Monday, November 28, 2011

ދިވެހިބަހުގައި ޕޯސްޓްޕޮޒިޝަން Postposition

ދިވެހިބަހުގައި ޕޯސްޓްޕޮޒިޝަން   POSTPOSITION   

ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ
1.   ތަޢާރަފު
މިދުނިޔޭގައި ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްތަކުގެ މެދުގައި ވަކިކުރަން އުދަގޫ އެއްގޮތްކަންތައްތަކެއް ނުވަތަ އެއްބަސް އަނެއްބަހާ އެއްގޮތް ސިފަތަކެއްވެއެވެ. އެގޮތުން ބަސްތަކުގައި ޕްރީޕޮޒިޝަން ނުވަތަ ޕޯސްޓްޕޮޒިޝަނާއި ކަންބަޔާންކުރާ ލަފުޒު ނުވަތަ ޕޮޒިޝަންބުނެދޭ ކްލޯސްތައް ވަރަށް އެއްގޮތެވެ. ނަމަވެސް ޢާންމުކޮށް ކްލޯޒެއްގެ ފަހަތަށް "ކަމެއް" އަންނަ ބަސްތަކަކީ ޕޯސްޓްޕޮޒިޝަން ބަސްބަސްކަމަށްބެލެވެއެވެ. މިފަދަ ބައެއް ބަސްތަކަކީ ޕަންޖާބީ، ޓާކިޝް އަދި ޖަޕަނީޒްބަހެވެ. އަދިހަމަ ކްލޯޒްގެ ކުރިއަށް "ކަމެއް" އަންނަ ބަހެއްނަމަ އެބަހެއްވާނީ ޕްރީޕޮޒިޝަން ބަހެކަށްކަމަށް ބެލެވެއެވެ. މީގެތެރޭގައި ވެލްސް، ޓަގަލޮގް، އަދި ކްލެސިކް އަރަބިބަސް ހިމެނެއެވެ. ކްލޭސިކް ލެޓިންބަހަކީ ކްލޯޒްގެ ފަހަތަށް "ކަން" އަންނަ ބަހެއްކަމަށްވިޔަސް އެބަހަކީ ޕްރީޕޮޒިޝަން ބަހެއްކަމަށް ބެލެވެއެވެ.
     ކްލޯޒްގެ މެދުތެރެއަށް "ކަން" އަންނަ ބަސްތައް ކަމަށްވާ އިނގިރޭސި އާއި ފްރެންޗްފަދަ ބަސްތަކަކީ ޕްރީޕޮޒިޝަން ބަސްތައްތޯ ނުވަތަ ޕޯސްޓްޕޮޒިޝަން ބަސްތައްތޯ ދެނެގަތުމުގައި ދަތިތައް ކުރިމަތިވެއެވެ. ނަމަވެސް އިނގިރޭސީގައި ގިނައީ ޕްރީޕޮޒިޝަންކަން ޔަގީނެވެ. އެކަމަކުވެސް (ago)ފަދަ ޕޯސްޓްޕޮޒިޝަން އިނގިރޭސީބަހުގައި މަދުމަދުން ނަމަވެސް ހުރެއެވެ.
     ބަހުގައި ޕޯސްޓްޕޮޒިޝަން އާއި ޕްރީޕޮޒިޝަން އަދާކުރަނީ އެއްދައުރެކެވެ. އެއީ ތަނާ، ދިމާ، މިލްކުވެރިކަން އަދި ވަޤުތު އަންގައި ދިނުންކަހަލަ ކަންކަމެވެ. އަދި ޖުމްލައެއްގައި ހުންނަ ބަސްތަކާއި 'ނަން' ނުވަތަ ބަދަލުނަމާއި ހުރި ގުޅުން އަންގައިދިނުން ކަހަލަކަންކަމެވެ. ނަމަވެސް ޕޯސްޓްޕޮޒިޝަން އަންނަނީ ޕްރީޕޮޒިޝަން އަންނަފަދައިން ނަމުގެ ކުރިއަށް އައުމުގެ ބަދަލުގައި ނަމުގެ ފަހަތަށެވެ. މިދިރާސީ މަސައްކަތުގައި ބަލާލާފައިވާނީ ދިވެހިބަހުގައި ޕޯސްޓްޕޮޒިޝަން އަންނަގޮތްތަށާއި އަންނަ ދިމާތަކަށާއި އަދި ދިވެހިބަހުގައި ޕޯސްޓްޕޮޒިޝަނުގެ ދައުރަށެވެ.
1.   ޑޭޓާ އެއްކުރިގޮތް
މިދިރާސާއަކީ ދިވެހިބަހުގައި ޕޯސްޓްޕޮޒިޝަން އަންނަގޮތްތައް ދެނެގަތުމަށް ކުރެވުނު މަސައްކަތެކެވެ. މިކަން ބެލުމަށްޓަކައި އިބްރާހީމް ހުސައިން މަނިކުގެ ކުރުވާހަކަތައް 1 މިފޮތުން ޖުމުލަތަކެއް ނަގައި ދިރާސާކުރެވުނެވެ. މީގެއިތުރުން އަމިއްލައަށް ބައެއް ޖުމުލަތައް އުފައްދައިގެން އެޖުމުލަތަކުގައި ޕޯސްޓްޕޮޒިޝަން އަންނަގޮތްވެސް ބަލާފައިވަނެއެވެ. އަދި ފާހަގަކުރެވުނު ކަންކަމާ ބެހޭގޮތުން ބަހުގެ ބައެއް ބޭބޭފުޅުންނާ މަޝްވަރާ ކުރެވުނެވެ. 
      ދިރާސާގެ މައިގަނޑު ބަހުރުވައަކަށް ބަލާފައިވާނީ މާލޭބަހުރުވައިން ލިޔެފައިވާ ޖުމުލަތަކެވެ. ޖުމުލަތައް ނެގުމަށްފަހު ޕޯސްޓްޕޮޒިޝަންތައް ފާހަގަކޮށް އެފާހަގަކުރި ޕޮޒިޝަންތަކަކީ ނުވަތަ ލަފުޒުތަކަކީ ޕޯސްޓްޕޮޒިޝަންތޯ ޔަޤީންކުރުމަށް ބަހުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭބޭފުޅުންނާ މަޝްވަރާކޮށް ޔަޤީންކުރެވުނެވެ. އެއަށްފަހު ޓްރީޑައިގްރާމްތައް ކުރަހައި ޖުމުލަތަކުގައި ޕޯސްޓްޕޮޒިޝަން އަންނަދިމާތައް ބަލައި ފާހަގަކޮށް، އެހެން ބަސްބަހުގައި ޚާއްޞަކޮށް މިސަރަހައްދުގެ ބަސްބަހުގައި ޕޯސްޓްޕޮޒިޝަން އަންނަގޮތާއި ދިވެހިބަހުގައި ޕޯސްޓްޕޮޒިޝަން އަންނަގޮތް ބަލައި އެނަލައިޒްކޮށް އަޅާކިޔާފައިވާނެއެވެ. އަދި ޕްރައިމަރީ ޑޭޓާއެއްކޮށް ދިރާސާގެ ނަތީޖާތައް ލިޓްރޭޗަރ ރިވިއުއާ ކޮންމެސްވަރަކަށް އަޅާކިޔާފައިވާނެއެވެ.  
2.   ޕޯސްޓްޕޮޒިޝަން (ލިޓްރޭޗަރ ރިވިއު)
ޕޯސްޓްޕޮޒިޝަނަކީ ހަމަ ޕްރީޕޮޒިޝަން ކަހަލަ އެއްޗެކެވެ. ޖޭމްސް ހޯރފް (2011) ހާމަކުރައްވާގޮތުގައި ޕްރީޕޮޒިޝަނާއި ޕޯސްޓްޕޮޒިޝަނުގެ ތަފާތަކީ ޕޯސްޓްޕޮޒިޝަން އަބަދުވެސް އަންނަނީ އެޕޯސްޓްޕޮޒިޝަނެއް އެކުލެވޭ ނަމާއެކުގައި ނަމުގެ ފަހަތަށްކަމެވެ. މާނައަކީ އެކަހެރިކޮށެއް ނާންނާނެއެވެ. ނަމަވެސް ޕޯސްޓްޕޮޒިޝަނާއި ޕްރީޕޮޒިޝަންއަށް ޖުމުލަކޮށް ނުވަތަ އެއްކޮށްލުމަށްފަހު އެޑްޕޮޒިޝަނޭ ކިޔައެވެ. އެހެނީ މި ދެބައިވެސް ބަހުގައި އަދާކުރަނީ އެއްދައުރެކެވެ. ޖޯޖް (2010) ބަޔާންކުރައްވާގޮތުގައި އެދައުރަކީ ވަޤުތާއި ތަނާއި މިލްކުވެރިކަމާއި ދިމާ ބުނެދިނުންފަދަ ކަންކަން ކަމުގައި ދެންނެވިދާނެއެވެ. އަދި ޕޮޒިޝަން ބުނެދޭ މިނޫންބައިތައްވެސް ހިމެނެނީ މީގެތެރޭގައެވެ.
     އެކިބަސްބަހުގައި ޕޯސްޓްޕޮޒިޝަން އުފެދިފައި ހުންނަގޮތްތަކުގައި ކުދިކުދި ތަފާތުތަކެއް ހުރެއެވެ. އެގޮތުން ޖޯޖް (2010) ހާމަކުރައްވާގޮތުގައި ހިންދީބަހުގައި ނަމުގެ ފަހަތަށް ވަކި ޚާއްޞަ އަކުރުތަކެއް (में     men  -  In  ،            par   -  On पर  ، से     se    -  From) ގުޅާލައިގެންނާއި ދެމޯފީމް އެކުވެގެންވެސް ޕޯސްޓްޕޮޒިޝަން އުފެދިފައި ހުރެއެވެ. ނަމަވެސް މިގޮތަށް ޕޯސްޓްޕޮޒިޝަން އުފެދޭއިރު ވަކިޚާއްޞަ ލަފުޒެއްކަމަށްވާ (के ke) ފުރަތަމަ ލަފުޒެއްގެގޮތުގައި ގެނެވިފައިވެއެވެ. ނަމަވެސް އުރުދޫ ޕޯސްޓްޕޮޒިޝަން (2011) ބަޔާންކުރައްވާގޮތުގައި އުރުދޫބަހުގައި ޕޯސްޓްޕޮޒިޝަން އަންނަނީ އިނގިރޭސިބަހުގައި ޕްރީޕޮޒިޝަން އަންނަހެން މިނިވަންކަމާއެކުއެއް ނޫނެވެ. ސަބަބަކީ އުރުދޫބަހުގައި ބައެއް ޕޯސްޓްޕޮޒިޝަންތަކަކީ ކޮމްޕައުންޑެވެ. މިކަހަލަ ބައެއް ލަފުޒުތައް އަންނާނީ ނަމާއެކުވެގެންނެވެ. ޚާއްޞަކޮށް ލިޔުންތަކުގައި ހުންނާނީ ބަދަލުނަމާއެކުއެވެ. އެހެންކަމުން މިލަފުޒުތައް މަސައްކަތްކުރާނީ "ކޭސް މާރކާ"އެއްގެ ގޮތަށެވެ.
    އެންމެ ތިލަކޮށް ދަންނަވާނަމަ ޕޯސްޓްޕޮޒިޝަނަކީ ތަނާ، ވަޤުތާ، މިންވަރު ކަހަލަ ކަންކަން އަންގައިދޭ ލަފުޒުތަކެވެ. އިނގިރޭސީން މިޔަށް ކިޔަނީ ޕްރީޕޮޒިޝަނެވެ. މިސާލަކަށް (ie on the table) ސަބަބަކީ އެމީހުންގެ ބަހުގައި މި ލަފުޒުތައް އަންނަނީ ނަމުގެ ކުރިއަށްކަމަށްވުމެވެ. އެކަމަކު ޕޯސްޓްޕޮޒިޝަން ބަސްތަކުގައި މިފަދަ ލަފުޒުތައް ނުވަތަ އަކުރުތައް އަންނަނީ ނަމުގެ ފަހަތަށެވެ. އެހެންވެ ޕޯސްޓްޕޮޒިޝަން ބަސްތަކުގައި ކިޔާނީ (Table on) މިކަހަލަގޮތަކަށެވެ.
3.    ދިވެހިބަހުގައި ޕޯސްޓްޕޮޒިޝަން
މިބައިގައި ބަލާލާނީ ދިވެހިބަހުގައި ތަނާ، ދިމާ، ވަޤުތު އަދި މިލްކުވެރިކަން ބަޔާންކޮށްދޭ ޕޯސްޓްޕޮޒިޝަން އުފެދިފައި ހުންނަގޮތަށާއި ދިވެހިބަހުގައި މިބައިތައް އަންނަގޮތަށާއި އަންނަ ދިމާތަކަށާއި އަދި ދައުރުގެ މައްޗަށެވެ. މިކަންކަމަށް ބަލާލުމަށްޓަކައި ދިވެހިބަހުން ލިޔެފައިވާ 51 ޖުމުލަ ނަގައި ދިރާސާކުރެވުނެވެ. ލިޔެވިފައިވާ ޖުމުލަ ނެގުމުގެ ބޭނުމަކީ ދިރާސާގެ ރިލައިބަލް ބޮޑުކުރުމެވެ. އެއްތައްގަޑަށް ހުންނަ ޖުމުލަ ވީހާވެސް މަދުކުރުމެވެ. އެއަށްފަހު ނެގި ޖުމުލަތައް އަލުންލިޔެލާ ދިރާސާކުރުމަށް ހަމަޖެހިފައިވާ (ތަން، ދިމާ، ވަޤުތު، މިލްކުވެރިކަން) ބައިތަކަށް ބަހާލައި ޓްރީޑައިގްރާމްތަކަކުން ޖުމުލަތައް ރޫޅާލެވުނެވެ. މިޖުމުލަތައް އެޕެންޑިކްސްގައި ވާނެއެވެ. އެއަށްފަހު ބައިތައް ވަކިވަކިން ބަލައި ޔަޤީންކުރެވުނެވެ. އެހެންކަމުން މިދިރާސާގައި މިބައިތަކަށް ވާހަކަދައްކާފައިވާނީވެސް ކޮންމެ ބައެއްވެސް ވަކިވަކިންނެވެ. ނަމަވެސް އެއަށްފަހު ޖުމުލަކޮށް ބައިތަކުގެ މެދުގައިވާ އެއްގޮތްކަންކަމާއި ތަފާތުތަކުގެ މައްޗަށް ބަލާލެވިފައިވާނެއެވެ.
4.1.1 ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަން
ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަނަކީ އެޕޮޒިޝަނަކުން އެއީ ތަނެއްކަން ނުވަތަ ކަންހިނގިތަން ބަޔާންކޮށްދޭ ލަފުޒުކަމަށް ދެންނެވިދާނެވެ.
4.1.2 ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައި ހުންނަގޮތް
ދިރާސާކުރުމަށްނެގި 52 ޖުމުލައިގެ ތެރެއިން 21 ޖުމުލައިގައި ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަން ހިމެނިފައިވާކަން ކުރެވުނު ދިރާސާއިން ފާހަގަކުރެވުނެވެ. މިހުރިހާ ޕޯސްޓްޕޮޒިޝަނެއްވެސް އުފެދިފައިވަނީ ނަމެއްގެ ފަހަތަށް ޕޮޒިޝަން ބަޔާންކުރާ އަކުރެއް ގުޅުވާލައިގެންނެވެ. އެއީ ނ+ޕޕ=ޕޕމ މިރޫލެވެ. ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަންތައް މިގޮތަށް އުފެދިފައިވީ ނަމަވެސް ޖުމުލަތައް ރޫޅާލުމުން ޔަޤީން ކުރެވުނު އެއްކަމަކީ ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަން ނަމުގެ މައިގަނޑުގެ ދަށުން އަދި ކަމުގެ މައިގަނޑުގެ ދަށުންވެސް އަންނަކަމެވެ. ތިރީގައިއެވާ މިސާލު 01 އިން ދައްކައިއެދެނީ ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައި ހުންނަގޮތާއި މިޕޮޒިޝަން އަންނަ ކްލާހެވެ.
     މިސާލު 01 އިންވެސް ފާހަގަކުރެވޭނެ ފަދައިން ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަން ނަމުގެ މައިގަނޑުދަށުންނާއި ކަމުގެ މައިގަނޑުދަށުންވެސް އާދެއެވެ. ނަމަވެސް ދިރާސާކުރެވުނު ޖުމުލަތަކުގެ ތެރެއިން ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަން ހިމެނިފައިވާ 21 ޖުމުލައިގެ ތެރެއިން ނަމުގެ މައިގަނޑުގެ ދަށުން މިޕޮޒިޝަން އައިސްފައިވަނީ 5 ޖުމުލައެއްގައެވެ. އެކަމަކު ކަމުގެ މައިގަނޑުގެ ދަށުން 16 ޖުމުލައެއްގައި މިޕޮޒިޝަން އައިސްފައިވެއެވެ.
      ވީމާ މިދިރާސާގެ އަލީގައި ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަން ޢާންމުކޮށް އަންނަނީ ކަމުގެ މައިގަނޑުގެ ދަށުންކަމަށް ދެންނެވިދާނެއެވެ. އަދި ހަމަ އެހެންމެ މިސާލު 1 އިން އެނގޭފަދައިން ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައި ހުންނަނީ ނަމުގެ ފަހަތަށް "އަށް"،"އިން" އަދި "ގައި" މިއަކުރުތައް އިތުރުކޮށްގެންނެވެ. "ގައި" މިއަކުރު އަންނަކަން ތިރީގައިވާ މިސާލު 02 އިން ހާމަވެއެވެ. މީގެ އިތުރު މިސާލުތައް އެޕެންޑިކްސްގައި "ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަން"ގެ ދަށުން ގެނެވިފައިވާނެވެ.
4.1.3 ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަން ޖުމުލަތަކުގައި އައިސްފައި ހުންނަ ދިމާތައް:
ދިރާސާކުރެވުނު ޖުމުލަތަކުގައި ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަން ތަފާތު ދިމަދިމާ ތަކެއްގައި އައިސްފައިވާކަން ފާހަގަކުރެވެއެވެ. ތިރީގައިވާ ތާވަލު 1 އިން ދައްކުވައިދީފައިއެވަނީ މިގޮތުން ޖުމުލަތަކުގައި ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަން އައިސްފައިވާ ދިމާތަކެވެ. މިތާވަލުންވެސް ފާހަގަކުރެވޭފަދައިން އެންމެގިނައިން ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަން އައިސްފައިވަނީ ކަމުގެ ކުރިއަށެވެ. އެހެންވީމާ ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަން އާންމުކޮށް އަންނާނީ ކަމުގެ ކުރިއަށްކަމަށް މިކުރެވުނު ދިރާސާއިން ހާމަވެއެވެ. އަދި މިގޮތަށްވެސް އެންމެ ގިނައިން އަންނަނީ "އަށް" މިއަކުރު ނަމަކާއި ގުޅުވާލައިގެން އުފެދިފައިހުންނަ ޕޯސްޓްޕޮޒިޝަނެވެ.
4.2.1 ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަން
ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަނަކީ އެޕޮޒިޝަނަކުން އެއީ ކޮންދިމާއެއްކަން ނުވަތަ ކަންހިނގި ދިމާ ނުވަތަ އިޝާރާތްކުރާ ދިމާ ބަޔާންކޮށްދޭ ލަފުޒެވެ.
4.2.2 ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައި ހުންނަގޮތް:
ދިރާސާކުރުމަށް ނެގި ޖުމުލަތަކުގެ ތެރެއިން 13 ޖުމުލައެއްގައި ދިމާބަޔާންކުރާ ޕޯސްޓްޕޮޒިޝަން ހިމެނިފައިވެއެވެ. ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަނެކޭއެއްގޮތަށް ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަންވެސް އުފެދިފައިވަނީ ނަމެއްގެ ފަހަތަށް ޕޮޒިޝަން ބަޔާންކުރާ އަކުރެއް ގުޅުވާލައިގެންކަން ފާހަގަކުރެވެއެވެ. އެއީ ނ+ޕޕ=ޕޕމ މިރޫލެވެ. ނަމަވެސް މިރޫލާއި އިސްތިސްނާވާ އެއް ޕޮޒިޝަން މިބައިގައި ފާހަގަކުރެވުނެވެ. އެއީ ނއތ+ޕޕ=ޕޕމ މިރޫލެވެ. އެހެންކަމުން ދިމާ ބަޔާންކުރާ ޕޮޒިޝަން އުފެދޭ ދެގޮތެއް ވާކަން މިދިރާސާއިން ހާމަވެއެވެ. އެއީ ނަމެއް ނުވަތަ ނަންއިތުރެއްގެ ފަހަތަށް އަކުރެއް ގުޅާލުމެވެ. މިގޮތުން ގުޅާލެވޭ އަކުރުތަކަކީ ހަމަ ކުރިން ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަނުގައިވެސް ގުޅާލެވޭކަމަށް ފާހަގަކުރެވުނު ދެއަކުރެކެވެ. އެއީ "އިން" އަދި "އަށް" އެވެ. މިބައިގައި "ގައި" މިއަކުރު ގުޅާލައިގެން ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަނެއް އުފެދިފައިވާކަމެއް މިދިރާސާއަކުން ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް ފަހަރުގައި އެއަކުރާއި އަދި އިތުރު އަކުރުތަކެއް ގުޅިގެން ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައިވެސް ހުރެދާނެއެވެ. މިކަން ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.
      ޖުމުލަތައް ރޫޅާލުމުން ޔަޤީން ކުރެވުނު އެއްކަމަކީ ދިމާ ބަޔާންކޮށްދޭ ޕޯސްޓްޕޮޒިޝަން ނަމުގެ މައިގަނޑުގެ ދަށުން އަދި ކަމުގެ މައިގަނޑުގެ ދަށުންވެސް އަންނަކަމެވެ. ތިރީގައިއެވާ މިސާލު 03 އިން ދައްކައިއެދެނީ ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައި ހުންނަގޮތާއި މިޕޮޒިޝަން އަންނަ ދިމާތަކެވެ.
      މިސާލު 03 އިންވެސް ފާހަގަކުރެވޭނެ ފަދައިން ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ނަމުގެ މައިގަނޑުދަށުންނާއި ކަމުގެ މައިގަނޑުދަށުންވެސް އާދެއެވެ. ނަމަވެސް ދިރާސާކުރެވުނު ޖުމުލަތަކުގެ ތެރޭގައި ހިމެނޭ ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ހިމެނިފައިވާ 13 ޖުމުލައިގެ ތެރެއިން ނަމުގެ މައިގަނޑުގެ ދަށުން މިޕޮޒިޝަން އައިސްފައިވަނީ 4 ޖުމުލައެއްގައެވެ. އެކަމަކު ކަމުގެ މައިގަނޑުގެ ދަށުން 9 ޖުމުލައެއްގައި މިޕޮޒިޝަން އައިސްފައިވެއެވެ.
    ވީމާ މިދިރާސާގެ އަލީގައި ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ޢާންމުކޮށް އަންނަނީ ކަމުގެ މައިގަނޑުގެ ދަށުންކަމަށް ދެންނެވިދާނެއެވެ. އަދި ހަމަ އެހެންމެ މިސާލު 3 އިން އެނގޭފަދައިން ދިމާބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައި ހުންނަނީ ނަމުގެ ފަހަތަށް "އަށް" އަދި "އިން" މިއަކުރުތައް އިތުރުކޮށްގެންކަން އެނގެއެވެ. މީގެ އިތުރުން ނަންއިތުރުގެ ފަހަތަށް ބަޔާންކުރެވުނު ދެއަކުރުން އަކުރެއް ގުޅާލުމުންވެސް ޕޯސްޓްޕޮޒިޝަން އުފެދޭކަން މިސާލު 4 އިން އެނގިހާމަވެއެވެ. ދިމާ ބަޔާންކޮށްދޭ ޕޯސްޓްޕޮޒިޝަނުގެ އިތުރު މިސާލުތައް އެޕެންޑިކްސްގައި "ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަން"ގެ ދަށުން ގެނެވިފައިވާނެވެ.
4.2.3 ދިމާބަޔާންކުރާ ޕޯސްޓްޕޮޒިޝަން ޖުމުލަތަކުގައި އައިސްފައި ހުންނަ ދިމާތައް:
ދިރާސާކުރެވުނު ޖުމުލަތަކުގައި ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ތަފާތު ދިމާތަކެއްގައި އައިސްފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް ނަންއިތުރު އަދި އިތުރުގެ ކުރިއަށް ދިމާބަޔާންކުރާ ޕޯސްޓްޕޮޒިޝަން ނާންނަކަމަށް މިދިރާސާއިން ދައްކައިދެއެވެ. ތިރީގައިވާ ތާވަލު 2 އިން ދައްކުވައިދީފައި އެވަނީ މިގޮތުން ޖުމުލަތަކުގައި ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އައިސްފައިވާ ދިމާތަކެވެ. މިޗާވަލުންވެސް ފާހަގަކުރެވޭފަދައިން އެންމެ ގިނައިން ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އައިސްފައިވަނީ ކަމުގެ ކުރިއަށެވެ. އެހެންވީމާ ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އާންމުކޮށް އަންނާނީ ކަމުގެ ކުރިއަށްކަމަށް މިކުރެވުނު ދިރާސާއިން ހާމަވެއެވެ. އަދި މިގޮތަށްއަންނަ އައުމުގައި ނަމަކާއި ގުޅުވާލައިގެން "އިން" އަދި "އަށް" އަންނަނީ އެއް މިންވަރަކަށްކަންވެސް ފާހަގަކުރެވެއެވެ.
      މިސާލު 5 ގައި އެވަނީ ކަމަކާއި "އިން" މިއަކުރު ގުޅުވާލުމުން އުފެދިފައިވާ ލަފުޒެކެވެ.(ކަންއިތުރެކެވެ). މިތަނުގައި "އިން" މިއަކުރުގެ ސަބަބުން ދިމާ ބަޔާންކޮށްދޭ ޕޮޒިޝަނެއް އުފެދޭކަމަށް ހީވާކަހަލަ ގޮތެއްވެއެވެ. ނަމަވެސް އަދި ބެލުނު މިންވަރުން ފާހަގަކުރެވެނީ ޕޯސްޓްޕޮޒިޝަންތައް އުފެދެނީ ނަމެއް ނުވަތަ ނަންއިއިތުރެއްގެ ފަހަތަށް އަކުރެއް ގުޅުވާލުމުން ކަމެވެ. އަދިހަމަ އެހެންމެ ޕޯސްޓްޕޮޒިޝަނާ ބެހޭގޮތުން ލިޔުއްވާފައިވާ ބައެއް ބޭބޭފުޅުން ކަމުގައިވާ ރިޗާޑް ނޯޑްކުއިސްޓް (2011) އާއި ޖޭމްސް އާރް ހޯފް (1994) އަދި ޖޯޖް (2010) ހާމަކުރައްވާފައިވަނީ ޕޯސްޓްޕޮޒިޝަން އަންނާނީ ނަމެއް ނުވަތަ ބަދަލުނަމަކާއެކުގައި ގުޅުވާލެވޭ އަކުރަކުން ޕްރީޕޮޒިޝަންގެ ޖާގައިގަ ޕޯސްޓްޕޮޒިޝަނެއްގެ ގޮތުގައިކަމަށެވެ. ވީމާ މިގޮތަށް "ކަމަކާއި" އަކުރެއް ގުޅިގެން އުފެދިފައިހުންނަ ދިމާ، ތަން، ވަޤުތު، މިލްކުވެރިކަން ބަޔާންކޮށްދޭ ލަފުޒުތަކަކީ ޕޯސްޓްޕޮޒިޝަންކަމުގައި އަދިބެލެވޭކަށް ނެތެވެ. ނަމަވެސް އިތުރު ދިރާސާތަކަކަށްފަހު ދިވެހިބަހުގައި މިއީ ކޯޗެއްކަން ކަނޑައެޅިދާނެއެވެ.
4.3.1 ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން
ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަނަކީ އެޕޮޒިޝަނަކުން އެއީ ކޮންވަޤުތެއްކަން ނުވަތަ ކަންހިނގި ވަޤުތު ނުވަތަ ކަންހިނގާނެކަމަށް އިޝާރާތްކުރާ ވަޤުތު ބަޔާންކޮށްދޭ ލަފުޒެވެ.
4.3.2 ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައި ހުންނަގޮތް
ދިރާސާކުރުމަށް ނެގި ޖުމުލަތަކުގެ ތެރެއިން އެންމެ މަދުން ފެނުނީ ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ހިމެނިފައިވާ ޖުމުލަތަކެވެ. އެއީ 52 ޖުމުލައިގެ ތެރެއިން އެންމެ 6 ޖުމުލައެވެ. ކުރިން ބަޔާންކުރި ތަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަނާއި ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަނާ ޚިލާފަށް ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ކަންއިތުރުގެ ފަހަތަށް "އަށް" މިއަކުރުގުޅައިގެން އުފެދިފައިހުންނަކަން (ކއ+ޕޕ=ޕޕމ) ދިރާސާކުރެވުނު ޖުމުލަތަކުން ފާހަގަކުރެވުނެވެ. އަދި ކުރިން ބަޔާންކުރި ޕޮޒިޝަންތަކާއި އެއްގޮތަށް ނަމުގެ ފަހަތަށް "އިން"، "އަށް" އަދި "ގައި" ގުޅާލައިގެން ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައި ހުންނަކަން މިދިރާސާއިން ހާމަވެއެވެ. އެއީ ނ+ޕޕ=ޕޕމ މިރޫލެވެ. އެހެންކަމުން ވަޤުތު ބަޔާންކުރާ ޕޮޒިޝަން އުފެދޭ ދެގޮތެއް ވާކަން މިދިރާސާއިން ހާމަވެއެވެ. އެއީ ނަމެއް ނުވަތަ ކަންއިތުރެއްގެ ފަހަތަށް "އަށް" ނުވަތަ "އިން" މިއިން އަކުރެއް ގުޅާލުމެވެ. ނަމަވެސް މިހެން ގުޅާލެވޭ ކޮންމެ ގުޅާލުމަކުން މިކަހަލަ ޕޮޒިޝަނެއް ނުއުފެދެއެވެ. އެހެނީ ޕޮޒިޝަން އުފެދުމުގައި ޖުމުލަ ތަރުތީބުކުރެވިފައިވާގޮތްވެސް މުހިންމުދައުރެއް އަދާކުރެއެވެ.
   ކުރިންބަޔާންކުރި ދެޕޮޒިޝަނެކޭވެސް އެއްގޮތަށް ވަޤުތު ބަޔާންކޮށްދޭ ޕޯސްޓްޕޮޒިޝަން ނަމުގެ މައިގަނޑުގެ ދަށުން އަދި ކަމުގެ މައިގަނޑުގެ ދަށުންވެސް އާދެއެވެ. ތިރީގައިއެވާ މިސާލު 06 އިން ދައްކައިއެދެނީ ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައި ހުންނަގޮތާއި މިޕޮޒިޝަން އަންނަ ދިމާތަކެވެ.
     މިސާލު 06 އިންވެސް ފާހަގަކުރެވޭނެ ފަދައިން ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ނަމުގެ މައިގަނޑުދަށުންނާއި ކަމުގެ މައިގަނޑުދަށުންވެސް އާދެއެވެ. ނަމަވެސް ދިރާސާކުރެވުނު ޖުމުލަތަކުގެ ތެރޭގައި ހިމެނެނީ ވަޤުތު ބަޔާންކުރާ 6 ޖުމުލައެވެ.  މި 6 ޖުމުލައިގެ ތެރެއިން ނަމުގެ މައިގަނޑުގެ ދަށުން މިޕޮޒިޝަން އައިސްފައިވަނީ 4 ޖުމުލައެއްގައެވެ. އަދި ކަމުގެ މައިގަނޑުގެ ދަށުން 2 ޖުމުލައެއްގައި މިޕޮޒިޝަން އައިސްފައިވެއެވެ. ވީމާ މިދިރާސާގެ އަލީގައި ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ޢާންމުކޮށް އަންނަނީ ނަމުގެ މައިގަނޑުގެ ދަށުންކަމަށް ދެންނެވިދާނެއެވެ. އަދި ހަމަ އެހެންމެ މިސާލު 6 އިން އެނގޭފަދައިން ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައި ހުންނަނީ ނަމުގެ ފަހަތަށް "އަށް"، "އިން" އަދި "ގައި" މިއަކުރުތައް އިތުރުކޮށްގެންނެވެ. މީގެ އިތުރުން ކަންއިތުރުގެ ފަހަތަށް "އަށް" މިއަކުރު ގުޅާލުމުންވެސް ޕޯސްޓްޕޮޒިޝަން އުފެދޭކަން މިސާލު 7 އިން އެނގިހާމަވެއެވެ. ވަޤުތު ބަޔާންކޮށްދޭ ޕޯސްޓްޕޮޒިޝަނުގެ އިތުރު މިސާލުތައް އެޕެންޑިކްސްގައި "ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން"ގެ ދަށުން ގެނެވިފައިވާނެވެ.
4.3.3 ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ޖުމުލަތަކުގައި އައިސްފައި ހުންނަ ދިމާތައް
ދިރާސާކުރެވުނު ޖުމުލަތަކުގައި ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ތަފާތު ތިން ދިމައަކަށް އައިސްފައިވާކަން ފާހަގަކުރެވެއެވެ. އެއީ ކަމުގެ ކުރިއަށާއި ކަންއިތުރުގެ ކުރިއަށާއި އަދި ނަމުގެ ކުރިއަށެވެ. ތިރީގައިވާ ތާވަލު 3 އިން ދައްކުވައިދީފައިއެވަނީ މިގޮތުން ޖުމުލަތަކުގައި ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އައިސްފައިވާ ދިމާތަކެވެ. މިތާވަލުންވެސް ފާހަގަކުރެވޭނެ ފަދައިން ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އައިސްފައިވާ ހުރިހާ ދިމާއެއްވެސް ވަނީ އެއްވަރުވެފައެވެ. އެހެންކަމުން ކުރިން ބަޔާންކުރި ތިން ދިމާއަށްވެސް ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ޢާންމުކޮށް އަންނަކަމަށް ދެންނެވިދާނެއެއެވެ. އަދި މިގޮތަށް އަންނަ އައުމުގައި ނަމަކާއި ގުޅުވާލައިގެން އެންމެ ގިނައިން އަންނަނީ "އިން" މިޕޮޒިޝަނެވެ.
      މިސާލު 8 ގައި އެވަނީ ކަންއިތުރަކާއި "އަށް" މިއަކުރު ގުޅުވާލުމުން އުފެދިފައިވާ ލަފުޒެކެވެ. (ކަންއިތުރެކެވެ). މިމިސާލުގައި "އަށް" މިއަކުރުގެ ސަބަބުން އެވަނީ ވަޤުތު ބަޔާންކޮށްދޭ ޕޮޒިޝަނެއް އުފެދިފައެވެ. މީގެކުރިން ބެލުނު ބައިތަކުގައި މިގޮތަށް ޕޯސްޓްޕޮޒިޝަނެއް އައިސްފައިވާކަމަށް ފާހަގަކުރެވިފައި ނުވިނަމަވެސް މިއީ ޕޯސްޓްޕޮޒިޝަން ކަމުގައި ބެލެވެއެވެ. ނަމަވެސް އެހެން އެއްވެސްބަހެއްގައި މިގޮތަށް ކަންއިތުރެއްގެ ފަހަތަށް އަކުރެއް ގުޅައިގެން ޕޯސްޓްޕޮޒިޝަން އުފެދިފައިވާކަމެއް އެނގޭކަށްނެތެވެ. ނަމަވެސް ދިވެހިބަހުގައި މިގޮތަށް މިކަންވާކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ މިސާލު 8ގައި އެވާފަދަ ހާލަތްތަކުން މުޅިންވެސް ދޭހަކޮށްދެނީ ވަޤުތުކަމަށް ވުމާއެކު، މިގޮތަށް އަންނަ ކަންއިތުރުގެ ފަހަތަށް "އަށް" ގުޅާލެވޭ ތަންތަނުގައި ވަޤުތު އަންގައިދިނުމުގެ އިތުރުން މިފަދަ އެހެން ޖުމުލައެއް މިދިރާސާގެ އެޕެންޑިކްސްގައި (ވަޤުތުއަންގައިދޭ ޕޯސްޓްޕޮޒިޝަން އުފެދޭގޮތް) ވާނެއެވެ. ވީމާ މިގޮތަށް ކަންއިތުރަކާއި އަކުރެއް ގުޅިގެން ވަޤުތު އަންގައިދޭ ޕޯސްޓްޕޮޒިޝަން ދިވެހިބަހުގައި އުފެދިފައި ހުންނަކަން މިދިރާސާއިން ހާމަވެއެވެ. ނަމަވެސް މިކަން އިތުރަށް ކަށަވަރުކުރުމަށް މިއަށްވުރެފުން ދިރާސާތަކެއް ބޭނުންވެއެވެ.
4.4.1 މިލްކްވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަން
މިލްކުވެރިކަން އަންގައިދޭ ޕޯސްޓްޕޮޒިޝަނަކީ އެޕޮޒިޝަނަކުން އެއީ ކާކުގެ އެއްޗެއްކަން ނުވަތަ އެއްޗެއް/ތަނެއް ނިސްބަތްވާ ފަރާތް އަންގައިދޭ ނުވަތަ ބަޔާންކޮށްދޭ ލަފުޒުތަކެވެ.
4.4.2 މިލްކުވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައި ހުންނަގޮތް
ދިރާސާކުރުމަށްނެގި ޖުމުލަތަކުގެ ތެރެއިން މިލްކުވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ހިމެނިފައިވަނީ 16 ޖުމުލައެއްގައެވެ. މިލްކުވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަންވެސް އުފެދިފައި ހުންނަނީ ނަމުގެ ފަހަތަށް އަކުރެއް ގުޅައިގެންކަން ފާހަގަކުރެވެއެވެ. މިލްކުވެރިކަން ބަޔާންކުރުމަށް ނަމުގެ ފަހަތަށް ގުޅާލެވޭ އަކުރު ތަކަކީ "އަށް" އަދި "ގެ" މިދެއަކުރުކަމަށް ދިރާސާކުރުމަށް ނެގުނު ޖުމުލަތަކުން އެނގެއެވެ. ނަމަވެސް މީގެ އިތުރަށް "ގައި" މިއަކުރުވެސް ހިމެނިދާނެކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ "މުޙަންމަދު އަތުގައި އެފޮތް އެބައޮތެވެ." މިޖުމުލައިގައި "މުޙަންމަދު އަތުގައި" މިތަނުގައި އެވާ "ގައި" ބުނެދެނީ ފޮތުގެ ވެރިފަރާތަކީ ނުވަތަ ފޮތް ނިސްބަތްވަނީ މުޙަންމަދަށް ކަމެވެ. އެހެންވީމާ "ގައި"އަކީވެސް މިލްކުވެރިކަން ބަޔާންކޮށްދޭ އަކުރެއްކަމުގައި ދެންނެވުމުގެ ފުރުޞަތު އިބައޮތެވެ. ކޮންމެއަކަސް މިލްކުވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައިހުންނަނީ ނަމެއްގެ ފަހަތަށް މިލްކުވެރިކަން އަންގައިދޭ އަކުރެއް ގުޅާލައިގެންނެވެ. އެއީ ނ+ޕޕ=ޕޕމ މިރޫލެވެ. މިގޮތުން ގުޅާލެވޭ އަކުރުތަކަކީ "ގެ"، "އަށް" އަދި "ގައި" މިތިން އަކުރުކަމަށް މިދިރާސާއިން ހާމަވެއެވެ. ނަމަވެސް މިނޫން އަކުރުތަކެއް ވުމަކީވެސް އެކަށީގެންވާކަމެކެވެ.  
      ކުރިން ބަޔާންކުރި ޕޮޒިޝަންތަކެކޭވެސް އެއްގޮތަށް މިލްކުވެރިކަން ބަޔާންކޮށްދޭ ޕޯސްޓްޕޮޒިޝަން ނަމުގެ މައިގަނޑުގެ ދަށުން އަދި ކަމުގެ މައިގަނޑުގެ ދަށުންވެސް އާދެއެވެ. ތިރީގައިއެވާ މިސާލު 09 އިން ދައްކައިއެދެނީ މިލްކުވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައި ހުންނަގޮތާއި މިޕޮޒިޝަން އަންނަ ދިމާތަކެވެ. 
     މިސާލު 09 އިންވެސް ފާހަގަކުރެވޭނެ ފަދައިން ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ނަމުގެ މައިގަނޑުދަށުންނާއި ކަމުގެ މައިގަނޑުދަށުންވެސް އާދެއެވެ. ނަމަވެސް ދިރާސާކުރެވުނު ޖުމުލަތަކުގެ ތެރޭގައި ހިމެނޭ ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ހިމެނިފައިވާ 16 ޖުމުލައިގެ ތެރެއިން ނަމުގެ މައިގަނޑުގެ ދަށުން މިޕޮޒިޝަން އައިސްފައިވަނީ 13 ޖުމުލައެއްގައެވެ. އަދި ކަމުގެ މައިގަނޑުގެ ދަށުން 3 ޖުމުލައެއްގައި މިޕޮޒިޝަން އައިސްފައިވެއެވެ. ވީމާ މިދިރާސާގެ އަލީގައި މިލްކުވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ޢާންމުކޮށް އަންނަނީ ނަމުގެ މައިގަނޑުގެ ދަށުންކަމަށް ދެންނެވިދާނެއެވެ. އަދި ހަމަ އެހެންމެ މިސާލު 09 އިން އެނގޭފަދައިން މިލްކުވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައި ހުންނަނީ ނަމުގެ ފަހަތަށް "އަށް" އަދި "ގެ" މިއަކުރުތައް އިތުރުކޮށްގެންކަން މިދިރާސާއިން ހާމަވެއެވެ.
      މިބައިގައި ޕޯސްޓްޕޮޒިޝަން ނަމުގެ މައިގަނޑުގެ ދަށުން ގިނައަދަދަކަށް އައިސްފައިވަނީ މިބަޔަށް ނެގިފައިވާ ޖުމުލަތަކުގެ ތެރޭގައި ނަމުގެ ޖުމުލަ ގިނަވުމުން ކަމުގައިވެދާނެއެވެ. ނަމަވެސް ނަމުގެ މައިގަނޑުގެ ދަށަށް ޕޯސްޓްޕޮޒިޝަން އައުމަކީ މައްސަލައެއް ނޫން ކަމަށް މުޙަންމަދު ޝާހިދު ޙަލީމް (10 އޮގަސްޓް 2011، ލިޔުންތެރިޔާގާތު ވިދާޅުވި ވާހަކައެއް) ދެކިލައްވައެވެ. ސަބަބަކީ ދިވެހިބަހުގައި ގިނައަދަދަކަށް ނަމުގެ ޖުމުލަ ހުރުމާއެކު ދިރާސާއެއްގައި މިކަހަލަ ބައިތައް ހިމެނިފައިވުމުން ދިރާސާގެ ނަތީޖާއަކީ ރަގަޅު ނަތީޖާއަކަށްވުމުގެ ފުރުޞަތު ބޮޑުވާނެތީކަމަށް އޭނާ ދެކިލައްވައެވެ. މިލްކުވެރިކަން ބަޔާންކޮށްދޭ ޕޯސްޓްޕޮޒިޝަނުގެ އިތުރު މިސާލުތައް އެޕެންޑިކްސްގައި "މިލްކުވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަން"ގެ ދަށުން ގެނެވިފައިވާނެވެ.
4.4.3 މިލްކުވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ޖުމުލަތަކުގައި އައިސްފައި ހުންނަ ދިމާތައް
ދިރާސާކުރެވުނު ޖުމުލަތަކުގައި މިލްކުވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ޖުމުލައިގެ ތަފާތު ދިމާތަކަކަށް އައިސްފައިވާކަން ފާހަގަކުރެވެއެވެ. ތިރީގައިވާ ތާވަލު 4 އިން ދައްކުވައިދީފައި އެވަނީ މިގޮތުން ޖުމުލަތަކުގައި މިލްކުވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އައިސްފައިވާ ދިމާތަކެވެ. މިތާވަލުންވެސް ފާހަގަކުރެވޭނެ ފަދައިން މިލްކުވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަން ތަފާތު ފަސްދިމާއަކަށް އައިސްފައިވެއެވެ. ނަމަވެސް އެންމެ ގިނައިން އައިސްފައިވަނީ ނަމުގެ ކުރިއަށްކަން ފާހަގަކުރެވެއެވެ. އެހެންކަމުން މިޕޮޒިޝަން ޢާންމުކޮށް އަންނަނީ ނަމުގެ މައިގަނޑެއްގެ ކުރިއަށްކަމަށް ދެންނެވިދާނެއެއެވެ. އަދި މިގޮތަށް އަންނަ އައުމުގައި ނަމަކާއި ގުޅުވާލައިގެން މިލްކުވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އެންމެ ގިނައިން އުފެދިފައި ހުންނަނީ ނަމުގެ ފަހަތަށް "ގެ" މިއަކުރު ގުޅުވައިގެންނެވެ.
4.   ޑިސްކަޝަން
މަތީގައި ބަޔާންކުރެވުނު ޕޯސްޓްޕޮޒިޝަނުގެ ހަތަރުބަޔަށް ބަލާއިރު އެންމެގިނައިން ޕޯސްޓްޕޮޒިޝަން އުފެދިފައިވަނީ ނަމެއްގެ ފަހަތަށް އަކުރެއް ގުޅުވިގެންކަން ފާހަގަކުރެވެއެވެ. އެހެންކަމުން ޕޯސްޓްޕޮޒިޝަން އުފެދޭ ޢާންމު އުސޫލަކީ އެއީކަމަށް ދެންނެވިދާނެއެވެ. އަދިހަމައެހެންމެ ރިޗާޑް ނޯޑްކުއިސްޓް (2011) އާއި ޖޭމްސް އާރް ހޯފް (1994) އާއި ޖޯޖް (2010) އަދި މުޙަންމަދު ޝާހިދު ޙަލީމް (2011) ބަޔާންކުރައްވާގޮތުގައި ޕޯސްޓްޕޮޒިޝަން އުފެދޭނީ އެޕޮޒިޝަނެއް އެކުލެވޭ ނަމާއެކު ނަމެއްގެ ފަހަތަށް އަކުރެއް ގުޅިގެންނެވެ.
މިސަރަހައްދުގެ ބަހެއްކަމުގައިވާ ހިންދީބަހަކީ ޕޯސްޓްޕޮޒިޝަން ބަހެކެވެ. ޖޯޖް (2010) ހާމަކުރައްވާގޮތުގައި ހިންދީބަހުގެ ބައެއް ޕޯސްޓްޕޮޒިޝަން ތަކަކީ "-  men  -  In"، "-  par   -  On"، "  se    -  From - " މިއެވެ. މިއަކުރުތަކުގެ ކުރިއަށް ނަމެއް ގުޅާލުމުން ހިންދީބަހުގައި ޕޯސްޓްޕޮޒިޝަނުގެ މައިގަނޑު އުފެދެނީއެވެ. މިސާލަކަށް:  घर में    ghar men - In The House މިނޫނަސް މިގޮތަށް ބޭނުންކުރެވޭ އެތައް އަކުރެއް އެބަހުގައިވެއެވެ.
      އުރުދޫބަހަށް ބަލާލާއިރު ފާހަގަކުރެވެނީ އުރުދޫބަހުގައިވެސް ޕޯސްޓްޕޮޒިޝަން އަންނަނީ މިނިވަންކަމާއެކުގައި ނޫންކަމެވެ. އުރުދޫ ޕޯސްޓްޕޮޒިޝަން (2011) ހާމަކުރައްވާގޮތުގައި އުރުދޫބަހުގައި ބައެއް ޕޯސްޓްޕޮޒިޝަންތަކަކީ ކޮމްޕައުންޑެވެ. މިކަހަލަ ބައެއް ލަފުޒުތައް އަންނާނީ ނަމާއެކުވެގެންނެވެ. ޚާއްޞަކޮށް ލިޔެވިފައި ހުންނާނީ ބަދަލުނަމާއެކުއެވެ. އެހެންކަމުން މިލަފުޒުތައް މަސައްކަތްކުރާނީ "ކޭސް މާރކާ"އެއްގެ ގޮތަށެވެ. ޖޭމްސް (1994) ބަޔާންކުރައްވާގޮތުގައި ބަންޖާބުބަހުގައިވެސް ޕޯސްޓްޕޮޒިޝަން އަންނަނީ ނަމާއެކުއެވެ. އެއީ ނަމުގެ ފަހަތަށް އަކުރެއް އިތުރުކޮށްގެންނެވެ. މިގޮތުން އިތުރުކުރެވޭ ބައެއް އަކުރުތަކަކީ "nu~"، "tu~" އަދި "ute" އެވެ.
މިސާލަކަށް: ghar to~            house from (= from the house)   
ހިންދީބަހާއި، އުރުދޫބަހާއި، ޕަންޖާބުބަސް ފަދައިން ދިވެހިބަހުގައިވެސް ޕޯސްޓްޕޮޒިޝަން އުފެދިފައިހުންނަ ޢާންމު އުސޫލަކީ (ނ+އ=ޕޕމ) ނަމުގެ ފަހަތަށް އަކުރެއް ގުޅާލައިގެން ޕޯސްޓްޕޮޒިޝަން އުފެދުންކަން މިއެސައިންމަންޓުން ޘާބިތުވެއެވެ. އެހެންވީމާ ޕޯސްޓްޕޮޒިޝަން ގުޅިލާމެހިފައިވަނީ ނަމާކަމަށް ދެންނެވިދާނެއެވެ. އަމުދުން ދިވެހިބަސް ކަހަލަ ނަމުގެ ޖުމުލަ ގިނަ އަދަދަކަށް ހުންނަ ބަސްބަހުގައި ޕޯސްޓްޕޮޒިޝަނާ ކަމާ ގުޅުމެއް ނުވާކަމަށް ބެލެވުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް މިކަންކަން ޔަޤީންކުރެވޭނީ މިދިރާސާއަށްވުރެ މާފުން ދިރާސާތަކެއް ކޮށްގެންނެވެ.
     އެހެނީ ތާވަލު 5 އިންވެސް ފާހަގަ ކުރެވޭނެ ފަދައިން މިދިރާސާގައި ފާހަގަކުރެވުނު 58 ޕޯސްޓްޕޮޒިޝަނުގެ ތެރެއިން 56 ޕޯސްޓްޕޮޒިޝަން އުފެދިފައިވަނީ ނަމުގެ ފަހަތަށް އަކުރެއް ގުޅިގެންނެވެ. އަދި ބާކީ ހަތަރު ޕޮޒިޝަނުގެ ތެރެއިން ދެޕޮޒިޝަން އުފެދިފައިވަނީ ނަންއިތުރެއްގެ ފަހަތަށާއި ކަންއިތުރެއްގެ ފަހަތަށް އަކުރެއް ގުޅިގެންނެވެ. އެހެންވީމާ ދިވެހިބަހުގައި ޕޯސްޓްޕޮޒިޝަން އުފެދޭ ޢާންމު އުސޫލަކީ ނަމުގެފަހަތަށް އަކުރެއް ގުޅިގެންކަމުގައި މިދިރާސާގެ އަލީގައި ދެންނެވިދާނެއެވެ. އަދި މިފަދައިން އުފެދޭ ޕޯސްޓްޕޮޒިޝަނަކީ ނަމުގެ މައިގަނޑުގެ ކަމުގައި ނުވަތަ އެލެވެލްގެ ބައެއްކަމުގައި ދެންނެވިދާނެއެވެ. ޚާއްޞަކޮށް ނަމުގެ މައިގަނޑުގެދަށުން އަންނަ ޕޯސްޓްޕޮޒިޝަންތަކަށް ހައިރާކީގޮތުން އެންމެ މަތީ ދަރަޖަދެވިދާނެކަމަށް މިދިރާސާގެ ޖުމުލަތަކުގެ ޓްރީޑައިގްރަމަށް ބަލާލުމުން ޤަބޫލުކުރެވެއެވެ.
      ޕޯސްޓްޕޮޒިޝަން ޖުމުލައެއްގެ ކޮންމެ ދިމާއަކަށްވެސް އަތުވެދާނެއެވެ. އެހެނީ މިދިރާސާއަށް ނެގުނު ޖުމުލަތަކުން އެކަން ޡާބިތުވެއެވެ. މަތީގައިވާ ޗާޓު 1 އިން ނެގުނު ޖުމުލަތަކުގައި ޕޯސްޓްޕޮޒިޝަން އައިސްފައިވާ ދިމާތަކާއި އެދިމަތަކަށް އައިސްފައިވާ މިންވަރު ސާފުވާނެއެވެ.
       ޗާޓު 1 އިން އެގޭފަދައިން ޕޯސްޓްޕޮޒިޝަންގެ މައިގަނޑު އެންމެ ގިނައިން އަންނަނީ ކަމުގެ ކުރިއަށެވެ. ދެން އެންމެ ގިނައިން އަންނަނީ ނަމުގެ ކުރިއަށެވެ. އެއަށްފަހު ކަންއިތުރުގެ ކުރިއަށެވެ. މިހެންމިވަނީ މިދިރާސާއަށް އެއްކޮށްފައިވަނީ ތަފާތު ވައްތައުތަކުގެ ޖުމުލަތަކެއްކަމުގައި ވާތީއެވެ. ހަމައެކަނި އެސް. ވީ. އޯ ފޯމެޓަށް ހުންނަ ސާދާ ޖުމުލަތަކެއް އެއްކޮށްގެން ބަލައިފިއްޔާ މިހެން ނުވެދާނެއެވެ. ސަބަބަކީ މިކަހަލަ ޖުމުލަތައް ތަރުތީބުވެފައި އޮންނަނީ އެއް ފޯމެޓަކަށް ކަމަށްވުމެވެ. މިކަން މިދިރާސާއަށް އެއްކުރި ޖުމުލަތަކުގެ ތެރޭގައި ހުރި ސާދާ ޖުމުލަތަކުންވެސް ޡާބިތުވެއެވެ. އެހެނީ އެސާދާ ޖުމުލަތަކުގައި ޕޯސްޓްޕޮޒިޝަނުގެ ފަހަތަށް މުޅިންވެސް އައިސްފައި ހުންނަނީ ކަމެވެ. ނަމަވެސް އެކަހަލަ ޖުމުލައަކަށް ބައެއް (ނަމެއް، ނަންއިތުރެއް، ކަމެއް،....) އިތުރުކޮށްގެން އެޖުމުލައެއްގައި ޕޯސްޓްޕޮޒިޝަން އޮންނަ ދިމާ ބަދަލުކުރެވެއެވެ. "މިސާލަކަށް: މުޙަންމަދު ސްކޫލުން އަތުވެއްޖެވެ."
      މިޖުމުލަ "މުހަންމަދު ސްކޫލުން ގެއަށް އަތުވެއްޖެ" ނުވަތަ "މުޙަންމަދު ސްކޫލުން ދުވެފައި އަތުވެއްޖެ" މިފަދަ އެތައް ގޮތަކަށް ބަދަލުކުރެވިދާނެއެވެ. މިބަދަލުތަކާއެކު ޕޯސްޓްޕޮޒިޝަން އޮންނަ ދިމާވެސް ބަދަލުވެއެވެ. އަދިހަމަ މިކަމުން ޡާބިތުވާ އަނެއްކަމަކީ ޕޯސްޓްޕޮޒިޝަނުގެ މައިގަނޑެއްގެ ގޮތުގައި ނަމެއް، ކަންއިތުރެއް، ޕޯސްޓްޕޮޒިޝަނެއް އަދި މިނޫން ބައިތަކެއްވެސް އިތުރު ކުރެވިދާނެކަމެވެ. މިކަން ޗާޓު 1 ގައި ޕޯސްޓްޕޮޒިޝަނުގެ ފަހަތަށް އައިސްފައިވާ ބައިތަކުންނާއި އެޕެންޑިކްސްގައިވާ ޖުމުލަތަކުން ޘާބިތުވެސް ކޮށްދެއެވެ.
      ޕޯސްޓްޕޮޒިޝަން ނަމުގެ މައިގަނޑުގެ ދަށުން، ކަމުގެ މައިގަނޑުގެ ދަށުން އަދި ކަންއިތުރުގެ މައިގަނޑުދަށުންވެސް އާދެއެވެ. ތިރީގައިއެވާ ތާވަލު 6 އަދި 7 އިން ދައްކައި އެދެނީ މިދެބައިގެ ދަށުން ޕޯސްޓްޕޮޒިޝަން އައިސްފައިވާ މިންވަރެވެ.
ތާވަލު 6 އިން ފާހަގަކުރެވޭނެ ފަދައިން މިދިރާސާއަށްޓަކައި އެއްކުރެވުނު ޖުމުލަތަކުން ފެނުނު ޕޯސްޓްޕޮޒިޝަންތަކުގެ ތެރެއިން 50 އިންސައްތަ ޕޯސްޓްޕޮޒިޝަން އައިސްފައިވަނީ ކަމުގެ މައިގަނޑުގެ ދަށުންނެވެ. އަދި 46 އިންސައްތަ ޕޯސްޓްޕޮޒިޝަން ނަމުގެ މައިގަނޑުގެ ދަށުން އައިސްފައިވާއިރު 4 ޕަސެންޓް ޕޯސްޓްޕޮޒިޝަން އައިސްފައިވަނީ ކަންއިތުރުގެ މައިގަނޑުދަށުންނެވެ. ކަމުގެ މައިގަނޑުގެ ދަށުން އެންމެގިނައިން އައިސްފައިވަނީ ތަންބަޔާންކުރާ ޕޯސްޓްޕޮޒިޝަނެވެ. ނަމަވެސް ނަމުގެ މައިގަނޑުދަށުން އެންމެގިނައިން އައިސްފައިވަނީ މިލްކުވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަންކަމަށްވާއިރު ކަންއިތުރުގެ މައިގަނޑުގެ ދަށުން އައިސްފައިވަނީ ހަމައެކަނި ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަނެވެ. އަދި ނަމުގެ މައިގަނޑުގެ ދަށުން އަންނަ ޕޯސްޓްޕޮޒިޝަން ސީދާ ނަމުގެ މައިގަނޑުން ނުވަތަ ޖުމުލައިގެ ނޮޑުން ނެގިދާނެކަމަށް ބެލެވެއެވެ. ނުވަތަ ހައިރާކީގޮތުން އެންމެ މަތީލެވެލަށް ވާކަން ފާހަގަކުރެވެއެވެ.  އެހެންވީމާ ނަމުގެ މައިގަނޑުގެ ދަށުންނާއި ކަމުގެ މައިގަނޑުގެ ދަށުންނާއި ކަންއިތުރުގެ މައިގަނޑުގެދަށުންވެސް ޕޯސްޓްޕޮޒިޝަން އަންނަކަން މިދިރާސާއިން ހާމަވެއެވެ.
      މިދިރާސާގައި ބަލާލެވިފައިވަނީ ތަނާ، ދިމާ، ވަޤުތު އަދި މިލްކުވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަން، ދިވެހިބަހުގައި އެކުލެވިފައިވާގޮތުގެ މައްޗަށް ކަމުގައިވިއަސް މިނޫން ބައިތަކެއްވެސް ޕޯސްޓްޕޮޒިޝަނުގެ ތެރޭގައި ހިމެނެއެވެ. މީގެ ބައެއްބައިތައް މިދިރާސާއަށް ނެގި ޖުމުލަތުންވެސް ފާހަގަކުރެވުނެވެ. އެގޮތުން ފެނުނު އެއްބަޔަކީ ގުޅުން ބުނެދޭ ޕޮޒިޝަނެވެ. މިގޮތުން ފާހަގަކުރެވުނު ބައެއް މިސާލުތަކަކީ އެޕެންޑިކްސްގައިވާ ޖުމުލަ ނަންބަރު 9 ގައިވާ "ބޮކިދަޑީގެއަލި" އަދި މިސާލު 5 ގައި އެވާ "ޖެހިގެން" މިލަފުޒަކީވެސް ގުޅުން ބުނެދޭ ޕޯސްޓްޕޮޒިޝަނަކަށްވެސް ވެއެވެ. މިނޫން އެތައްބައެއްވެސް ޕޯސްޓްޕޮޒިޝަނުގެތެރޭގައި ވެއެވެ. ނަމަވެސް މިދިރާސާއަކީ އެހުރިހާ ބަޔަކަށް އަލިއަޅުވާލެވޭ ވަރަށްވުރެ ކުރު ދިރާސާއަކަށް ވާތީ އެބައިތައް ދޫކޮށްލީއެވެ. އެހެންނަމަވެސް ނެގުނު ޕޮޒިޝަންތައް އައިސްފައިވަނީ ކިހިނެތްތޯ އެހެން ނަޒަރަކުން ބަލާލާއިރު ތާވަލު 8 އިން ފާހަގަކުރެވޭނެ ފަދައިން ޢާންމުކޮށް މިޕޮޒިޝަންތައް އުފެދިފައި ހުންނަނީ ދިރުންނެތް އެއްޗެއްސާ ނުވަތަ ތަނާގުޅިގެންނެވެ.
ތާވަލު 8: ޕޯސްޓްޕޮޒިޝަން އައިސްފަވާގޮތް
ޕޮޒިޝަން
ޕޮޒިޝަން އުފެދިފައިއޮތްގޮތް (ދިރުހުރި / ނެތް އެއްޗަކާ ތަނަކާ ގުޅިގެން)

ތަން
+ން
ދިރުންނެތް
+އަށް
+ގައި
ވަޤުތު
+ން
ދިރުންނެތް
+އަށް
+ގައި
ދިމާ
+ން
ދިރުންނެތް
+އަށް
މިލްކުވެރިކަން
+ގެ
ދިރުންހުރި
+އަށް
ދިރުންހުރި/ނެތް
5.   ނިންމުން
ޕޯސްޓްޕޮޒިޝަން ޢާންމުކޮށް އުފެދެނީ ނަމަކާއި އަކުރެއް ގުޅިގެންނެވެ. ނަމަވެސް ބައެއްފަހަރަށް ބައެއް ބަސްތަކުގައި މިނިވަން ލަފުޒެއްގެ ގޮތުގައިވެސް ޕޯސްޓްޕޮޒިޝަން ފާހަގަކުރެވެއެވެ. މިދިރާސާއަށް ނެގުނު ޖުމުލަތައް ދިރާސާކުރުމުން އެނގިގެންދަނީ ދިވެހިބަހުގައި ޕޯސްޓްޕޮޒިޝަން އުފެދިފައިވާ ޢާންމު އުސޫލަކީ ނަމުގެފަހަތަށް އަކުރެއް ގުޅާލުންކަމެވެ. މިގޮތުން ތަން އަދި ވަޤުތު ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައިހުންނަ އެންމެ ޢާންމުގޮތަކީ ނަމުގެ ފަހަތަށް "ން"، "އަށް" އަދި "ގައި" މިއިން އަކުރެއް ގުޅާލެވިފައިވުމެވެ. އަދި ދިމާ ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައިހުންނަ އެންމެ ޢާންމުގޮތަކީ ނަމުގެ ފަހަތަށް "އަށް" ނުވަތަ "ން" ގުޅުމެވެ. ނަމަވެސް މިލްކުވެރިކަން ބަޔާންކުރާ ޕޯސްޓްޕޮޒިޝަން އުފެދިފައި ހުންނަނީ ނަމުގެ ފަހަތަށް "ގެ" އަދި "އަށް" ގުޅިގެންނެވެ. ނަމަވެސް މަދުންނަމަވެސް ކަމުގެ ފަހަތަށް "އަށް" މިއަކުރު ގުޅިގެން ޕޯސްޓްޕޮޒިޝަން އުފެދިފައިވާކަންވެސް މިދިރާސާއިން ޘާބިތުވިއެވެ. އަދި ހަމައެހެންމެ ޕޯސްޓްޕޮޒިޝަން ޖުމުލައިގެ ކޮންމެ ދިމާއަކަށްވެސް އަތުވެދާނެކަމާއި، ނަމުގެ މައިގަނޑު ދަށުންނާއި ކަމުގެ މައިގަނޑުގެ ދަށުންނާއި ކަންއިތުރުގެ މައިގަނޑުގެދަށުންވެސް ޕޯސްޓްޕޮޒިޝަން އަންނަކަން ފާހަގަކުރެވެއެވެ. ނަމަވެސް މިބައިތައް ޔަޤީންކަމާއެކު ކަނޑައެޅޭނީ މިއަށްވުރެން ފުންދިރާސާތަކެއް ކޮށްގެންކަން ކަށަވަރެވެ.

ނޯޓް: މިދިރާސާ ބްލޮގަށް އަޕްލޯޑްކުރިއިރު މިދިރާސާގެ މިސާލުތަކާއި ތާވަލުތައް ދިމާވި ޓެކްނިކަލް މައްސަލަތަކަކާއިހެދި އަޕްލޯޑް ނުކުރެވިވާތީ ނިހާޔަތަށް މަޢާފަށް އެދެމެވެ.  
ރިފަރަންސް
ރިޗާރޑް ނޯޑްކުއިސްޓް. (2011). ޕޯސްޓްޕޮޒިޝަން. ނެގީ އޮގަސްޓް 15،2011،    
http://grammar.about.com/od/pq/g/postpositionterm.htmން.
އުރްދޫ ޕޯސްޓްޕޮޒިޝަން. (2011). ޕޯސްޓްޕޮޒިޝަން. ނެގީ އޮގަސްޓް 30،2011،    
މުޙަންމަދު ޝާހިދު ޙަލީމް. (2011). އިންޓަވިއު. ނެގީ، 10 އޮގްސްޓް 2011.
ޖޭމްސް އާރ. ހޯރފް. (1994). ގްރެމާރ: އަ ސްޓޫޑަންޓްސް ގައިޑް: ކެމްބްރިޖް ޔުނިވާރސިޓީ ޕްރެސް.
      ނެގީ އޮގަސްޓް 30،2011،    
ޖޯޖް. (2010). ޕޯސްޓްޕޮޒިޝަން. ނެގީ އޮގަސްޓް 08،2011،      http://www.learning-hindi.com/post/5187717906/lesson-107ން. 
ޕޯސްޓްޕޮޒިޝަން. (2011). އެންސައިކްލޮޕީޑިއާ ބްރިޓޭނިކާ. ނެގީ އޮގަސްޓް 10،2011،      http://www.britannica.com/EBchecked/topic/472255/postpositionން. 


1 comment:

  1. miliyumugaivaa thaavaluthah liyunganduge therein fennannethumun nihaayatha maafah ethen. ekan ragalhukurevetho masakkaikuramundhaavaahak dhannavaalan.

    ReplyDelete