Saturday, January 7, 2012

މުޙައްމަދު ޢިމާދުއްދީން 1 ވަނަ Bodurasgefaanu

މުޙައްމަދު ޢިމާދުއްދީން 1 ވަނަ ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން
(ބޮޑުރަސްގެފާނު)

ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ

     އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (1 ވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނަކީ އުތީމު ދަރިކޮޅުގެ ހަތަރުވަނަ ރަސްގެފާނެވެ. އެ ރަދުންގެ ޙިކުމަތްތެރިކަމާއި ހިތްވަރުފުޅު ގަދަކަމުން އެރަދުންނަށް ޝުޖާޢީ މުޙައްމަދު އިމާދުއްދީންގެ ނަމުންވެސް ނިސްބަތް ކުރެވެއެވެ. އަދި "ބޮޑުރަސްގެފާނު" މި ނަންފުޅަކީ މިރަސްގެފާނުގެ ހައިބަވަންތަކަމާއި ޤަދަރު މަތިވެރިކަމުން ދިވެހިން އެރަދުންނަށް އަރުވި ޚާއްޞަ ނަންފުޅެކެވެ. ހަމައެހެންމެ ޢާއިލީ ނަމެއްގެ ގޮތުގައި "ކަޅުތުއްކަލާ" ގެ ނަމުން ރަސްކަމަށް އިސްވުމުގެ ކުރީގައި މިރަސްގެފާނު މަޝްހޫރުވެފައިވެއެވެ.


ޢާއިލާ:
     ކަޅުތުއްކަލާއަކީ ޝަހީދުވި ޢަލީ ޚަތީބު ތަކުރުފާނަށް މުނިކާފަ ވިދާޅުވާ ބޭފުޅެކެވެ. އަދި ޣާޒީބަންޑާރައަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ބައްޕާފުޅަކީ މަޑިފުށީ އުމަރު މާފަތް ކިލެގެފާނެވެ. (ގަލޮޅު ބޮޑުގަލު ޢުމަރެވެ.) މަންމާފުޅަކީ ޝަހީދުވި ޢަލި ޚަތީބު ތަކުރުފާނުގެ ތަކަންދޫ އަބިކަނބަލުންނަށް ލިބިވަޑައިގަތް މަރިޔަމް ކަނބައިދި ކިލެގެ މާޅޮސްމަޑުލު ރ. ކިނޮޅަހު އަންނައިބު ޙަސަން ކަލޭގެއާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި އައިމިނާ މާވާ ކިލެގެފާނެވެ. (މުޙައްމަދު އިބުރާހީމް ލުޠުފީ 1994). އެހެންކަމުން ކަޅުތުއްކަލާއަކީ އުތީމު ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ.  ކަޅުތުއްކަލާގެ ބައްޕާފުޅު އަވަހާރަވެފައިވަނީ މަލާބާރީން އެމަނިކުފާނު ކަންނަށްނޫރަށް ގެންގޮސް އެތާގައި ހައްޔަރުކުރައްވާފައި ވަނިކޮށެވެ. އަދި މަންމާފުޅު އަވަހާރަވީ ކަޅުތުއްކަލާ ނުވަތަ ބޮޑުރަސްގެފާނު ރަސްކަމަށް އިސްވެ ވަޑައިގަތްތާ ހަވަނައަށް ވީ އަހަރު މުޙައްރަމްމަހު ވިހި ވީ އަންގާރަ ދުވަހުކަމަށް މުޙަންމަދު އިބްރާހީމް ލުޠުފީ (1994) ހާމަކުރައްވައެވެ.
     ބޮޑުރަސްގެފާނު ތިން ކައިވެނިފުޅެއް ކުރެއްވިއެވެ. ނަސީމާ މުޙައްމަދު (2010) ލަފާކުރައްވާ ގޮތުގައި     ބޮޑުރަސްގެފާނު ފުރަތަމަ ކައިވެނި ބައްލަވައިގަތީ ބާރަށު ފާތުމާ ދިޔޯއާއެވެ. މިކައިވެނި ފުޅުން ބޮޑުރަސްގެފާނަށް އަންހެން ބޭފުޅެއް ލިބިލެއްވިއެވެ. އަދި ފިރިހެން ބޭފުޅެވެސްވެސް މިކައިވެނިފުޅުން ލިބިލެއްވިކަމަށް ލަފާކުރެވެއެވެ. ދެވަނަ ކައިވެނިފުޅެއް ކުރެއްވީ ކަލާފާނުގެ އަރިހުގައި ވަލީ އަހުދެއްގެ ގޮތުގައި އުޅުއްވި ދުވަސްވަރުގައިކަމަށް ޕިރާޑް ލިޔުވާފައިވެއެވެ. މިކައިވެނިފުޅުން އެއްވެސް ދަރިކަލަކު ދަރިކަބަލަކު ލިބިލެއްވިކަމެއް އެނގޭކަށްނެތެވެ. އަދި މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ހާމަކުރައްވާ ގޮތުގައި ތިންވަނައަށް ކައިވެނި ބައްލަވައިގަތީ ރަސްކަމަށް އިސްވެވަޑައިގަތުމަށް ފަހު ކަނބާ އާއިޝާ ރަނިކިލެގެއާއެވެ. ޙަސަން އަހުމަދު މަނިކު (1979) ހާމަކުރައްވަނީ  އޭރު އެކަމަނާގެ އުމުރުފުޅުން 47 އަހަރުފުޅުވެއްޖެކަމަށެވެ. މި ކައިވެނިފުޅުން ބޮޑުރަސްގެފާނަށް ފިރިހެން ބޭފުޅަކު (އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1)  ލިބިވަޑައިގެންނެވިއެވެ.    
ރަސްކަމަށް އިސްވެ ވަޑައިގަތުން:
     ބޮޑުރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރީގައިވެސް ދިރިއުޅުއްވަމުން ގެންދެވީ ގަނޑުވަރު  ތެރޭގައެވެ. އެންމެ ތުއްޕުޅުއިރުން ފެށިގެން ބޮޑުފުޅުވީވެސް ގަނޑުވަރުގެ ތެރޭގައި ރަސްކަމުގެ ޚާންދާނުގެ ތެރޭގައި ރަސްރަސްކަލުންގެ ލޯބި ލިބިވަޑައިގެން ކަމަށް މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ހާމަކުރައްވައެވެ. އަދި އެއީ  ކަލާފާނުގެ ވަލީއަޙުދުގެ ގޮތުގައި އުތީމު ދަރިކޮޅުން ރަސްކަމަށް އިސްކުރުމަށް ތައްޔާރު ކުރެވުނު ބޭފުޅެއްވެސްމެއެވެ.  އެހެނަސް ކަލާފާނުގެ ރަސްކަމުގައި މަލާބާރީން ރާއްޖެއަށް ހަމަލާދީ އެރަސްގެފާނު 28 ޖެނުއަރީ 1609 ގައި ޝަހީދުކުރުމަށްފަހު ވަލީ އަހުދަކަށް ހުރި ކަޅުތުއްކަލާ (ބޮޑުރަސްގެފާނު) ކަންނަންނޫރަށް ގެންދިޔައެވެ. އެހެންކަމުން ޒުވާން ދުވަސްވަރުގެ ގިނަ ދުވަސްތަކެއް ކަންނަންނޫރުގައި ހައްޔަރުވެގެން އުޅުއްވަން ޖެހިވަޑައިގަތް ކަމަށް މުޙައްމަދު އިބުރާހީމް ލުތުފީ (1994) ބަޔާންކުރައްވާފައިވެއެވެ. ކަންނަންނޫރުގައި ގާތްގަނޑަކަށް 11 އަހަރާ އެތައް ދުވަހެއް ވަންދެން ހައްޔަރުކޮށްފައި ކަޅުތުއްކަލާ ބެހެއްޓި ކަމަށްވެއެވެ.
     ކަޅުތުއްކަލާ ކަންނަންނޫރުގައި ހައްޔަރުކޮށްފައިހުރި ދުވަސްވަރު ރާއްޖޭގެ ތަޚުތު ފަޅުފިލުއްވެވީ ޙުސައިން ފާމުލަދޭރި ކިލެގެފާނެވެ. މުޙައްމަދު އިބުރާހީމް ލުޠުފީ (1994) ހާމަކުރައްވާފައިވަނީ މަލާބާރީން ކަޅުތުއްކަލާ ގެންގޮސް ކަންނަންނޫރުގައި ހައްޔަރުކޮށްގެން ގެންގުޅެނިކޮށް ހުސެއިންފާމުލަދޭރި ކިލެގެފާނު އާލާސްކަންފުޅާ އުޅުއްވާ ޚަބަރު ލިބިވަޑައިގެން ކަންނަންނޫރުން ފިއްލަވައިގެން މާލެ ވަޑައިގަތްއިރު ހުސެއިން ފާމުލަދޭރި ކިލެގެފާނު އަވަހާރަވެއްޖެކަމަށާއި، މިހެންވުމުން އުތީމު ރަސްކަމަށް ތާއީދުކުރާ މީހުން ކަޅުތުއްކަލާއަށް ބައިޢަތުހިފައި ރަސްކަމަށް އިސްކުރިކަމަށެވެ. އެހެންކަމުން ކަޅުތުއްކަލާއަކީ (ބޮޑުރަސްގެފާނަކީ) އުތީމު ދަރިކޮޅުން ދިވެހި ތަޚުތުގައި ރެދެލިކުރެވުނު ހަތަރުވަނަ ރަސްގެފާނެވެ. ނަސީމާ މުޙައްމަދު (2007) ހާމަކުރައްވާގޮތުގައި ބޮޑުރަސްގެފާނު ރަސްކަމަށް އިސްވެ ވަޑައިގެންނެވިއިރު އުމުރުފުޅަކީ 40 ނުވަތަ 41 އަހަރު ފުޅެވެ.
     ދިވެހިރާއްޖެގެ ތަޚުތަށް ކަޅުތުއްކަލާ އިސްވެވަޑައިގަތުމަށް ހުރަސްތަކަކާއި ދަތިތަކެއް ކުރިމަތިވިއެވެ. މުޙައްމަދު އިބުރާހީމް ލުތުފީ (1994) ހާމަކުރައްވާގޮތުގައި ބޮޑުރަސްގެފާނުގެ ބައްޕަ ގަލޮޅު ބޮޑުގަލު އުމަރަކީ ރާއްޖެތެރޭ ރަށެއްގެ މީހެކެވެ. އަދި އާމިނާ މާވާ ކިލެގެ ބޮޑުގަލު އުމަރާ ކައިވެނިބެއްލެވީ އެކަމަނާގެ ތިންފަށް ފިލުވުމަށެވެ. ވުމާއެކު ކަޅުތުއްކަލާގެ ބައްޕަގެ ދަށް ނަސަބުގެ ސަބަބުން އޭރު ބައިބައިވެފައިތިބި މާލޭގެ ބޮޑުންގެ ބަޔަކު ކަޅުތުއްކަލާ ރަސްކަމަށް އިސްކުރުމާމެދު ދެކޮޅުހެދިއެވެ. އެހެންކަމުން ރަސްކަމަށް އިސްވެވަޑައިގެންފައި އެމަނިކުފާނު ބައްޕާފުޅަށް މާފަތްކިލެގެ ކަމަށް ކޮލިލެއްވިއެވެ. އަދި ކުރީގެ ދެރަސްކަލުންގެ ހުވަފަތް އަނބިކަނބަލުން މާފިލާފުށީ ކަނބާ ޢާއިޝާ ރަނިކިލެގެފާނާ ކައިވެނިބައްލަވައިގަތެވެ.
     މުޙައްމަދު އިބުރާހީމް ލުޠުފީ (2006) ހާމަކުރައްވާގޮތުގައި ހުސެންފާމުލަދޭރި ކިލެގެފާނު އަވަހާރަވުމާ ކަޅުތުއްކަލާ ރަސްކަމަށް އިސްވެ ވަޑައިގަތުމާ ދެމެދުގައި ރަސްކަން ހުހަށް އޮތް ދުވަސްކޮޅެއް ދިޔައެވެ. އެހެނަސް ދިވެހިތާރީޚް (1981) އާއި ބެލް (1940) އަދި މުޙައްމަދު އަމީނު (1949) ގެ ލިޔުއްވުމުން އެނގޭގޮތުގައި ކަޅުތުއްކަލާ ރަސްކަން ކުރެއްވީ 1029 – 1058ހ. އަށެވެ. މި ހުރިހާ ބޭފުޅުންވެސް ބައްލަވާފައިވަނީ ބޮޑުރަސްގެފާނު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން ހުސެއިންފާމުލަދޭރި ކިލެގެފާނު އަވަހާރަވީ ދުވަހުން ފެށިގެން ކަމަށެވެ.  ނަސީމާ މުޙައްމަދު (2007) ހާމަކުރައްވާގޮތުގައި ދުވަސްވީ ރާދަވަޅިއެއްގެ ކޮޕީއެއްގައިވާ މައުލޫމާތުގެ އެހީގައި ކަޅުތުއްކަލާ ރަސްކަމަށް އިސްވެވަޑައިގަތް ތާރީޚް ހިސާބުކޮށްބަލާއިރު އެދުވަހަކީ 26 މުޙައްރަމް 1031ހ. (މީލާދީން 11 ޑިސެމްބަރު 1621) އެވެ. މީގެ އިތުރުން ކަޅުތުއްކަލާ ރަސްކަމަށް އިސްވެވަޑައިގަތް ފަހުން ހިނގާފައިވާ އެތައްކަމެއްގެ ތާރީޚްތައް އަޅާބަލާއިރުވެސް މިއީ ޞައްޙަ ތާރީޚް ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ބޮޑުރަސްގެފާނު ރަސްކަން ކުރެއްވި މުއްދަތަކީ ގާތްގަނޑަކަށް 28 އަހަރެވެ. އެއީ 1031-1058ހ. (1621-1648މ.) އަށެވެ. ނަމަވެސް މަތީގައި ބަޔާން ކުރެވުނު ފަދައިން ބޮޑުރަސްގެފާނު ރަސްކަން ކުރެއްވި ތާރީޚާމެދު ޚިލާފަކެއް ހުރިކަން ފާހަގަކުރަމެވެ.
ޚިދުމަތް
1 ރަސްކަމުގެ ކޮއިލު އަލުން ބިނާކުރެއްވުން:
        ބޮޑުރަސްގެފާނުގެ ރަސްކަމުގައި ދިވެހި ރަސްކަމުގެ ކީރިތިކަމާއި މޫރިތިކަން އުފުއްލެވިއެވެ. ރަސްކަމުގެ ކޮއިލު ހަލާކުވެ ވިރާނާވެފައިވަނިކޮށް އެތަން ބިނާ ކުރެއްވިއެވެ (ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު 1982). އެރަސްގެފާނު  އެންމެ އިސްކަމެއްކަމުގައި ހެއްދެވީ، ހަލާކުވެފައިވާ ކޯލު އަލުން ބިނާކުރެއްވުމެވެ. މިގޮތުން ކޯލުވަށާ ފާރުލައްވައި ފާރުގެ ތަންތަންކޮޅުން ބަޑިދޮރުކަނޑުއްވައި ހެއްދެވިއެވެ. އަދި ފާރުގެ ބޭރުން ކަންޒު ކޮންނަވައި ކޮއިލުގެ ރައްކާތެރިކަން އިތުރު ކުރައްވައި އައު ބުރުޒުތައް ބިނާކުރެއްވިއެވެ. އަދި ބަޑިދޮރުތަކަށް ހަތިޔާރާއި ފާރަވެރިންލައްވައި ފޯރިމަރުއްވަން ފެއްޓެވިއެވެ.
2  ޕޯޗުގީޒުންގެ ކިބައިން ޤައުމު ދިފާޢު ކުރެއްވުން:
     ދިވެހިތާރީޚް (1981) ހެކިދޭ ގޮތުގައި ބޮޑުރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަންތާ ފަސްވަނަ އަހަރުތެރޭގައި ޕޯޗުގީޒުންގެ ބަލްބާގީ ކިޔުނު މީހަކު އޭނާގެ ޤައުމުގެ ބަޔަކުމީހުނައިގެން ރާއްޖެއަށް ހަމަލާދޭން އައެވެ. މިކަން އެނގުމުން ބޮޑުރަސްގެފާނު ވަޒީރުންނާއި އަމީރުންނާއި ލަސްކަރީން ޖަމަޢަކުރައްވައި ކާފަރުންނާއި ހަނގުރާމަކުރެއްވުމަށް ހިތްވަރުދެއްވައި ހަނގުރާމައިގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތެވެ. މިހަނގުރާމަހިނގީ 1632މ. ވަނައަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މުޙައްމަދު އިބުރާހީމް ލުޠުފީ (1994) ހާމަކުރައްވާގޮތުގައި މި ފުލީޓްގައި ހަނގުރާމަމަތީ ނައުފަހަރުގެ ފަނަރަ ނައު ހިމެނުނެވެ. މި ހަމަލައިން ބޮޑުރަސްގެފާނު ދިވެހި ޤައުމު ސަލާމަތްކުރެއްވީ އެއިރު މާލޭގައި އޮތް ބޮޑުބަޑީގެ ފަސްބަޑީން ހަނގުރާމަ ކުރައްވައިގެންނެވެ. ކާފަރުންނަށް ކުރެވުނުހާވެސްކަމަކީ ހަނގުރާމައިން ބަލިވެގެން ދަމުން ވިލިނގިލީ ހުކުރު މިސްކިތުގައި ރޯކޮށްލުމެވެ.
     ބޮޑުރަސްގެފާނުގެ ރަސްކަމުގައި މާލެއަށް ހަމަލާދިން ޕޯޗުގީޒުންނަކީ ދިވެހި ޚާއިނެއްގެ އެދުމަށް ހަމަލާދިން ބައެކެވެ. ނަސީމާ މުޙަންމަދު (2000) ހާމަކުރައްވާ ގޮތުގައި މިއީ ގޯވާއަށް ވަޑައިގެންނެވި ނުވަވަނަ ހަސަން ރަސްގެފާނުގެ ކާފަދަރިކަލުން ޑޮމް ފިލިޕުގެ އެދިވަޑައިގަތުމުގެ މަތިން، ކަނާރާގެ ޗީފް ކެޕްޓަން ޑޮމިންގޯސް ޕެރޭރާ ބެއްލިއާގޯގެ ވެރިކަމުގެ ދަށުގައި ، ދިވެހިރާއްޖެއިން އެމަނިއްޕުޅަށް ލިބިވަޑައިގަންނަވަންޖެހޭ ޖިޒީ ފުރިހަމައަށް ލިބިވަޑައިގަންނަވާނޭ ގޮތް ހައްދަވައިދެއްވުމަށް، ޕޯޗުގީޒު ރަސްގެފާނު ގޯވާގެ ވައިސްރޯއީއަށް އެންގެވި އެންގެވުމެއްގެ މަތިން ފޮނުއްވި ލަޝްކަރެކެވެ. ކޮންމެއަކަށް މިފްލީޓް މާލެއަށް އައިއިރު މާލެއަށް ވަންނަން އޮތް ނެރުވަނީ، ގައުއަޅާފައިވާ ދޯނިތަކެއް ފައްތާލައިގެން ބައްދާލާފައެވެ. އެހެންކަމުން އެތައް ދުވަހެއްވަންދެން މިނައުތަކުން މާލެއަށް ބަޑިޖަހައިގެންވެސް މާލެއަށް އެރޭނެގޮތެއް ނުވިއެވެ (މުޙައްމަދު އިބުރާހީމް ލުޠުފީ 1994). އެންމެފަހުން ބެއްލިއާގޯއަށް ޖެހުނީ އެނބުރި ގޯވާއަށް ދާށެވެ.
3 މާލޭގެ ދިފާއީ ނިޒާމު ހަރުދަނާ ކުރެއްވުން:
   1632މ. ވަނައަހަރު ކުރެވުނު ހަނގުރާމައިގެ ފަހުން މާލޭގެ ދިފާޢީ ނިޒާމު ހަރުދަނާ ކުރެއްވުމުގެ ގޮތުންވެސް ބޮޑުރަސްގެފާނު ވަރަށް އަގުހުރި މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. ދިވެހި ތާރީޚް (1981)ގައި ވެއެވެ. "ރަސްކަމުގެ ކޮއިލާ ގުޅުވިގެންވާ ތާގައި ބޮޑުކޯއްޓޭ  ބިނާކުރައްވައި ބުރުޒު ހައްދަވައި ބަޑިދޮރުތައް ކަނޑުއްވައި ރަށުގެ އެހެން ކަންކޮޅުތަކުގައިވެސް ބުރުޒު ހައްދަވައި ބަޑިދޮރުތައް ކަނޑުއްވައި ކޮންމެ ދެ ބުރުޒެއް ދެމެދުގައި ފާރުލައްވައި ފާރުންވެސް ބަޑިދޮރު ކަނޑުއްވައި އެއްވެސް ފަރާތަކުން އަދުއްވުންނަށް ރަށުތެރެއަށް ވާސިލު ނުވެވޭނޭހެން ރަނގަޅަށް ހެއްދެވޫއެވެ. ދެން ރަށް ވަށައިގެން ތޮށިލައްވައި ތޮށީން އޮޑިފަހަރަށް ވަދެ ނުކުމެ ވާނޭހެން ނެރު ކަނޑުއްވައި ހެއްދެވިއެވެ." ޞ.25،26. އެ ރަދުން އެފަދަ ތަޖުރިބާތައް ހޯއްދެވީ މަލާބާރީން އޭނާ ގެންގޮސް ކަންނަންނޫރުގައި ހައްޔަރުކޮށްފައި ބެހެއްޓި ދުވަސްވަރުކަމަށް ބެލެވެއެވެ. ކޮންމެއަކަށް މިމަސައްކަތްޕުޅުގެ ނަތީޖާއެއްގެގޮތުން މާލެ ހަނގުރާމައިގެ ކިއްލާއެކަށްވިއެވެ. އަދި މިއީ އޭގެކުރިން ދުވަހަކުވެސް މާލޭގެ ދިފާޢަށްޓަކައި ކުރެވިފައިނުވާހާ ބޮޑު މަސައްކަތެކެވެ.
4 ރާއްޖެ ދިފާޢު ކުރެއްވުމަށް ހަތިޔާރު ހޯއްދެވުން:
     ބޮޑުރަސްގެފާނު ފުރަމާލޭގެ ދިފާޢީ ނިޒާމު ހަރުދަނާ ކުރެއްވިއިރު، ހަނގުރާމަޔަށް ހަތިޔާރު ހޯދުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. މާލެ ދިފާޢު ކުރުމަށް ހުރި ބޮޑުބަޑި މަދުކަމުން، މިތަކެތި ގަންނަން އަސޭކަރަޔަށް އޮޑިއެއް ފޮނުއްވައިގެން އަސޭކަރައިން ރަތުލޯ ބަޑީގެ ސާދަ ބޮޑުބަޑި ބައްލަވައިގަތެވެ (ދިވެހިތާރީޚް 1981). ބޮޑުރަސްގެފާނުގެ ރަސްކަމުގައި (މީލާދީން 1645 ވަނަ އަހަރުތެރޭގައި) ގާލީގައި ހުންނެވި ޑަޗް ގަވަރުނަރަށް ސިޓީފުޅަކާއި ވެދުން ފޮނުއްވައިގެންވެސް ހަތިޔާރު ހޯއްދެވިއެވެ. ނަސީމާ މުޙައްމަދު (2007) ބަޔާންކުރައްވާގޮތުގައި ދިވެހިރާއްޖޭގެ ރަދުންގެ މިވެދުމާއި އެދިވަޑައިގަތުމުގެ މަތިން ޑަޗް ގަވަރުނަރުވެސް ވެދުންތަކެއް ފޮނުއްވިއެވެ. މީގެތެރޭގައި ދެވައްތަރެއްގެ ފޮއްޗާއި، ޖަޕާނުލާޖެހި ކައުންޓަރަކާއި ހަ މަސްކަޓް (އަތުންހިފާ ލުއިބަޑި) އާއި މިއާގުޅޭ ވަޒަނާއި ހަ ލޮންސިއާއި ހަ ގްރެނޭޑްއާއި ތިން ކުދި ބަޑިއާއި ރިހިން އަތްކަން އަޅާފައިވާ ކުޑަ ބަޑިއަކާއި ސިލޯނުގައި ހަދާފައިވާ ހަތިޔާރުކޮޅެއް ހިމެނުނެވެ. މީގެ އިތުރުން އެދުވަސްވަރު ރާއްޖެއަށް އުރުނު އެކިއެކި ނައުފަހަރުންވެސް ވަރަށް ގިނަބަޑި ލިބިވަޑައިގަތެވެ. މިތަކެތި ބޭނުންފުޅު ކުރައްވައިގެން މާލޭގެ ދިފާޢީ ނިޒާމު އެޒަމާނަށް އެކަށީގެންވާ ވަރަކަށް ފުރިހަމަކުރެއްވިއެވެ.
5 ސާމިޔާ ފާށަނާ ކިލެގެގެ ބަޣާވާތް ނައްތާލެއްވުން:
     ބޮޑުރަސްގެފާނުގެ ޅިޔަންމަނިކުފާނު ކަމުގައިވާ ސާމިޔާ ފާށަނާ ކިލެގެއަކީ، ކަލާފާނު އަދި ހުސެއިން ފާމުލަދޭރި ކިލެގެފާނުގެ އަނބިކަނބަލުން  ކަނބާޢާއިޝާ ރަނިކިލެގެގެ އަޚެކެވެ. ނަސީމާ މުޙައްމަދު (2007) ހާމަކުރައްވާގޮތުގައި މިސާމިޔާ ފާށަނާ ކިލެގެގެ ނަންފުޅަކީ "މުޙަންމަދު ރަންނަބަޑޭރި ތަކުރު" އެވެ. މިފާށަނާ ކިލެގެއަކީ ކަލާފާނުގެ ރަސްކަމުގެ ކުރީކޮޅުގައި ރަދުންނަށް މަޝްވަރާދެއްވާ "މުސްކުޅިން"ގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެއްކަމަށް ވެއެވެ. މިމުޙައްމަދު ރަންނަބަނޑޭރި ތަކުރަށް "ސާމިޔާ ފާށަނާކިލެގެ" މިނަން ދެވިފައިވަނީ މާފިލާފުށީގައި ރަސްކަން ފެށުމާގުޅިގެންނެވެ. ބޮޑުރަސްގެފާނު އެކިފަހަރުމަތިން ހަތިޔާރާއެކު ލަޝްކަރުން ފޮނުއްވައި  ލަޝްކަރުތެރެއިން އެކަހެރިވީހާ މީހަކު ހިފާ ހައްޔަރު ކުރުމުން އެކިލެގެފާނަށް ވާގިދޭނޭ މީހަކު ނެތުމުން މަލިކަށް ވަޑައިގަތެވެ. ރަސްގެފާނުގެ ސިފައިން ސާމިޔާފާށަނާ މަލިކު މިސްކިތުގައި އިންނަވަނިކޮށް ހިފާ ދެފައިގައި ރިހީގެ ހިލިހިލާއަޅައިގެން މާލެ ގެނައުމުން ސާމިޔާފާށަނާ އަވަހާރަވަންދެން ހުންނެވި ފުވައްމުލަކަށް އަރުވައިލެއްވިއެވެ.
އަވަހާރަވުން:
     ބޮޑުރަސްގެފާނު އަވަހާރަވީ 28 އަހަރު ރަސްކަން ކުރެއްވުމަށްފަހުގައެވެ. ނަސީމާ މުޙައްމަދު (2007) ހާމަކުރައްވާގޮތުގައި ގާތްގަނޑަކަށް 28 އަހަރު ރަސްކަން ކުރެއްވުމަށްފަހު ކަޅުތުއްކަލާ އަވަހާރަވެފައިވަނީ 5 ޝައްވާލު 1058 (23 އޮކްޓޯބަރ 1648) ގައެވެ. އޭރު އުމުރުފުޅަކީ 68 އަހަރުފުޅެވެ. ބޮޑުރަސްގެފާނު ފަސްދާނުލެވިފައިވަނީ އެތެރެކޮއިލު މިސްކިތު ޤަބުރުސްތާނުގައެވެ. އެތެރެކޮއިލު މިސްކިތް 1969މ.ގައި އުވާލުމަށްފަހު އެމިސްކިތްހުރިތާ ފަހުން އިމާރާތްކުރެވިފައިވަނީ މަސްޖިދުލް އަފީފުއްދީނެވެ. މިހާރު އެތަންވަނީ އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައެވެ.
ނިންމުން:
     ބޮޑުރަސްގެފާނަކީ އުތީމު ދަރިކޮޅުން ރަސްކަންކުރެއްވި ހަތަރުވަނަ ރަސްގެފާނު ކަމުގައިވާ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ސިރީކުލަސުންދުރަ ކައްތިރިބަވަނަ މަހާރަދުންނެވެ. މިރަދުން ރަސްކަމުގެ ކޯލު (ގަނޑުވަރުތެރެ) އަލުން ބިނާކުރެއްވިއެވެ. އެގޮތުން ވަށާފާރުލައްވައި ފާރުގެ ތަންތަންކޮޅުން ބަޑިދޮރުތައް ކެނޑުއްވިއެވެ. ދުޝްމިނުންގެ ހަމަލާތަކުން މާލެ ރައްކާތެރިކުރުމަށްޓަކައި މާލެވަށައިގެން އެކި ދިމަދިމާއިން ބޮޑެތި ބުރުޒުހައްދަވައި ބަޑިދޮރުތައް ކަނޑުއްވައި ދެބުރުޒު ދެމެދުގައި ބޮޑުފާރު ރޭނުއްވިއެވެ. އަދި މާލެވަށާ ތޮށިލައްވާ މަޝްހޫރު ބޮޑުކޯއްޓޭ ބިނާކުރެއްވިއެވެ.
     ޕޯޗުގީޒުންގެ 15 އުޅަނދުއެކުލެވޭ ފްލީޓަކުން މާލެއަށް ހަމަލާދިނުމުން އޭރު މާލޭގައި އޮތް ފަސް ބޮޑުބަޑިން ހަނގުރާމަ ކުރައްވައި އެމީހުން ބަލިކުރެއްވިއެވެ. އޭގެފަހުން އަސޭކަރައިންނާއި އެހެނިހެން ގޮތޮގޮތުން ހަތިޔާރު ހޯއްދަވައި މާލޭގެ ދިފާޢީ ނިޒާމު އެޒަމާނަށް އެކަށީގެންވާ ވަރަކަށް ފުރިހަމަ ކުރެއްވިއެވެ. އަދި މީގެ އިތުރުން ސާމިޔާފާށަނާ ކިލެގެގެ (މާފިލާފުށީ ރަސްކަން) ރަސްކަންނެތިކޮށްލައްވައި ދާޚިލީ ހަމަނުޖެހުންތައްވެސް ނެތިކޮށްލެއްވިއެވެ. ގާތްގަނޑަކަށް 28 އަހަރު ރަސްކަން ކުރެއްވުމަށްފަހު މިރަދުން އަވަހާރަވީ 5 ޝައްވާލު 1058ހ. (23 އޮކްޓޯބަރ 1648މ.) ގައެވެ.
     މިރަސްގެފާނަކީ ރާއްޖެދުއް ޚިދްމަތްތެރި ރަސްރަސްކަލުންގެ އިސް ޞަފުގައިވާ ރަސްކަލެކެވެ. ޚާއްޞަކޮށް ދިވެހި ޤައުމުގެ ދިފާޢުގައި އެންމެ ގިނަ މަސައްކަތް ކުރެއްވި ރަސްކަލަކީ ބޮޑުރަސްގެފާނު ނުވަތަ ކަޅުތުއްކަލާ އެވެ. އެނަންފުޅަށް ނިސްބަތްވާ "ކަޅުތުއްކަލާ" ކޮށި ދިވެހި ދިފާޢީ ބާރަށް ނިސްބަތްވެ ގުޅިފައިވާކަން ދިވެހިން ދަންނަނީ ވެސް އެސަބަށް ޓަކައެވެ.  
ރެފަރެންސް ލިސްޓް
ޙަސަން އަހުމަދު މަނިކު. (1979). ދިވެހި ތާރީޚުގެ ޝަޚުސިއްޔަތެއް ކަމަށްވާ... ކަނބާޢާއިސާ، ފަތްތޫރަ 9. މާލެ: ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ނަސީމާ މުޙައްމަދު. (2007). އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން1، ދިވެހިންގެ ތަރިކަ11. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ނަސީމާ މުޙައްމަދު. (2010). ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
އެޗް. ސީ. ޕީ ބެލް. (1940). ދަ މޯލްޑިވްސް. މޮނޮގްރާފް އޮން ދަ ހިސްޓްރީ، އާރކިއޮލޮޖީ، އެންޑް އެޕިގްރަފީ. ކޮލޮމްބޯ: ސިލޯން ގަވަރުމަންޓް ޕްރެސް.
މުޙައްމަދު އިބުރާހީމް ލުޠުފީ. (1994). ރާއްޖޭގެ ތާރީޚުން ޞަފުޙާއެއް، ފަތްތޫރަ 182. (16)، ޞ. 5-11.
މުޙައްމަދު އިބުރާހީމް ލުޠުފީ. (1994). ރާއްޖޭގައި ރަސްކަންކުރެއްވި ޢާއިލާތަކާއި ރަސްރަސްކަލުން، ފަތްތޫރަ 108. (9) ޞ. 6-8.
މުޙައްމަދު އަމީން. (1949). ތަންޤީހު ކުރެވުނު ތާރީޚްގެ ތަންތަންކޮޅު. މާލެ: ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙައްމަދު އިބުރާހީމް ލުޠުފީ. (2006). އުތީމު ދަރިކޮޅުގެ ރަސްކަން، މަލަސް84. މާލެ: ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1982). ގަނޑުވަރު. މާލެ: ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1981). ދިވެހިތާރީޚް. މާލެ: ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.





No comments:

Post a Comment