާންމުގޮތެއްގައި ތުންފަތުގެ އަޑުވަޅުތައް
ކަމުގައިވާ /ބަ/،/މަ/،/ޕަ/، ފަދަ އަޑުތައް ގިނަ އަދަދަކަށް ލައްވާކަމަށް
އެޑްރިއަން އެކުމަރޖިއަން، ރިޗަޑް އޭ. ޑެމާސް، އޭންކޭ. ފާމަރ، ރޮބަޓް އެމް. ހާނިސް
(2001) ބަޔާން ކުރައްވައެވެ. މިއީ ގުދުރަތީ ގޮތުން ކުއްޖާ އޭނާގެ މާހައުލުގައި
ބޭނުންކުރާ ބަހުގެ އަޑުތައް ދަސްކުރުމުގެ ގޮތުން ލައްވާ އަޑުތަކެއް ކަމުގައި
ބެލެވެއެވެ. މުޙައްމަދު ޝަކީލު (2004) ހާމަކުރައްވާ ގޮތުގައި މިއަޑުތަކަކީ
ބަސްދަސްކުރުމުގެ ގޮތުން ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް ގުދުރަތީގޮތުން
ލައްވަވާފައިވާ ބާރެކެވެ. އަދި މިމަރުހަލާގައި ކުއްޖާ ބޭނުންކުރާ އަޑުތަކާއި
އަޑުވަޅުތަކަކީ ކުއްޖާއަށް ބަސްއަށަގަތުމުގައި މުހިންމު ދައުރެއް
އަދާކުރާކަމެއްކަމަށް ޔުނިސެފް (2001) ހާމަކުރެއެވެ. އެއީ އަޑުވަޅުތަކުގެ އެހީގައި
ކުއްޖާ ވާހަކަދައްކާ މާޙައުލުގެ އަޑުތައް ދެނެގަންނާތީއެވެ. އެއަށްފަހު ކުއްޖާގެ
މާޙައުލުގައި ބޭނުންނުކުރާ އަޑުތައް ދޫކޮށްލަ އެވެ. އަދި ކުއްޖާގެ ގާތުގައި
އުޅޭމީހުން ވާހަކަދައްކާ ބަހުގެ އަޑުތައް ތުއްތުކުއްޖާ ލައްވަން މަސައްކަތް
ކުރެއެވެ.
ޢުމުރުން
12މަސް ނުވަތަ 15 މަސް ވާއިރަށް ބައެއް ލަފުޒުތައް ކުއްޖާ ކިޔާންފަށައެވެ.
މިއުމުރުފުރާއަށް ނުވަތަ މި ދުވަސްވަރަށް އެއްލަފުޒުގެ މަރުޙަލާއޭ ކިޔެއެވެ.
މިމަރުޙަލާގައި ކުއްޖާ އާންމުގޮތެއްގައި ބޭނުންކުރަނީ އޮއްޓަރު ލަފުޒުކަމަށް އާރް.
އޯ. ބްރައުން (1973) ހާމަކުރައްވައެވެ. މިސާލަކަށް މަންމަ، ބަކުން، ކަހަލަ
ލަފުޒުތައް މީގެތެރޭގައި ހިމެނެއެވެ. ޔުމްނާ މައުމޫން (2004) ބަޔާންކުރައްވާ
ގޮތުގައި މިމަރުޙަލާގައި ތުއްތުކުއްޖާއަށް އަމިއްލައަށް ލަފްޒުތައް ކިޔަންނޭންގުނު
ކަމުގައިވިޔަސް ވަރަށް ގިނަ ލަފްޒުތަކުގެ މާނަދޭހަވެ އެވެ. އަދި މިމަރުޙަލާ
ކަޑައްތުކުރާ ތުއްތުކުއްޖެއްގެ ވާހަކަދެއްކުން އަޑުއަހާލުމުން، އެއްލަފުޒުން
އެތައްއެއްޗަކަށް ނުވަތަ އެތައްކަމަކަށް އިޝާރާތްކުރާކަން ފާހަގަކުރެވެ އެވެ.
ގާތްގަޑަކަށް
ޢުމުރުން (1.5)ދޮޅު އަހަރާއި (2)ދެ އަހަރާއި ދެމެދުގެ ކުދީން ވާހަކަދެއްކުމުގައި
އެއްލަފުޒަށް ވުރެން އިތުރަށް ލަފުޒު ބޭނުންކުރެ އެވެ. އާންމު ގޮތެއްގައި
ބޭނުންކުރަނީ ދެލަފުޒު ކަމުގައިވެއެވެ. އެހެންކަމުން މިމަރުޙަލާއަށް ދެލަފުޒުގެ
މަރުޙަލާއޭ ކިޔެއެވެ. އަދި ތުއްތުކުއްޖެއްގެ ސިކުޑީގެ ރަދީފަށް ކޮންމެ ދެގަޑިއިރަކުން
ލަފުޒެއް އިތުރުވާކަމަށް އިލްމުވެރިންގެ ދިރާސާތަކުން ދައްކާކަކަމަށް ވިކްޓޯރިއާ
ފްރޮމްކިން އ.އ.ފ. (1999) ހާމަ ކުރައްވައެވެ. މިމަރުޙަލާގައި ކުއްޖާ ދަސްކުރާ
އެލަފުޒުތަކުގެ ތެރެއިން ކޮންމެވެސް ދެލަފުޒެއް ގުޅުވާލައިގެން ޖުމްލަ
ހަދަންފަށައެވެ. އަދި މިމަރުޙަލާގައި ކުއްޖާ އެއްޗެއްގެ ވެރިފަރާތް ފާހަގަކުރަން،
ތަންފާހަގަކުރަން، ހަރަކާތެއް ނުވަތަ އެއްޗެއްގެ ނަން ތަކުރާރުކޮށް ބޭނުންކުރުން
އަދި އެއްޗެއް ނެތްކަން ދޭހަކޮށްދިނުމަށް ބަސްބޭނުންކުރަން ފަށާކަމަށް (އަހުމަދު
އަލީ ، 2004) ހާމަކުރައްވައެވެ. މިމަރުޙަލާގައި ފާހަގަކުރެވެނީ ދެނަން
ގުޅުވައިގެން ކުއްޖާ ޖުމްލަ ހަދާކަމެވެ. މިސާލަކަށް "މަންމަ ބޫޓޫ"
މިކަހަލަ ޖުމްލަތަކެވެ. މިނޫން ގޮތްގޮތަށްވެސް ޖުމްލަ ހަދާކަމަށް ޔުމްނާ މައުމޫން
(2004) ޔަޤީންކުރައްވައެވެ. މިސާލަކަށް "ބަކުންކާން" "ނާނާކިޔަން"
ކަހަލަ ޖުމްލަތަކެވެ. މިޖުމްލަތަކުން ފާހަގަ ކުރެވޭ އެއްކަމަކީ ނަން އެކަހެރިކޮށް
ގިނަކޮށް ނުހަދާކަމެވެ. މިހެންވުމުން މިއުމުރުގައިވެސް ޖުމްލަތައް ހެދުމުގައި
އަމިއްލަ ޤަވާއިދެއް ކުއްޖާ ބޭނުންކުރާ ކަމަށް ބެލެވެއެވެ.
ކުއްޖާގެ
ޢުމުރުން 2 އަހަރު ހަމަވާއިރު ނުވަތަ 3 އަހަރު ފުރޭއިރު ކުއްޖާ 3ލަފުޒު ނުވަތަ
އެއަށްވުރން ގިނަ ލަފުޒު ބޭނުންކޮށްގެން ފުރިހަމަ ޖުމްލަ ހަދަންފަށައެވެ.
އެހެންކަމުން މިމަރުޙަލާއަށް 3 ލަފުޒަށްވުރެ ގިނަލަފުޒުގެ މަރުޙަލާއޭ ކިޔެއެވެ.
ޔުމްނާ މަޢުމޫން (2004) ބާޔާންކުރައްވާ ގޮތުގައި މިމަރުޙަލާގައި ކުއްޖާ ހަދަމުންދާ
ޖުމްލަތަކުގެ ބަސްތައް އެތުރިފައިހުންނަނީ ޖުމްލައެއްގައި ބަސްތައް ހުންނަ
ގޮތަށެވެ. ނަމަވެސް މިމަރުޙަލާގައި ކުއްޖާ ބޭނުންކުރާ ޖުމްލައަކީ މުޅިން ފުރިހަމަ
ޖުމްލައެއްނޫނެވެ. މިޖުމްލަތައް ފުރިހަމަ ޖުމްލަތަކަކަށް ނުވަނީ އެމަރުޙަލާގައި
ކުއްޖާ ޖުމްލަ ހަދާން ފަށާތީކަމުގައި ވުމަކީ އެކަށީގެންވާކަމެކެވެ. މިކަމަށް
އިޝާރާތްކުރައްވާ އިބްނު ޚަލްދޫނަށް ހަވާލެއްވައި އިބްރާހީމް ރަޝީދު މޫސާ (1989)
ހާމަކުރައްވާ ގޮތުގައި މިމަރުޙަލާގައި ކުޑަކުދިން ބޮޑެތިމީހުން ދައްކާވާހަކަތައް
ތަކުރާރުކޮށް، އަޑުއަހާ އެއަޑުތައް ތަކުރާރުކޮށް ކިޔުމުގެ ސަބަބުން ކުއްޖާއަށް
ބޮޑެތިމީހުންގެ ބަސް ނަގުލުވާން ފަށައެވެ. މިމަރުޙަލާއަށްފަހު ޢުމުރުން 3 އަހރު
ނުވަތަ 4 އަހަރުގައި ކުއްޖާއަށް ފުރިހަމަޔަށް ވާހަކަދައްކަން އެގޭކަމަށް
ލިނގުއިސްޓުން ހާމަކުރައްވައެވެ.
ތުއްތުކުއްޖާ
ދުނިޔެއަށް އުފަންވާތާ 3 އަހުރު ނުވަތަ 4 އަހަރުތެރޭގައި ކުއްޖާ ފުރިހަމަޔަށް
ވާހަކަދައްކަން ދަސްކުރެއެވެ. މިކުދީން (ތުއްތުކުދީން) ވާހަކަދައްކަންދަސްކުރަނީ
މީހެއްގެ ކައިރިއަކުން ނޫނެވެ. އެހެނެއްކަމަކު ކުއްޖާ ދުނިޔެއަށް އުފަންވާއިރުވެސް
ކުއްޖާގެ ކިބައިގައި ވާހަކަދެއްކުމުގެ ނުވަތަ ބަސްދަސްކުރުމުގެ ޤާބިލްކަން ވެއެވެ.
އަދި ބަސް ދަސްކުރުމުގެ ޝަޢުޤުވެރިކަންވެސް ހުރެއެވެ.
3. ތުއްތުކުދިން ވާހަކަދައްކަން ދަސްކުރާ ގޮތްކަމަށް ބުނާ
ބައެއް ތިއަރީތައް:
ތުއްތުކުއްޖާ ބަސްދަސްކުރާ ގޮތްކަމަށްބުނެ
ލިންގުއިސްޓުން ތަފާތު ތިއަރީތަކެއް ހުށައަޅުއްވާފައި ވެއެވެ. މީގެ ތެރޭގައި
ބަސްދަސްކުރަނީ ކޮޕީކޮށްގެން ކަމަށްބުނާ ތިއަރީއަކާއި ބަސްދަސްކުރަނީ
ތަރުހީބުދީގެން ކަމަށްބުނާ ތިއަކާއި ބަސްދަސްކުރަނީ ތަކުރާރުކޮށްގެން ކަމަށްބުނާ
ތިއަރީއަކާއި ބަހާއި ބަހުގެ ޤަވާޢިދު ދަސްވަނީ ޠަބީޢީގޮތުން ކަމަށްބުނާ
ތިއަރީއެއްވެއެވެ. މިކޮންމެ ތިއަރީއަކީވެސް ރަގަޅު ތިއަރީއެއްކަން
ސާބިތުކޮށްދިނުމަށް މިތިއަރީތައް ޤަބޫލްކުރައްވާ ބޭފުޅުން ހެކިދައްކަވާފައިވެއެވެ.
ބަސްދަސްކުރަނީ ކޮޕީކޮށްގެންކަމަށް ބައެއް ލިންގުއިސްޓުން ހާމަކުރައްވައެވެ.
މިބޭފުޅުން ހާމަކުރައްވާގޮތުގައި ކުއްޖާ ވާހަކަދައްކަން ދަސްކުރަނީ އެކުދީންނަށް
އިވޭއަޑުތަކާއި ލަފްޒުތަކާއި ޖުމްލަތައް ދަސްކޮށް އެލަފްޒުތަކާއި ޖުމްލަތައް
ތަކުރާރުކޮށްގެންނެވެ. ނަމަވެސް (ރަޒޫގެ ވާހަކަދެއްކުން) އަޑުއަހާލުމުން
އެނގިގެންދަނީ ކުއްޖާވާހަކަ ދައްކަނީ އިވޭ ޖުމްލަތައް ތަކުރާރުކޮށްގެން
ނޫންކަމެވެ. އޭގެބަދަލުގައި އޭނައަށް ކުރިން އަޑުއިވިފައިނުވާ އައު ޖުމްލަތަކެއް
އޭނާ އަމިއްލައަށް އުފައްދައިގެން ވާހަކަދައްކާކަން ފާހަގަކުރެވެއެވެ.
އެހެންކަމުން މިތިއަރީއަކީ އަދިއެންމެ ފުރިހަމަ ތިއަރީއެއްނޫންކަން ސާބިތުވެއެވެ.
ވާހަކަދައްކަން ދަސްކުރާ ގޮތްކަމަށް ބައެއް ލިންގުއިސްޓުން ހާމަކުރައްވާ
އަނެއްތިއަރީއަކީ ބަސްދަސްވަނީ ތަރުހީބުދިނުމުންކަމަށް ބުނާ ތިއަރީއެވެ. މި
ތިއަރީއާ އެއްކޮޅަށް ވަކާލާތު ކުރައްވާ ލިންގުއިސްޓުން ހާމަކުރައްވާ ގޮތުގައި
ބަސްދަސްކުރަނީ ކުޑަކުއްޖާއަށް ކުށްގޮތަށް އެއްޗެއް ބުނެވުމުން ބޮޑެތިމީހުން
އެބުނުން ރަގަޅުކޮށްދީގެންކަމަށެވެ. އާރު. އޯ. ބްރައުން (1973) އޭނާ ކުރެއްވި
ތަހުލީލުތަކަށް ހަވާލާދެއްވައި ހާމަކުރައްވާ ގޮތުގައި ކުދީން ބަސްދަސްކުރަނީ
ނުބައިކޮށް ބޭނުންކުރާ ޖުމްލަތައް ނުވަތަ ލަފުޒުތައް އެކުދިންގެ ބެލެނިވެރިން
ރަގަޅުކޮށްދީ ކިޔައިދީގެންކަމަށް ސާބިތުވެއެވެ. ނަމަވެސް އެއްއުމުރުގެ ތިންކުދިން
(ރަޒޫ، ރިފާޒް، ޖަނާ) ގެ ވާހަކަދެއްކުމަށް ބަލާއިރު މިކަން ސާބިތެއްނުކުރެވެއެވެ.
ސަބަބަކީ އެކުދިން ވާހަކަދެއްކުމުގައި ކުށްގޮތްތައް ބޭނުންކޮށްފައިވަނީ ވަރަށް
މަދުންކަމަށް ވުމާއި، ކުށްގޮތެއް ބޭނުންކުރިނަމަވެސް ބެލެނިވެރިޔާ އެކުށް
އިސްލާޙުކޮށްދީފައި ނުވާތީއެވެ. ހަމައެހެންމެ އެކުދިން ބޭނުންކުރި ކުށްގޮތްތައް
ރަގަޅުކޮށްދީފައި ނުވިނަމަވެސް އެކުދިން ވާހަކަދައްކަނީ ބަހުގެ ހަމަތަކާ
އެއްގޮތަށްކަން ފާހަގަކުރެވެއެވެ. އެހެންކަމުން ޤަބޫލްކުރެވެނީ ކުއްޖާ
ބަސްދަސްކުރަނީ ހަމައެކަނި ތަރުހީބުދިނުމުން ނޫންކަމެވެ.
ބައެއް
ލިންގުއިސްޓުން ހާމަކުރައްވާގޮތުގައި ބަސްދަސްކުރަނީ އުޅޭ މާހައުލުންނެވެ. ނުވަތަ
ތަކުރާރު ކުރުމުންނެވެ. މިތިޔަރީއަށް ތާއީދުކުރައްވާ އެޑްވާޑް ފެނަގަން (1989)
ހާމަކުރައްވާގޮތުގައި ކުއްޖާ ދުނިޔެއަށް އުފަންވަނީ އެއްވެސް އެއްޗެއް ނޭންގި
ސާފުތާހިރު ކަންމަތީގައެވެ. އަދި ކުދިންގެ ކިބައިގައި ބަސްމޮށުންތެރިކަން
އަށަގަންނަނީ އެކުދިން އުޅެބޮޑުވާ މާހައުލުންނެވެ. އަދި ބީ. އެފް. ސްކިނަރ (1975)
ހާމަކުރައްވާ ގޮތުގައި ބަސްއަށަގަންނަނީ ކުދިން އުޅޭމާހައުލުގައި ބަސްތައް
ތަކުރާރުކުރުމާ ގުޅިގެންނެވެ. ނަމަވެސް ބަސްއަށަގަންނަގޮތް ހޯދުމަށްޓަކައި
ކުރެވިފައިވާ ދިރާސާތަކުން ހާމަވާގޮތުގައި އިންސާނުންދިރިއުޅޭ މާޙައުލާވަކިން
އެކަހެރިތަނެއްގައި ކުއްޖާ ގެންގުޅުނު ކަމަކުގައިވިއަސް ކުއްޖާއަށް ވާހަކަ
ދައްކަން އެގެއެވެ. ތަފާތަކީ އެންމެ ފުރިހަމަޔަށް ވާހަކަދައްކަން ނޭނގުމެވެ.
މަތީގައި
ބަޔާންކުރެވުނު ތިއަރީތަކަކީ އެންމެ ފުރިހަމަ ތިއަރީތަކެއް ކަމަކަށް ޤަބޫލެއް
ނުކުރެވެއެވެ. ސަބަބަބީ އެތިއަރީތަކުން ޖަވާބުނުދެވޭ ކިތަންމެ ސުވާލެއްހުރުމެވެ.
މިސާލަކަށް ތުއްތުކުއްޖާ ބަހުގެ ޤަވާއިދު ދަސްކުރަނީ މީހަކު ބުނެދީގެނެއް ނޫނެވެ.
އެހެންވީއިރު އެޤަވާއިދު ދަސްކުރަނީކިހިނެއް؟ އަދި ވާހަކަދައްކަން ދަސްކޮށްދޭކަށް
އެއްވެސް ބޭފުޅަކު އެބޭފުޅެއްގެ ދަރިފުޅު ސުކޫލަކަށް ނުވަތަ ޓިއުޝަނަކަށް
ނުފޮނުވައެވެ. އަދި ކީއްކުރަންތޯ ގޭގައިވެސް މަސައްކަތެއް ނުކުރައްވައެވެ. ވީއިރު
ތުއްތުކުއްޖާ ވާހަކަދައްކަން ދަސްކުރަނީ ކިހިނެތްތޯ؟ މިފަދަ ސުވާލުތަކެވެ.
މިސުވާލުތަކުގެ ޖަވާބުގައި ނޯމް ޗޮމްސްކީ (1959) ބަޔާންކުރައްވާ ގޮތުގައި ބަހަކީ
ކޮންޑިޝަން ކޮށްގެން ދަސްކޮށްދޭ އެއްޗެއްނޫނެވެ. އެމަނިކުފާނު
ހާމަކުރައްވާގޮތުގައި ކުއްޖާ ދުނިޔެއަށް އުފަންވަނީ ބަސްދަސްކުރުމުގެ
ބާރާއެކުގައެވެ. ސިކުނޑީގައިވާ ބަސްދަސްކުރުމުގެ ބާރުގެ އެހީގައި
ކުއްޖާއަމިއްލަޔަށް ޖުމްލަތައް އުފައްދައެވެ. (ރަޒޫ، ރިފާޒް، ޖަނާ)ގެ
ވާހަކަދެއްކުން އަޑުއަހާލުމުން މިބުނުމަކީ ސައްޙަބުނުމެއްކަން ސާބިތުވެއެވެ.
ސަބަބަކީ މިކުދިންވާހަކަދައްކާފައިވަނީ މީހަކު ބުނީތީ ބުނިގޮތަކަށް ނޫނެވެ. އޭގެބަދަލުގައި
ވަގުތާއި ޙާލަތާގުޅޭގޮތަށް ޖުމްލަހަދައި ބޭނުންކޮށްފައި ވެއެވެ. އެހެންކަމުން
ޗޮމްސްކީގެ
ތިއަރީ އާއި ދިރާސާގައި ބައިވެރިވި ކުދީންގެ ވާހަކަދެއްކުމާއި އަޅާކިޔާލުން
މުހިންމެވެ. އެތިއަރީއަކީ
ބަސްދަސްކުރަނީ
ޠަބީޢީގޮތުން ކަމަށް ބުނާ ތިއަރީއެވެ.
4. ބަސްމޮށުންތެރިކަމާއި ބަހުގެ ޤަވާޢިދު އިންސާނާ ދުނިޔެއަށް
އުފަންވާއިރު އަށަގަނެފައިވޭބާ؟
ތިރީގައި
އެވަނީ އެއް އުމުރެއްގެ 3 ކުދީން 1 މިނިޓްވަންދެން ދައްކާފައިވާ ވާހަކަ
ކޮޅުތަކެކެވެ.
ރަޒޫ (3
އަހަރުގެ ކުއްޖެއް) އޭނާގެ ދައްތަ (ޝިފޫ 26އ.)އާއި ދައްކާފައިވާ ވާހަކަކޮޅެއް.
ރަޒޫ: ދެން...
އިސްކޫލް ނޫންގަޑި ޖެހުނީމާ ދަނީގެއަށް.
ޝިފޫ: ސްކޫލްގަ
ކޮންކަންތައްތަކެއް ކުރަނީ؟
ރަޒޫ: އިސްކޫލްގަ
ކިޔަވާފަ، ކުޅެލާފަ، ގެއަށްދާގަޑި ޖެހުނީމަ އަންނަނީ.
ޝިފޫ:
ވާހަކައެއް ކިޔައެއްނުދޭތަ؟
ރަޒޫ: ލަވަ
ކިޔާދިނީ.
ޝިފޫ:
ރަޒޫއްކޮޔަށް ނޭންގޭތަ ވާހަކަ ކިޔާދޭކަށް؟
ރަޒޫ: ހޫމް.
ލަވައެއްކިޔާ ދޭނީ.
ޝިފޫ: އަޅެ
ކިޔާދީބަލަ ލަވައެއް.
ރަޒޫ: ކުދިކުދި
ތަރިތައް ފިޔަޖަހަނީ
ކުދިކުދި
ތަރިތައް ފިޔަޖަހަނީ
އަހަރެން
ކިހިނެތް ހަދާނީ
މާމަތީ
އުޑުގާތިބެގެން
ވިދަނީ
ވިދަނީއެ އަލިގަދަކޮށް އެނިމުނީ.
ޝިފޫ: ރަޒޫ
އެންމެ އުފާވިދުވަސް ބުނެދީބަލަ.
ރަޒޫ: ބައްޕަ
އައީމާ.
ޝިފޫ: އެއީ
ކީއްވެ؟
ރަޒޫ:
އަނެތް.... ފުރީމާ. އަދި ފުރައިގެންގޮސް ރަޒޫއަކަށްނޭންގެ ބައްޕަހުރިތަނެއް؟
ތިރީގައި
އެވަނީ "ރަޒޫ" ވާހަކަ ދެއްކުމުގައި ބޭނުންކޮށް ފައިވާ ލަފުޒުތަކުގެ
ތެރެއިން ބައެއް ލަފުޒުތައް
ދިވެހިބަހުގެ ޤަވާޢިދުގެ ބައިގައިހިމެނޭ މުހިންމުބައިތަކަށް ބަހާލާފައި:
ޚާއްސަނަން
|
ޢާންމުނަން
|
ބަދަލުނަން
|
ނަންއިތުރު
|
ކަންއިތުރު
|
އަކުރު
|
އުޑު
|
ސްކޫލް
|
އަހަރެން
|
މާމަތީ
|
އަދި
|
|
ރަޒޫ
|
ލަވަ
|
ބައްޕަ
|
ކުދިކުދި
|
ގައި
|
|
ތަރިތައް
|
މައި
|
||||
ފައި
|
ރިފާޒް (3
އަހަރުގެ ފިރިހެން ކުއްޖެއް) ރިފާޒުގެ ބޭބޭ އަތީފް 16އ.ގެ އަތުމުށަށްލައި ރެކޯޑަށް
ޖައްސައިގެން އިން ފޯނުފެނުމުން ދައްކާފައިވާ ވާހަކަކޮޅެއް:
ރިފާޒް: ކޯޗެއް ތީ؟
އަތީބޭ
ކޯޗެއްތަ ތީ؟
މީ ކޯޗެއް؟
(ފޯނަށް އިޝާރާތްކުރަމުން)
ދެންއަތީބޭ
ބުނެބަލަ.
އަތީފް: ކޯޗެއް މީ؟
ރިފާޒް: ނޭނގޭ.
އަތީފް: ބަލާލަބަލަ.
(ކުޑަކުޑަކޮށްދައްކާލާފައި)
ރިފާޒް: އަނގޮޓިއެއް.
(އަތީފް އިނގިލީގައި އޮތް އަނގޮޓީއެއް ފެނުމުން)
ދީބަލަ
އަނގޮޓި އަޅާލަން.
މި މަށަކަށް
ނޭނގޭ.
އަނގޮޓިމީ؟
ބުނެބަލަ؟
އަތީފް: ފޯނެއް؟ (ސިއްރުސިއްރުން)
ރިފާޒް: ދެން މަށަކަށް
ނޭންގެ. ބުނެބަލަ؟
އަތީފް: ތީ ފޯނެއް.
ރިފާޒް: އާ. އާ.
މީކޯޗެއް؟ (ބޮޑާ ހާކާލާފައި)
އަތީފް: ކޯޗެއް؟
ރިފާޒް: ނޭނގޭ
މީކޯޗެއްކަމެއް.
މި
އެކިކުލަކުލަ އަރަނީ. ނޭނގޭ މީކޯޗެއްކަމެއް؟
މީ ކޯޗެއް؟
ދެން މީ ކޯޗެއް؟
ބުނެބަލަ މީ
ކޯޗެއްތަ؟ (ހިތްހަމަނުޖެހިފައިހުރެ)
އަތީފް: ބޮއްކެއް؟
ރިފާޒް: ބޮއްކެއް.
ބޮއްކެއް.
ތިރީގައި
އެވަނީ "ރިފާޒް" ވާހަކަ ދެއްކުމުގައި ބޭނުންކޮށް ފައިވާ ލަފުޒުތަކުގެ
ތެރެއިން ބައެއް
ލަފުޒުތައް ދިވެހިބަހުގެ ޤަވާޢިދުގެ ބައިގައިހިމެނޭ މުހިންމުބައިތަކަށް
ބަހާލާފައި:
ޚާއްސަނަން
|
ޢާންމުނަން
|
ބަދަލުނަން
|
ނަންއިތުރު
|
ކަންއިތުރު
|
އަކުރު
|
އަތީބެ
|
އަނގޮޓި
|
މަ
|
އެކިކުލަކުލަ
|
އެކިކުލަކުލައަރަނީ
|
މީ
|
ފޯނެއް
|
ދެން
|
||||
ބޮއްކެއް
|
ތީ
|
||||
ރިފާޒް
ދައްކާފައިވާ ވާހަކަތަކަށްބަލާއިރު 2 ޖުމްލަނޫނީ މުޅިންވެސް ހުރީ ސާދާ ޖުމްލަކަން
ފާހަގަކުރެވެއެވެ. އަދި ދައްކާފައިވާ ވާހަކަތަކުގައި މުޅިންވެސް
ބޭނުންކޮށްފައިވަނީ ވޭވޭހުރިކަންމުގެ ޒަމާން އަންގައިދޭ ޖުމްލަތަކެވެ.
ޖަނާ (2އަހަރާ
8މަހުގެ ކުއްޖެއް) ފޯނުކޮށްގެން އޭނާގެ ދެބެންގެދެދަރި އެއުމުރުގެ ކުއްޖަކާ
ދައްކާފައިވާ ވާހަކަކޮޅެއް.
ޖަނާ: ކާކުތީ؟
(ފޯނުކޮށްލުމަށްފަހު)
ކާކުތަ؟
ދާތު
މަންމަތަ؟
ދައްތަ ތަ؟
ދާތު ކޮބާ؟
އިނާއްތަ.
ހޫމ.. އިސްކޫލަށްދިޔައީ އޭނާ؟ (ސުވާލުކުރާ ރާގުގަ)
ކިހާއިރަކުން
އަންނާނީ؟
އަހަރުން
ދާނަން އިނގޭ. (މާލެ އަންނާނެ ވާހަކަ)
ކާރަށް
އަރައިގެން، ދޯންޏަށް އަރައިގެން، އިސްކޫލަށް ދެވޭނީ ދޯ. (ވިލިގިލިން މާލޭ
ސްކޫލަކަށްދާ ވާހަކަ ބުނިގޮތް)
ތިރީގައި
އެވަނީ "ޖަނާ" ވާހަކަ ދެއްކުމުގައި ބޭނުންކޮށް ފައިވާ ލަފުޒުތަކުގެ
ތެރެއިން ބައެއް
ލަފުޒުތައް ދިވެހިބަހުގެ ޤަވާޢިދުގެ ބައިގައިހިމެނޭ މުހިންމުބައިތަކަށް
ބަހާލާފައި:
ޚާއްސަނަން
|
ޢާންމުނަން
|
ބަދަލުނަން
|
ނަންއިތުރު
|
ކަންއިތުރު
|
އަކުރު
|
ދާތު
|
ސްކޫލް
|
މަންމަ
|
ދާތުމަންމަ
|
ތަ
|
|
ކާރު
|
އަހަރުން
|
ކޮބާ
|
|||
ދޯނި
|
ދައްތަ
|
ގެން
|
|||
އޭނާ
|
އަށް
|
ދުނިޔޭގެ ކޮންމެ ތަނަކަށް އުފަންވާ
ކުއްޖާވެސް އުފަންވަނީ ބަހުގެ ޤަވާޢިދާއި އެކުގަކަމުގައި މިހާރުގެ ލިންގުއިސްޓުން
ހާމަކުރައްވައެވެ. މިކަމަށް އިޝާރާތް ކުރައްވާ ނޯމް ޗޮމްސްކީ (1968)
ހާމަކުރައްވާފައިވާގޮތުގައި "ދުނިޔޭގެ ކޮންމެތަކަށް އުފަންވި ކަމުގައިވިއަސް،
ތުއްތުކުއްޖާ ދުނިޔެއަށް އުފަންވާއިރު ބަހުގެ ޤަވާޢިދު އެކުއްޖެއްގެ ކިބައިގައި
އަށަގަނެފައި ވާނެއެވެ". މަތީގައިއެވަނީ ރަޒޫ، ރިފާޒް، އަދި ޖަނާ
ދައްކާފައިވާ ވާހަކަތައް ދިވެހިބަހުގެ މުހިންމު ބައިތަކަށް ބަހާލެވިފައެވެ. މިގޮތަށް
ޖުމްލަތައް ބަހުގެ ޤަވާޢިދަށް ފެތޭތޯ ބަލާލުމުން ޔަޤީންވެގެންދަނީ ކުއްޖާ
ދުނިޔެއަށް އުފަންވާއިރުވެސް ބަހުގެ ޤަވާޢިދު ކުދިންގެ ކިބައިގައި
އަށަގަނެފައިވާކަމެވެ. ސަބަބަކީ މި3
ކުދިންގެ ވާހަކަދެއްކުން އަޑުއަހާލުމުން އެކުދިންގެ ޖުމްލަތަކުގައި އަދި ބަސްމޮށުންތެރިކަމުގައި
މިޢުމުރުގެ ކުއްޖަކާބަލާފައި މާބޮޑުމައްސަލައެއް ހުރިކަމަށް ނުފެނެއެވެ. ހަމަ
އެހެންމެ މިކުދިންގެ ވާހަކަދެއްކުމުގައި މަދުންނަމަވެސް މަސައްކަތު ލަފުޒު
ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިސާލަކަށް އައުން، ދިޔުން ފަދަލަފުޒުތައް
ބޭނުންކޮށްފައި ވެއެވެ. މިފަދަ ލަފުޒުތައް އެންމެ މަދުން ބޭނުންކޮށްފައިވަނީ
ރިފާޒްކަންވެސް ފާހަގަކުރެވެއެވެ. ނަމަވެސް މި ލަފުޒުތައް ބޭނުންކުރާން
ފަށާފައިވުމުން ކުއްޖާގެ ގައިގައި އޮއްޓަރު ލަފުޒުގެ އިތުރުން މަސައްކަތު
ލަފުޒުވެސް އަށަގަނެފައިވާކަން ފާހަގަކުރެވެއެވެ.
މަތީގައިވާ ދެކެވޭ
ވާހަކަކޮޅުތަކުން އެނގިހާމަވާ އެއްކަމަކީ ތަފާތު ގޮތްގޮތަށް ބަސްއަތުރައި، ތަފާތު
ރާގުރާގަށް ތަފާތު އަކުރު ނުވަތަ އަޑު ބޭނުން ކޮށްގެން ސުވާލު ކުރުމުގެ
ކުޅަދާނަކަން ކުއްޖާއަށް ލިބިގެންވާކަމެވެ. މިސާލަކަށް: ރިފާޒް ދައްކާފައިވާ
ވާހަކަތަކަށް ބަލާލާއިރު އޭނާ ތަފާތު 8 ގޮތަކަށް ސުވާލުކޮށްފައިވާކަން އެނގެއެވެ.
އަދި ތަފާތު ރާގުތަކުގައި ސުވާލު ކޮށްފައި ވެއެވެ. މިހެންކަމުން ޤަބޫލްކުރެވެނީ
ސުވާލުކުރުމުގެ ޤާބިލްކަން ކުއްޖާ އުފަންވާއިރުވެސް ކުއްޖާގެ ގައިގައި
އަށަގަނެފައި ވާކަމެވެ. މިކަމުގެ އެއްހެއްކަކީ ރިފާޒަކީ ސްކޫލަށް އަދިދާންވެސް
ނުފަށާކުއްޖަކަށްވާއިރު ސުވާލުކުރާނެ ތަފާތުގޮތްތަކާއި ރާގު އޭނާއަށް އެނގިފައި
ވުމެވެ. ވިކްޓޯރިއާ ފްރޮމްކިން އ.އ.ފ. (1999) ހާމަ ކުރައްވާގޮތުގައި (ބަސް ލިބެނީ
ކުއްޖާގެ ހުންނަ ޚާއްސަ ޤާބިލްކަމެއްގެ ސަބަބުން) ކުއްޖާއަށް 2+2 ކަން އެގުމުގެ
ކުރިން ފޮނޮލޮޖިކަލް، މޯފޮލޮޖިކަލް، ސެމޭންޓިކް އަދި ސިންޓެކްޓިކް ހަމަތަކަށް
ފައްތައިގެން ޖުމްލަ ހަދާ ސުވާލުކޮށް، ބަސްމޮށުމުގެ ރާގު ދަސްކޮށް، ކަންކަމާ
ގުޅޭގޮތުން ވާހަކަދައްކާހަދަނީ މިޤާބިލް ކަމުގެ ސަބަބުންނެވެ. ރިފާޒެކޭ އެއްގޮތަށް
ޖަނާގެ ވާހަކަތަކުންވެސް މިކަން ފާހަގަ ކުރެވެއެވެ. ވީމާ ކުއްޖާ
ދުނިޔެއަށް އުފަންވާއިރުވެސް ބަހުގެ ހަމަތަކާއި ޤަވާޢިދު ކުއްޖާގެ ކިބައިގައި
އަށަގަނެފައިވާކަން އަޤީންކުރެވެއެވެ.
މިދިރާސާގައި
ބައިވެރި ޢުމުރުން އެންމެ ހަގުކުއްޖަކީ "ޖަނާ"އެވެ. ޖަނާއާއި ރަޒޫވެސް
ވާހަކަދެއްކިއިރު، ސްކޫލް ކިޔަންވާ ތަންތަނުގައި ސްކޫލްގެ ބަދަލުގައި
ބޭނުންކޮށްފައިވާ ލަފުޒަކީ އިސްކޫލެވެ. ބަހުގެ ޢިލްމުވެރިން ހާމަކުރައްވާގޮތުގައި
ތުއްތުކުއްޖާ އަބަދުވެސް ބޭނުންކުރާނީ އެބަހެއްގައި އެކުލެވޭ ބަހުގެ ހަޤީޤީ
އަޑުތަކެވެ. "ސްކޫލް" މިލަފުޒަކީ ދިވެހި ބަހުގެ ލަފްޒެއްނޫނެވެ.
އެހެންކަމުން އެކުދީން "އިސްކޫލް" ކިޔަނީ ކަމަށް ޤަބޫލް ކުރެވެއެވެ.
ނަމަވެސް މިއީ ޚުދުއެކުދީންނަށްވެސް ނޭންގި ގުދުރަތީ ސަބަބެއް މެދުވެރިވެގެން
ކުރެވޭ ކަމެއް ކަމުގައި ޤަބޫލްކުރެވެއެވެ. ދިރާސާ ތަކުން އެނގޭގޮތުގައި ބަހުގައި
ހިމެނޭ އަޑުތައް (ފޮނީމްތައް) ކުއްޖާ ވާހަކަދައްކަން ފެށުމާއެކު ދަސްކުރެއެވެ.
މިކަމަށް ކުއްޖާގެ އަޑުގެ ގުނަވަންތައް ކަމަށްވާ ދުލާއި، ތުންފަތާއި، އަނގަޔާއި
ކަރުގެ ނާރުތަކާއި، ފުއްޕާމޭ ހާނާ އެބައިތައް ތަރުބިއްޔަތުވުމުގެ މަސައްކަތްތައް
އަޑުލެއްވުމުގެ މަރުހަލާއިން ފެށިގެންކުރިއަށް ދާކަމަށް ވިކްޓޯރިއާ
ޕްރޮމްކިން އ.އ.ފ. (1999) ހާމަކުރައްވައެވެ. އެހެންކަމުން އެނގިގެންދާ އަނެއް
ޙަޤީޤަތަކީ ކުއްޖާ އުފަންވާއިރު ބަހުގެ ޤަވާޢިދާއެކު އަޑުތައްވެސް ކުއްޖާގެ
ކިބައިގައި އަށަގަނެފައިވާކަމެވެ.
ލިންގުއިސްޓުން ހާމަކުރައްވާގޮތުގައި 3
އަހަރާއި 4 އަހަރާއި ދެމެދުގެ ކުދީންގެ ވާހަކަދެއްކުމުގައި އާންމުގޮތެއްގައި
ގުޅުވާ އަކުރު ބޭނުން ކުރެވިފައިވާލެއް މަދުވާނެއެވެ. ނުވަތަ ބޭނުންކޮށްފައެއް
ނުވާނެއެވެ. މިދިރާސާގައި ބޭނުންކޮށްފައިވާ ތިންކުދީންގެ ވާހަކަދެއްކުމުންވެސް
މިކަން ފާހަގަކުރެވެއެވެ. ބައެއް ޖުމްލަތަކުގައި ގުޅުވާ އަކުރު ބޭނުންކޮށްފައެއް
ނުވެއެވެ. ނަމަވެސް ގިނަ ޖުމްލަތަކުގައި ގުޅުވާ އަކުރު ބެނުންކޮށްފައިވެއެވެ.
ނުވަތަ ޖުމްލަ ބުނިގޮތުން (ފިލިތަކަށް ދަމާލާގޮތުން) އެއަކުރުގެ އުނިކަން
ކަޑުވައިދޭކަން ފާހަގަކުރެވެއެވެ. އެހެންކަމުން ޤަވާއިދުގެ ބައިގެ ގުޅުވާއަކުރުގެ
ބައިވެސް ކުދިންގެ ކިބައިގައި އަށަގަނެފައިވާކަމާއި އަދި އިތުރަށް އެކަން
ފުރިހަމަވަމުން އަންނަކަމަށް ބެލެވެއެވެ.
ދިވެހިބަހުގައި
ޖުމްލަ ހެދޭނީ ވަކިތަރުތީބަކުން ކަމުގައި ކަނޑައަޅާފައިވާ ޤަވާޢިދެއް ނެތެވެ.
ނަމަވެސް އާންމު ގޮތެއްގައި ޖުމްލައިގެ ކުރިއަށް ބޭނުންކުރަނީ ނަން ނުވަތަ
ރައްދުވާ ފަރާތެވެ. ދިރާސާގައި ބޭނުންކުރި ކުދީންގެ ގިނަ ޖުމްލަތަކުގައި މިކަން
ހަމަމިގޮތަށް ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. ނޯމް ޗޮމްސްކީ (1968)
ހާމަކުރައްވާ ގޮތުގައި ކުދިން ބަހުގެ ގަވައިދުތައް ބޭނުން ކޮށްގެން
ބަސްދަސްކުރެއެވެ. މިސާލަކަށް އަހަރެން ބުނުމުން އެއާއި ގުޅިގެން އަންނާނީ
ކޮންބަހެއްކަން ކުދިންޤަވަޢިދުގެ ބައިން ދެނެގަނެއެވެ. މި ދިރާސާގައި ބައިވެރިވި 3
ކުދީންގެ ވާހަކަދެއްކުމުގައިވެސް އެކަންއެގޮތަށް ކޮށްފައިވުމުންނާއި
ދިވެހިބަހުގައި ޖުމްލަތައް ބަހާލެވޭ ދެބައިކަމުގައިވާ ސާދާ ޖުމްލައާއި
ކޯނިޖުމްލަވެސް ބޭނުންކޮށްފައިވުމުން ކުއްޖާއުފަންވާއިރުވެސް ކުއްޖާގެ ކިބައިގައި
ބަހުގެ ޤަވާޢިދު އަށަގަނެފައިވާކަމަށް ދަލީލުކުރެއެވެ.
މަތީބައި ބަޔާންކުރެވިފައިވާ ދެކެވޭ ވާހަކަތަކަށް
ބަލާއިރު މި 3 ކުދިންނަކީވެސް ވާހަކަދެއްކުމުގެ މަރުހަލާގެ އެންމެފަހު
މަރުޙަލާކަމުގައިވާ ތިންލަފުޒައްވުރެ ގިނަލަފުޒުގެ މަރުޙަލާ ކުދިންކަން
ކަށަވަރުވެއެވެ. މިކުދީންގެ ވާހަކަދެއްކުމުގައި ނަމުގެ ތެރޭގައިހިމެނޭ
ޚާއްޞަނަމާއި ޢާންމުނަމާއި ބަދަލުނަން ބޭނުންކޮށްފައިވެއެވެ. އަދި ނަންއިތުރާއި
ކަންއިތުރާއި އަކުރު ފުރިހަމަ ގޮތުގައި ބޭނުންކޮށްފައިވުމާއި ގިނަނަން
އެކަހެރިނަމަށް (ޚާއްޞަކޮށް ޖަނާގެ ވާހަކަދެއްކުމުގައި) ޙާލަތާއި ގުޅުވައިގެން
ބަދަލުކޮށްފައިވުމުން ކުއްޖާ އުފަންވާއިރުވެސް ކުއްޖާގެ ކިބައިގައި ބަހުގެ
ޤަވާޢިދާއި ހަމަ ނުވަތަ ބަސްބޭނުންކުރާ އުސޫލު ޤުދުރަތުން ލިބިފައިވާކަން އެގެއެވެ.
މި 3 ކުދީންގެ ތެރެއިން ބަހުގެ ހަމަޔާއި ޤަވާޢިދު އެންމެ ރަގަޅަށް
ބޭނުންކޮށްފައިވާކަމަށް ފާހަގަ ކުރެވެނީ ރަޒޫއެވެ. ރަޒޫއަކީ މިކުދިންގެ ތެރެއިން
ޢުމުރުން އެންމެ ދޮށި ކުއްޖާކަމަށްވުމުން ޤަބޫލުކުރެވެނީ ކުއްޖާ ބޮޑުވާވަރަކަށް
ޤަވާޢިދު އިތުރަށްފުރިހަމަވަމުން އަންނަކަމަށެވެ.
5. ނިންމުން
ތުއްތުކުއްޖާ އޭނާގެ އުމުރުގެ
އެކިދުވަސްވަރު ތަފާތު އަޑުތައް ލެއްވުމަށްފަހު ވަކި ހިސާބަކުން ހަމައެކަނި
މާދަރީބަހުގައި ހިމެނޭ އަޑުތައް ލައްވަންފަށައެވެ. އޭގެފަހުގައި ކުދިކުދި
ލަފްޒުތައް ކިޔައެވެ. އެއަށްފަހު ދެލަފުޒު ބޭނުންކޮށްގެން އެތައްބައިވަރު މާނަތައް
ދޭހަވާކަހަލަ ޖުމްލަތައް ހަދައެވެ. އަދި 3 އަހަރު ވުމުން ކުރިން އަޑު އިވުނު
ލަފުޒުތަކާއި އިތުރު ލަފުޒުތައް ބޭނުންކޮށްގެން މާނައެކުލެވޭ ޖުމްލަތައް
ހަދަންފަށައެވެ. މިކުދިން މިގޮތަށް ހަދާ ޖުމްލަތަކުގައި ބައެއްފަހަރު
ބަހުގެހަމަޔާއި ޚިލާފު ގޮތެއްހުރެއެވެ. ނަމަވެސް އެޖުމްލަތަކަކީ ވަރަށްކުޑަ
ބަދަލެއް ގެނައުމުން ނުވަތަ އަކުރެއް އިތުރުކޮށްލުމުން ބަހުގެ ޤަވާޢިދަށް ފެތޭ
ޖުމްލަތަކަށް ވެގެންދާ ޖުމްލަތަކެއްކަން ފާހަގަކުރެވެއެވެ. އަދިގިނަ ޖުމްލަތަކަކީ
ޤަވާޢިދަށްފެތޭ ޖުމްލަކަން ފާހަގަކުރެވެއެވެ. 3 ކުދީންބޭނުންކޮށްގެން ކުރެވުނު
ދިރާސާއިން އެގިހާމަވެގެންދަނީ ތުއްތުކުއްޖާއަށް ބަހާއި ބަހުގެ ހަމަޔާއި ޤަވާޢިދު
ޠަބީޢީގޮތުން ލިބިފައިވާކަމެވެ. ނަމަވެސް މިކަން އިތުރަށް ތަރަޤީކުރުމަށްޓަކައި
ކުއްޖާގެ މާޙައުލުން އިވޭއަޑުތަކާއި ކުއްޖާގެ ވަށައިގެންވާ މީހުން އޭނާއާއި
ކުރާމުޢާމަލާތާއި ދައްކާ ވާހަކަތަކާއި ކުރެވޭތަޖުރިބާ މުހިންމު ދައުރެއް
އަދާކުރާކަމެވެ. ބަހުގެ މިފަދަ ދިރާސާތަކަކީ ކޮށްކޮޅުންލާނެ ދިރާސާތަކެއްނޫނެވެ.
އެހެންކަމުން ގިނަގިނައިން މިފަދަ ދިރާސާތައް ކުރުމަކީ ބަހަށްލިބޭނެ
ކުރިއެރުމެއްކަން ޔަޤީނެވެ.
ރިފަރެންސް
ނޯމް ޗޮމްސްކީ. (1968). ލިންގުއިސްޓިކް ކޮންޓްރިބިއުޝަން ޓުދަ ސްޓަޑީ އޮފް
މައިންޑް: ލެންގުއޭޖް އެންޑް
ނޯމް ޗޮމްސްކީ. (1959). ޗޮމްސްކީގެ ނަޒަރިއްޔާތު. އަތްމަތީ ކަރުދާސް.
މާލެ: ފެކަލްޓީ އޮފް އެޑިއުކޭޝަން:
އެޑްވާންސް ސެޓްފިކޭޓް އިން ޕްރައިމަރީ
ޓީޗިންގ ކޯސް.
ބީ. އެފް. ސްކިނަރ .(1975). ސްކިނަރ ނަޒަރިއްޔާތު. އަތްމަތީ ކަރުދާސް.
މާލެ: ފެކަލްޓީ އޮފް އެޑިއުކޭޝަން:
އެޑްވާންސް ސެޓްފިކޭޓް އިން ޕްރައިމަރީ
ޓީޗިންގ ކޯސް.
އިބްރާހީމް ރަޝީދު މޫސާ. (1989). ކުޑަކުދިން ބަސްލިބިގަންނަނީ ކިހިނެއް؟. ފަތްތޫރަ،
125، ޞ. 17 – 21.
އާރް. އޯ.
ބްރައުން. (1973). އަ ފަސްޓް ލެންގުއޭޖް: ދަ އާރލީ ސްޓޭޖަސް. ކޭމްބްރިޖް
އެމް. އޭ: ހަވާރޑް
ޔުނިވާރސިޓީ
ޕްރެސް.
އެޑްރިއަން އެކުމަރޖިއަން، ރިޗަޑް އޭ. ޑެމާސް، އޭން ކޭ. ފާމަރ، ރޮބަޓް އެމް.
ހާނިސް. (2001). އޭން
އިންޓްރޮޑަކްޝަން
ޓު ލެންގުއޭޖް ކޮމިއުނިކޭޝަން. ކޭމްބްރިޖް މަޗްސެޓް: ދަ އެމް އައިޓީ ޕްރެސް.
އެޑްވާޑް ފިނެގަން. (1989). ލެންގުއޭޖް ސްޓަރަކްޗަރ އެންޑް ޔޫޒް.(3).
ހެރިކޯޓް ބަރޭސް އެންޑް ކޮމްޕެނީ.
އޮސްޓްރޭލިޔާ.
ވިކްޓޯރިއާ ފްރޮމްކިން، ޑޭވިޑް ބްލެއަރ، ޕީޓަރ ކޮލިންސް. (1999). އޭން
އިންޓްރޮޑަކްޝަން ޓު ދަ ލެންގުއޭޖް
(ފޯރތް
އެޑިޝަން). އޯލަންޑް ފްލޮރޮޑާ: ހާރކޯޓް އޮސްޓްރޭލިޔާ ޕްރައިވެޓް ލ.މ.ޓ.
މުޙައްމަދު ޝަކީލް. (2004، ނޮވެމްބަރ). ތުއްތު ކުދިންނަށް ވާހަކަ ދައްކަން
ދަސްކޮށްދެވެނީ އެއްބަހަކުން ނެއްނޫން.
ޖަމާޢަތުގެ
ޚަބަރު، ޞ. 09 – 10.
ޔުނިސެފް. (2001). ސްކޫލް މަޝްރޫޢުގެ ޚާއްޞަ ސަޕްލިމެންޓް: ކުދިން
ބަސްދަސްކުރަމުންދާ ގޮތް. މާލެ:
މިނިސްޓްރީ
އޮފް އެޑިއުކޭޝަން.
ޔުމްނާ
މައުމޫން. (2004). ތުއްތުކުދިން ވާހަކަދައްކަން ދަސްކުރާގޮތް. ފަތްތޫރަ، 308، 15–18.
ޔުމްނާ
މައުމޫން. (2004). ތުއްތުކުދިން ވާހަކަދައްކަން ދަސްކުރާގޮތް. ފަތްތޫރަ، 309، 32–35.
No comments:
Post a Comment