Wednesday, May 30, 2012

ހިއްޕޮކްރޭޓްސް "ޒަމާނީ ބޭސްވެރިކަމުގެ ބައްޕަ" Hippocrates

ހިއްޕޮކްރޭޓްސް "ޒަމާނީ ބޭސްވެރިކަމުގެ ބައްޕަ"  Hippocrates
    
      ހިއްޕޮކްރޭޓްސް އުފަންވީ މީލާދުގެ 460 އަހަރުކުރިން ކްރީކްގެ ކޮސްއަށެވެ. އެޒަމާނުގައި އިންސާނުން ގަބޫލުކުރަމުން ދިޔައީ ބަލިޖެހެނީ ރޫހާނީ ބާރުތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް ހިއްޕޮކްރޭޓްސް މިކަމާދެކޮޅަށް ވަކާލާތުކުރައްވައި ޒަމާނީ ބޭސްފަރުވާ ތަޢާރަފު ކުރެއްވިއެވެ. އަދި ބަލިޖެހޭ މީހާގެ ވަކިވަކި ގުނަވަންތަކަށް ފަރުވާކުރުމުގެ ބަދަލު މުޅި ހަށިގަނޑަށް ފަރުވާކުރާންޖެހޭ ކަމަށް ވަކާލާތު ކުރެއްވާން ފެއްޓެވިއެވެ. އަދި އެކަން ޢަމަލީގޮތުން ކުރެއްވެވިއެވެ. މީގެއިތުރުން ރަގަޅު ސިއްހަތުގައި ދިރިހިރުމަށްޓަކައި ސާފުވަޔާއި، ކަސްރަތާއި، އަރާމުކުރުމާއި އަދި ސާފުތާހިރުކަމަށް ލޯބިކުރާންޖެހޭކަމަށް އޭނާ އެހެން މީސްތަކުންނަށް ވިސްނުވައިދިނެވެ.

     ބޭސްވެރިކަމުގެ ދުނިޔެއަށް އިންގިލާބެއް ގެންނެވި، ވިސްނުންފުޅު ތޫނު މޮޅު ހާކިމެއްގެގޮތުގައި ހިއްޕޮކްރޭޓްސް ފާހަގަކުރެވޭންފެށީ އޭނާ ކުރަމުންދިޔަ ވަކާލާތުތައް ކާމިޔާބުވުމާ ގުޅިގެންނެވެ. އެހެނީ އޭނާ އިޖާދުކުޅަ އަދި ތަރައްޤީކުޅަ ގިނަގުނަ ބޭސްތަކާއި ބޭހާގުޅުންހުރި ޢިލްމުތަކަކީ މިއަދުވެސް ސިއްހީ ޚިދުމަތްދިނުމުގައި ބޭނުންކުރެވެމުންދާ މަޤްބޫލު ގޮތްތަކަކާއި އުޞޫލުތަކެކެވެ. ޒަމާނާއި އިންސާނުންގެ ޤަބޫލުކުރުންތަކުގެ ސަބަބުން ހިއްޕޮކްރޭޓްސް ބޭސްވެރިކަމަށް ތަޢާރަފުކުރި ގޮތްތައް ބޭނުން ކުރުމަށް ދަތިތަކެއް ކުރިމަތިވިނަމަވެސް އާޚިރުގައި އެއީ ކާމިޔާބު ގޮތްތަކަކަށްވިއެވެ. އެހެންކަމުން އެޒަމާނުގައި އޭނާ ފާހަގަކުރެވެނީ ބޭސްވެރިކަމަށް އިންގިލާބެއްގެންނެވި ބޭފުޅެއްގެ ގޮތުގައެވެ.  
     ހިއްޕޮކްރޭޓްސްގެ ދުވަސްވަރު ދުނިޔޭގައި އުޅުނު އިންސާނުންނަކީ ވަރަށް ތޫނުފިލި ބައެކެވެ. އެބައިމީހުން ދުއްގޮތުގައި އިންސާނާ އުފެދިފައިވަނީ މައިގަނޑު 4 އަސާސެއްގެ މަތީގައެވެ. އެއީ ބިމާއި، ވަޔާއި، އަލިފާނާއި އަދި ފެން އެކުވެގެންނެވެ. ވީމާ އެބައިތަކުގެ އެހީގައި އިންސާނާއަށް ޖެހޭ ބަލިތައް ފަސޭހަކުރެވޭނެކަމަށް އެބައިމީހުން ދެކުނެވެ. އެހެނީ އެޒަމާނުގައި މީހަކު ބަލިވެއްޖެނަމަ އެމީހަކަށް ފަރުވާކުރުމަށް ގެންދެވެނީ ފައްޅިއަކަށް ނޫނީ ބުދުކޯލަކަށެވެ. އެހެނީ އެމީހުން ޤަބޫލުކުރާގޮތުގައި ބޭހާބެހޭ ކަލާނގެ އެބަލިމީހާއަށް ފަސޭހަކަންދެއްވައި ބަލިން ފަސޭހަކުރައްވާނެތެވެ. އެކަމަށްޓަކައި އެބައިމީހުން ފާޑުފާޑުގެ ގޮވެލިތަކާއި ބަސްތަކާއި ޖާދޫތައް ހަދައިވެސް އުޅުނެވެ.
     ޖާހިލުކަމުގެ އެޒަމާނުގައިވެސް އިންސާނާއަށް ބަލިޖައްސާ ޖަރާސީމަކީ ޤުދުރަތީގޮތުން އުފެދޭ އެއްޗެއްކަން ހިއްޕޮކްރޭޓްސްއަށް ވިސްނުނެވެ. އެހެންކަމުން އެކަން ޔަޤީންކުރުމަށްޓަކައި ހިއްޕޮކްރޭޓްސް ވަރަށް ފަރުވާތެރިކަމާއެކު އެތައްބައިވަރު ބަލިމީހުންނެއް ބަލައި ތަހުލީލު(އޮބްޒާވް)ކުރިއެވެ. ބަލި މީހުންނަށް ވެފައިވާގޮތާއި ބަލިހާލު ބޮޑުވަމުން އަންނަގޮތް ރެކޯޑްކުރިއެވެ. އަދި ބަލިމީހާގެ ހަމުގެ ކުލަޔަށާއި ލޮލަށް އަންނަ ބަދަލުތައް ބަލައި ވަޒަންކުރިއެވެ. އެގޮތުން ހުމާއި ފިނިވާގޮތް ދެނެގަތެވެ. އެއަށްފަހު އެމަސައްކަތުން އެކިބަލިތައް މިގޮތަށް ދެނެގަނެ އެބަލިތަކަށް ނަންތައް ދިނެވެ. އެގޮތުން އޭނާ ހޯއްދެވި އަދި ނަން ދެއްވި ބަލިތަކުގެ ތެރޭގައި: ނިޔުމޯނިއާ، ޓެޓަނަސް، ޓިއުބަކްލޯސިސް، އާތްރިޓިސް، މަމްޕްސް އަދި މެލޭރިޔާ ހިމެނެއެވެ.
     ބަލިޖައްސާ ޖަރާސީމުގެ ތެރޭގައި ތަފާތު ވައްތަރުތަކުގެ ޖަރާސީމު ހުންނަކަމާއި އެކި ޖަރާސީމު ޖައްސަނީ އެކިބަލިކަމާއި އެހެންކަމުން ވަކިވަކި ޖަރާސީމަށް ޚާއްޞަކުރެވޭ ބޭސް ތަފާތުވާންވާނެ ކަމަށް ހިއްޕޮކްރޭޓސްއަށް ޤަބޫލުކުރެވުނެވެ. އަދި ބަލިޖެހިފައިވާ މީހުންނަށް ފަރުވާކުރުމުގައި ތަފާތުގޮތްތައް ބޭނުންކުރާން ފެށިއެވެ. މިކަންކަމާއެކު އެޒަމާނުގެ އެހެން ބޭސްވެރިންނާއި ޚިލާފަށް އިންސާނާގެ ޚިޔާލާއި ފިކުރަކީ ސިކުޑިން ފޮނުވާ މެސެޖްތަކެއްކަމަށް އޭނާ ޤަބޫލުކުރިއެވެ. އެހެން ބޭސްވެރިން ދެކިލައްވާގޮތުގައި ޚިޔާލާއި ފިކުރަކީ ހިތަށްވެރިވާ އެއްޗެކެވެ. އަދި ބޭސްކުރުމުގައި ތަފާތު ބަލިބައްޔަށް ތަފާތު ފަރުވާދިނުން ތަޢާރަފުކޮށް އެކަން ކުރައްވައި އެގޮތްތައް އެއީ ކާމިޔާބު ގޮތްތަކެއްކަން ދުނިޔެއަށް ޘާބިތުކޮށްދިނެވެ.
     ބޭސްވެރިކަން ދަސްކުރާން މަސައްކަތްކުރި އެކިއެކި މީހުން ކައިރީގައި ހިއްޕޮކްރޭޓްސް ބުނަމުން ދިޔައީ ބަލިމީހާ ފަރުވާތެރިކަމާއެކު ބަލައި ތަހުލީލު(އޮބްޒާވް) ކުރުމަށެވެ. އަދި އެތަހުލީލު (އޮބްޒާވް)ތަކުގެ އެހީގައި ބަލިތައް ދެނެގަތުމަށެވެ. އަދި އެއަށްފަހު ފަރުވާދިނުމަށެވެ. އޭނާ ބުނާގޮތުން އިންސާނާގެ ހަށިގަނޑަށް ޖެހޭ ބަލިތަކުން ސަލާމަތްވުމުގެ ފުރިހަމަ ބާރު އެހަށިގަނޑަށް ލިބިފައިވެއެވެ. އަދި ރަގަޅު ސިއްހަތެއްގައި ހުރުމުގެ ނިޢުމަތް ކޮންމެ އިންސާނަކަށްވެސް ލިބިފައިވެއެވެ. ވީމާ އިންސާނާ ބަލިވެއްޖެނަމަ ދޭންޖެހެނީ ތަދުކަނޑާޒާތުގެ ބޭހެކެވެ. އިތުރު ބޭސްތަކެއް ދޭކަށް ނުޖެހެއެވެ.
     ހިއްޕޮކްރޭޓްސް ކައިރިއަށް ފަރުވާ ހޯދުމަށް އަންނަ ބަލިމީހުން ކައިރީގައި އޭނާ ބުނަމުން ދިޔައީ އެކަށީގެންވާ ވަރަށް ރަގަޅު ކާނާ ކެއުމަށެވެ. ކެއުމުގައި ހައްދުފަހަނަ އަޅާ ނުދިޔުމަށާއި ބަނޑުހައި ހޫނުކަންމަތީ ނުތިބުމަށެވެ. އަދި އެކަށިގެންވާ ވަރަށް (މެދުމިންވަރަކަށް) ކަސްރަތު ކުރުމަށެވެ. އެގޮތުން ކޮންމެސް ވަރަކަށް ކޮންމެ ދުވަހަކުވެސް ހިނގާލުމަށް އޭނާ ނަސޭހަތްތެރިވިއެވެ.
     ޑަކްޓަރުން ބަލިމީހާއަށް ފަރުވާކުރަން ފެށުމުގެ ކުރިން ރަގަޅަށް ދެއަތް ދޮވެ ސާފުތާހިރުވުމަށް ހިއްޕޮކްރޭޓްސް ބާރުއެޅިއެވެ. އަދި ފަޅާކޮޓަރީގައި އެކަށީގެންވާ މިންވަރެއްގެ އައްޔެއް ހުރުމަށާއި ސާފުތަނަކަށް ފަޅުމަށް ޚާއްޞަކުރެވޭ ކޮޓަރި ހެދުމަށް އޭނާ މަސައްކަތްކުރިއެވެ. އަދިހަމަ ހިއްޕޮކްރޭޓްސް ޤަބޫލުކުރިގޮތުގައި ބަލިމީހާއަކީ ހިތްވަރުގަދަ އަޒުމް ވަރުގަދަ މީހެއްނަމަ އެމީހެއްގެ ބަލި ފަސޭހަވުން އަވަސްވާނެއެވެ.
     ހިއްޕޮކްރޭޓްސް ވިދާޅުވާގޮތުގައި ޑަކްޓަރަކަށް ވެވޭނީ ތެދުވެރި އަދި ކަމަށް ކަމޭހިތައިގެންނެވެ. އަދި ކޮންމެ ޑަކްޓަރަކީ ބުރަކޮށް މަސައްކަތްކުރާ، ބަލިމީހާއަށް ދިރިހުރުމުގެ އުއްމީދު އާލާކޮށްދޭ މީހަކަށް ވާންވާނެއެވެ. އަދުގެ ދުނިޔޭގައި ޑަކްޓަރުންގެ ވަޢުދެއްގެ ގޮތުގައި ބޭނުން ކުރެވޭ "ހިޕޮކްރެޓިކް"އަކީ ހިއްޕޮކްރޭޓްސްއަށް ނިސްބަތްކޮށް ބޭނުންކުރެވޭ ރަމްޒެކެވެ. އަދި މިވަޢުދާއި އުސޫލަކީ މިއަދުވެސް ބޭސްވެރިކަމުގެ ދުނިޔޭގައި އިޚްތިރާމާއި ޤަދަރުލިބިގެންވާ އެއްޗެކެވެ.
     ހިއްޕޮކްރޭޓްސް އޭނާގެ ފަންނާއި ހުނަރު ކުރިއެރުވުމުށާއި އެހެން މީހުންނަށް އެ އުކުޅުތައް އުނގަންނައި ދިނުމަށްޓަކައި މުޅި ގްރީކުގައި ދަތުރުކުރިއެވެ. އޭނާގެ ރަށްކަމަށްވާ ކޮސްގައި ބޭސްވެރިކަން ކިޔަވައިދިނުމަށް މަދަރުސާއެއް ޤާއިމުކުރިއެވެ. އެމަދަރުސާގައި ބޭސްވެރިކަމާއި ގުޅޭގޮތުން އޭނާ ދެކޭގޮތްތަކާއި، ޚިޔާލުތަކާއި އަދި ފިކުރުތައް އެހެންމީހުންނަށް ކިޔައިދިނުމުގެ އިތުރުން ފުޅާ ދާއިރާއެއްގައި، ހިއްޕޮކްރޭޓްސް ތަޢާރަފުކުރި ބޭސްވެރިކަމުގެ އައު ގޮތްތައް އުނގަންނައިދެމުން ގެންދިޔައެވެ. އަދިހަމަ އެދުވަސްވަރު ބޭސްވެރިކަމުގެ ވަޢުދާއި އުޞޫލުތައް އަދި ބޭސްވެރިން ޢަމަލުކުރާންވީ ގޮތްތައްވެސް އޭނާ އެކުލަވާލިއެވެ. ހިއްޕޮކްރޭޓްސް ނިޔައުވީ މީލާދުގެ 377 އަހަރުކުރިންނެވެ. ހިއްޕޮކްރޭޓްސް ތަޢާރަފު ކުރި ބޭސްވެރިކަމުގެ އައު ގޮތްތަކުގެ ސަބަބުން، މިއަދު ހިއްޕޮކްރޭޓްސް ފާހަގަކުރެވެނީ ބޭސްވެރިކަމުގެ ބައްޕަގެ ގޮތުގައެވެ.

މަޢުލޫމާތު ހޯދީ:
Porter, R., (1994). The Biographical Dictionary of Scientists. Second Edition. New York: Oxford University Press.
Collier, P.F., Oath and Law of Hippocrates (1910). Harvard Classics Volume 38 (Online) gopher..//ftp.std.com//00/obi/book/Hippocrates/Hippocratic.Oath
Hippocrates. Encyclopedia Britannica (Online) http://www.eb.com/Hippocrates
Hippocrates: The "Greek Miracle" in Medicine. Ancient Medicine (Online) http://web1.ea.pvt.K12.pa.us/medant/hippint.htm#history

No comments:

Post a Comment