އަދަބީ ފާޑުކިޔުން
ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ
އަދަބު
މިލަފުޒަކީ ޢަރަބި ލަފުޒެކެވެ. މިލަފުޒުގެ އިޞްތިލާހީ މާނައަކީ މީހަކު ކުރާ
ކަންތަކާއި ބުނާ ބަސްތައް ކުށުން ސަލާމަތްކުރާނެމަގު އުނގެނިގަތުމެވެ. އަދި އެފަދަ
ކުށުން މީހާ ސަލާމަތްކޮށް ލެހެއްޓުމަށް ބޭނުންކުރާ ކަންތައްތަކަމަށް މުޙަންމަދު
ޖަމީލް ދީދީ (2009)
ބާޔަންކުރައްވައެވެ. ވީމާ އިންސާނާގެ ގައިގައި ޤުދުރަތުން ލައްވަވާފައި ރަގަޅު
ސިފަތަކުގެ މައްޗަށް ހޭނި އެސިފަތައް ދެމެހެއްޓުމަށް ކުރާ މަސައްކަތައްވެސް އަދަބޭ
ކިޔެއެވެ. ނަމަވެސް މިއީ ނަފްސުގެ އަދަބެވެ.
ޢިލްމަށް ކިޔާ
ނަމެއްގެ ގޮތުގައިވެސް އަދަބު ބޭނުން ކުރެވެއެވެ. މިގޮތަށް އަދަބު ބޭނުން
ކުރެވޭންފެށީ ހިޖުރައިން ދެވަނަ ޤަރުނު ނޫނީ ތިންވަނަ ޤަރުގެ ތެރޭގައިކަމަށް
މުޙަންމަދު ޖަމީލް ދީދީ (2009) ހާމަކުރައްވައެވެ. އެއީ ފާރިސީންނާއި ގްރީކުންގެ
ޢިލްމުތައް ޢަރަބި ބަހަށް ތަރުޖަމާކުރެވި ޢަރަބިބަހުގެ ފޮތްތެރިކަން
މުއްސަދިވުމުންނެވެ. އެހެންކަމުން މިހާރަކަށް އައިސް ޢިލްމުވެރިން އަދަބު
މާނަކުރަނީ ބަހުގެ ތެރެއިން ފޭރާން ހެޔޮކޮށް އަމުނާލެވިފައި ހުންނަ ޅެންބަހާއި
އަމުނާލުމެއްނެތި އުކާލެވިފައި ހުންނަ (ނަޘްރު) ބަސްތަކަށެވެ. އެތަކެތި ޝަރަޙަކޮށް
ބަޔާންކުރުމަށްޓަކައި ބޭނުންކުރެވޭ މަޢުލޫމާތުތަކަށެވެ. އަދި އެތަކެއްޗާމެދު
ފާޑުކިޔުމުގެ ގޮތުން ބުނެވޭ ބުނުންތަކާއި ލިޔެވޭ ލިޔުންތަކަށްވެސްމެއެވެ
(މުޙަންމަދު ޖަމީލް ދީދީ،
2009).
އެހެންކަމުން މިޒަމާނުގައި ފުޅާ މާނައެއްގައި އަދަބު ބޭނުންކުރެވެނީ އަދަބުގެ
ޢިލްމަށެވެ. އެއީ ޅެމާއި ނަޘްރަށެވެ. އަދި އެ އުފެއްދުންތަކަށް ކިޔޭ
ފާޑުކިޔުންތަކަށެވެ.
ލިޔުންތެރިކަމާއި ފޮތްތެރިކަމުގެ ދުނިޔޭގައި އަދަބު މާނަކުރެވެނީ ވަރަށް ފުޅާ
އަދިއެހާމެ ޚާއްޞަ މާނައެއްގައެވެ. އެގޮތުން މުޙަންމަދު ވާޙީދު ނަދުވީ (2003)
ލިޔުއްވާފައިވާގޮތުން ލިޔުންތެރިކަމުގައި އަދަބު މާނަކުރަނީ އާންމު ބަހުރުވައާއި
ތަފާތު ބަހުރުވައަކުން އާންމު ޚިޔާލާއި ތަފާތު ޚިޔާލެއް ކިޔާމީހާއަށް އަސަރުކުރާ
ކަހަލަ ރީތިގޮތަކަށް ހުށަހަޅާފައިވާ ލިޔުންޔަކަށް ނިސްބަތްކޮށެވެ. ވީމާ
ލިޔުންތެރިކަމުގައި އަދަބަކީ ޅެމާއި ނަޘްރުގެ ތެރޭގައި ހިމެނޭ މޮޅު، ފޭރާން ހެޔޮ ތަކެއްޗެވެ. އެއިން
ކިޔާމީހާއަށް އަސަރެއް ކުރުވާ، އައު ފިކުރެއް، ޚިޔާލެއް ގެނެސްދޭ، ތާއަބަދަށް
ދިރިހުންނަ ތަކެއްޗެވެ.
ޢިލްމީ އަދަބު
ބެހެނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ އިންޝާޢީ އަދަބާއި ވަޞްފީ އަދަބުގެ
މައްޗަށެވެ. އިންޝާޢީ އަދަބަކީ ޅެންވެރިޔެއް ނުވަތަ ލިޔުންތެރިޔެއް ނުވަތަ
ބަސްމޮށުންތެރިއެއްގެ ކިބައިން އުފެދިގެން އަންނަ އަދަބެވެ.
އަދި ވަޞްފީ އަދަބަކީ އިންޝާޢީ އަދަބެއް ސިފަކުރުމުގެ ގޮތުން އުފެދޭ އަދަބުކަމަށް
މުޙަންމަދު ޖަމީލް ދީދީ (2009) ބަޔާންކުރައްވާފައިވެއެވެ. އެހެންވީމާ އިންޝާޢީ
އަދަބަކީ އަދީބަކު އަލަށް ވުޖޫދުކުރާ އައު އަދަބީ ލިޔުމެވެ. އަދި ވަޞްފީ އަދަބަކީ
އަދީބަކު އުފައްދާފައިވާ އަދަބީ ލިޔުމުގެ މައްޗަށް ފާޑުކިޔުމަށް، ޝަރަހަކުރުމަށް
ނުވަތަ ނަޤުދު ކުޅައުމަށް ލިޔާ އަދަބީ ލިޔުމެވެ.
އިންޝާޢީ
އަބަދަކީ ވަރަށް ފުޅާ ދާއިރާއެއްގައި ހުޅުވާލެވިފައިވާ އަދަބެކެވެ. އެހެނީ
އިންޝާޢީ އަދަބުގެ މަޢުޟޫއަކީ މުޅި އިންސާނީ ހަޔާތެވެ. މިއަދަބުގެ ތެރޭގައި ނަޘްރު
(prose)
އާއި ވަޒަންބަހުރު ހިމެނިގެންވާކަމަށް މުހަންމަދު ވަޙީދު ނަދުވީ (2003)
ހާމަކުރައްވައެވެ. ވީމާ ބޭނުން ކޮންމެ މަޢުޞޫއަކަށްވެސް އިންޝާޢީ އަދަބެއް
އުފެއްދިދާނެއެވެ. އަދި އެއުފެއްދުމެއް ޅެންބަހުން ނޫނީ ޢާންމު ބަހުރުވައިން
(ނަޘްރު)ވެސް ހުށަހެޅިދާނެއެވެ.
ޢިންޝާޢީ
އަބަދެކޭ އެއްގޮތަށް ވަޞްފީ އަދަބުވެސް ދެބަޔަކަށް ބެހެއެވެ. އެއީ އަދަބީ ނަޤުދާއި
އަދަބުގެ ތާރީޚުގެ މައްޗަށްކަމަށް މުޙަންމަދު ޖަމީލް ދީދީ (2009)
ލިޔުއްވާފައިވެއެވެ. ކޮންމެއަކަސް ނަޤުދަކީ ޝަރަހަކުރުމާއި ފާޑުކިޔުމާއި ރީތި
ސިފަތައް ދެއްކުމާއި އުނިގޮތްތައް ހާމަކޮށްދިނުމެވެ. ނުވަތަ މިކަންކަން
ހިމެނިފައިވާ އަދަބެވެ. އަދި އަދަބުގެ ތާރީޚަކީ އަދަބު އުފެދިގެންދިޔަ
ދުވަސްވަރެއް ފާހަގަކޮށް ކުރިއަރަމުން ނުވަތަ ދަށްވަމުންދިޔަ ގޮތްތަކާއި އެކަމުގެ
ސަބަބުތަކާއިމެދު ނަޒަރުހިންގައި ބަޔާންކޮށްލިޔެވޭ ލިޔުންތަކެވެ. ނުވަތަ
ލިޔެވިފައިވާ އަދަބެވެ.
އަދަބީ
ފާޑުކިޔުމަކީ އަދަބީ އުފެއްދުމެއް ބަލައި ތަޙުލީލުކޮށް އޭގެ އެތެރެފުށާއި
ބޭރުފުށުގައި ހުރި ފަންނީ އަދި އަދަބީ ކަންކަން ހާމަކޮށް އަގުވަޒަންކޮށް ދެއްކުމެވެ.
މިކަމަށް އަދަބީ ނަޤުދޭ ޢަރަބި ބަހުން ކިޔާއިރު އިނގިރޭސި ބަހުން މިކަމަށް ކިޔަނީ
ކްރިޓިސިޒަމްއެވެ. މީގެ މާނައަކީ ޢަދުލު ނުވަތަ އިންސާފުކަމަށް އާދަމް ޒާހިރާ އަދި
މުޙަންމަދު އިބްރާހީމް ލުޠުފީ (2004) ވިދާޅުވެއެވެ. ކޮންމެއަކަސް އަދަބީ
ފާޑުކިޔުމުގެ އިޞްތިލާޙީ މާނައަކީ އަދަބީ އުފެއްދުމަކާ މެދު ޢިލްމީ ހަމަތަކަކުން
ވިސްނުމަށްފަހު ކަނޑައަޅާ އަދަބީ ނިޔާއެވެ. ނުވަތަ އަދަބީ އުފެއްދުމަށް އަގެއް
ކަނޑައެޅުމެވެ (ޑރ. ރަގުކުލް ތިލާކް، 2011).
އަދަބީ
ފާޑުކިޔުމުގެ މައިގަނޑު ބޭނުމަކީ އެބައެއްގެ ބަސްކުރިއަރުވައި އެބައެއްގެ އަދަބީ
އުފެއްދުންތަކުގެ ފެންވަރު ރަގަޅު ކުރުމެވެ. އަދި އެފާޑުކިޔޭ އަދަބެއްގެ ޙަޤީޤަތް
ހާމަކޮށްދިނުމެވެ. އަދަބީ ފާޑުކިޔުމަކަށްވާނީ އަދީބަކު އުފައްދާފައިވާ
އުފެއްދުމަކަށް ޢިލްމީ ހަމަތަކަށް ފެތޭގޮތަށް ފާޑުކިޔުމުންނެވެ. މުޙައްމަދު ވަޙީދު
ނަދުވީ (2003) ބަޔާންކުރައްވާފައިވާ ގޮތުންނަމަ އަދަބީ ފާޑުކިޔުމަކީ ފީހޮވުމެވެ.
އަދަބުގައި ހުރި ނުރަގަޅު ކަންކަމާއި ނުރަގަޅު ގޮތްތައް ހާމަކޮށް ދައްކައިދީ އަދި
ރަގަޅު ގޮތް ބުނެދިނުމެވެ (ސުއި އެލް.ޓީ. އާއި މައިކަލް ގްރެޖޯރ، 2003). ނުވަތަ
ގޮތް ކިޔުމެވެ. އެގޮތުން ފާޑުކިޔޭ އުފެއްދުމެއްގައި ހުރި ރަގަޅު، ނުރަގަޅު
ކަންތައްތަކާމެދު ޚިޔާލު ފައުޅުކުރުމެވެ. މިގޮތަށް ފާޑުކިޔުމުގެ ނަތީޖާއަކަށްވަނީ
އެބަހަކުން އުފައްދާ އަދަބުތަކުގެ ފެންވަރު ރަގަޅުވުމަށް އިތުރު ބާރެއް ލިބުމެވެ.
އަދަބަށް ދިރުންލިބި ކުރިއަށްދާން ފެށުމެވެ.
އަދަބީ
ފާޑުކިޔުމޭ ބުނެވެނީ ވަކިހަމަތަކަކާއި އުޞޫލުތަކެއްގެ މަތީން ޒާތީ ތަޢައްސުބުން
އެއްކިބާވެހުރެ ކިޔާ ފާޑުކިޔުމަށެވެ. ސުއި އެލް. ޓީ. އާއި މައިކަލް ގްރެޖޯރ (2003)
ހާމަކުރައްވާފައިވާ ގޮތުގައި މިގޮތަށް ފާޑުކިޔަމުން ދާއިރު އެއަދަބެއްގައި ހުރި
ރަގަޅު ކަމެއްނަމަ އެކަމެއް ރަގަޅުވީ ސަބަބު އަދި ރަގަޅުނޫންނަމަ ނުރަގަޅުވި
ސަބަބު ހެއްކާއެކު ދައްކަމުން އެވާހަކަތައް ބަޔާންކުރަންވާނެއެވެ. އަދި ފުޅާ
ދާއިރާއެއްގައި ފާޑުކިޔާނަމަ އެނުރަގަޅު ކަންކަން ރަގަޅުކުރާނެ ގޮތްތައް ވެސް
ބުނެދޭންވާނެ ކަމަށް އައިމިނަތު އިބްރާހީމް (2007) ވިދާޅުވެފައިވެއެވެ. ވީމާ
އަދަބީ ފާޑުކިޔުމަކީ ވަކި ތަރުތީބަކުން އެފާޑުކިޔޭ އަދަބެއްގައި ހުރި އަދަބީ
ރިތިކަމާ، މޮޅުކަމާ، އުނިކަމާ، ދެރަކަމެއް ފާހަގަކޮށް އޭގެ ހަޤީޤީ ފެންވަރު
ހާމަކޮށް ދިނުމުގެ ގޮތުން ފާޅުކުރާ ޚިޔާލެވެ.
އަދަބީ
ފާޑުކިޔުމުގެ ހަރަކާތްތައް ފުރަތަމަ ފެށުނީ ޢަރަބި ދުނިޔޭގައެވެ. އެއީ ކުރިންވެސް
ބަޔާންކޮށްފައިވާނެ ފަދައިން ފާރިސީންނާއި ގްރީކުންގެ ޢިލްމީ، އަދަބީ ލިޔުންތައް
ޢަރަބި ބަހަށް ތަރުޖަމާކުރެވި ޢަރަބި އަދަބު ކުރިއަރައި ފުޅާވެގެންދިޔުމުގެ
ނަތީޖާއެއްގެ ގޮތުން ފެށުނު ހަރަކާތެކެވެ. މިހަރަކާތްތައް އަރަބި އަދަބުގައި
ފެށުނީ މީލާދީން 9 ވަނަ ޤަރުނުގެ މެދުތެރޭގައިކަމަށް އަޝްރަފް ޢަލީ (2010)
ހާމަކުރައްވާފައިވެއެވެ. ޢަރަބި ޢިލްމުވެރިން ނަޤުދު ކުޅައުމުގައި އެތައް ޒަމާނެއް
ހޭދަކުރިފަހުން މި ޢިލްމު ހުޅަގަށާއި ދެކުނު އޭޝިޔާއަށް ފުޅާވިއެވެ. އެހެނީ
ވިކިޕީޑީޔާ (2012) ބާޔާންކުރައްވާފައިވާ ގޮތުގައި ޔޫރަޕާއި އުރުދޫ އަދަބުގައި
ފާޑުކިޔުން ފަންނެއްގެ ގޮތުގައި ފެށިފައިވަނީ މީލާދީން 19 ވަނަ ޤަރުނުގެ
ތެރޭގައެވެ. އެހެންކަމުން ނަޤުދު ކުޅައުން ޢިލްމީ ފަންނެއްގެ ގޮތުގައި ފަށައިގަތީ
އަރަބި ޢިލްމުވެރިންކަން ހާމަވެއެވެ.
ދިވެހި
އަދަބުގައި އަދަބީ ފާޑުކިޔުން ފެށިފައިވަނީ ހިޖުރައިން 1308 ހާތަނުގައެވެ. އެއީ
މިފަދަ އަދަބަކަށް ފެންނަން އޮތް އެންމެ އިހުގެ ލިޔުމަކީ ބަނޑޭރި ޙަސަން
މަނިކުފާނުގެ ދިޔޯގެ ރައިވަރުގެ މައްޗަށް ނައިބު ތުއްތު ލިޔުއްވާފައިވާ
ޝަރަޙަކަމަށް ވާތީއެވެ. އެޝަރަޙަ ލިޔެވިފައިވަނީ ކުރިން މިދެންނެވި ދުވަސްވަރުގައި
ކަމަށް ބެލެވެއެވެ. ކޮންމެއަކަސް މި ޝަރަޙައަކީ ދިވެހި އަދަބުގައި ކުޅެވުނު
ފުރަތަމަ ނަޤުދުކަމަށްވިޔަސް އެއީ އަދަބީ ފާޑު ކިޔުމުގެ ފުރިހަމަ އުޞޫލުތަކަށް
ފެތިފައިވާ ޝަރަހައެއް ނޫންކަމަށް އާދަމް ޒާހިރު އާއި މުޙަންމަދު މުސްޠަފާ އިބްރާހީމް
(2004) ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް މިއީ ދިވެހި އަދަބުގައި މިގޮތަށް
ކުރެވުނު ފުރަތަމަ ނަޤުދެވެ.
އަދަބީ
ޖައްވުގައި އަދަބީ ނިޔާ ކަނޑައަޅާ މީހާއަށް ކިޔަނީ ނާޤިދު (ކްރިޓިކް) އެވެ. އަދި
ކަނޑައަޅާ ނިޔާއަށް ކިޔަނީ ނަޤުދެވެ. ނަޤުދު ކުޅައުމަކީ ނުވަތަ ނާޤިދަކަށް ވުމަކީ
ކުރަން އެހާ ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ އަދަބީ ފާޑުކިޔުންތެރިޔާއަކީ
ކިޔުންތެރިޔާއާއި އަދަބީ އުފެއްދުމަކާ ދެމެދުގައިވާ މެދުވެރިއަކަށް ވުންކަމަށް
މުހަންމަދު ވަޙީދު ނަދުވީ (2003) ބަޔާންކުރައްވާފައިވެއެވެ. އެހެނީ ނާޤިދުގެ
ކިބައިގައި އަދުލުވެރި އިންސާފުވެރި ފަޑިޔާރެއްގެ ކިބައިގައި ހުންނަންވާ ހުރިހާ
ސިފަތަކެއް ހުންނަން ޖެހެއެވެ. އަދިހަމަ އެފާޑުކިޔާ އަދަބަކާ ބެހޭ ހުރިހާ
މަޢުލޫމާތަކާއި ޢިލްމެއް ލިބިގެންވާ މީހެއްކަމުގައި ނާޤިދުވާންޖެހެއެވެ. އެރޮގުން
އޭނާގެ މަޢުލޫމާތު ތާޒާވެފައި އެންމެ ފަހުގެ މަޢުލޫމާތު ލިބިފައިވާ އެކަމަށް
ހޭލުންތެރި ޤާބިލް މީހަކަށް ވާންޖެހޭކަމަށް ގެއިރިން ވެލްފެއަރ އެލް (1992)
ހާމަކުރައްވާފައިވެއެވެ. ވީމާ އަދަބީ ނިޔާ ކަނޑައަޅާ ފަރާތަކީ އެނިޔާ ކަނޑައަޅާ
އަދަބެއްގެ އެންމެ ފަހުގެ ތާޒާ، ފަންނީ، މަޢުލޫމާތާއި ހުނަރު ހުރި ވިސްނުންތޫނު،
އިންސާފްވެރި މީހަކަށްވާން ޖެހެއެވެ.
ނާޤިދުންގެ
މަސައްކަތަކީ އަދަބީ އުފެއްދުންތައް ތަހުލީލްކޮށް އެއުފެއްދުންތަކަށް ހައްޤުވާ
ނިޔާކަނޑައެޅުމެވެ. އެކަމަށްޓަކައި އެބައިމީހުންނަކީ ގިނަގިނައިން އަދަބީ
ލިޔުންތައް ކިޔާ ބަޔަކަށް ވާންޖެހޭކަމަށް ސުއި އެލް. ޓީ. އާއި މައިކަލް ގްރެޖޯރ
(2003) ވިދާޅުވެއެވެ. އަދިހަމަ ފާޑުކިޔާ އަދަބެއް އާދައިގެ ކިޔުންތެރިންނާ
ހަމަޔަށް ގެނެސްދީ އެނާއަށް ފަހުމުވާނެވަރުކޮށްދިނުމަކީވެސް ނާޤިދުންކުރާ
މަސައްކަތެކެވެ. އެގޮތުން އެފާޑުކިޔާ އަދަބެއްގައި ހުރި މުތީތަކާއި ފީތައް ހޮވައި
ވަކިކޮށް ކިޔުންތެރިންނަށް ދައްކައިދޭ ފަރާތަކީވެސް ނާޤިދުންކަމުގައި ގެއިރިން
ވެލްފެއަރ އެލް (1992) ބަޔާންކުރައްވާފައިވެއެވެ. އެހެންކަމުން ނާޤިދުންނަކީ
އަދީބުންގެ ލިޔުންތައް ތަހުލީލުކޮށް އޭގެ މޮޅު ދެރަކަން ހާމަކޮށްދީ އެއަށް
ފުރިހަމަ ނިޔާއެއް ކަނޑައަޅައި އާދައިގެ ކިޔުންތެރިންނަށް އެނިޔާ ކަނޑައެޅި
އަދަބެއްގެ މޮޅު ދެރަކަން ހާމަކޮށްދޭ ފަނޑިޔާރެވެ. ނަމަވެސް ނާޤިދު ކޮންމެހެން
އަދީބަކަށްވުން ލާޒިމެއް ނޫނެވެ.
އަދަބަކަށް
އަދަބީ ފާޑެއް ކިޔާނަމަ އެފާޑުކިޔާ ފަރާތެއްގެ ކިބައިގައި ވަކި ސިފަތަކެއް ހުރުން
ލާޒިމެވެ. އެހެނީ އެހެން ނޫނީ އެއީ އެންމެ އިންސާފުވެރި ފާޑުކިޔުމަކަށް ނުވާނެއެވެ.
ފުރަތަމަ ކަމަކީ އަދަބީ
ޒައުޤު ހުރުމެވެ. މިއީ ފިތުރީގޮތުން ނާޤިދުގެ ކިބައިގައި ހުރެދޭނެ ސިފައެކެވެ
(މުހަންމަދު ވަޙީދު ނަދުވީ، 2003). މިސިފަ ނާޤިދުގެ ކިބައިގައި ނެތްނަމަ، އެސިފަ
ހަރުލައްވައި އެކަމަށް ހޭލަން ޖެހޭނެއެވެ. އެހެނީ އެހެންނޫނީ އަދަބުގައި ހުރި ރަހަ
އެނާޤިދަކަށް ވަކިކުރާކަށް ނޭނގޭނެއެވެ.
ދެވަނަ
ކަމަކީ
އެމީހަކަށް ލިބިފައިހުރި އަދަބީ ފަންނީ ރަހައިގެ ރަހަ ރަގަޅުކުރުމެވެ. މުޙަންމަދު
ޖަމީލް ދީދީ (2009) ބާޔަންކުރައްވާފައިވާގޮތުގައި މިކަންކުރެވޭނީ ގިނަގިނައިން
އަދަބީ އުފެއްދުންތައް ކިޔައި އޭގެތެރެއިން މޮޅުދެރަ ވަކިކުރަން އެނގޭ މިންވަރަށް
ހޭނިގެންނެވެ. އެގޮތުން އެބަހަކުން އުފައްދާފައިވާ މޮޅެތި އަދަބީ އުފެއްދުންތައް
ގިނަގިނައިން ކިޔައި އެއާމެދު ފިކުރު ހިންގަންވާނެއެވެ. އަދި ބޭރުގެ ފަރާތްތަކާއި
އެތެރޭގެ ފަރާތްތަކުން އެފަންނުގައި ލިޔެފައިވާ ލިޔުންތަކާއި ކިޔާފައިވާ
ފަޑުކިޔުންތައް ބަލައި އެމައްޗަށް ފިކުރު ހިންގަންވާނެއެވެ.
ތިންވަނަ ކަމަކީ
ވިސްނުން ތޫނުވުމެވެ. ފާޑުކިޔުންތެރިޔާ އެފާޑުކިޔާ ލިޔުމަކާމެދު ތަފާތު ދިމަތަކުން
ވިސްނައި އޭނާގެ ވިސްނުމުގެ ތޫނުކަން ކިޔުންތެރީންނަށް ހާމަކޮށްދޭންވާނެއެވެ.
އެހެނީ އޭރުން އަދަބީ އުފެއްދުމުގެ ރަގަޅާއި ނުރަގަޅު ވަކިކޮށް އަދަބީ
ނިޔާކަނޑައަޅަން ފަސޭހަވާނެއެވެ. އަދި އެނިޔާ ހަރުދަނާ ވާނެކަމަށް އާދަމް ޒާހިރު
އާއި މުޙަންމަދު އިބްރާހީމް ލުޠުފީ (2004) ބަޔާންކުރައްވައެވެ.
ހަތަރުވަނަ
ކަމަކީ
މަޢުލޫމާތު މުއްސަދިވުމެވެ. މިއީ ނާޤިދެއްގެ ކިބައިގައި ހުރުން ލާޒިމު އެންމެ
މުހިންމު ސިފައެވެ. އެހެނީ އަދަބުގެ ބައިތައް ކަމަށްވާ ޅެމާއި ލަވަޔާއި ރާއިވަރާއި
ޑްރާމާ ފަދަ ބައިތައް ރަގަޅަށް ފުރިހަމަޔަށް އޭނާއަށް ނޭނގޭނަމަ ފުރިހަމަ ފާޑު
ކިޔުމެއް ނުކިޔޭނެއެވެ. އެހެންވީމާ ފާޑުކިޔާ ފަރާތަކީ އެކި ޢިލްމުގެ ޢާންމު
މަޢުލޫމާތައި ކާއިނާތުގައިވާ ތަކެއްޗާ ހިނގާކަންކަމާއިބެހޭ މަޢުލޫމާތު ހުރި
އެމަޢުލޫމާތު ތަޒާވަމުންދާ، ތަޖުރިބާ މުއްސަދި މީހަކަށް ވާންވާނެކަމަށް މުޙަންމަދު
ވަޙީދު ނަދުވީ (2000) ވިދާޅުވެއެވެ. މިކަންކަމާބެހޭ ފުރިހަމަ މަޢުލޫމާތު
ލިބިފައިނުވާ ނާޤިދަކު ކަނޑައަޅާ ނިޔާ ޢިލްމީގޮތުން ބަލިކަށިވާނެއެވެ. އަދި އަދަބީ
އުފެއްދުމެއް ރީތިވާނީ ކިހިނެތް ކޮންގޮތަކަށް ފާޑުކިޔައިގެންކަން ނޭނގޭ ނާޤިދަކަށް
ނަޤުދެއް ނުކުރެވޭނެއެވެ.
އަދަބީ
ފާޑުކިޔުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ އެއުފެއްދުމެއް ރަގަޅަށް ކިޔާލުމެވެ.
އަދި މަޢުޞޫއާ ބެހޭގޮތުން އެހެން ޢިލްމުވެރިން ލިޔެފައިވާ ލިޔުންތައް ކިޔާލައި
މަޢުލޫމާތު ހޯދާލުމެވެ. އެއަށްފަހު ފާޑުކިޔަން ބޭނުންވާ އުފެއްދުން
ޝަރަހަކޮށްލުމެވެ. ދެން އޭގައި ހިމެނޭ ޝުޢޫރުތަކާއި ބަޔާން ކުރުމުގެ ގޮތްތައް
ހާމަކޮށްދޭން ފެށުމެވެ. މިގޮތަށް ބަޔާންކޮށްދެމުން ދާއިރު ފާޑުކިޔާ އުފެއްދުމުގައި
ހުރި މޮޅުކަމާއި އުނިކަން ބަޔާންކޮށްދެމުން ދާންވާނެކަމަށް މުޙަންމަދު ވަޙީދު ނަދުވީ
(2003) ހާމަކުރައްވައެވެ. އަދި އެންމެ ފަހުން އެއުފެއްދުމަށް ބަހުގެ އަދަބުގައި
އަގެއް ކަނޑައަޅައި ފާޑުކިޔުން ނިންމާލާނީއެވެ. މިގޮތަށް ފާޑު ކިޔުން ހުށަހަޅަމުން
ދާންވާނީ ހަމަލާދޭ ގޮތަކަށް ނޫނެވެ. ހަމްދަރުދީގެ ރާގުގައެވެ.
އަދަބީ
ފާޑުކިޔުން ކުރިއަށް ގެންދާއިރު ބަލަމުންދާނީ ފަންނީ ގޮތުންނާއި އަދަބީ ގޮތުން އެ
އުފެއްދުމެއްގެ ފެންވަރަށެވެ. ބަހުގެ އަދަބުގައި އެއުފެއްދުމުގެ ފެންވަރަށެވެ.
އެއުފެއްދުމުގައި އައު ޚިޔާލާއި އައުފިކުރެއް ގެންގުޅެފައި ވޭތޯއެވެ. ނުވަތަ އެއީ
ނަކަލެއްތޯއެވެ. އެއުފެއްދުމުގެ ސަބަބުން އަދަބީ ތަރިކައަށް އިތުރުކަމެއް
ގެނުވައިދިންތޯއެވެ. ނޫނީ އެހެން އަދަބީ އުފެއްދުމެއްގެ އަސަރު މިއުފެއްދުމުގައި
އެކުލެވިފައިވޭތޯއެވެ. އަދި އެހެން އުފެއްދުމަކާއި އަޅާކިޔައިލުން މުހިންމެވެ.
ހަމައެހެންމެ މާހައުލުން އެއުފެއްދުމަށް އަސަރެއް ފޯރުވައިފައިވޭތޯވެސް ބަލާލަންވާނެއެވެ.
ނާޤިދު
ފާޑުކިޔުން ނިންމާލާއިރު ނުވަތަ އަދަބީ އުފެއްދުމަށް ނިޔާއެއް ކަނޑައަޅާއިރު
ނިޔާކަނޑައަޅާ އުފެއްދުން އުފެއްދި އަދީބުގެ ޝަހުސިއްޔަތު ހާމަކޮށްދޭންވާނެއެވެ.
އެގޮތުން އެ އަދީބުގެ މިޒާޖާއި އޭނާ އުޅުއްވި ދުވަސްވަރާއި އާންމުކޮށް
ހައްދަވާފައިވާ އުފެއްދުންތަކުގެ ފެންވަރައި ވައްތަރުތައް ބަޔާންކޮށްދޭންވާނެއެވެ.
އަދި ފާޑުކީ އުފެއްދުން އަދީބު އެކުލަވައިލި ދުވަސްވަރު އަދީބުގެ ނަފްސާނީ ހާލަތު
ހުރިނެތްގޮތްވެސް ހާމަކޮށް ކިޔުންތެރީންނާ ހަމަޔަށް ހުށަހަޅައިދޭންވާނެވެ.
އެއަށްފަހު މަތީގައި ބަޔާންކުރި ކަންކަމަށް ރިއާޔަތްކޮށް އެއުފެއްދުމަކަށް އަދަބީ
ޖައްވުގައި ހައްޤުވާ އަގެއް ކަނޑައަޅާނީއެވެ (މުޙަންމަދު ވާޙިދު ނަދުވީ، 2000).
އަދި މިކަނޑައެޅުމުގައި އެކަން އެގޮތަށް ކަނޑައެޅި ސަބަބުތައް ސާފުކޮށް ބުނެ
ހާމަކޮށްދޭންވާނެއެވެ.
ހަނދާނުގައި
ބަހައްޓަންޖެހޭ އަނެއް ނުކުތައަކީ ތަފާތު ބާވަތްތަކުގެ އުފެއްދުމަށް ފާޑުކިޔާގޮތް
ތަފާތުވާނެ ކަމެވެ. އެގޮތުން ޅެމަށް ފާޑުކިޔާނީ ނަޘްރައް ފާޑުކިޔާ ގޮތަކަށް
ނޫނެވެ. މުޙަންމަދު ވަޙީދު ނަދުވީ (2003) ހާމަކުރައްވާގޮތުގައި ޅެމަށް
ފާޑުކިޔުމުގައި ބަލާލާނީ ޅެމުގެ މަޢުޞޫއާއި އެޅެމުގައި ފަޢުޅުކޮށްފައިވާ ޚިޔާލާއި
ޅެމަށް ކޮށްފައިވާ އަސަރާއި ޅެންވެރިޔާގެ ނަފްސާނިއްޔަތާއި ބައިތުތައް އެމުނި
އެތުރިފައިވާގޮތާއި ވަޒަނާއި ކާފިޔާ ހަމަތޯއާއި އަދި ޅެމުގައި ބޭނުންކޮށްފައިވާ
ލަފުޒުތަކުގެ މައްޗަށެވެ. އެހެންވީމާ މުޙަންމަދު ވަޙީދު ނަދުވީ (2003)
އެބަޔާނުންވެސް ހާމަވާގޮތަށް އެކިވައްތަރު އަދަބީ ލިޔުންތަކުގައި ބަލާލެވޭނީ
އެވައްތަރަކަށް ޚާއްޞަބައިތައް ހިމަނާލައިގެންކަން ފާޑުކިޔުން ކުރިއަށް
ގެންދިޔުމަށްކަން ހަނދާން ބަހައްޓަން ވާނެއެވެ. އެހެނީ ނަޘްރެއްގައި ނަމަ
ކާފިޔާއާއި ވަޒަނާއި
މިކަހަލަ ކަންކަމަށް ބަލާކަށް ނުޖެހޭނެތީއެވެ. އަދިހަމަ އެކީ ފާޑުކިޔުންވެސް
ހުށަހަޅަންވާނީ ކިޔާމީހާއަށް ފަސޭހައި ފަހުމުވާނޭކަހަލަ ރަގަޅު ތަރުތީބަކުންނެވެ.
އަދަބަކީ ހެޔޮ
ރަގަޅު ސިފަތަކެވެ. ޢިލްމުވެރިން އަދަބު މާނަކުރަނީ ބަހުގެ ތެރެއިން ފޭރާން
ހެޔޮކޮށް އަމުނާލެވިފައި ހުންނަ ޅެންބަހާއި އަމުނާލުމެއްނެތި އުކާލެވިފައި ހުންނަ
(ނަޘްރު) ބަސްތަކަށެވެ. އެތަކެތި ޝަރަޙަކޮށް ބަޔާންކުރުމަށް ޓަކައި ބޭނުންކުރެވޭ
މަޢުލޫމާތުތަކަށެވެ. އަދި އެތަކެއްޗާމެދު ފާޑުކިޔުމުގެ ގޮތުން ބުނެވޭ ބުނުންތަކާއި
ލިޔެވޭ ލިޔުންތަކަށްވެސްމެ އެވެ. އަދަބީ ފާޑުކިޔުމަކީ އަދަބީ އުފެއްދުމެއް ބަލައި
ތަޙުލީލުކޮށް އޭގެ އެތެރެފުށާއި ބޭރުފުށުގައި ހުރި ފަންނީ އަދި އަދަބީ ކަންކަން
ހާމަކޮށް އަގުވަޒަންކޮށް ދެއްކުމެވެ. މިކަންކުރާ މީހާއަށް ކިޔަނީ ނާޤިދެވެ. އަދަބު
ތަހުލީލު ކުރުމުގައި ތަފާތު ބާވަތްތަކުގެ އަދަބު ތަހުލީލުކުރާގޮތް ތަފާތެވެ. އަދި
އަލިއަޅުވާލާ ބައިތައްވެސް ތަފާތެވެ. ކޮންމެއަކަސް އަދަބީ ފާޑުކިޔުމުގެ ސަބަބުން
އެބައެއްގެ އަދަބީ އުފެއްދުމަށާއި ބަހަށް ހެޔޮ އަސަރުތަކެއް ކުރުވައެވެ.
އީއެން. ވިކިޕީޑިޔާ. (2012). ލިޓްރޭޗަރ
ކްރިޓިސިޒަމް. ނެގީ 10 މާރޗް 2012 ގައި http://en.wikipedia.org/wiki/Literary_criticism ން.
އާދަމް ޒާހިރު ، މުހަންމަދު މުސްޠަފާ
އިބުރާހިމް. (2004). އަދަބީ ފާޑުކިޔުން. އަތްމަތީ ކަރުދާސް
އައިމިނަތު އިބްރާހީމް. (2007). ޅެމަށް
ފާޑުކިޔުން: މާލެ. އަސްރަފީ ޕަބްލިކޭޝަން.
އަޝްރަފް ޢަލީ. (2012). އަދަބީ
ފާޑުކިޔުން. އަތްމަތީ ކަރުދާސް. ފެކަލްޓި އޮފް އާޓްސް
މުޙަންމަދު ޖަމީލް ދީދީ. (2009). އަދަބު.
ފަތްތޫރަ 366 ސެޕްޓެންބަރ 2009. ޞ. 7- 10.
މުޙަންމަދު ވަޙީދު ނަދުވީ. (2003). ޢިލްމީ
ދިވެހި. ފެކަލްޓީ އޮފް އެޑިއުކޭޝަން:މާލެ
މުހަންމަދު ވަޙިދު ނަދުވީ. (2000). އަދަބީ
ފާޑުކިޔުން. ފަތްތޫރަ 251 - 252 ފެބްރުއަރީ 2000.
ސުއި އެލް.ޓީ. އާއި މައިކަލް ގްރެޖޯރ.
(2003). ކްރިޓިކަލް ސައިންސް އެންޑް ކްރިޓިކަލް ޑިސްކޯސް އެނަލިސީސް.
ވޮލިޔުމް 15. ނޭޝާނަލް ހޮނަރ ސޮސައިޓީ: އީސްޓް ލެންސިން.
ގެއިރިން ވެލްފެއަރ އެލް. (1992). އަ
ހޭންޑްބޫކް އޮފް ކްރިޓިކަލް އެޕްރޯޗް ޓު ލިޓްރޭޗަރ. އޮކްސްފޯޑް ޔުނިވާރސިޓި
ޕްރެސް: ނިއުޔޯކް. ޔޫއެސްއޭ
ޑރ. ރަގުކުލް ތައިލަގް. (2011). ހިސްޓްރީ
އެންޑް ޕްރިންސިޕަލް އޮފް ކްރިޓިސިޒަމް. ރަމާ ބްރަދާސް އިންޑިޔާ ޕވޓ. ލޓޑ:
ނިއުޑެލްހީ
No comments:
Post a Comment