ދިވެހި ތާރީޚުގެ ތެރެއިން މަލާބާރީންނާއި ކަންނަންނޫރް
ޢަލީ ރާޖާ
ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ
ތަޢާރަފު
މިދިރާސާގައި
ބަލާލާފައިވާނީ ދިވެހި ތާރީޚުގައި އުތުރުކަރައިގެ މަލާބާރީންނާއި ކަންނަންނޫރު
ޢަލީރާޖާ ފާހަގަކުރެވެމުން އައިސްފައިވާ ގޮތުގެ މައްޗަށެވެ. އެގޮތުން
މަލާބާރުކަރައާއި، މަލާބާރީންނާއި، ކަންނަންނޫރާއި، ކަންނަންނޫރުގެ ޢަލީ ރާޖާއަކީ ކޮބައިކަން ބުނެދީފައި ވާނެއެވެ. އަދިހަމަ
މިބައިމީހުން ދިވެހި ތާރީޚުގެ ތެރެއިން ފާހަގަކުރެވެމުން އަންނަގޮތުގެ މައްޗަށް
އަލިއަޅުވާލާފައި ވާނެއެވެ. އެހެންކަމުން މިލިޔުމުގައި ބަލާލާފައިވާނީ ދިރާސީ
ނަޒަރަކުން ދިވެހި ތާރީޚުގެ ތެރެއިން މާލާބާރީން އަދި ކަންނަންނޫރު ޢަލީ ރާޖާއާއި
ދިވެހީންގެ ގުޅުމުގެ މައްޗަށެވެ.
މަލާބާރުކަރަ (މަލާބާރު ކޯސްޓް)
އުތުރުކަރައަކީ ވަރަށް ކުރިއްސުރެ ދިވެހިން އިންޑިޔާއަށް ކިޔަމުން އައިސްފައިވާ
ނަމެކެވެ. އަދިހަމަ އިންޑިޔާ ބައްރުގެ ހުޅަނގުން ދެކުނަށް ހިމަދިގުކޮށް އޮންނަ
އައްސޭރިފަށުގެ ސަރަޙައްދަށް ކިޔަނީ މަލާބާރުކަރައެވެ. އެގޮތުން ކޮންކަނުން
ފެށިގެން ކޭޕްކޮމޯރިންއާ ދެމެދުގައިވާ ހުރިހާ ހިސާބުތަކަށް މަލާބާރުކަރައޭ
ކިޔާކަމަށް އިންފޮމޭޝަން (2011) ހާމަކުރައްވަ އެވެ. ނަމަވެސް އެވޭލާގައި
މަލާބާރުކަރަ ކަމަށް ކިޔަނީ ހަމައެކަނި ކަރްނާޓަކާ އާއި ކެރެލާޔާ ދެމެދުގައިވާ
ސަރަޙައްދަށެވެ. ނުވަތަ ކަނޑުމަގުން އިންޑިޔާގެ އިރުހުޅަނގުން ހުޅަނގު
ދޮރާއްޓަށެވެ. އެހެންގޮތަކަށް ދަންނަވާނަމަ އެހިސާބުގަނޑަކީ ދެކުނު އިންޑިޔާ
ނުވަތަ އިންޑިޔާގެ ދެކުނުކޮޅުގެ ހުޅަނގު ފަރާތެވެ. އެއްޒަމާނެއްގައި
މިހިސާބުގަނޑަކީ އަމިއްލަ ވެރިކަމެއްކުރި ސަރަޙައްދެއްވެސްމެއެވެ. ކޮންމެއަކަސް
މިސަރަޙައްދަށް ނިސްބަތްވާ މީހުންނަށް ދިވެހީން ކިޔާއުޅެނީ މަލާބާރީންނެވެ.
މަލާބާރުކަރަޔަށް މިހާރު ކިޔާ ނަމަކީ ކެރެލާ ސްޓޭޓެވެ. އިންޑިޔާ ސައިޓް (2010)
ހާމަކުރައްވާގޮތުގައި މިސްޓޭޓްގައި ހިމެނޭ 14 ޑިސްޓްރިކްޓް ތާރީޚީ ގޮތުން 3
ސަރަޙައްދަކަށް ބައިކުރެވިފައި ވެއެވެ. ފުރަތަމަ ސަރަޙައްދަކީ ޓްރަވަންކޯރ އެވެ.
މިބައިގައި ހިމެނެނީ، ކޮއްޓަޔަމް،
އިޑުއްކި،
އަލައްޕުޒާ، ޕަތަނަމްތިއްޓާ، ކޮއްލަމް، އަދި ތިރުވަނަމްތަޕޫރަމް އެވެ. ދެވަނަ
ބަޔަކީ ކެރެލާގެ މެދުތެރެ އެވެ. މިބައިގައި ހިމެނެނީ ދެ ޑިސްޓްރިކްޓް އެވެ. އެއީ
ތުރިއްސުރާއި އެރްނާކުލަމް އެވެ. ތިންވަނަ ބަޔަކީ މަލާބާރު ސަރަޙައްދެވެ.
މިބައިގައި 6 ޑިސްޓްރިކްޓް އޮވެ އެވެ. އެއީ، ކަސަރގޮޑް، ކަންނަންނޫރު، އަޔަނަޑް،
ކޮޒިކޯޑް، މަލައްޕުރަމް،
އަދި ޕަލައްކަޑް އެވެ. އެންމެ ބޮޑު ޑިސްޓްރިކްޓަކީ ކޮޒިކޯޑް އެވެ. މިބައިގެ
އާބާދީގެ ނިޞްބަތަކީ، ސްކޮއަރ މޭލަކަށް 2113 މީހުންނެވެ.
މަލާބާރުގެ
ބަނދަރަކީ އެވޭލާ ޒަމާނުއްސުރެ ވަރަށް މަޝްހޫރު ވިޔަފާރި ބަނދަރެކެވެ.
މިބަނދަރުގައި 525 މޭލް (845 ކިލޯމީޓަރ) ހުންނަކަމަށާއި، މިއީ ހިމަ ދިގު
ބަނދަރެއްކަމަށް ވިކިޕީޑިޔާ (2010) ބަޔާންކުރައްވަ އެވެ. މިބަނދަރު
މަހާރަސްތުރާއިން ފެށިގެން ގޯވާއާއި ކަރްނާޓަކާ ހުރަސްކޮށް ކެރެލާ ސްޓޭޓް
ފަހަނަޅައި ކަންޔާ ކުމާރީ ޑިސްޓްރިކްޓާއި ހަމަޔަށް ފޯރަ އެވެ. ފާހަގަކޮށްލެވޭ
އަނެއްކަމަކީ އިންޑިޔާ މިނިވަންވުމުގެ ހަރަކާތްތައްވެސް ފުރަތަމަ ފެށުނީ
މަލާބާރުގައި ޚާއްޞަކޮށް ކޮޗިންގައިކަމެވެ (ލުއިސްމާރިޔާ، 1999). ވީމާ މަލާބާރަކީ ދިވެހި ތާރީޚުގައި ފާހަގަކުރެވޭ ފަދައިން،
އިންޑިޔާގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ސަރަޙައްދެކެވެ.
ކަންނަންނޫރު
އެވޭލާ
ޒަމާނުގައި ކަންނަންނޫރަށް ކިޔާނަމަކީ ކަންނޫ (Kannur) އެވެ. މިއީ
މަލަޔާލަމް ލަފުޒެކެވެ. މިރަށަށް ކަންނަންނޫރު ކިޔަން ފެށުނީ އެރަށް އިނގިރޭސިންގެ
އިސްތިޢުމާރުގެ ދަށަށް ދިޔަފަހުންނެވެ. ވިކިޕީޑިޔާ އެންސައިކްލޮޕީޑިޔާ (2010)
ބަޔާންކުރާގޮތުގައި މިރަށް އޮންނަނީ ކަލިކަޓާއި މަންގޯލާއާއި ދެމެދުގައިވާ
އައްސޭރިފަށުގެ ސަރަޙައްދުގަ އެވެ. އޭ.ޑީ އިން 12ވަނަ ޤަރުނުން ފެށިގެން
ކަންނަންނޫރު ފާހަގަކުރެވިފައި ވަނީ ކޮލަތިރިސް (kolathiris)ގެ ބާރުގެ
ދަށުގައި އޮންނަ ކޮލަތުނަޑު (kolathunadu)ގެ މައި ވިޔަފާރި ބަނދަރުގެ ގޮތުގައި ކަމަށް
ލުއިސްމާރިޔާ (1999) ހާމަކުރައްވައެވެ. ބޮޑުމިނުގައި ގާތްގަޑަކަށް 2966 ސްކެއަރ
ކިލޯމީޓަރ ހުންނަ މިރަށަށް ހަތަރު މޫސުމެއް އަންނަކަމަށް ވެއެވެ.
ކަންނަންނޫރުގެ ބަނދަރަކީ ޢަރަބި ކަނޑުގައި އޮންނަ މުހިއްމު ބަނދަރެކެވެ. ޝޭން
ވިންސަރ (2011) ބަޔާންކުރައްވާގޮތުގައި އިރުމައްޗާއި ދެކުނަށް ދަތުރުކުރި ވިޔަފާރި
އުޅަނދުފަހަރުތައް މީލާދީން 9ވަނަ ޤަރުނުން ފެށިގެން 13 ވަނަ ޤަރުނާއިހަމަޔަށް
ކަންނަންނޫރުގެ ބަނދަރުގައި މަޑުކޮށް ވިޔަފާރި ކުރަމުންގޮސްފައި ވެއެވެ.
އެހެންކަމުން އެދުވަސްވަރު މިފަދަ އުޅަނދުފަހަރުން ކަންނަންނޫރު ބަނދަރު
އަބަދުވެސް އޮންނަނީ ތޮއްޖެހިފައެވެ. ނަތީޖާއެއްގެގޮތުން ޕާސިއާ އާއި ޢަރަބިކަރަ
އާއި ޗައިނާގެ ވިޔަފާރިވެރިންނާއެކު ވިޔަފާރި ކުރުމުގެ ފުރުޞަތު އިންޑިޔާގެ
ވިޔަފާރިވެރިންނަށް ތަނަވަސްވިއެވެ. ހަމައެއާއެކު މިގޮތަށް ވިޔަފާރިކުރުމަށް
އިންޑިޔާއަށް އައި ގިނަ އަދަދެއްގެ ޢަރަބި ވިޔަފާރިވެރިންނާއި އެހެނިހެން
ސަރަޙައްދުތަކުގެ ވިޔަފާރިވެރިން ކަންނަންނޫރުގައި ވަޒަންވެރިވެ މުސްލިމް
އާބާދީއެއް މަލާބާރުގައި އުފެދުނެވެ. މިހެންވާންދިމާވި އެއް ސަބަބަކީ އެދުވަސްވަރު
މިސަރަޙައްދުގައި ކުރެވުނު ހަވާދުގެ ވިޔަފާރި ކޮންޓްރޯލް ކުރަމުން އައީ މުސްލިމުން
ނުވަތަ ޢަރަބީންކަމުގައި ވުމެވެ. ކަންނަންނޫރުގައި ނުވަތަ މަލާބާރުގައި މިއުފެދުނު
މުސްލިމު އާބާދީއަށް މަޕިއްލާއިންނޭވެސް ކިޔެއެވެ.
ކަންނަންނޫރުގައި ނުވަތަ މަލާބާރުގައި މުސްލިމު އާބާދިއެއް އުފެދުމަށްފަހު، ދެކުނު އޭޝިޔާ ސަރަޙައްދުގައި
ކަނޑުމަގުން ހިނގަމުންދިޔަ ވިޔަފާރި ކޮންޓްރޯލް ކުރަންފެށީ އެބައިމީހުންނެވެ.
އެގޮތުން މިވިޔަފާރިތައް ކޮންޓްރޯލް ކުރަމުންދަނީ އެމީހުންގެ ވެރިޔަކަށް ހުންނަ
މީހެއްކަން ބޫޝޯންއާ ހަވާލާދީ ނަސީމާ މުޙަންމަދު (1999) ލިޔުންވާފައިވާ
ބަޔާންތަކުން ހާމަވެއެވެ. އަދި އެމީހަކަށް އެދުވަސްވަރަކު މަލާބާރު ސަރަޙައްދުގައި
ހުންނަވާ ރަސްކަލެއްގެ އެހީ އާއި މަދަދު އޮންނަކަމަށް ވެސް ވެއެވެ. ރަސްގެފާނު
ދެއްވާ އެހީތެރިކަމުގެ ބަދަލުގައި މިމުސްލިމު ވިޔަފާރިވެރިންގެ ފަރާތުން ޖިޒީއާއި
ހަދިޔާ ރަސްގެފާނަށް ވެދުން ކުރެވެމުންދިޔަ އެވެ. މިހަރާތްތައް އެގޮތުގައި
ހިނގަމުންދާތާ އެތައް އަހަރެއްވެފައި ވަނިކޮށް މީލާދީން 1498 ގައި ޕޯޗުގީޒުންނަށް
އިންޑިޔާގެ މަލާބާރު ސަރަޙައްދަށް އާދެވުނުކަމަށް ލުއިސް މާރިޔާ
(2009) ހާމަކުރައްވައެވެ. މިހާހިސާބުން ކަނޑުމަގުން ހިނގަމުންދިޔަ ހަވާދުގެ
ވިޔަފާރި ޕޯޗުގީޒުންގެ ބާރުގެދަށަށް ދިޔައެވެ. އެހެންކަމުން މަލާބާރު
ސަރަޙައްދުގައި އޭރު އުޅުނު މުސްލިމު ވިޔަފާރިވެރިންގެ ނުފޫޒު ސަރަޙައްދީ
ވިޔަފާރީގައި ވަރަށް ބޮޑަށް ދަށްވެގެންދިޔަ އެވެ.
އިސްތިޢުމާރީ
ބާރުތަކުން ކަންނަންނޫރަކީ މަލާބާރުކަރައިގައި އޮތް މުހިންމު ރަށެއްގެ ގޮތުގައި
ފާހަގަކޮށްފައި ވެއެވެ. އެގޮތުން ޕޯޗުގީޒުން އިންޑިޔާގައި ބިނާކުރި އެންމެ
މުހިންމު ފޯޓް މީލާދީން 1507ގައި ބިނާކުރީ ކަންނަންނޫރުގައި ކަމަށް އިންފޮމޭޝަން
(2011) ހާމަކުރައްވައެވެ. ޕޯޗުގީޒުންގެ އަޅުވެތިކަމަށްފަހު ޑަޗުން ކަންނަންނޫރަށް
ވެރިވެގަނެ އެފޯޓް އެބައި މީހުންގެ ދިފާޢީ މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްފައި
ވެއެވެ. އެއަށްފަހު ޑަޗުންގެ ބާރު އިންޑިޔާގައި ކުޑަވަމުންދިޔަ ދުވަސްވަރު
ކަންނަންނޫރުގައި ތިބި މުސްލިމު ވިޔަފާރިވެރިންގެ ވެރިޔަކަށްހުރި
"މާމަލޭ" އަށް މިފޯޓު ވިއްކާލި އެވެ. ނަމަވެސް އެއަށްފަހު އިނގިރޭސީންގެ
ބާރުގެދަށަށް މިރަށް ދިޔުމަށްފަހު މީލާދީން 1887ވަނަ އަހަރާއި ހަމައަށް ބްރިޓިޝް
މިލިޓަރީ ހެޑްކުއަރޓަޒްގެ ގޮތުގައި މިރަށާއި އެރަށުގެ މަޝްހޫރު ބަދަރު ބޭނުން
ކޮށްފައި ވެއެވެ. އެހެންކަމުން ކަންނަންނޫރަކީ މަލާބާރު ކޯސްޓްގައި އޮތް ވަރަށް
މުހިންމު ރަށެއްގެ ގޮތުގައި އަބަދުވެސް ފާހަގަ ކުރެވެމުން ދެއެވެ.
އިނގިރޭސީން
އިންޑިޔާ އިސްތިޢުމާރު ކުރިއިރު ކަންނަންނޫރުގައި ވަނީ މުސްލިމް ވެރިކަމެއް
ފެށިފައެވެ. މި އުފެދުނު ރަސްދަރިކޮޅަށްކިޔަނީ އަރައްކަލް ދަރިކޮޅެ “Arakkal family” އެވެ. 1545މ އިން ފެށިގެން
މިދަރިކޮޅުން އަންނަނީ ކަންނަންނޫރުގައި ވެރިކަން ކުރަމުންނެވެ. މިދަރިކޮޅަކީ
ކެރެލާގައި ވެރިކަންކުރި ހަމައެކަނި މުސްލިމު ދަރިކޮޅުވެސްމެއެވެ. (ވިކިޕީޑިއަ ދަ
ފްރީ އެންސައިކްލޯ ޕީޑިއާ، 2010). އަލީރާޖާ އަކީ ކުރިން ބަޔާންކުރެވުނު
ކަންނަންނޫރުގެ (އަރައްކަލް ދަރިކޮޅުގެ) ރަސްކަމަށް އަންނަ މީހާއަށް ކިޔާ
ނަމެކެވެ. ނުވަތަ ރަސްގެފާނަށް ދެވޭ ލަޤަބެވެ.
ޢަލީ ރާޖާ (އަރައްކަލް ޚާންދާން)
އަރައްކަލް
ޢާއިލާ (ޢަލީ ރާޖާ)ގެ އަޞްލު ފެށެނީ ނައިރު ދަރިކޮޅަކުންނެވެ. ނައިރުންނަކީ
އިންޑިޔާގައި އޮންނަ ހިންދުއިޒަމަށް ނިސްބަތްވާ ކާސްޓް ސިސްޓަމްގެ ބައެކެވެ.
ޙަސަން އަޙްމަދު މަނިކު (1982) ހާމަކުރައްވާގޮތުގައި މީލާދީން 14 ވަނަ ޤަރުނުގެ
ތެރޭގައި ކޮލަތިރީސް ރަސްކަމުގެ ޚިދުމަތުގައި އުޅުނު ނަޔަރު ދަރިކޮޅުގެ މީހަކު
އިސްލާމްވެ މުސްލިމު އަންހެނަކާއި ކައިވެނި ބައްލަވައިގަތެވެ. މިމިހާގެ ދަރިކޮޅަށް
"އަލި" ދަރިކޮޅުން ނިސްބަތްކުރެވެއެވެ. މިދަރިކޮޅުން ކެރެލާގެ
ގޮނޑުދޮށުގައި ވެރިކަމެއް އުފެއްދިއެވެ. އަލަށް މިއުފެދު ރަސްކަމުގެ ފަރާތުން
ކުރީކޮޅުގައި ކޮލަތިރީސް ރާޖާއިންނަށް ޖިޒީ ދިން ކަމަށްވެއެވެ. ނަމަވެސް ފަހުން
މިދަރިކޮޅުން އަމިއްލަ މިނިވަން ރަސްކަމެއް ޤާއިމުކުރިއެވެ. މިއީ ޢަލީ ރާޖާގެ
ރަސްކަން ފެށުނު ކަމަށް ޙަސަން އަޙުމަދު (1982) ބަޔާންކުރައްވާގޮތެވެ.
ޢަލީ ރާޖާގެ
ދަރިކޮޅާ ބެހޭ ގޮތުން ދެކެވޭ އެހެން ވާހަކައެއްވެސް އެބައޮތެވެ. މިވާހަކައަކީ އިންޓަނެޓްގެ
އެކިއެކި ސައިޓް ތަކުގައި ހުރިމަޢުލޫމާތުން ޢަލީ ރާޖާގެ ދަރިކޮޅު
ސިފަކުރެވޭގޮތެވެ. ބުނެވޭގޮތުގައި މީލާދީން 16 ވަނަ ޤަރުނުގެ ތެރޭގައި ކެރެލާގައި
ވެރިކަން ކުރަމުންއައި ކޮލަތިރީސް ރަސްކަމުގެ ފަރާތުން މަލާބާރަށް ކަނޑައަޅާފައިވާ
ޖެނެރަލަކީ ނައިރުދަރިކޮޅު މީހެކެވެ. ނަމަވެސް ފަހުން މިޖެނެރަލް އިސްލާމްވިއެވެ.
އިސްލާމްވިއިރު އޭނާ ކައިވެނި ކުރައްވައިގެން ހުންނެވީ ކޮލަތިރި ރަސްގެފާނުގެ
ދަރިކަނބަލަކާ ކަމަށްވެއެވެ. މި ދެމަފިރިންނަށާއި ދެފަރިންގެ ދަރީންނަށް ފަހުން
ކިޔުނީ އަރައްކަލް ކަމަށް ބުނެވެއެވެ. އެދުވަސްވަރު ވަރަށް ގިނަ މުސްލިމު
ޢާއިލާތައްވަނީ އެމީހުންގެ ވިޔަފާރީގެ ސަބަބުން މަލާބާރުކަރައިގައި ވަރަށް
ނުފޫޒުގަދަ ބަޔަކަށްވެފައެވެ. މިހެންވެފައިވަނިކޮށް މިލާދުން 17 ވަނަ ޤަރުނުގެ
ތެރޭގައި އަރައްކަލު އާއިލާގެ ވިޔަފާރިވެރިންނަށް ލަކްޝަދީބުގެ ކޮންޓްރޯލް
ލިބުނެވެ. އެހާހިސާބުން އަރައްކަލުންނަކީ ޝާހީ ޚާންދާނެއްގެ ގޮތުގައި ބެލެވެންފެށީއެވެ.
ދިވެހިތާރީޚުގައި ޢަލީ ރާޖާގެ ނަން ފާގަކުރެވެން ފެށިފައިވަނީ މީލާދީން 1494 ވަނަ
އަހަރުން ފެށިގެންނެވެ. ނަމަވެސް ލަމްބާރޑް ޑެނީސް (އަހަރު އެނގޭ) ގެ ދިރާސާތަކުން
ހާމަވާގޮތުގައި އޭރު "ޢަލީ ރާޖާ" މިނަން އުފެދިފައެއް ނުވާނެއެވެ.
އެހެނީ އޭރު ކަންނަންނޫރާއި މަލާބާރުކަރައިގެ ވިޔަފާރި ކޮންޓްރޯލް ކުރަމުން
ގެންދިޔައީ "މާމަލޭ" ނަމަކަށް ކިޔުނު މުސްލިމު ވިޔަފާރިވެރިއެކެވެ.
މިމާމަލޭ ނިޔާވިކަމަށް ލަފާކުރެވެނީ 1527މ.ގައެވެ. އެއަށްފަހު އެމަޤާމަށް އިސްވީ
މާމަލޭގެ އަޚް ޕޮކާއަމާމޭ ނަމަކަށް ކިޔާމީހަކު ކަމަށް ނަސީމާ މުޙަންމަދު (1999)
ހާމަކުރައްވާފައިވެއެވެ. ޕޯޗުގީޒުންގެ ދުވަސްވީ ލިޔުންތަކުން ހާމަވާގޮތުން
މީލާދީން 1545ގައި ޕޯޗުގީޒުން ޕޮކާއަމާމޭ ނުވަތަ ޕޮކަރައްލޭ އަންދެއްރާޖެއޮ
ގަތުލުކުރިއެވެ. ދެން އެމަޤާމަށް އިސްވީ މާމަލޭއަށާއި ޕޮކާއަމާމޭއަށްވެސް
ބޮޑުބޭބެކިޔާ އަޚެކެވެ. ބެލެވޭގޮތުގައި މިއީ ޢަލީ ރާޖާގެ ނަމުން ނަންކިޔުނު
ފުރަތަމަ އަމީރެވެ. އަދި "ޢަލީ ރާޖާ" މިލަޤަބަކީ 16 ވަނަޤަރުނުގައި ކެރެލާގައި
ވެރިކަން ކުރެއްވި ރަސްކަލަކު، ކަންނަންނޫރުގައި ދިރިއުޅޭ މުސްލިމުންގެ ވެރިޔަކަށް
ހުންނަވާ ބޭފުޅަކަށް ދެއްވި ނަމެއްކަމަށް ބެލެވެއެވެ. ފަހުން ކަންނަންނޫރުގައި
މުސްލިމުންގެ ވެރިކަމެއް ޤާއިމުގެން އައިއިރު ރަސްގެފާނުގެ ލަޤަބަކަށް ނުވަތަ
ރަސްކަމަށް ކިޔޭނަމެއްގެ ގޮތުގައި މިނަން ބޭނުންކުރެވުނެވެ.
އަރައްކަލް ޚާންދާނުގެ ރަސްކަލުން:
ޢަލީ ރާޖާ ޢަލީ (1591- 1545)
ޢަލީ ރާޖާ އަބޫބަކުރު 1 (1607-1591)
ޢަލީ ރާޖާ އަބޫބަކުރު 2 (1610-1607)
ޢަލީ ރާޖާ މުޙައްމަދު ޢަލީ 1 (1647-1610)
ޢަލީ ރާޖާ މުޙައްމަދު ޢަލީ 2 (1655-1647)
ޢަލީ ރާޖާ ކަމާލް (1656-1655)
ޢަލީ ރާޖާ މުޙައްމަދު ޢަލީ 3 (1691-1656)
ޢަލީ ރާޖާ ޢަލީ 2 (1604-1691)
ޢަލީ ރާޖާ ކުންހީ އަމްސާ 1 (1720-1704)
ޢަލީ ރާޖާ މުޙައްމަދު ޢަލީ 4 (1728-1720)
ޢަލީ ރާޖާ ބިބީ ހައްރަބިޗީ ކަޑަވުބޭ (1732-1728)
ޢަލީ ރާޖާ ބިބީ ޖުނުމަބޭ 1 (1745-1732)
ޢަލީރާޖާ ކުމްހީ އަމްސާ 2 (1777-1745)
ޢަލީ ރާޖާ ބިބީ ޖުނުމަބޭ 2 (1819-1777)
ޢަލީރާޖާ ބިބީ މަރިއަމްބޭ (1838-1819)
ޢަލީރާޖާ ބިބީ ހަޔަޝަބޭ (1852-1838)
ޢަލީ ރާޖާ ޢަބްދުއްރަޙުމާން (1870-1852)
ޢަލީ ރާޖާ މޫސާ ޢަލީ (1899-1870)
ޢަލީ ރާޖާ މުޙައްމަދު ޢަލީ 5 (1907- 1899)
ޢަލީ ރާޖާ ބިބީ އިމްބިޗީ (1911- 1907)
ޢަލި ރާޖާ އަޙުމަދު ޢަލީ (1921-1911)
ޢަލީރާޖާ ބިބީ ޢައިޝާ (1931-1921)
ޢަލީ ރާޖާ ޢަބްދުއްރަޙުމާން 2 1946-1931)
ޢަލީ ރާޖާ ބިބީ އަރައްކަލް މަރިއުއްމާ (1947-1946)
ޢަލި ރާޖާ ސުލްޠާން ޙަމްޒާ ޠަބްރާއިޒް (2001-1947)
ޢަލީ ރާޖާ ޢަލީ (1591- 1545)
ޢަލީ ރާޖާ އަބޫބަކުރު 1 (1607-1591)
ޢަލީ ރާޖާ އަބޫބަކުރު 2 (1610-1607)
ޢަލީ ރާޖާ މުޙައްމަދު ޢަލީ 1 (1647-1610)
ޢަލީ ރާޖާ މުޙައްމަދު ޢަލީ 2 (1655-1647)
ޢަލީ ރާޖާ ކަމާލް (1656-1655)
ޢަލީ ރާޖާ މުޙައްމަދު ޢަލީ 3 (1691-1656)
ޢަލީ ރާޖާ ޢަލީ 2 (1604-1691)
ޢަލީ ރާޖާ ކުންހީ އަމްސާ 1 (1720-1704)
ޢަލީ ރާޖާ މުޙައްމަދު ޢަލީ 4 (1728-1720)
ޢަލީ ރާޖާ ބިބީ ހައްރަބިޗީ ކަޑަވުބޭ (1732-1728)
ޢަލީ ރާޖާ ބިބީ ޖުނުމަބޭ 1 (1745-1732)
ޢަލީރާޖާ ކުމްހީ އަމްސާ 2 (1777-1745)
ޢަލީ ރާޖާ ބިބީ ޖުނުމަބޭ 2 (1819-1777)
ޢަލީރާޖާ ބިބީ މަރިއަމްބޭ (1838-1819)
ޢަލީރާޖާ ބިބީ ހަޔަޝަބޭ (1852-1838)
ޢަލީ ރާޖާ ޢަބްދުއްރަޙުމާން (1870-1852)
ޢަލީ ރާޖާ މޫސާ ޢަލީ (1899-1870)
ޢަލީ ރާޖާ މުޙައްމަދު ޢަލީ 5 (1907- 1899)
ޢަލީ ރާޖާ ބިބީ އިމްބިޗީ (1911- 1907)
ޢަލި ރާޖާ އަޙުމަދު ޢަލީ (1921-1911)
ޢަލީރާޖާ ބިބީ ޢައިޝާ (1931-1921)
ޢަލީ ރާޖާ ޢަބްދުއްރަޙުމާން 2 1946-1931)
ޢަލީ ރާޖާ ބިބީ އަރައްކަލް މަރިއުއްމާ (1947-1946)
ޢަލި ރާޖާ ސުލްޠާން ޙަމްޒާ ޠަބްރާއިޒް (2001-1947)
މީލާދީން 16
ވަނަ ޤަރުނުން ފެށިގެން ޢަލީ ރާޖާއަށް ތަފާތު ނަންނަމުން ނިސްބަތް ކުރެވިފައި
ވެއެވެ. އެގޮތުން "ޢަލީރާޖާ" "އަދިރާޖާ"
"އައްޑަރާޖާ" "ސީ ކިންގް" ނުވަތަ "ކަނޑުގެ
ރަސްގެފާނު" ނޫންނަމަ "ރެޖެރޯޑް ޑޮ މާރު" ނަމުންވެސް ނިސްބަތް
ކުރެވިފައިވެއެވެ. ބެލެވޭގޮތުގައި އޭނާއަށް މިލަޤަބުތައް ނިސްބަތްކުރެވޭ ސަބަބަކީ
އޭނާއަކީ ނުހަނު މުއްސަދި ރާޖާއަކަށްވެފައި އިންޑިޔާ ކަނޑުގައި ބާރުގަދަ
ވެރިއަކަށް ވާތީއެވެ.
މަލާބާރީންނާއި
ދިވެހީންގެ ގުޅުން
މަލާބާރު
ކޯސްޓްގައި ދިރިއުޅެމުން ގެންދިޔަ މީހުންނަކީ މަލާބާރީން އެވެ. މިބައިމީހުންނަށް
ދިވެހިން ތަފާތު ނަންނަން ކިޔައި އުޅުނެވެ. އޭގެތެރޭގައި މަލާބާރީން، ހޮޅިން،
ސޯޅިޔާއިން، މުއްކަވާރުންނޭވެސް ކިޔައިއުޅުނުކަމަށް ނަސީމާ މުޙައްމަދު (2009)
ހާމަކުރައްވައެވެ. މަތީގައި ބަޔާންކުރެވުނު ނަންތަކުގެ ތެރެއިން
"ހޮޅިން" މިނަން އެވޭލާގައި ދިވެހީން ބޭނުން ކޮށްފައިވަނީ މަލާބާރުގައި
ދިރިއުޅުނު މުސްލިމުންނަށްކަމަށް ބެލެވެއެވެ. ކޮންމެއަކަށް މަލާބާރުގައި
ދިރިއުޅުނު މީހުންނަށް އެންމެ ޢާންމުކޮށް ބޭނުންކުރެވޭ ނަމަކީ މަލާބާރީންނެވެ.
މަލާބާރީންނަކީ އެއްގޮތަށްވުރެ ގިނަގޮތްގޮތުން ދިވެހީންނާ ގުޅިލާމެހިފައިވާ
ބައެކެވެ. މިގުޅުންތައް އުފެދެން މެދުވެރިވި އެއް ސަބަބަކީ ދިވެހިރާއްޖޭގައި
މަލާބާރީން ވަޒަންވެރިވެފައި ވުމެވެ. އެހެންކަމުން ނަސްލީގޮތުންނާއި، ބަހާއި
ޘަޤާފީ ގުޅުމުގެ އިތުރުން ވިޔަފާރީގެ ގުޅުމުންނާއި، ރަޙުމަތެރިކަމުގެ ގުޅުމާއި، ދެކޮޅުވެރި އަޅުވެތިކުރުމުގެ ތެރެއިން
ދިވެހިންނާއި މަލާބާރީންވާނީ ގުޅިލާމެހި މަސްހުނިވެފައި އެވެ. އަދި ތާރީޚީ
ފަތްފުއްތަކުން ހާމަވާގޮތުން ދިވެހިވެރިކަމުގެ ދަހިވެތިކަމުގައި ދިވެހީންނާ
ގުޅިގެންނާއި ނުގުޅިވެސް މަލާބާރީން ރާއްޖެ އައިސްފައިވެސް ވެއެވެ. ވީމާ
މަލާބާރީންނާއި ދިވެހީންވަނީ ވަރަށް ގިނަ ގޮތްގޮތުން ގުޅިލާމެހިފައިކަމުގައި
ދަންނަވަން ޖެހެއެވެ.
ދިވެހިރާއްޖޭގައި މަލާބާރަށް ނިސްބަތްވާ އެތައް އާއިލާއެއް ދިރިއުޅެމުން
ގެންދެއެވެ. އަޙުމަދު ޝަފީޤް (2000) ދެކިލައްވާގޮތުގައި މަލާބާރުގެ ހަލަބޮލި
މާހައުލުން އެކަހެރިވެ، ހަމަހިމޭން
ދިރިއުޅުމެއް އުޅުމަށާއި، ދަތުރުވަރުގައި ވައިނުބައިވެ، ދިވެހި ފަރުތަކަށް އުރުމުގެ ސަބަބުން މަލާބާރީން ރާއްޖޭގައި
ވަޒަންވެރިވެފައި ވެއެވެ. މީގެ އިތުރުން ސަރަޙައްދީ ވިޔަފާރީގެ ތެރެއިން
ވިޔަފާރިކަމުގައި ރާއްޖެއަށް އައިސް ދިވެހީންނާއި ކައިވެނިކޮށްގެންވެސް ގިނަ
އަދަދެއްގެ މަލާބާރީން ރާއްޖޭގައި ވަޒަންވެރިވެފައި ވެއެވެ (މުޙަންމަދު އިސްމާޢީލް
ދީދީ، 1995).
އެހެންކަމުން ދިވެހިންގެ ތެރޭގައި މަލާބާރަށް ނިސްބަތްވާ އެތައް ޢާއިލާތަކެއް
އުޅެމުންދެ އެވެ. އަދި ދިވެހީންގެ ނަޞްލު ހޯދުމަށް ކުރެވިފައިވާ ސައިންޓިފިކް
ދިރާސާތަކުން މިކަންޘާބިތުވެފައިވެސް ވެއެވެ. ވީމާ މަލާބާރާއި ދިވެހިރާއްޖެ އާއި
ދެމެދުގައި އާއިލީ ނުވަތަ ނަޞްލީ ގުޅުންތަކެއް އެބައޮތްކަމުގައި ދަންނަވަން
ޖެހެއެވެ.
މަލާބާރީންނާއި ދިވެހީންނާއި ދެމެދުގައި ބަހަވީ ގުޅުންތަކެއްވެސް އެބައޮތެވެ.
އެހެނީ ކުލެރެންސް މެލޫނީ (1980) ދެކިލައްވާގޮތުގައި ދިވެހިބަހުގެ އަޞްލަކީ ދެކުނު
އިންޑިޔާގެ ކޮންމެވެސް ބަހެކެވެ. ހަމައެހެންމެ ދެކުނު އިންޑިޔާގައި
ބޭނުންކުރެވެމުންއައި ބުރަހަމީ، ނާގަރީ، އޭލޫ އަދި މަޅިޔާލަމް އަކުރުތަކާ
ދިވެހިންގެ އެވޭލާ އަކުރާއި ގާތް ގުޅުމެއް ވާކަމަށްވެސް ކްލެރެންސް މެލޫނީ (1980)
ހާމަކުރައްވައެވެ. ވީމާ ބަހަވީ ދާއިރާގައި ދިވެހީންނާއި މަލާބާރީންނާއި ދެމެދުގައި
އެއްގޮތްކަންތައް ތަކެއް އެބަހުރިކަމަށް ދަންނަވަން ޖެހެއެވެ.
މަލާބާރީންނާއި
ޢަލީ ރާޖާ ދިވެހީންނަށް ކުރި އަނިޔާ
މެދުޒަމާނުގައި ދިވެހީންނަށް އެންމެ ބޮޑެތި އުނދަގޫތަކާއި ގެއްލުންތައް
ކުރިމަތިކުރުވި އެއްބަޔަކީ މަލާބާރީންނެވެ. ދިވެހި ތާރީޚީ ފަތްފުއްތަކުގައިވާ
މަޢުލޫމާތުތަކުން ހާމަވާގޮތުގައި ދިވެހިންނަށް ދުއްތުރާ ކުރަމުންދިޔަ މާލާބާރީންގެ
ތެރޭގައި ދެބައެއް ވެއެވެ. އެއީ ކަންނަންނޫރުގެ ޢަލީ ރާޖާއަށް ނިސްބަތްވާ ބަޔަކާއި
ޢަލީ ރާޖާއަށް ނިސްބަތްނުވާ މަލާބާރީންނެވެ. މި ދެބައި މީހުންނަކީވެސް
މަލާބާރީންނަށްވާއިރު މީގެ ތެރެއިން ބައެއްގެ އުނދަގޫ ދިވެހީންނަށް ނުފޯރާ
ދުވަސްވަރެއް މެދުޒަމާނުގެ ތާރީޚުން ފެންނާންނެތްކަން ފާހަގަ ކުރެވެއެވެ. ވީމާ
ދިވެހީންނަށް އެންމެ ގިނައިން އުނދަގުލާއި ދުއްތުރާކުރި އެއްބަޔަކީ
މަލާބާރީންނެވެ.
ޒަމާނުއްސުރެ
ދިވެހީންނާއި މަލާބާރީންނާއި ދެމެދު އޮތް ގާތް ގުޅުންތަކުގެ ސަބަބުން ދިވެހި
ދާޚިލީ ކަންކަމުގައި މަލާބާރިންގެ އެހީތެރިކަން ދިވެހީން
ހޯދަމުންގޮސްފައިވާނެކަމަށް ބެލެވެއެވެ. ނަމަވެސް ދިވެހިތާރީޚުން ފެންނަގޮތުން
މަލާބާރީން ދިވެހީންގެ ދާޚިލީ ކަމެއްގެ ތެރެއަށް ފުރަތަމަ ފަހަރަށް ވަދެފައިވަނީ
މީލާދީން 1494 ވަނަ އަހަރުގައެވެ. އެއީ ކަޅު މުޙަންމަދު ރަސްގެފާނުގެ އެދުމަށް
އޭނާއަށް ދެވަނަ ފަހަރަށް ދިވެހި ތަޚުތު ހޯދައިދިނުމަށްޓަކައެވެ. އެފަހަރު ކަޅު
މުޙަންމަދު ރަސްގެފާނަށް އެހީތެރިވީ މަލާބާރުގެ ނުފޫޒުގަދަ ވިޔަފާރިވެރިއެއް
ކަމުގައިވާ ކަންނަންނޫރުގެ ޢަލީ ރާޖާކަމަށް ތާރީޚީ ލިޔުންތަކުގައިވެއެވެ. ނަމަވެސް
މިހާރުގެ ހޯދުންތަކުން ހާމަވާގޮތުގައި "ޢަލީ ރާޖާ" މިލަޤަބަކީ އޭރު
އުފެދިފައިވާނެ ލަޤަބެއް ނޫނެވެ. އެހެންވީމާ ކަޅު މުޙަންމަދަށް އެހީތެރިކަން
ފޯރުކޮށްދިން ފަރާތަކީ މާމަލޭ ނޫނީ މާމަލޭގެ ކުރިން ކަންނަންނޫރުގެ
ވިޔަފާރިވެރިންގެ ވެރިޔަކަށް ހުރިމީހާކަމަށްވުމަކީ އެކަށީގެންވާކަމެކެވެ.
ކޮންމެއަކަށް ކަޅުމުޙަންމަދު ރަސްގެފާނަށް މަލާބާރީން ވެދިން އެހީގެ
ބަދަލެއްގެގޮތުން ދިވެހި އެކްސްޕޯޓްގެ ކޮންޓްރޯލް ނުވަތަ ދިވެހި އުފެއްދުންތަކާއި
ވިޔަފާރީގެ ކޮންޓްރޯލް މަލާބާރީންނަށް ލިބުނެވެ. އެހެނީ ކަޅުމުޙަންދަށް ދެވަނަ
ފަހަރަށް ރަސްކަން ލިބުމަށްފަހު ދިވެހި އުފެއްދުންތައް ބޭރުގެ ފަރާތްތަކަށް
ލިބެންހުންނާނީ ހަމައެކަނި މަލާބާރުގެ ވިޔަފާރި ހިންގާ ރަށްރަށުންނެވެ (ނަސީމާ
މުޙަންމަދު ، 1999). ވީމާ ޢަލީ ރާޖާ ނުވަތަ މަލާބާރީން ދިވެހިންނަށް ފުރަތަމަ ދިން
ގެއްލުމަކީ ދިވެހީންގެ އިޤްތިޞާދު އަޅުވެތިކުރުމެވެ. އަދި މިކަން މަލާބާރީންނަށް
ކާމިޔާބު ކުރެވުނީ ކަޅު މުޙަންމަދު ރަސްގެފާނު ޤައުމަށް ޚިޔާނާތްތެރިވީތީއެވެ.
ޢަލީ ރާޖާ
ދިވެހި ރަސްކަމަށް ނުފޫޒު ފޯރުވާންފެށީ ދިވެހީންގެ ބަޔަކު އެކަމަށް ދަޢުވަތު
ދިނުމުންނެވެ. ނަސީމާ މުޙަންމަދު (2010) ހާމަކުރައްވާގޮތުގައި އެއީ ކަޅު
މުޙަންމަދު ރަސްގެފާނުގެ އެދުމަށް،
ތިންވަނަ
ފަހަރަށް ކަޅު މުޙަންމަދަށް ރަސްކަން ހޯދައިދިން ހިސާބުންނެވެ. އެހެންކަމުން ކަޅު
މުޙަންމަދަށް ތިންވަނަ ފަހަރަށް ރަސްކަން ލިބުނު ހިސާބުން (މީލާދީން 1512 އިން
ފެށިގެން) ދިވެހި ވެރިކަމުގައި މާމަލޭގެ (އެދުވަސްވަރު ކަންކަންނޫރު
ވިޔަފާރިވެރިންގެ ވެރިޔަކަށްހުރި މީހާގެ) ނުފޫޒު ގަދަވިއެވެ. އެދުވަސްވަރު ދިވެހި
ރަސްގެފާނުން އައްޔަންކުރަނީ މަލާބާރުގެ ވިޔަފާރިވެރިން ކަމަށް ހީވާހައި، އެބައިމީހުންގެ ބާރު ދިވެހި ވެރިކަމުގެ
މައްޗަށް ގަދަވި ކަމަށް މެންސަލް ލޮންގްވަރތް ޑޭމްސް (1921) ބަޔާންކުރައްވައެވެ.
އެހެނީ ދިވެހި ވިޔަފާރީގެ ކޮންޓްރޯލް އޮތީ މާމަލޭގެ ބާރުގެ ދަށުގައެވެ. އަދި ޖިޒީގެ
ގޮތުގައި ދިވެހި ދަޢުލަތުގެ ޢާމްދަނީގެ ދެބައިކުޅަ އެއްބައި ކޮންމެ އަހަރަކުވެސް
މާމަލޭއަށް ފޮނުވަމުންދިޔައެވެ. މިޖިޒީއަކީ ތިންވަނަ ފަހަރަށް ކަޅު މުޙަންމަދަށް
ރަސްކަން ހޯދައިދެއްވައިފިނަމަ މާމަލޭއަށް ދެއްވާނެ އެއްޗެއްކަމަށް ކަޅު
މުޙަންމަދު އެއްބަސްވެ ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުން ފޮނުވަމުންދިޔަ
ޖިޒީއެއް ކަމަށް އެޗް. ސީ. ޕީ. ބެލް (1940) ހާމަކުރައްވާފައިވެއެވެ. ޖިޒީގެ
އިތުރުން ތިލަދުންމައްޗާއި ކިނޮޅަހާއި ކެނދިކޮޅުވެސް ކަޅުމުޙަންމަދު ރަސްގެފާނު
މާމަލޭގެ މަސައްކަތުގެ އަގަކަށް ދެއްވިކަމަށް މީލާދީން 30 ޑިސެމްބަރ 1520ގައި
މާލޭގައި ހުރި ޕޯޗުގީޒުންގެ އެޖެންޓް އަލްވާރޯ ފްރެންޑޭސް ޕޯޗުގީޒުންގެ
ރަސްގެފާނަށް ފޮނުއްވި ސިޓީ ފުޅެއްގައި ވާކަމަށް ބޫޝޯން (1988) ހާމަކުރައްވައެވެ.
އެހެންކަމުން މިއީ މާމަލޭ ދިވެހި ރާއްޖޭގެ ބައެއް އަޅުވެތިކުރި ފުރަތަމަ ފަހަރެވެ.
އަދި ނުސީދާގޮތެއްގައި މުޅި ދިވެހި ދަޢުލަތް އަޅުވެތިކުރި ފުތަރަމަފަހަރެވެ.
މިއަޅުވެތިކަމުގައި އެތައް އަހަރެއް ދިވެހީން ހޭދަކުރާންޖެހުނު ކަމަށް ތާރީޚު
ހެކިދެއެވެ. ކޮންމެއަކަސް މަލާބާރުގެ ވިޔަފާރިވެރިންނަށް މިފުރުޞަތު ލިބުނީ އޭރުގެ ދިވެހި
ރަދުން ރަސްކަމަށް ދަހިވެތިވެލެއްވިލެއް ބޮޑުކަމުންކަން ޔަޤީނެވެ.
ކަޅު
މުޙަންމަދު ރަސްގެފާނު ރަސްކަން އަތުލެއްވުމަށް ކަންނަންނޫރު ޢަލީ ރާޖާގެ އެހީ
ހޯއްދެވުމުގެ ސަބަބުން މަލާބާރީންގެ އުނދަގޫ ދިވެހީންނަށް އެތައް ގުނަޔަކަށް
އިތުރުވެގެންދިޔަ އެވެ. އެހެނީ ޢަލީ ރާޖާ ނުވަތަ މާމަލޭއާއެކު ކަޅު މުޙަންމަދު
ރަސްގެފާނު އެއްބަސްވެލެއްވި ކަންކަން ދިވެހި ދަޢުލަތުގެ ފަރާތުން
ކުރަމުންދިޔަނަމަވެސް މަލާބާރީންނާއި މާމަލޭގެ މީހުން ދިވެހި ޖަޒީރާތައް ލޫޓުވައި
ނިކަމެތި ދިވެހީންގެ މުދާތައް ފޭރެމުންދިޔައެވެ. އެގޮތުން އެދުވަސްވަރު މަލާބާރީން
ހުވަދުއާއި އައްޑުއަތޮޅު ރައްޔިތުންނަށް ބިރުދައްކައި އެދެއަތޮޅު ރައްޔިތުންގެ
މުދާތައް ފޭރިގެން މަލާބާރަށް ގެންދަމުންދިޔަ ކަމަށްވެސް ނަސީމާ މުޙަންމަދު (2010)
ހާމަކުރައްވައެވެ. މިވޭނުގައި ދިވެހީން ދޮޅު ޤަރުނެއްހައި ދުވަސް ހޭދަކުރަން
ޖެހުނުކަމަށާއި މަލާބާރުންގެ މިއުނދަގޫތަކުން ސަލާމަތްވުމަށް އެތައް ރަށެއްގެ
ރައްޔިތުން ދިރިއުޅެމުންދިޔަ ރަށްތައް ބަދަލުވެސް ކުރިކަމަށް ދިވެހި
ތާރީޚުހެކިދެއެވެ. ވީމާ މަލާބާރީންގެ އަނިޔާވެރިކަން އެތައް ޒަމާނެއްވަންދެން
އެކިގޮތްގޮތަށް ދިވެހީން ތަޙައްމަލު ކޮށްފައިވާކަން ހާމަވެއެވެ.
ޢަލީ ރާޖާއަށް
ދިވެހިން ދެމުންއައި ޖިޒީ ދިނުން މީލާދީން 1646ގައި އިސްކަންދަރު ރަސްގެފާނު
ހުއްޓާލެއްވުމާއި ގުޅިގެން މަލާބާރީން ދިވެހީންނަށް ބޮޑެތި ގެއްލުންތަކެއް
ދިނުމަށްފަހު ދިވެހިރާއްޖެ އަޅުވެތިކުރިއެވެ. އެހެނީ ޖިޒީ ދިނުން ހުއްޓާލުމާއި
ވިދިގެން މީލާދީން 1649 އިން 1650 އާއި ދެމެދުގައި ތިންފަހަރެއްގެ މަތީން ޢަލީ
ރާޖާ ދިވެހިރާއްޖެއަށް ޙަމަލާދީފައިވާކަމަށް ތާރީޚީ ލިޔުންތަކުން ހާމަވެ އެވެ.
މިގޮތަށް ތަކުރާރުކޮށް މަލާބާރީން ދެމުންދިޔަ ޙަމަލާތަކުން އެމީހުންނަށް
ކާމިޔާބެއް ލިބުނީ މީލާދީން 1752ގައެވެ. ދިވެހި ތާރީޚަށް އައު އަލިކަމެއް (1990)
ބަޔާންކުރައްވާގޮތުގައި މިފަހަރު މަލާބާރީންނަށް ކާމިޔާބު ލިބުނީ ދިވެހި
ދެޚާއިނެއް އެބައިމީހުންނަށް ވާގިވެރިވެ،
ޤައުމަށް
ޚިޔާނާތްތެރި ވުމުންނެވެ. ނަތީޖާއަކަށްވީ މަލާބާރީން އެދެ ޚާއިނުން
ކަނޑުފެއްތުމަށްފަހު، އޭރު ދިވެހި
ތަޚުތުގައި އިންނެވި މުކައްރަމް މުޙައްމަދު ޢިމާދުއްދީނާއި، ވަލީ އަޙުދު
މުޙައްމަދު މަނިކުފާނާއި ދިވެހިބޮޑުން ރަހީނުކޮށް، ސުލްޠާން މުކައްރަމް މުޙަންމަދު ޢިމާދުއްދީނަށް ބޮޑެތި އަނިޔާތަކެއްކޮށް
ދެލޯކޮނެ ލޯއަދިރިކޮށްލައިގެން ކަންނަންނޫރަށް ގެންގޮސް ހައްޔަރުކުރުމެވެ. އަދި
މާލޭގައި ހުޅުޖަހައި 63 ގޯއްޗާއި 3 މިސްކިތާއި 3 ގަނޑުވަރު އަންދައިލުމެވެ. އަދި
އާޚިރުގައި އެބައިމީހުން ދިވެހިރާއްޖެ އަޅުވެތިކުރުމެވެ. އެހެންކަމުން
މަލާބާރީންގެ އަޅުވެތިކަމުގައި ދިވެހިރާއްޖެ ތިން މަސްދުވަހަށްވުރެ ގިނަދުވަސް
ހޭދަކުރާން ޖެހުނެވެ.
މަލާބާރީންގެ
އަޅުވެތިކަމުގައި ދިވެހިރާއްޖެ 3 މަހެއްހާ ދުވަސްހޭދަކޮށްފައި ވެއެވެ.
މިއަޅުވެތިކަމުން ދިވެހީން ސަލާމަތްކޮށްދެއްވީ ދިވެހި ތާރީޚުގައި މަޝްހޫރު
ދޮންބަންޑާރައިންނެވެ. މިފަހަރު ދިވެހިރާއްޖެ މިނިވަންވުމާއި ގުޅިގެން
މަލާބާރީންވަނީ ތަކުރާރުކޮށް މެދުކެޑުމެއްނެތި ހަތަރު އަހަރު ވަންދެން ދިވެހީންނާ
ދެކޮޅަށް ހަނގުރާމަކޮށްފަ އެވެ. އަދި މިކޮންމެ ފަހަރަކު ހަނގުރާމައިން ބަލިވެގެން
އެބުރި ދަމުން ދިވެހި ޖަޒީރާތައް ލޫޓުވާކަމަށް ވެސް ނަސީމާ މުޙަންމަދު (2010)
ހާމަކުރައްވައެވެ. މިހެން ރަށްތައް ލޫޓުވާލުމުގެ އިތުރުން ގަދަކަމުން ބަނދަގެން
ދިވެހިން މަލާބާރަށް ގެންގޮސް އަޅުންގެގޮތުގައި ވިއްކާފައިވެސް ވެއެވެ. އެގޮތުން
1776މ.ގައި މަލާބާރީން ރާއްޖޭގެ އުތުރުގައިވާ ރަށްތައް ލޫޓުވައި، 459 ދިވެހީން
ހިފައި ހައްޔަރުކޮށްގެން އަޅުންގެ ގޮތުގައި ގެންދިޔަކަމަށް ދިވެހި ތާރީޚް (1993)ގައި
ވެއެވެ. ވީމާ މަލާބާރީންވަނީ ކުށެއްނެތް އެތައް ދިވެހީންނެއް ހައްޔަރުކޮށް
އަޅުންގެ ގޮތުގައި ވިއްކައި ދިވެހީންގެ ހިތްތަކުގައި ބިރުވެރިކަން
އުފައްދާފަވެސްމެއެވެ.
ދިވެހިރާއްޖެ
ހިފުމަށް ޢަލީ ރާޖާ އާއި މަލާބާރީން ދީފައިވާ ބައެއް ހަމަލާތައް:
ރަސްގެފާނުގެ ނަން
|
ހަނގުރާމަކުރެވުނު ތާރީޚް
|
ހަނގުރާމަ ކުރި އަދުއްވުން
|
ހަނގުރާމައިގެ ނަތީޖާ
|
ޞ. އިބްރާހީމް ކަލާފާނު
|
1607މ. ގައި
|
މަލާބާރުންނާއި ބަންގާޅުން
|
ރަދުން ޝަހީދުކޮށް މާލެ ލޫޓުވާލި
|
ބޮޑުރަސްގެފާނު
|
1624މ. ގައި
|
މަލާބާރުންނާ ދެކޮޅަށް
|
ދިވެހީންނަށް ނަޞްރުލިބުން.
|
ބޮޑުރަސްގެފާނު
|
ތާރީޚް އެގެންނެތް(1633މ؟)
|
މަލާބާރުންނާއި ޕޯޗުގީޒުން
|
ދިވެހީންނަށް ނަޞްރުލިބުން.
|
ބޮޑުރަސްގެފާނު
|
ތާރީޚް އެގެންނެތް(1634މ؟)
|
މަލާބާރުންނާއި ޕޯޗުގީޒުން
|
ދިވެހީންނަށް ނަޞްރުލިބުން.
|
ބޮޑުރަސްގެފާނު
|
ތާރީޚް އެގެންނެތް(1635މ؟)
|
މަލާބާރުންނާއި ޕޯޗުގީޒުން
|
ދިވެހީންނަށް ނަޞްރުލިބުން.
|
ބޮޑުރަސްގެފާނު
|
ތާރީޚް އެގެންނެތް(1636މ؟)
|
މަލާބާރުންނާއި ޕޯޗުގީޒުން
|
ދިވެހީންނަށް ނަޞްރުލިބުން.
|
ޞ. އިސްކަންދަރު (1)
|
ތާރީޚް އެގެންނެތް(1649މ؟)
|
ޢަލީ ރާޖާއާއި ދެކޮޅަށް
|
ދިވެހީންނަށް ނަޞްރުލިބުން.
|
ޞ. އިސްކަންދަރު (1)
|
ތާރީޚް އެގެންނެތް(1650މ؟)
|
ޢަލީ ރާޖާއާއި ދެކޮޅަށް
|
ދިވެހީންނަށް ނަޞްރުލިބުން.
|
ޞ. އިސްކަންދަރު (1)
|
ތާރީޚް އެގެންނެތް(1652މ؟)
|
ޢަލީ ރާޖާއާއި ދެކޮޅަށް
|
ދިވެހީންގެ ބަޔަކު އަންދަރޯއަށް
ފޮނުވުން، މަލާބާރީން ބިރުގަތުން
|
ޞ. ކުޑަ މުޙަންމަދު
|
1691މ. ގައި
|
މަލާބާރީން
|
ދިވެހީންނަށް ނަޞްރުލިބުން.
|
ޞ. މުކައްރަމު މުޙަންމަދު ޢިމާދުއްދީން
|
1752މ. ގައި
|
ޢަލީ ރާޖާ
|
ދިވެހިރާއްޖެ އަޅުވެތިވި
|
ދޮންބަންޑާރައިން
|
1753މ. ގައި
|
ޢަލީ ރާޖާއަދި މަލާބާރީން
|
ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު
|
ދޮންބަންޑާރައިން
|
1754މ. ގައި
|
ޢަލީ ރާޖާއާއި މަލާބާރީން
|
ދިވެހީންނަށް ނަސްރު ލިބުން
|
ދޮންބަންޑާރައިން
|
1755މ. ގައި
|
ޢަލީ ރާޖާއާއި މަލާބާރީން
|
ދިވެހީންނަށް ނަސްރު ލިބުން
|
ދޮންބަންޑާރައިން
|
1761މ. ގައި
|
ޢަލީ ރާޖާއާއި މަލާބާރީން
|
ދިވެހީންނަށް ނަސްރު ލިބުން
|
ޣިޔާޘުއްދީން ރަދުން
|
1769މ. ގައި
|
ޢަލީ ރާޖާ
|
ދިވެހީންނަށް ނަސްރުލިބުން
|
މަލާބާރީންގެ
ފަރާތުން ދިވެހި ރަސްރަސްކަލުންނާއި ބޮޑުންނަށް ބޮޑެތި އަނިޔާތަކާ ކުރިމަތިލާން
ޖެހިފައިވެއެވެ. އެގޮތުން ކަޅު މުޙަންމަދު ރަސްގެފާނު ތިންވަނަފަރަށް ރަސްކަމަށް
އިސްވުމަށް އެހީ ހޯދުމަށް މަލާބާރަށް ދިޔުމުން މާމަލޭ އެމަނިކުފާނު ހައްޔަރުކޮށް
އަތުގައިވާ ހުރިހާ މުދަލަކާއި ފޭރާމެއް އަތުލައި ގަދަކަމުން އެއްބަސްވުމެއްގައި
ސޮއިކުރުވިކަމަށް ބޫޝޯން (1988) ބަޔާންކުރައްވާފައި ވެއެވެ. މީލާދީން 1609ގައި
ދިވެހިރަދުން އިބްރާހީމް ކަލާފާނު 3 ޝަހީދުކުރުމަށްފަހު ވަލީއަޙުދު ކަޅުތުއްކަލާ
(ބޮޑުރަސްގެފާނު) ހައްޔަރުކޮށްގެން މަލާބާރަށްގެންދިޔައެވެ. މިގެންދިޔުމަށްފަހު
ގާތްގަޑަކަށް 12 އަހަރުވަންދެން މަލާބާރުގައި ހައްޔަރުކޮށްފައި ބެހެއްޓި ކަމަށް
ނަސީމާ މުޙަންމަދު (2010)ގެ ލިޔުންވުންތަކުން ހާމަވެއެވެ. އަދިހަމަ މިގޮތަށް މީލާދީން
1752ގައި އޭރުގެ ދިވެހި ރަދުން މުކައްރަމު މުޙަންމަދު ޢިމާދުއްދީނާއި ވަލީ އަޙުދު
މުޙަންމަދު މަނިކުފާނު (ޣިޔާޘުއްދީން ރަދުން) ހައްޔަރުކޮށްގެން މަލާބާރީން
ގެންދިޔައެވެ. މިހައްޔަރުގައި މުކައްރަމު މުޙަންމަދު ޢިމާދުއްދީން އަވަހާރަވީއެވެ.
އަދި މުޙަންމަދު މަނިކުފާނު އެތައް އަހަރެއްވަންދެން މަލާބާރުގައި
ހައްޔަރުކޮށްފައި ބެހެއްޓިއެވެ. މީގެއިތުރުން މީލާދީން 1752ގައި ޢަލީ ރާޖާ ރާއްޖެ
ހިފުމުގައި އެހީތެރިވި ޝަމްސުއްދީން ފަޑިޔާރުމަނިކުފާނާއި ޚަޠީބު އަޙުމަދު
މުޙުޔިއްދީން މަލާބާރީން ކަނޑުފައްތައި މަރާލިއެވެ. އެހެންކަމުން މަލާބާރީންނާއި
ދެކޮޅަށް މަސައްކަތްކުރެއްވި ދިވެހި ބޮޑުންނާއި މަލާބާރީންނާއި އެއްކޮޅަށް
މަސައްކަތްކުރެއްވި ދިވެހި ބޮޑުންނަށްވެސް މަލާބާރީން ވަނީ ބޮޑެތި
އަނިޔާތަކެއްދިނުމަށްފަހު ޝަހީދުކޮށްފައިމަކަށް ދަންނަވަންޖެހެއެވެ.
ދިވެހިރާއްޖެ
އިންޑިޔާ ކަނޑުގައި އޮތް ސަރަޙައްދުގެ ސަބަބުންނާއި ދިވެހި އުފެއްދުންތަކުގެ
ބޭނުމުގައި ބޭރުގެ ބާރުތަކުން އަބަދުވެސް ދިވެހިރާއްޖެއަށް ކަޅިއަޅައެވެ. ނަސީމާ
މުޙަންމަދު (1999)ގެ ބަޔާންތަކުން ހާމަވާގޮތުގައި އެހެންކަމުން މަލާބާރީން
ދިވެހިރާއްޖެއަށް ނުފޫޒު ހިންގަމުންދިޔައިރު ޕޯޗުގީޒުންވެސް ބަލަމުންދިޔައީ އެފަދަ
ފުރުޞަތަކަށެވެ. އަދި ޕޯޗުގީޒުންގެ ބާރު މިސަރަޙައްދުގައި ފުޅާވެގެން ދިޔުމާއެކު
ޕޯޗުގީޒުންނާއި މާމަލޭވެސް ދިވެހިރާއްޖެ ކޮންޓްރޯލް ކުރުމަށް މަސައްކަތްކޮށްފައި
ވެއެވެ. އަދި މަލާބާރުގެ ހިންދީ ރާޖާ ކޮލަތިރީސްވެސް ދިވެހިރާއްޖެ އޭނާގެ ބާރުގެ
ދަށަށް ގެންދިޔުމަށް މަސައްކަތްކޮށްފައި ވެއެވެ. އެއަށްފަހު ޑަޗުންނާއި
އިނގިރޭސިންވެސް މިމަގުން ކަންކޮށްފައި ވެއެވެ. ހަމައެހެންމެ މަލާބާރީންނާއި
އެކިދުވަސްވަރު މަލާބާރުކަރަ ކޮންޓްރޯލްކުރި އެކި ފަރާތްތަކުން ދިވެހިރާއްޖޭގެ
މައްޗަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށް ބައެއް ފަހަރަށް އެކަން
ކާމިޔާބުކޮށްފައި ވެއެވެ. ކޮންމެ ބަޔަކު ދިވެހިރާއްޖެ ކޮންޓްރޯލްކުރި ކަމަށްވިޔަސް
މަލާބާރީން ދިވެހިރާއްޖެ އައިސް ވިޔަފާރިކޮށް އުޅެއެވެ. އަދި ދިވެހި ރަށްތައް
ލޫޓުވާކަންވެސް ތާރީޚީ ލިޔުންތަކުން ހާމަވެއެވެ. ވީމާ މަލާބާރުންގެ އުދަގުލުން
ދިވެހީންނަށް ސަލާމަތްކަމެއް ލިބުނީ އެބައިމީހުންގެ މައްޗަށް އިނގިރޭސީންގެ ބާރު
ފުރިހަމަޔަށް ހިނގާން ފެށުމުން ކަމަށް ލަފާކުރެވެއެވެ.
މަލާބާރީން
ދިވެހީންނަށް ކުރަމުންދިޔަ އަނިޔާތަކާއި ދުއްތުރާތަކަށް ނިމުމެއްއައީ 1827
މީލާދުގައެވެ. ނަސީމާ މުޙަންމަދު (2010) ބަޔާންކުރައްވާގޮތުގައި މިދެކޮޅުވެރިކަން
ނިމުމަކަށް އައީ، ދެކޮޅުވެރިކަން އައުކުރައްވާ ޢަލީ ރާޖާ ދިވެހި ރަދުންނަށް
ފޮނުއްވެވި ފަތްކޮޅަކަށް އޭރުގެ ދިވެހި ރަދުން ދެއްވި ބަލާޣާތްތެރި ޖަވާބެއްގެ
ސަބަބުންނެވެ. މިޖަވާބަށްފަހު ދެދަޢުލަތުގެ ދެމެދުގައި އެއްވެސް ދެކޮޅުވެރިކަމެއް
ނުހިނގާކަމަށް ތާރީޚުން ދައްކައެވެ. އެހެންނަމަވެސް މާޒީގައި ދިވެހީންނަށް އެންމެ
ބޮޑެތި ގެއްލުންތަކާއި އަނިޔާތައްދިން އެއް ބަޔަކީ މަލާބާރީންކަމީ
ދެބަސްވެވެންނެތް ހަޤީޤަތެކެވެ.
މަލާބާރީންގެ
އެހީތެރިކަން
މަލާބާރީން
ދިވެހީންނަށް ދުއްތުރާތަކެއް ކުރިނަމަވެސް އެމީހުންގެ އެހީތެރިކަންވެސް އެތައް
ފަހަރެއްގެ މަތީން ދިވެހީންނަށް ލިބިފައި ވެއެވެ. އެގޮތުން ދިވެހި ތާރީޚަށް އައު
އަލިކަމެއް (1990) ހާމަކުރައްވާ ގޮތުގައި މީލާދީން 1519 ޕޯޗުގީޒުން ރާއްޖޭގައި
ކިއްލާއެއް ހެދުމަށްފަހު ދިވެހީންނަށް ދެމުންގެންދިޔަ ގެއްލުމާއި ދުއްތުރާތަކުން
ދިވެހީން ސަލާމަތްކުރީ ކަލްކަތާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޕާތާ މަރައްކާރާއި
މަލާބާރީންނެވެ. އެއީ 12 ނަވުގައި މަލާބާރުގެ އެތައް ބަޔަކު މާލެ އައިސް
ޕޯޗުގީޒުންނަށް ހަމަލާދީ އޭރު މާލޭގައި ތިބި ހުރިހާ ޕޯޗުގީޒުން މަރައި އެމީހުންގެ
އުޅަނދުތައް އަންދާލައިގެންނެވެ. ހަމަ މިދުވަސްވަރު، ޕޯޗުގީޒުން މިސަރަޙައްދުގެ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ސަބަބުން
ދިވެހީންނަށް އެތައް ދަތިތަކެއް ކުރިމަތިވަމުންދިޔައެވެ. މިދަތިޙާލުން ދިވެހީން
ސަލާމަތް ކުރީވެސް މަލާބާރުގެ ވިޔަފާރިވެރިންނެވެ. އެއީ ސިއްރިޔާތުގައި ރާއްޖޭގެ
ދެކުނުގެ އަތޮޅުތަކަށް ދަތުރުކޮށް އެބައިމީހުންގެ މުދާ ދިވެހީންނަށް ވިއްކައި، ދިވެހިންގެ އުފެއްދުންތައް ގަނެގެން
އެހެން ޤައުމުތަކަށް ގެންގޮސްގެންކަމަށް ނަސީމާ މުޙަންމަދު (2000) ބަޔާންކުރައްވައެވެ. ވީމާ
ދިވެހިންނާއި މަލާބާރީންނާއި ދެމެދުގައި ހަމަނުޖެހުންތަކެއް އޮތްނަމަވެސް
މިދެމެދަށް ތިންވަނަ ފަރާތެއް ވަދެ ދިވެހީންނަށް ދަތިތަކެއް ކުރިމަތިކުރުވާނަމަ
މަލާބާރީން ދިވެހީންނަށް އެހީތެރިވާކަމަށް ދެންނެވިދާނެއެވެ.
ބޮޑުތަކުރުފާނުގެ
ޖިހާދުގައި އެތަކުރުފާނުގެ ޢާއިލާ ބޭފުޅުން ބޭތިއްބެވީ ޢަލީ ރާޖާގެ
ބާރުގެދަށުގައިވާ މަލިކުގައެވެ. މުޙަންމަދު އިސްމާޢިލް ދީދީ (1995)
ހާމަކުރައްވާގޮތުގައި މުޙަންމަދު ތަކުރުފާނުގެ ޖިހާދުގައި މަލާބާރުން ނުވަތަ ޢަލީ
ރާޖާ އެހީތެރިވިއެވެ. އަދި އެނދި މަރިޔަބުގެ ފާހިޝް ޢަމަލުތަކުން ސަލާމަތް ވުމަށް
ދިވެހި ‘ބޮޑުން’ އެދުނު ހިނދު ޢަލީ ރާޖާ އެހީތެރިވިކަން ނަސީމާ މުޙަންމަދު
(2010)ގެ ބަޔާންތަކުން ހާމަވެއެވެ. މީލާދީން 1691 ވަނަ އަހަރާ ހަމަޔަށް ދިވެހިން
ޙައްޖަށް ދިޔައީ މަލާބާރު މަގުން އެމީހުންގެ އެހީތެރިކަމުގައެވެ. އެހެންކަމުން
މަލާބާރީން ވަނީ އެތައްގޮތަކުން ދިވެހީންނަށް އެހީތެރިވެސްވެފައިކަމަށް
ދަންނަވަންޖެހެއެވެ.
ނިންމުން
މަލާބާރީންނަކީ މިހާރުގެ ކެރެލާ ސްޓޭޓް ނުވަތަ މަލާބާރު ކޯސްޓްގައި ދިރިއުޅުނު
ބައެކެވެ. މިބައިމީހުންނަކީ އެކިގޮތްގޮތުން ދިވެހިންނާ ވަރަށް ގުޅުންބޮޑު
ބައެކެވެ. މަލާބާރުގެ ކަންނަންނޫރުގެ މުސްލިމު ވިޔަފާރިވެރިންގެ ވެރިޔަކަށް އަންނަ
މީހާއަށް މެދުޒަމާނުގައި ދިވެހީން ކިޔާ އުޅުނީ ޢަލީ ރާޖާއެވެ. ޢަލީ ރާޖާއާއި
މަލާބާރީންނަކީ އެތައް ޒަމާނެއްވަންދެން ދިވެހިންނަށް ގިނަ އަނިޔާތަކެއް ކުރި
ބައެކެވެ. އެގޮތުން މާލީ، ޖިސްމާނީ، ނަފުސާނީ ގޮތުން އަނިޔާދީފައި ވެއެވެ.
އަދިހަމަ އެބައިމީހުންގެ އެހީތެރިކަން ވަރަށް މުހިންމު ވަޤުތުތަކުގައި ނުވަތަ
ދިވެހީން ޙާލުގައި ޖެހިފައިވީ ވަޤުތުތަކުގައި ލިބިފައިވެސްވެއެވެ. ކޮންމެއަކަސް
މަލާބާރުންގެ އުނދަގުލުން ދިވެހިރާއްޖެ ސަލާމަތްވީ މުޙަންމަދު މުޢީނުއްދީނުގެ
ރަސްކަމުގައި އެރަސްގެފާނުގެ ޙިކުމަތެރިކަމުންނެވެ.
ހަވާލާދޭތަލެތީގެ ލިސްޓް
ނަސީމާ މުޙައްމަދު. (2000). ދިވެހިންނާއި ޕޯޗުގީޒުން 1،2،3. މާލެ: ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ
މަރުކަޒު.
ނަސީމާ މުޙައްމަދު. (2010). ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން މާލެ:
ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
އަޙްމަދު ޝަފީޤް. (2000). ދިވެހިންނާއި ބެހޭ އެންމެ އެވާލާ އެގުންތައް. (ދަންފުޅި
{ސާސްތުރަ}). މާސްޓަރ ޕީސް ޕވޓ. ލމޓ.
އެޗް. ސީ. ޕީ.
ބެލް. (1940މ.). ދަ މޯލްޑިވްސް އައިލެންޑްސް މޮނޮގްރާފް އޮފް ދަ ހިސްޓްރީ
އާރކިއޮލޮޖީ އެންޑް އެޕިގްރޮފީ. ކަލަމްބޯ.
އިންޑިޔާ
ސައިޓް. (2010). ހިސްޓްރީ އޮފް ކެރެލާ. އިންޑިޔާ ސައިޓް.
އިންފޯމޭޝަން
ޑިޕާޓްމަންޓް. (2011) ހިސްޓްރީ އޮފް ކެރެލާ. އިންފޮމޭޝަން ޑިޕާޓްމަންޓް.
ވިކިޕީޑިއާ ދަ ފްރީ އެންސައިކްލޯ ޕީޑިއާ. (2010). ނެގީ ޖުލައި، 20،2011. http://en.wikipedia.org/wiki/Ali_Rajaން.
ވިކިޕީޑިއާ ދަ ފްރީ އެންސައިކްލޯ ޕީޑިއާ. (2010). ނެގީ ޖުލައި، 20،2011. http://en.wikipedia.org/wiki/Malabarން.
ވިކިޕީޑިއާ ދަފްރީ އެންސައިކްލޯ ޕީޑިއާ. (2010). ނެގީ ޖުލައި، 20،2011. http://en.wikipedia.org/wiki/Kannanore ން.
މުޙަންމަދު
އިސްމާޢީލް ދީދީ. (1995މ.). ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ. މަލަސް 55.
މާލޭ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މެންސަލް
ލޮންގްވަރތް ޑޭމްސް. (1921މ.) ދަ ބުކް އޮފް ޑުއާރޓޭ ބަރްބޯސާ އިން ޓޫ
ވޮލިއުމްސް. ނިއުޑެލްހީ:
އޭޝިއަން
ސާވިސް.
ދިވެހިބަހާއި
ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1993މ.). ދިވެހި ތާރީޚް. މާލެ:
މުސައްނިފް
ދިވެހިބަހާއި
ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1990މ.). ދިވެހިތާރީޚަށް އައު
އަލިކަމެއް. މާލެ: މުސައްނިފް
ލުއިސް މާރިޔާ
ކޯރނިލެޒް. (1999މ.). ދަ ހިސްޓްރީ އޮފް ސްޕައިސް ޓްރޭޑް އިން އިންޑިޔާ.
ލޮސްއެންޖަލސް: ޔޫ. ސީ. އެލް. އޭ. ފޯލާ މިއުޒިއަމް އޮފް ކަލްޗަރ ހިސްޓްރީ.
ލޮމްބާޑް
ޑެނީސް. (އަހަރު ނޭނގޭ). ގެނެވިއެވެ ބޮއުޗޮން މާމަލޭ ޑި ކަންނަނޯރ. (1507 –
1528). އިނގިރޭސި ތަރުޖަމާ.
ޝޭން ވިންސަރ (2011). ދަ ސާރޗް ފޯރ ޓްރޭޑް ރޫޓްސް.
އޫކޭ. ނެގީ ޖޫން 12، 2011 http://www.bbc.co.uk/history/british/tudors/vasco_da_gama_01.shtmlން.
ޖީ. ބޫޝޯން. (1988މ.). ރީޖަންޓް އޮފް ދަ ސީ.
ލަންޑަން: އޮކްސްފޯޑް ޔުނިވާރސިޓީ ޕްރެސް.
No comments:
Post a Comment