Saturday, October 8, 2011

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން Early civilaization of Maldives

ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވިބަޔަކީ ޑްރީވީޑިއަނުން

ޑްރީވީޑިޔަނުންނަކީ މީލާދުގެ 2800 އަހަރުކުރިން އިންޑިޔާގައި އުފެދިފައިއޮތް ރަށްވެހިކަމުގެ އަހުލުވެރިންނެވެ. ޑްރިވީޑިއަނުންގެ މި ރަށްވެހިކަން މަޝްހޫރުވެފައިވަނީ އިންޑަސްވާދީގެ ރަށްވެހިކަމުގެ ނަމުންނެވެ. ކޮންމެއަކަސް މިރަށްވެހިކަމުގެ އަހުލުވެރިންނަކީ ރާއްޖެ އުފެދުމުގެ މާކުރިން ފެށިގެންވެސް މި ސަރަހަށްދުގައި ދަތުރުފަތުރު ކުރަމުން އައިބައެކެވެ. ވީމާ ރާއްޖެ އުފެދުނު ހިސާބުން މިރަށްވެހިކަމުގެ އަހުލުވެރިންނަށް ރާއްޖެއަށް އާދެވިފައިވާނެކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ  މިބައިމީހުންވަނީ އެބައިމީހުންގެ ދަތުރުތަކުގައި އިންޑިޔާގެ ސަބްކޮންޓިނެންޓުގެ އެކިސަރަޙަށްދުތަކަށްދެވި އެކިސަރަހައްދުތަކުގައި ވަޒަންވެރިވެފައެވެ. ނަމަވެސް މިހާރު މިދަރިކޮޅުގެ ގިނަމީހުން ދިރިއުޅެނީ ދެކުނު އިންޑިޔާގައެވެ. މިހެންކަމުން ދެކުނު އިންޑިޔާއިންނާއި މިސަރަހައްދުގެ އެހެންޤައުމުތަކުން ފެންނަމުންމިދާ ތަމަޅައިންނަކީ ޑްރިވީޑިއަން ނަޞްލުގެ މީހުންކަމަށް ތާރީޚް ލިޔުންތެރިން ވިދާޅުވެއެވެ.

ސައިންޓިފިކް ހެކިތަކުން ކަށަވަރު ކުރެވިފައިވާގޮތުގައި އިންސާނުންނަށް ދިރިއުޅެވޭވަރަށް ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ މީގެ 4000 ހެއްހާ އަހަރު ކުރިންނެވެ. އަދި ރާއްޖެއިން ފެނިފައިވާ އާޘާރީ ހެކިތަކުން ކަށަވަރު ކުރެވެނީ ރާއްޖޭގައި މީހުން ދިރިއުޅޭތާ 2500 އަހަރަށްވުރެން ގިނަ ދުވަސްވެއްޖެކަމެވެ. އެހެންކަމުން ރާއްޖޭގެ ބޮޑުބައެއް އުފެދިފައިވާނީ ގާތްގަޑަކަށް މީލާދުގެ 2000 އަހަރު ކުރިންކަމަށް ލަފާކުރެވެއެވެ. ރާއްޖެ އުފެދުނުކަމަށް ބެލެވޭ ދުވަސްވަރަކީ އިންޑަސްވާދީގެ ރަށްވެހިކަމުގެ ޙާލަތު ދަށްވަމުންދިޔަ ދުވަސްވަރަށްވުމުން، ކުރިންވެސް ދެންނެވި ފަދައިން އެރަށްވެހިކަމުގެ އަހުލުވެރިން އިންޑިޔާގެ އެކިސަރަހައްދުތަކަށާއި މިސަރަހައްދުގެ އެކިޤައުމުތަކަށް ދަތުރުކުރުމުގެ ތެރޭގައި ރާއްޖެއަށް އާދެވި، ރާއްޖޭގައި އޭގެބަޔަކު ވަޒަންވެރިވެފައިވާނެ ކަމަށް ލަފާކުރެވެއެވެ. އެހެނީ މިހީތަކަށް ބާރުދޭ ގިނަހެކިތަކެއް ރާއްޖެއިންނާއި އިންޑަސްވާދީގެ އެންމެ ކުރިއަރާފައިވާ އެއްރަށް ކަމުގައިވާ ލޯތާލު ބަދަރުން ފެނިފައިވުމެވެ.  
ތާރީޚު ދިރާސާކުރާ ޢިލްމުވެރިން ލިޔުއްވާފައިވާގޮތުގައި ރާއްޖޭގައި ފުރަތަމަ މީހުން ވަޒަންވެރިވެފައިވަނީ ޢީސާގެފާނުގެ ކުރިން 5 ވަނަ ނުވަތަ 6ވަނަ ޤަރުނުގެ ތެރޭގައެވެ. އަދި މިވަޒަންވެރިވި މީހުންގެ ނަމަކީ ދީވީން ކަމަށްވެސް ލިޔުންތެރިން ލިޔުއްވައެވެ. ދީވީންގެ ނަސްލަށްބަލާއިރު އެބައިމީހުންނަކީ ޑްރިވީޑިއަން ނަސްލުގެ ބައެއްކަން ޔަޤީނެވެ. އެހެނީ މި ދީވީން ރާއްޖެއަށް ހިޖުރަކޮށްފައިވަނީ އިންޑަސްވާދީގެ ކޯރެއްކަމަށްވާ ސަރަސްވަތީ ކޯރުގެ އައްސޭރީގައި އޮތް "ކާލިބަން ނަމަކަށް ކިޔުނު ރަށަކުން" ކަމައްވުމެވެ. ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި ކަމަށް ބުނެވޭ އަނެއްބަޔަކީ ރެދިންނެވެ. މިރެދިންނަކީ އިރަށް އަޅުކަން ކުރިބައެކެވެ. ރެދިން ދިރިއުޅުނީ ގދ.ކޮނޑޭގައި ކަމަށްވާއިރު ކޮނޑޭއެކޭ އެއްގޮތަށް ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ހިންދުއިޒަމްގެ އަސަރުތަށް ވަރަށްގަދައަށް އަށަގަނެފައިވެއެވެ. ހިންދުއިޒަމްގެ މިއަސަރުތަކާއި ހިންދުއިޒަމް ރާއްޖެއަށް އައިސްފައިވަނީ އިންޑަސްއިން އެވެ. އެހެނީ އެދުވަސްވަރު މިސަރަހައްދުގައި ހިންދުއިޒަމްގެ ކަންކަން އެންމެކުރިއަރާފައިވާ ތަނަކީ އިންޑަހެވެ. އެހެންކަމުން މިދީންތައް ރާއްޖެއަށް އައިސްފައިވަނީ ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި މީހުންނާއެކުގައި ކަމަށް ބެލެވެއެވެ. ވީމާ ފުރަތަމަ ވަޒަންވެރިވި ބަޔަކީ އިޑަސްގެ އަހުލުވެރިން ކަމުގައި ބެލުމުގެ ފުރުޞަތު ބޮޑެވެ.   
ރާއްޖޭއިން ފެނިފައިވާ އާޘާރީ ތަކެތީގެތެރޭގައި އިންޑަސްއަށް ނިސްބަތްވާ ތަކެތިވެއެވެ. މިގޮތުން ގއ. ވާދޫއާއި ގއ. ގަން ކޮނުމުގެ ތެރެއިން ފެނިފައިވާ އެގްރިގޭޓް މިނާތަށް ފާހަގަ ކޮށްލެވެއެވެ. އަދި ޤަދީމީ ޒަމާނުގައި ރާއްޖޭގައި އަޅުކަންކުރުމަށް ބޭނުންކުރެވުނު ދިގުކަންފަތްލީ ބުދުތަކާއި ކަންފަތު ފޫޅުގަނޑު ބޮޑު ބުދުތަކުގެ ކަންފަތުގައިލާފައިވާ މުންޖަކީވެސް އިންޑަސްއަށް ނިސްބަތްވާ އެއްޗެކެވެ. އެހެނީ އިންޑަސްގެ ލޯތާލް ބަދަރު ކޮނުމުގެ ތެރޭގައި އެކްސްޕޯޓް ކުރުމަށް ތައްޔާރުކޮށްފައިވާ އެތައްބައިވަރު އެގްރިގޭޓް މިނާތަކާއި ބުދުތަކުގެ ކަންފަތުގައިލާ މުދިތައް ފެނިފައިވެއެވެ. މީގެއިތުރުން ރާއްޖޭގައި މިއުޅޭ ކާޅަކީ އިންޑަސްގެ އަހުލުވެރިން ދަތުރުފަތުރު ކުރުމުގައި މަގުހޯދުމަށް ބޭނުންކުރި ދޫންޏެކެވެ. ވީމާ ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި މީހުން މިތަކެތި އެބަޔަކު އެއައިތަނަކުން ގެނައުމަކީ ވެދާނެކަމެއްކަމަށް ލަފާކުރެވޭއިރު މިތަކެއްޗަކީ އިންޑަސްއަށް ނިސްބަތްވާ ތަކެތި ކަމުގައިވާތީ އެއައި ބަޔަކީ ޑްރިވީޑިއަނުންކަމަށް ބެލެވެއެވެ.
ޑްރިވީޑިއަނުންނާއި ދިވެހިންގެ ސިފަ ވަރަށް އެއްގޮތެވެ. އަދި ދިވެހީންގެ ނަޞްލު ދެނެގަތުމަށް ކުރެވުނު ސައިންޓިފިކް ތަޙުލީލުތަކުން ކަށަވަރުކުރެވިފައިވަނީ ދިވެހިންގެ ގިނަމީހުންނަކީ ޑްރިވީޑިއަން ނަޞްލުގެ މީހުން ކަމެވެ. ޑްރިވީޑިއަނުންނަކީ މެދުމިނުގެ އިސްކޮޅެއް ލިބިފައިވާ، ބޮލުގެ ފުއްކިބަ ބޮޑު، ގައިގެހަމުގެ ކުލަ މެދުމިނުގެ ބައެކެވެ. މިއީ ދިވެހިންގެވެސް ޢާންމު ސިފަތަކެވެ. މީގެއިތުރުން ފެންނަ ފެނުމުގައިވެސް ދިވެހިންގެ ތެރޭގައި މޫނާއި ހަށިގަނޑާއި ހަމުގެ ކުލަ ޑްރިވީޑިއަނުންނާ އެއްގޮތް މީހުން ވަރަށް ގިނައެވެ.
އިހުގެ ދިވެހިން ކޮއްއުޅުނު މަސައްކަތްތަކަކީވެސް ޑްރީވީޑިއަނުން އޭރުކުރަމުންއައި މަސައްކަތްތަކެވެ. އެގޮތުން އެވޭލާގައި ދިވެހިންގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކަމަށްވާއިރު، ޑްރީވީޑިއަނުންނަކީވެސް މަސްވެރިބައެކެވެ. އަދި އެބައިމީހުންނެކޭ އެއްގޮތަށް  ދިވެހިންނަކީވެސް ކަނޑުމަށްޗަށް ފަރިތަ "ކަނޑުގެ ދަރީން"ނެވެ. އިހުޒަމާނުގައި ދިވެހިން މަސްވެރިކަން ކުރުމަށް ބޭނުން ކޮށްފައިވަނީ ޑްރިވީޑިއަނުން ބޭނުންކުރި ޒާތުގެ ބުޅިކަންވާރެވެ. އެހެނީ ދިވެހިން ބޭނުންކުރާ ޒާތުގެ ބުޅިކަންވާރު އިންޑަސްވާދީން ފެނިފައިވެއެވެ. އެހެންކަމުން ޑްރިވީޑިއަނުންގެ ބަޔަކު މަސްވެރިކަމުގައި ރާއްޖެއަށް އާދެވި ރާއްޖޭގައި ވަޒަންވެރިވީ ކަމަށް ބެލެވިދާނެއެވެ. މިކަމަށް ދަލީލުކުރާ އަނެއްހެއްކަކީ އަންޒަމާނުގައި ދިވެހީންގެ ގެދޮރު އެޅުމުގެ ވައްޓަފާޅިވެސް ހުރީ ޑްރިވީޑިއަނުން ގެދޮރު އަޅައި އުޅުނުގޮތަށްކަމެވެ. ވީމާ މިތަނުގައި ފުރަތަމަ ވަޒަންވެރިވި ބަޔަކީ ޑްރިވީޑިއަނުންކަމުގައި ބުނެވޭ ބުނުމަށް އިތުރު ބާރަކަށް މިކަން ވެއެވެ. އެހެނީ ދިވެހިންގެ މަސައްކަތާއި ދިރިއުޅޭތަންތަން ހެދިފައިވަނީ ޑްރިވީޑިއަނުން އެކަންކުރާ ގޮތްތަށެވެ.
ޑްރިވީޑިއަނުންގެ އާދަކާދަތަކާއި ދިވެހިންގެ އާދަކާދައިގައި އެއްގޮތްކަންކަން ވަރަށް ގިނައެވެ. މިގޮތުން ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކައިވެނީގެ ހަފުލާތައް ބާއްވާގޮތާއި، އަލަށް މަސްދޯންޏެއް ބާލާއިރު ހަދާ ފަންޑިތަތަކާއި، އެކަން ކުރާގޮތާއި، ދޯނިބަންނަގޮތާއި ނަދުރު ބުނުމާއި، އަދި ބައެއް ކުޅިވަރުތައް ކުޅޭގޮތް ޑްރިވީޑިއަނުން މިކަންކަންކުރާގޮތާއި، އެއްވެސް ތަފާތެއް ނެތެވެ. މީގެ އިތުރުން މިކަންކަން ކުރުމަށް ބޭނުން ކުރެވެނީ ޑްރިވީޑިއަން ދަރިކޮޅެއް ކަމުގައިވާ ދެކުނު އިންޑިޔާގެ އަހުލުވެރިން ބޭނުންކުރާ ޒާތުގެ ސާމާނުތައްކަމީ ޑްރިވީޑީއަނުންނާއި ދިވެހިންގެ ޘަޤާފަތުގައިވާ އެއްގޮތްކަން ހެކިދޭ ކަންތައްތަކެކެވެ.
ދިވެހިރާއްޖެއިން ފެނިފައިވާ އެންމެ ގިނަ ދުވަސްވީ ލިޔުމަކީ މީލާދުގެ ހަވަނަ ޤަރުނުގެ ލިޔުމެކެވެ. މިލިޔުން ލިޔެވިފައިވަނީ ބްރަހަމީ އަކުރުންނެވެ. މިއަކުރަކީ އިންޑަސްވާދީގެ ރަށްވެހިން ކަމުގައިވާ ޑްރިވީޑިޔަނުން ލިޔުމުގައި ބޭނުންކޮށްފައިވާ އަކުރެކެވެ. ދިވެހިން ފުރަތަމަ އުފެއްދިކަމަށް ބެލެވޭ "އެވޭލާ" އަކުރުގެ މޫތައް ގުޅިފައިވަނީ ބްރަހަމީ އަކުރާ ކަމަށް ވުމުން އިސްވެ ދެންނެވުނު ވާހަކަ ތަކަށް އިތުރު ބާރެއް ލިއްބައިދެއެވެ. އެހެނީ ތަނަކަށް ހިޖުރަކުރާ ބަޔަކު ފުރަތަމަ ބޭނުންކުރާނީ އެބައެއްގެ އަޞްލު ބަހެވެ. އޭގެފަހުން މާހައުލާ އެއްގޮތަށް ބަސްބަދަލުވެގެންދެއެވެ. ވީމާ އެވޭލާގައި ދިވެހިން ބުރަހަމީ އަކުރު ބޭނުންކުރާނީ ދިވެހިންނާއި ޑްރިވީޑިއަނުންނާއި ގުޅުމެއްވާތީކަން ކަށަވަރެވެ.
ދިވެހީންގެ ވާހަކަދެއްކުމުގަ އާއި ބަހުގެ ޤަވާޢިދުގައި ހިމެނޭ ވަރަށް ގިނަ ކަންކަން ޑްރެވީޑިޔަނުންގެ ބަހާއި އެއްގޮތެވެ. މިކަހަލަ އެއް އެއްގޮތްވުމަކީ ބައެއް ތަކެއްޗަށް ކިޔާ ނަންނަމެވެ. މިސާލަކަށް ކަނޑު، ތީމު، އޮޑި މިބަސްތަކަކީ ޑްރިވީޑިޔަން އާއިލާގެ ބަސްތައްކަމުގައިވާ މަލަޔާލަމް، ސިންގަޅަ، ތެލޫނގުފަދަ ބަސްބަހުން އައިސްފައިވާ ލަފުޒުތަކެކެވެ. މީގެއިތުރުން  ދޫވާ، ދީވާ، ދީވިޕިއާ ފަދަ ލަފުޒުތަކުން ދިވެހިންގެ ރަށްރަށުގެ ނަންތައް އުފެދިފައިއެބަހުއްޓެވެ. މިސާލަކަށް: 'ދޫ'- އިސްދޫ، ހިތަދޫ، މީދޫ ފާހަގަކޮށްލެވެއެވެ. މިހެންވުމުން މިރަށްރަށުގައި ފުރަތަމަ ވަޒަންވެރިވި ބަޔަކީ ޑްރެވީޑިޔަނުންކަން ޔަޤީންކުރެވެއެވެ. އެހެނީ އެބައެއްގެ ވަޒަނަށް ނަންދޭނީ އެތަނަށް އަންނަ ފުރަތަމަ ވަޒަން ވެރިންކަން ކަށަވަރެވެ. މީގެއިތުރުން ދިވެހި ބަހުގެ އޮނިގަނޑުގައިވެސް ޑްރިވީޑިއަން ބަހުގެ އަސަރު އެކުލެވިފައިވާތީ މިބުނުމަށް އިތުރު ބާރުވެރިކަމެއް ލިއްބައިދެއެވެ. ސަބަބަކީ ބަހެއްގެ އޮނިގަނޑުގައި އެކުލެވޭނީ އެބަހެއް އުފެދުނު ދުވަސްވަރުގެ ކަންކަންކަމެވެ. ނުވަތަ މަންމަބަހުގެ އަސަރުތައްކަމެވެ.
ބަޔާންކުރެވުނު ހެކިތަކަށް ބަލާއިރު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ ބަޔަކަށް ވާނީ ޑްރިވީޑިއަނުން ކަމާމެދަކު ޝައްކެއްނެތެވެ. އެހެނީ ރާއްޖެ އުފެދުނު ދުވަސްވަރާއި ދިވެހިންގެ ސިފަޔާއި ސައިންޓިފިކް ހެކިތަކުންނާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި އާޘާރީހެކިތަކާއި ދިވެހިން ވާހަކަދައްކާ ބަސް ހެކިދެނީ ދިވެހިންނާއި ޑްރިވީޑިއަނުންނާ ދެމެދުގައި ގާތްގުޅުންތަކެއްވާކަމަށެވެ. އަދި މިގުޅުންތަކަކީ އިއްޔެއަކު މިޔަދަކު ފެށުނު ގުޅުންތަކެއްނޫންކަންވެސް ޔަޤީނެވެ. ވީމާ ދިވެހިނަޞްލުގެ ފެށުންވަނީ ޑްރިވީޑިއަނުންނާއި ގުޅިފައިކަން ޔަޤީނެވެ.

No comments:

Post a Comment