Monday, May 28, 2012

ހުވަފެން "Huvafen" A story

ހުވަފެން

ހެނދުނު ހޭލެވުނީ ހިތް ނުތަނަސްވާ ކަހަލަ ހުވަފެނެއް ފެނިގެންނެވެ. އޭރު އަހަރެންގެ ހިތް ބާރުބާރަށް ތެޅެމުންދެ އެވެ. ފެނުނު ހުވަފެނުގެ ސުންޕާކަމުން ކުލާހަށް ދާހިތްވެސް ކެނޑިއްޖެ އެވެ. އަނެއްކޮޅުން ވަރަށް ގަދަޔަށް ބޮލުގައިވެސް ރިއްސަ އެވެ. ނަމަވެސް އެހެން ހުރިހާކަމަކަށްވުރެންވެސް އިސްކަމެއް ދެވުނީ އަންހެނުންނަށް ފޯނުކުރުމަށެވެ. އެއީ އެފެނުނު ހުވެފުނުން ހިތަށް ވެރިވެފައިވާ ހާސްކަން ފިލުވާލާ ހިތްހަމަ ޖައްސާލުމަށް ބޭނުންވުމެވެ. ވާނީވެސް އެހެންތާ އެވެ. ދިރިއުޅުމުގެ ކަންކަމާ ބެހޭގޮތުން އެހެންމީހުންނާ ވާހަކަދައްކާ މަޝްވަރާކޮށް ހެދުމަކީ އަހަރެން ކުރާހިތްވާ ކަމެއް ނޫނެވެ.

އަވަސްއަވަހަށް އެދުމަތީ އަތް ކާތައިގެންފީމެވެ. ފޯނު އަތުޖެހޭ ތޯއެވެ. އެތަންމިތާ އަތްކާތައި ބެޑުޝީޓު ނަގާ ހެދިފަހުން ފޯނު ފެނުނީ ބާލީސްދަށުގައި އޮށްވައެވެ. އަސްއަވަހަށް ފޯނު ނަގައިފީމެވެ. އޭރު ކުލާހަށް ނުދާތީވެ، ވީގޮތެއް ބެލުމަށް ކްލާސްކުދިން ކުދިން ފޯނުކޮށް، މެސެޖުކޮށްފައިވެސް ހުއްޓެވެ. ނަމަވެސް އެއެއްވެސް މެސެޖަކަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެން އަވަސްވެގަތީ އަންހެނުންނަށް ގުޅާލުމަށެވެ. ދެފަހަރަށް ގުޅާލައިފީމެވެ. އަންހެނުން ފޯނެއް ނުނެގި އެވެ. ހިތަށްއެރި އެވެ. މުހިންމުކަމެއް ޖެހިގެން ކޮންމެހެން ވާހަކަދައްކާލަން ބޭނުންވެގެން ފޯނުކޮށްފިއްޔާމު ފޯނެއް ނުނަގާނެ އެވެ. އެހެން ހިތަށް އެރުމާއެކު އެނުބައި ހީ ބަދަލުކޮށްލުމަށް ޓަކައި "އެވާނީ މާބިޒީކޮށް އުޅޭތީ ފޯނު ނުނެގުނީ ކަމަށޭ" ހިތަށް އަރުވާލާ ހިތްހަމަ ޖައްސާލީމެވެ.
ފެނުނު ހުވަފެނާމެދު ފިކުރުކޮށްލަން އިރުކޮޅަކު އޮތުމަށްފަހު ރަށްޓެއްސަކަށް ގުޅާލީމެވެ.
"ހަލޯ. ކޮންތާކުތަ ތިއުޅެނީ. އެއްޗެއް ކާލަންދާން މިކޮޅަށް ޖައްސާލަބަލަ." އޭނާ ފޯނު ނެގުމާއެކު އަހަރެން ބުނީމެވެ. އަހަރެން އަތުގަ ސައިކަލެއް ނުހުންނާތީ ވަރަށް ގިނަފަހަރަށް ތަނަކަށް ދާންވުމުން އެހެން މީހުންގެ އެހީތެރިކަން ހޯދަން ޖެހެއެވެ.
"ކީއްވެތަ ކުލާހަށް ނައީ. ވަރަށް ގުޅިން. ވަރަށް މުހިންމު ފިލާވަޅެއް މިޔަދު ނެގީވެސް. މިހާރު މިނައްޓާލަނީ ކޮލެޖުން ގެއަށްދާން. އޯކޭ މިކައިރިކޮށްލަނީ އިނގޭ." އޭނާ އެހެން ބުނުމާއެކު އަހަރެން ފޯނުކަނޑައިލީ، ބޭކަރު ވާހަކަދެއްކުމަކީ ކުރާހިތްވާ ކަމަކަށް ނުވާތީ އެވެ.
އަހަރެން އަވަސްވެގަތީ ރަހުމަތްތެރިޔާ އަންނަންވާއިރަށް ރީތިވެލައިގެން ތިރިއަށް ފޭބޭތޯ އެވެ. އެހެންކަމުން ވަރަށް އަވަސްއަވަހަށް ރީތިވެލައިފީމެވެ. ކޮޓަރިން ނިކުމެގެން ސިޑިމަތީގައި ދުވަމުން ކަހަލަގޮތަކަށް  ތިރިއަށް ފައިބައިފީމެވެ. ރަހުމަތްތެރިޔާގެ އިންތިޒާރުގައި ދޮރާށި ކައިރީގައި ހުންނަތާ އިރުކޮޅެއްވީތަނާ ރަހުމަތްތެރިޔާ އަތުވެއްޖެ އެވެ.
"އޭ ކިހިނެތްވީ ކުލާހަށް ނައީ. ބަލިވެތަ ތިޔައުޅެނީ. ރަހުމަތްތެރިޔާ އަހަރެން ފެނުމާއެކު ކުރި ސުވާލެކެވެ.
"ނޫން. ބަލަވެއެއް ނޫން. ކުޑަކޮށް ބޮލުގަރިއްސާތީ ދެން ނުދިޔައީ." ކަންވީގޮތް ކިޔައިދޭން ބޭނުންނުވަތީ މުޅިން ދޮގަށް ނުވާހެން އަހަރެންގެ ވާހަކަ ބައްޓަން ކުރަމުން ބުނީމެވެ.
"ހިނގާ އެހެންވިޔާ ހޮސްޕިޓަލަށް ދާން" ރަހުމަތްތެރިޔާ އަވަސްއަވަހަށް ބުންޏެވެ.
"އެވަރުކަމެއްވާއިރަށް ހޮސްޕިޓަލަށް ދާންޖެހޭތަ؟ އަޅާނުލާ އިރުކޮޅަކުން ރަގަޅުވެދާނެ. ހިނގާ ހޮޓަލަކަށް ސައިތައްޓެއް ބޯލަންދާން" އަހަރެން އެހެން ބުނުމާއެކު ރަހުމަތްތެރިޔާ ސައިކަލު ސްޓާޓްކޮށްލާ ދުއްވާލިއެވެ. އޭނަޔާއެކުގޮސް ހޮޓަލަކުން ސައިބޯލައިގެން ބޭރުތެރޭގައި ދުއްވާލުމަށްފަހު، ބައެއް ފޮތް ފިހާރަތަކަށް ވަދެ ކިޔެވުމަށް ބޭނުންވާ ބައެއް ފޮތް ހޯދައިގެން ގެއަށް އަންނަން އުޅެނިކޮށް އަންހެނުން ގުޅައިފިއެވެ. އެވަގުތު މަގުމަތީގައި އަހަރެން ހުރުމުން ފަހުން ގޫޅާނަމޭބުނެ ފޯނު ބާއްވައިފީމެވެ.
"ހަލޯ. ކީއްތަ ތިކުރަނީ؟" ގެއަށް އާދެވުމާއެކު އަނެއްކާވެސް އަންހެނުންނަށް ގުޅާލީމެވެ.
"މިއުޅެނީ ކޮޓަރީތެރެ ސާފުކޮށްލަންވެގެން. ހުރިހާ ބެޑްޝީޓުތަކާ އެއްޗެހި ނަގައިގެން މިއުޅެނީ." އަންހެނުން އަވަސް އަވަހަށް ބުންޏެވެ.
އޭނާ މަސައްކަތުގައި އުޅޭ ވާހަކަ ބުނުމުން ހިތަށްއެރި އެވެ. މިވަގުތު ހުވަފެނުގެ ވާހަކަދައްކާކަށް ނުވާނެ އެވެ. ފަހުން ގުޅާނީ އެވެ. ފަހުން ގުޅާނެ ވާހަކަ ބުނަމުން ފޯނު ބޭއްވުމަށްފަހު އަހަރެންވެސް އަހަރެންގެ ކޯހުގެ މަސައްކަތުގައި މަޝްޢޫލު ވެއްޖައީމެވެ. މެންދުރުވުމުން އަނެއްކާވެސް އަންހެނުންނަށް ގުޅައިފީމެވެ. ކީއްކުރަނީތޯ އަހާލުމުން ބުނީ ދަރިފުޅުގޮވައިގެން ކޮޓަރި ސާފުކުރަނީ ކަމަށެވެ. އަހަރެން ހިތުގައި ޖެހުނެވެ. މިޔަދަކު އެމަސައްކަތެއް ނުނިމޭނެ އެވެ. އަންހެނުން މަސައްކަތެއް ފަށައިފިއްޔާ އެއްދުވަހެއްގެ ހަތަރުދަން ދާނީ އެކަމެއްގައެވެ. އެހެންކަމުން ދަރިފުޅާ ވާހަކަދައްކާލައިފައި ފޯނު ބޭއްވީ އެވެ.
މެނދުރުވުމުން ނަމާދުކޮށްލައިގެން އަނެއްކާވެސް ކުރަމުން ގެންދިޔަ މަސައްކަތުގައި މަޝްއޫލުވެއްޖައީމެވެ. އެ މަސައްކަތުގައި އެއްފޮތް ބަލާލާފައި އަނެއްފޮތް ބަލާލާފައި، މުހިންމު ބައިތަކުގެ ދަށުރޮގުދަމައި މުހިންމު ބައިތައް ފާހަގަކުރުމާއި ބައެއް ބައިތައް ނޯޓްކުރުމުގައި ހޭބޯނާރާ އުޅެނިކޮށް އަސުރަށް ގޮވައިފިއެވެ. އަސުރަށް ދާންވެގެން ކޮޓަރިތެރެ ބަލާލިއިރު މުޅި ކޮޓަރީގެ އެތަން މިތަނުގައި ހާވާލާފައިވާ ފޮތްތައް ހުއްޓެވެ. ފޮތްތައް ފެނުމުން ހިތަށް އެރިއެވެ. ނަމާދުކޮށްލައިގެން އައިސް އަދި މަސައްކަތް ކުރާންޖެހެނެއެވެ. އެހެންވީމާ ފޮތްތައް ނުނަގާ އިހަށް ބަހަށްޓާނީއެވެ. ނަމާދުކޮސްލައިގެން އަނެއްކާވެސް އަންހެނުންނަށް ގުޅާލައިފީމެވެ.
"ކޮބާ؟ ކޮތަރި ސާފުކޮށް ނިމުނީތަ؟" އަހަރެން މަޑުމަޑުން އަހަލީމެވެ.
"ނޫން. އަދި ނުނިމޭ. އަބަދުގުޅަންޏާ ކިހިނެތްތައް ނިންމާނީވެސް." އަހަރެން ގުޅާތީ އޭނާހުރީ ހިތްހަމަ ނުޖެހިފައެވެ. އެހެންކަމުން ރޭގަނޑު ގުޅާނަމޭބުނެ އަހަރެން އަނެއްކާވެސް ފޯނު ބޭއްވީމެވެ. އެއަށްފަހު ހިތަށްއެރި އެވެ. ކިތަންމެ ވަރަކަށް ގުޅިޔަސް އެގުޅަނީ ކަމެއް ދިމާވެގެންކަމެއް ނުވަތަ މުހިންމު ވާހަކައެއްދައްކަން ބޭނުންވެގެންކަމެއް އަންހެނުންނަކަށް ނުވިސްނޭނެ އެވެ. އެއީ ހަމަޢާންމުކޮށް ވާގޮތެވެ.
އަންހެނުންގެ ފަރާތުން ހިތްހަމަ ޖެހޭކަލަ ޖަވާބެއް ނުލިބުނުން ކުރިން ކުރަމުންއައި މަސައްކަތް ކުރާހިތެއް ނުވިއެވެ. އެހެންކަމުން ފޮތްތައް ލައްޕާލުމަށްފަހު ފޮތްތައް ފޮތްބެހެއްޓުމަށް ކޮޓަރީގެ އެއްކަނުގައި ބަހަށްޓާފައިވާ ފޮތްހަރަށް ލައިފީމެވެ. އެއަށްފަހު ބޭރަށް ނިކުމެ، ރައްޓެއްސެއްގެ ގެއަށް ހިގައްޖައީމެވެ. އޭނާއާއެކު އަނގަތަޅަން އިރުކޮޅަކު އުރެފައި ދެމީހުންވެގެން ހޮޓަލަކަށްގޮސް ރަގަޅަށް ކާލައިގެން އަނެއްކާވެސް ގެއަށް އައިސް އަހަރެންގެ މަސައްކަތުގައި މަޝްއޫލުވެއްޖައީމެވެ. މަޣުރިބަށް ގޮވުމުން ފޮތްތައް ލައްޕާލުމަށްފަހު ފާޚާނައަށް ވަދެ ވުޟޫކޮށްލައިގެން މިސްކިތަށްގޮސް ނަމާދުކޮށްލައިފީމެވެ. މިސްކިތުން އެނބުރި ގެއަށްއައިސް ލަވަޖަހަން ލެޕުކައިރީގައި މަޑުކޮށްލުމަށްފަހު، ލެޕުގައި ކުރަންފަށާފައިވާ އެކިއެކި މަސައްކަތްތައް ބަލާލާ މުހިންމު މަސައްކަތްތައް ޑެސްޓޮޕަށް ބަދަލުކޮށްލާ ހެދުމަށްފަހު، އިޝާނަމާދުކޮށްގެން އަނެއްކާވެސް ކިޔެވުމުގެ މަސައްކަތް ފަށައިފީމެވެ. އަހަރެންގެ މަސައްކަތަކީ އެކި ފޮތްފޮތުގައި އެކިއެކި މުސައްނިފުން ލިޔުއްވާފައިވާ ބައިތަކުން އަހަރެން ބޭނުންވާ ބައި ހޯދައި އަލުން ތަރުތީބުކުރުން ކަމުގައިވާތީ، އެކަމަށް ފުދޭވަރަކަށް ވަގުތު ނަގައެވެ. އެހެންވުމުން މިމަސައްކަތުގައި އުޅޭތާ މިޔަދަށްމިއީ ހަތަރުވަނަ ދުވަހެވެ.
މަސައްކަތުގައި އިންދާ އަނެއްކާވެސް ހުވަފެންމަތިން ހަނދާންވެއްޖެ އެވެ. އެކުން އަންހެނުންގާތު ހުވަފެނުގެ ވާހަކަދައްކަން ބޭނުންވީ، އަހަންނަށް ފެންނަ ހުވަފެންތައް ސީދާވާލެއް ގިނަކަމުންނާއި މިކަހަލަ ވާހަކަތައް އަންހެނުންފިޔަވާ އެހެން މީހެއްގެ ގާތުގައި ނުދައްކާތީ އެވެ. އެކަން އަންހެނުންނަށްވެސް ހަމަރަގަޅަށް އެނގޭނެ އެވެ. ކޮންމެއަކަށް އަނެއްކާވެސް އަންހެނުންނަށް ގުޅައިފީމެވެ.
"ސާފުކުރުމުގެ މަސައްކަތް ނިމުނީތަ؟" ފޯނު ނެގުމާއެކު އަހަރެން އަހާލީމެވެ.
"ނޫން. އަދިއެއް ނުނިމޭ. އަހުމަދުގެ ބައްޕަވެސް އަހަރެން ކޮޓަރި ސާފުކުރާ ދުވެހެއްވިއްޔާ ހޯވަނީ މޮޔަވެގެން އުޅޭހެން. އިރު އިރުކޮޅުން އައިސް ބަލާލާނެ." އަންހެނުން ވަރަށް ހިތްހަމަނުޖެހިހުރެ ބުންޏެވެ.
"އެއީ ކޮތަރި ސާފުކުރާ ކޮންމެ ފަހަރު ނަތޫ ބަލިވާތީވެ ބައްޕަ ކަންބޮޑުވަނީއޭ. ކޮންއިރަކުންތަ ނިމެވަރުވާނީ." އަހަރެން ބައްޕަ އެކަންކުރާ ސަބަބު ބުނެދެވޭތޯ ބެލީމެވެ. ހަޤީގަތުގައިވެސް އަހަރެންގެ މައިންބައިން އޭނާދެކެ ވަރަށް ލޯބިވެއެވެ. އެކަން އޭނާއަށް ނުވިސްނެނީއެވެ.
އަންހެނުންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. "ނަތޫ ކަމެއް ކުރަން ފަށައިފިއްޔާ މުޅިދުވަހު ހަތަރުދަން ދާނީ އެކަމަކަށްދޯ. ދެން މިހާރު ތިކަން ނިންމަންވެއްޖެއެއްނޫންތަ؟ ކީއްވެތަ ނަތޫ އެހާތަތީ؟" އަހަރެންގެ މިވާހަކަތަކަކީ އަންހެނުންނަށް އައު ވާހަކަތަކަކަށް ނުވާނެއެވެ.
އެއް ވާހަކައެއްގެ ތެރެއިން އަނެއް ވާހަކައެއްގެ ތެރެއިން ލާފައިގޮސް އަހަރެން ހުވަފެނުގެ ވާހަކަ އަންހެނުންގެ ގާތުގައި ފަށައިފީމެވެ. އެވާހަކަ ފެށިއިރު އަހަރެންކަންކުރާ އާދައިގެ މަތިން އަހަރެން އިނީ ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ހުއްޓާލުމަށްފަހު ފޯނަށް ހުސްވެގެންނެވެ. އަހަރެން ހުވަފެނުގައި ވީހުރިހާ ކަމެއް ކިޔަދީ ނިމުނުއިރުވެސް އަންހެނުން ކޮންމެސް އެއްޗެއް ތަޅުވާ އަޑުއިވެ އެވެ. އަނެއް ކޮޅުން ވާހަކައަށް ބާރުދިނުމުގެ ގޮތުން އެއްވެސް އެއްޗެއްވެސް ނުބުނެ އެވެ. އަހަރެންނަށް އެފެނުނު ހުވަފެނުގައި ދެމީހުން މައްސަލަ ޖެހި ވަކިވެގެންދިޔަކަމަށާއި، އަންހެނުން އެހެން މީހަކާ ކައިވެނިކުރިކަމަށް ބުނީމެވެ. އެހުރިހާ ވާހަކައެއް ނިމުމުން އަންހެނުން ބުންޏެވެ. "އެހެންދޯ ހެއްޔެވެ؟"
އަހަރެން ވަރަށް ޝަޢުޤުވެރިކަމައެކު ދެއްކިވާހަކަޔަށް އަންހެނުންގެ ފަރާތުން ސަމާލުކަމެއް ނުލިބުނުތާގައި ލިބުނު ފިނި ޖަވާބު އަޑުއިވުމުން ކުއްލިއަކަށް އަހަރެން ކައިރިއަށް ރުޅި އަތުވެއްޖެއެވެ. އެކުން ރުޅިއަންނަންޖެހުނު އަނެއް ސަބަބަކީ މުޅިދުވަހު ގުޅިއިރުވެސް ވާހަކަދައްކާލާނެ އެއްވެސް ވަގުތުކޮޅެއް އަންހެނުންނަށް ދެވުނުކަމަށް ނުހެދުމުންނެވެ. ކޮންމެއަކަސް އައިރުޅީގައި އޭނާގެ އަޅާލުން ކުޑަކަމުގެ ވާހަކަޔާއި ކަންކަމުގައި ފަރުވާ ކުޑަކުރާ ވާހަކަޔާއި ފޯނަށް ޖަވާބު ނުދެވޭ ވާހަކަޔާއި ފަހުން ގުޅާނަމޭބުނެ ބާއްވާ ފޯނު ފަހުން ނުގެޅޭވާހަކަޔާއި މިކަހަލައެތައް ކަމެއް ހިމެނޭ ފަތިވަރެއް އަމުނާލުމަށްފަހު އަވަސްއަވަހަށް އަހަރެން ފޯނު ކަނޑާލައިފީމެވެ. އޭރު ރުޅިގަދަވެގެން އަހަރެން ތުރުތުރު އަޅާކަމުގެ އިޙްސާސް ކުރެވެމުންދިޔައެވެ. ހަމައެއާއެކު އަހަންނަށް ހުރީ ރޮވިފައިކަންވެސް އެނގުނެވެ.
ފޯނުބޭއްވުމަށްފަހު ހިތަށްއެރި އެވެ. ކިތަންމެ ހިތްހަމަ ނުޖެހިގެން ގުޅިއަސް އެމައްސަލައެއް ޙައްލުކޮށް އެއްގަލަށް އަރާކަށް އޭނާއެއް ނުގުޅާނެ އެވެ. ގުޅިޔަސް ގުޅާނީ އަހަރެންނެވެ. އޭނާ އޮށޯވެ ނިދާނީކަން ޔަޤީނެވެ. އެކަމަކުވެސް ވަރިހަމަ އެވެ. މިރެއަކު އަހަރެންނެއް ނުގުޅާނަމެވެ. ފޯނު ބޭއްވުމަށްފަހު ކުރިން ކުރަންފަށާފައިވާ މަސައްކަތް ކުރާން ފަށައިފީމެވެ. ނަމަވެސް މަސައްކަތް ކުރެވޭގޮތެއްނުވި އެވެ. އެއީ ޢާންމުކަމެކެވެ. އަންހެނުންނާ ދެބަސްވެއްޖެނަމަ ނުވަތަ ހިތްހަމަނުޖެހުމެއް އުޅޭނަމަ އަހަންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެ އެވެ. ކޮންމެއަކަސް އެސަކަރާތުގައި ބައިގަޑިއެއްގެ ހާއިރު އުޅުމަށްފަހު ފާޚާނާއަށް ވަދެއްޖައީމެވެ. ހަމައެވަޤުތު ފޯނު ރިންގުވާން ފަށައިފި އެވެ. އަވަސްއަވަހަށް ފާޚާނާއިން ނިކުމެގެން އައިސް ފޯނުނަގައި ހަލޯއޭ ބުނެފީމެވެ. ޖަވާބެއް ނުލިބުނެވެ. ކޯލްވީ މިސް ކޯލަކަށެވެ. ފޯނުކުރީ ކާކުތޯ ބަލާލިއިރު އަންހެނުން ނެވެ. ހިތަށް އެރި އެވެ. ކޮންމެހެނެއްވިޔަސް އޭނާއަކީ އަހަރެންދެކެ އެހާ ލޯބިވާ މީހަކަށް ވާނަމަ އަދިވެސް ގުޅާނެ އެވެ. އަހަރެންނެއް ނުގުޅާނަމެވެ. ވަރަށް ދުވަހު އަހަންނަށްވެސް ގޮތްދޫކުރެވިއްޖެ އެވެ. ވަރަށް ގިނަގޮތްގޮތަށް ނަސޭހަތްވެސް ދެވިއްޖެ އެވެ. އެއްކަމެއް ރަގަޅުކޮށްފިނަމަ އަނެއްކަމެއް ގޯސްކުރެ އެވެ.
ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ، ދިރިއުޅެން ފެށުމުން އެހާބޮޑަށް ބަދަލުއެވަނީ ކީއްވެބާއެވެ؟ ވަރިނުކުރާނެ ކަމުގެ ނުވަތަ ނުގެއްލޭނެކަމުގެ ޔަޤީންކަން ހިތުގައި ބޮޑުވަނީ ބާއެވެ؟ މިކަހަލަ އެތައް ސުވާލެއް އަބަދުވެސް އަހަރެންގެ ނުތަނަވަސްވެފައިވާ ހިތުގައި އަރައި ފާބަމަމުންދެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ލޯބިވެގެން އުޅުނުއިރު ފެނުނު ނަތޫއާ ކައިވެނިކުރެވުނު ނަތޫ އުޑާ ބިމާހައި ތަފާތެވެ. އޭގެ އިތުރުން ދަރިފުޅު ލިބުނުފަހުން ދަރިފުޅާމެދު ދެމީހުންގެ ދެމެދުގައި ވެވޭ ދެބަސްވުންތައް، ކުރިން ވެވެމުން އައި ދެބަސްވުންތަކަށް ބޮޅެއް އިތުރުކޮށްލިއެވެ. ދަރިފުޅަށް އަޅާ ނުލާތީ އެވެ. ދަރިފުޅަށް ކިޔަވައިދޭން މަސައްކަތް ނުކުރާތީ އެވެ. ދަރިފުޅު ތަރުބިއްޔަތުކުރުމަށް ސަމާލުކަން ނުދޭތީއެވެ. ފެންވަރުވާ ތާހިރުނުކުރާތީއެވެ. ނަތޫގެ ޖަވާބު ވަރަށް ކުރެވެ. "އަހަރެން ކިހިނެތް ހުރިހާކަމެއް ކުރާނީ. އަހަރެންވެސް ވަރުބަލިވާނެއެއްނޫންތަ؟ އެއްފަހަރުވެސް އަހުމަދު ކަމެއް ކޮށްދިނިއްޔާ ވާނީކީއްތަ؟" މިފަދަ ޖަވާބެއްދީ އޭނާގެ ޒިންމާއިން ރެކެން މަސައްކަތް ކުރުމަކީ އާދައެކެވެ.
ކުރަން އުޅުނު މަސައްކަތް ކުރިއަށް ނުގެންދެވުމުން ނިދަން އޮށޯވެއްޖައީމެވެ. ފޮރޮޅި ފޮރޮޅި އޮންނަތާ ވަރަށްއިރު ވެއްޖެ އެވެ. ގަޑިން އެހެރަގެން ތިނެއް ޖަހަނީ އެވެ. މާދަމާ ހެނދުނު ކުލާހަށްވެސް ދާންޖެހޭނެ އެވެ. ހަނދާން ހުންނަން ފެށީއްސުރެންވެސް ހިތްހަމަނުޖެހުމެއް ހިތުގައިވާނަމަ، ނިދުމަކީ އަހަންނަށް ފަސޭހަކަމެއް ނޫނެވެ. ނިދަން އޮތްއިރުވެސް ވަރަށް ގިނަގުނަ ޚިޔާލާއި ފިކުރުތައް ހިތަށް އަރައި ސިކުޑިއަށް ޖަމާވަމުން ދިޔައެވެ. އަންހެނުންނާއެކު ކައިވެނީގެ ކުރީގައި ހޭދަކުރި އުފާވެރި ދުވަސްތަކެވެ. އެކުގައި ހިއްސާކުރި ޚިޔާލުތަކެވެ. ކައިވެއްޏަށްފަހު ދިރިއުޅުން ބައްޓަންކުރަން ރޭވި ގޮތްތަކެވެ. އޭރު އޭނާގެ އުޅުމުގެ ސާދާކަމާއި މުރާލިކަމާއި ސާފުތާހިރުކަމާއި އަހަންނަށް އިޚްތިރާމް ކުރާވަރެވެ. އަހަރެން ހިތްހަމަ ނުޖެހިދާނެތީ އޭނާ ކަންބޮޑުވާވަރެވެ. ނަމަވެސް ކައިވެނި ކުރުމާއެކު އަހަންނަށް އޭނާ ފެނުނީ މުޅިންތަފާތު އެހެން މިޒާޖެއްގެ މީހެއްގެ ގޮތުގަ އެވެ. އެހެން އެވީ ކީއްވެބާއެވެ؟ މިކަހަލަ ފިކުރުތަކާހެދި އަހަރެން މޮޔަވަނީއޭ ހީވާފަހަރުވެސް މަދެއްނޫނެވެ.
އަންހެނުންގެ މިޒާޖަށް އައި ބޮޑުބަދަލާމެދު ހިތްހަމަނުޖެހިގެން އަހަރެން ވަރަށް ގިނައިން އެވާހަކަ ދައްކައިފީމެވެ. އެކަމާ ހިތް ހަމަނުޖެހޭ ކަމަށާއި އުޅުން ބަދަލުކުރުމަށް ނަސޭހަތްދީ އާދޭސްވެސް ކުރެވިއްޖެއެވެ. ނަމަވެސް އެކަމެއް ކާމިޔާބުވާގޮތެއް ނުވި އެވެ. އެންމެ ފަހުން އޭނާގެ އުޅުން ބަދަލުވެ، އަހަރެން އެދޭކަހަލަ ގެވެހި ނިޔަނެތި އަންބަކަށް ވޭތޯ އޭނާ ބޭނުންވާ ގޮތްވެސް ހަދައިދެވިއްޖެއެވެ. ދަރިއެއް ހޯދުމަށް އެންމެފަހުން އަހަރެންވެސް އެއްބަސްވީ އެވެ. އެހެންކަމުން ދަރިއެއްވެސް ލިބެއްޖެ އެވެ. ނަމަވެސް އޭނަގެ އުޅުމަކަށް ބަދަލެއް ނައެވެ. ކުރިއަށްވުރެންވެސް ބޮޑަށް އޭނާ ދިޔައީ ކަންކަމަށް ފަރުވާ ކުޑަކުރަމުންނެވެ. ތަފާތު ދެބަސްވުންތަކާ، ޚިޔާލު ތަފާތުވުން ގިނަވުމުންނާއި ހިތްހަމަނުޖެހޭ ކަންކަން ދިމާވުން ގިނަވާން ފެށުމުން ދެން އަހަރެން ނިންމީ ކިޔަވާން އަންނާށެވެ. މިނިންމުން ނިންމީ އޭނާއާވެސް މަޝްވަރާ ކުރުމަށްފަހު އެވެ.
ވަޒީފާ ދޫކޮށްލުމަށްފަހު އަހަރެން ކިޔަވަން ލަންކާއަށް އަތުވެއްޖައީމެވެ. އެހާ ހިސާބުން އަހަރެންނަށް ފާހަގަ ކުރެވެމުން ދިޔައީ އަންހެނުންގެ އުޅުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނަމުންދާކަމެވެ. ކުރިން ދެމީހުންގެ މެދުގައި ސިއްރުކުރެވިފައިވާ ބައެއް ވާހަކަތައް އޭނާ އަހަންނާ ޙިއްސާކުރާންފެށި އެވެ. އޭގެތެރެއިން ގިނަ ވާހަކަތަކަކީ އެ ވާހަކަތައް އަޑުއެހުމަށް އަންނަށް އެހާފަސޭހަ ވާހަކަތަކަކަށް ނުވި އެވެ. އޭނާ އެ ވާހަކަތައް ފޯނުން ކިޔައިދެމުންދާއިރު އަހަރެން ހިތުން ރޮމުން ދިޔައީމެވެ. ނަމަވެސް އޭނާއަކަށް އެކަމެއް ނާންގަމެވެ. އެކަހަލަ ބައެއް ވާހަކަތައް މަތިން ހަދާންވުމުން އަހަރެންގެ ބަދުނަސީބުކަމާމެދު ދެރަވެ، ރޮވޭ ވަގުތުތައްވެސް އައެވެ. އެކަމަކުވެސް ކެއްކުރީމެވެ. ދިރިއުޅުން ރަގަޅުކޮށް ހަރުދަނާ ކުރުމަށްޓަކަ އެވެ. އޭނާ އޭނާގެ އެކަހަލަ ވާހަކަތައް ކިޔައިދިން ކަމުގައިވިޔަސް އަހަރެން އޭނާމަތިން ފޫއްސެއްނުވެ އެވެ. އޭގެ ބަދަލުގައި އަހަންނަށް ކުށްވެރިކުރެވުނީ އަހަރެންގެ އަމިއްލަ ނަފުސެވެ.
ރަށުން ބޭރުގައި އަހަރެންހުރި އަހަރެއްހާދުވަހު ފޯނުން ދެމީހުންނަށް ޙިއްސާކުރެވުނު ވާހަކަތަކަށްފަހު އަހަރެން ޗުއްޓީއަށް ރަށަށް ދިޔުމުން އަހަންނަށް ފާހަގަކުރެވުނު އެއް ކަމަކީ ކުރިޔާ ޚިލާފަށް އަހަރެންގެ ހިތްހަމަޖެއްސުމަށް އަންހެނުން ކޮންމެވެސް ވަރަކަށް މަސައްކަތްކުރަމުންދާކަމެވެ. އެކަން އިޙްސާސްކުރެވެން ފެށުމުން އެކަމާ ޝުކުރުކޮށް ﷲއަށް ހަމްދުކުރީމެވެ. އެހެން ކަމަށްވިޔަސްވެސް ކުރިއެކޭ އެއްގޮތަށް ހެޔޮލަފާ ރަގަޅު އަނބީންނާއި ދަރީން ދެއްވުމަށްއެދި ﷲއަށް ދުޢާކުރުންމަތީ ދެމިހުރީމެވެ. ޗުއްޓީ ނިމި ކިޔެވެން ފެށެން ވުމުން އަހަރެން އަނެއްކާވެސް އެބުރި ލަންކާއަށް އަތުވެއްޖައީމެވެ. މިފަހަރު އަހަރެން ދަތުރަށް ދަބަސް ތައްޔާރުކޮދިނީ އަންހެނުންނެވެ. އަހަރެން އެކަމާ ވަރަށް ހިތްހަމަޖެހި އުފާވި އެވެ.
ދެވަނަ ޓާމުގެ ކިޔަވުން ފެށިއްޖެ އެވެ. ކުރިއެކޭވެސް އެއްގޮތަށް އަންހެނުންނާ އަހަންނާ ދެމެދުގައި އޮންނަ ގުޅުން އެގޮތެއްގައި އޮވެއެވެ. ނަމަވެސް ކުރިއާ ޚިލާފަށް މިހާރު ކޮންމެސް ވަރަކަށް އަންހެނުންވެސް ގުޅައެވެ. ލޯބީގެ ވާހަކަތައްވެސް ދައްކަ އެވެ. ހަނދާންވާ ވާހަކަޔާއި އެކަނިވުމުން ފޫހިވާ ވާހަކަވެސް ދައްކަ އެވެ. ނަމަވެސް ކުރީގައިވެސް ދިމާވަމުންއައި މައްސަލަތަކަށް އެދެވޭ ޙައްލެއް ނާދެވެ. މިޚިޔާލުތަކުގެ ތެރޭގައި އޮށްވާ އަހަންނަށް ނިދިއްޖެއެވެ.
ހެނދުނު ހޭލެވެނީ ފޯނުރިންގު ވާތީ އެވެ. އަވަހަށް ތެދުވެ ފޯނު ބަލައިލީމެވެ. ގުޅަމުންދަނީ އަންހެނުންނެވެ. އަހަރެން ފޯނުނަގާ ހޮލޯއޭ ބުނީމެވެ. އެކޮޅުން އަންހެނުން ބުންޏެވެ.
"އަވަހަށް ތެދުވޭ ކްލާހަށް ދާގަޑި އެޔޮށްޖެހެނީ ގަނޑިޖެހިގެން ކުލާހަށް ދިޔުމަކީ ހަނޑިކަމެއް". އަހަންނަށް ބުނާނެ އެއްޗެއް ނޭނގިފައި އެތައްއިރަކު އިނދެވުނެވެ. ކުލާހަށް ދާން ހޭލަށްވަން އަންހެނުން ގުޅި މިއީ ފުރަތަމަ ދުވަހެވެ.
އެކޮޅުން އަނެއްކާވެސް ބުންޏެވެ. "އަވަހަށް ފެންވަރައިގެން ކުލާހަށްދޭ ފަހުންގުޅާނަން އިނގޭ". އަހަރެން އާއެކޭ ބުނީމެވެ.
ފޯނުކެނޑިއްޖެއެވެ. ފޯނުކެނޑުމާއެކު ކުރީރޭގެ ހަނދާންތައް އާލާވެއްޖެ އެވެ. ކުންހީތަށް ހިތަށް ވަންނަން ފަށައިފި އެވެ. އެވަގުތު އަހަރެން އަމިއްލަ ނުސާ މުޚާތަބުކޮށް ބުނެލެވުނެވެ.
"އަލަށްނަމަވެސް ހެނދުނު ގުޅައިފި، އެހެންވީމާ ހާދަހާ ރަގަޅޭ". ހެނދުނު ކުލާސް ނިމުނުތަނާ އަނެއްކާވެސް އަންހެނުން ގުޅައިފި އެވެ. އަހަރެން ހަލޯއޭ ބުނުމުން، ވަރަށް ނިޔަނެތި މަޑުމަޑު އަޑަކުން އަންހެނުން ބުންޏެވެ. "މިގަޑީގައި ވާހަކަދެއްކިދާނެތަ؟" އަހަރެން އާއެކޭ ބުނަމުން، ކިޔަވާ ކުދިން އުޅޭ ސަރަހަށްދާ ތަންކޮޅެއް ދުރުގައި ހުރި ބޮޑުގަހެއް ކައިރިއަށް ޖެހިލާ އިށިންދެލީމެވެ. އަންހެނުން ވާހަކަދައްކަން ފެށި އެވެ.
"ކުރީރޭ އަހަންނަށް ކަންތައްކުރެވުނީ ރަގަޅަކަށް ނޫން. ސޮރީ އިނގޭ." އޭނާގެ އަޑު އެހެން ދުވަސްތަކާ ތަފާތުކޮށް ރީތިކަން އަހަންނަށް އިޙްސާސްކުރެވުނެވެ. އެއަޑުގެ ފަށުއިކަމާއި ލޯބިކަން އަހަރެންގެ ހިތުގެ އެންމެ ފުނަށް އަސަރުކުރުވާ، އުފާވެރިކަން ހިތަށް ގެނުވަމުންދިޔައެވެ. މަޢާފަށް އެދުމުން އަހަރެން ވަރަށް އުފާވިއެވެ. އަދި އަހަރެން މަޢާފުކުރީމެވެ. އަންހެނުން އިތުރަށްވެސް ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. ވާހަކަދައްކާ ނިންމާލަމުން އޭނާ ބުންޏެވެ.
"އަހުމަދު ނެތުމުން ވަރަށް ފޫހިވޭ. ވަރަށް ހަދާންވޭ. ވަރަށް ވަރަށް މިސްވޭ. ދެން އަވަހަށް އާދޭ. ކަލާޔާ ދުރުގަ ހުންނަށް ވަރަށް އުދަގޫ. އައި ލަވްޔޫ ލޯބީ. ބާއީ...." އޭނާ އެހެން ބުނުމުން އަހަންނަށްވެސް މަޑުމަޑުން ބުނެލެވުނެވެ. "ބައި ބާއީ. ލަވް ޔޫ."
މިހާރު ކޮންމެ ދުވަހަކުވެސް އެތައް ގަޑިއިރަކު އަނހެނުންނާ ފޯނުން ވާހަކަދައްކަމެވެ. މައްސަލައެއް ނުޖެހެ އެވެ. މިގޮތުގައި ދުވަސްކޮޅެއްވީތަނާ ކޯސް ނިމިއްޖެ އެވެ. އަހަރެން ރާއްޖެ އައުމަށް ފުރައިފީމެވެ. މާލެއައިސް ހަމައެދުވަހު ރަށަށްދާ ދޯންޏަކުން ރަށަށްދާން ފުރައިފީމެވެ. ރަށަށްދެވުނީ އަނެއްދުވަހު ހެނދުނު އެވެ. އަހަރެން އަންނާތީވެ، އަންހެނުން ހުރީ ވަރަށް ބޮޑަށް އެކަމަށް ތައްޔާރުވެގެންނެވެ. އަހަރެން ވަރަށް އުފާވިއެވެ. ދެމީހުން ބައްދަލުވި ވަޤުތު ކަންހިނގައިދިޔަގޮތުން އަހަންނަށް ހަނދާންވީ މީގެ އެތަށް އަހަރެއްގެ ކުރިއެވެ. ދެމީހުން ރަށްޓެހިވެގެން އުޅުނު އިރުގެ ހަނދާންތަކެވެ. އަންހެނުން މުޅީން ބަދަލުވެއްޖެއެވެ. އެއީ އަހަރެން ބޭނުންވާ ކަހަލަ އަނތްބެކެވެ. އެދުވަހަށްފަހު އަހަރެން ނިދާ ހޭލާއިރު އަހަންނަށް ބޭނުންވާ ކަންކަން ކޮށްފައިނުވާ ދުވަހެއް ނާދެއެވެ. ހޭލާއިރު ހުންނަނީ ސައި ތައްޔާރުވެފައެވެ. ގަމީހާ ފަޓުލޫނު ހުންނަނީ ތައްޔާރުކޮށްދީފަ އެވެ. ކޮޓަރިތެރެ ތަރުތީބުކޮށް ނޯންނަ އެންމެވަޤުތު ކޮޅެއްނާދެ އެވެ. ތާހިރެވެ. މުރާއްޔެވެ. އަހަރެންނަށް އިޚްތިރާމްކޮށް އަހަރެންދެކެ އިންތިހާއަށް ލޯބިވާކަން އަހަންނަށް އިޙްސާސްކުރެވެއެވެ. ދަރިފުޅަށް އަޅާލާ އޭނާ ރަގަޅަށް ތަރުބިއްޔަތުކުރުމަށް ގަދައަޅާ މަސައްކަތްކުރެ އެވެ. ދަރިފުޅަށް ކިޔަވައިދެ އެވެ. ހުރިހާކަމެއް އަހަރެން ބޭނުންވާގޮތަށް ފުރިހަމަވެއްޖެ އެވެ. އަހަރެންގެ ހިތަށްއެރި އެވެ. ހުވަފެނަކީ ބިލާހެކެވެ. ކެއްތެރިކަމާއެކު ﷲއަށް ދެންނެވުންމަތީ، ތެދުވެރިވެ ހުރެވިއްޖެނަމަ އެއަޅެއްގެ ބޭނުންތައް ﷲ ފުއްދަވައިދެއްވާނެއެވެ. ބޭނުންވަނީ ކުޑަ ކެތްތެރިކަމެކެވެ.
-ނިމުނީ-

2 comments: