ދިވެހިބަހުގައި ކަންއިތުރު ADVERB
ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ
ކަންއިތުރަކީ
ކަމަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ލަފުޒެއް ނުވަތަ
ލަފުޒުތަކެކެވެ. އެހެނީ ކަންއިތުރުގެ ގޮތުގައި ލަފުޒެއްގެ އިތުރުން ބަޔާންވެސް
އާދެއެވެ. މިހާތަނަށް ޝާއިޢު ކުރެވިފައިވާ ޤަވާއިދު ފޮތްތަކުގައިވެސް
ބަޔާންކޮށްފައި ހުންނާތީ ފެންނަނީ ކަމަކަށް އިތުރު ސިފައެއް، ނުވަތަ ބަޔާނެއް
ގެނެސްދޭ ކޮންމެ ބަހަކީ ނުވަތަ ބަސްތަކަކީ ކަންއިތުރުގެ ގޮތުގައެވެ. މިގޮތަށް
ކަންއިތުރު އައުމުގައި ކަމުގެ ކުރިއަށް އަދި ފަހަތަށްވެސް ކަންއިތުރު އާދެއެވެ.
ވީމާ ކަންއިތުރަކީ ހިނގި، ހިނގާ، ހިނގައިފި، ހިނގާނެ ނުވަތަ ހިނގައިފާނެ ކަމަކަށް
އިތުރު ސިފައެއް ގެނެސްދޭ ކޮންމެ ލަފުޒެއް ނުވަތަ ލަފުޒުތަކެއް ކަމަށް
ދެންނެވިދާނެއެވެ.
ކަންއިތުރު
އުފެދޭގޮތް:
ކަންއިތުރު
އުފެދޭ ހަތަރުގޮތެއް ފާހަގަކުރެވެއެވެ. ފުރަތަމަގޮތަކީ ސިފަބަޔާންކުރާ
ނަންއިތުރަށް ބަދަލެއް ގެނައުމެވެ. މިގެނެވޭ ބަދަލަކީ ސިފަބަޔާންކުރާ ނަންއިތުރުގެ
ފަހަތަށް "ކޮށް" ނުވަތަ "އަށް" މިއިން އަކުރެއް
އިތުރުކުރުމެވެ. މިސާލު 1 ގައި އެވަނީ މިގޮތަށް ސިފަބަޔާންކުރާ ނަންއިތުރެއް
ކަމަށްވާ "ރީތި" މިލަފުޒުގެ ފަހަތަށް "ކޮށް" މިއަކުރު
ގުޅާލައިގެން ކަންއިތުރެއް އުފައްދާފައެވެ. އަދި މިސާލު 2 ގައި އެވަނީ
ސިފަބަޔާންކުރާ ނަންއިތުރެއް ކަމަށްވާ "ރަގަޅު" މިލަފުޒުގެ ފަހަތަށް
"އަށް" ގުޅައިގެން ކަންއިތުރެއް އުފައްދާފައެވެ.
މިސާލު 1: ރީތިކޮށް ހުންނާށެވެ.
މިސާލު 2:
ރަގަޅަށް ކިޔަވާށެވެ.
ކަންއިތުރު
އުފެދޭކަމަށް ފާހަގަ ކުރެވޭ ދެވަނަގޮތަކީ ކަމަށް (ކަން) ބަދަލެއް ގެނައުމެވެ. މިއީ
ހަމަ ފުރަތަމަ ގޮތް ފަދައިން ގެނެވޭ ބަދަލެކެވެ. އެހެނީ މިގެނެވޭ ބަދަލަކީ ކަމުގެ
ފަހަތަށް "މުން"
، "ގެން"
އަދި "ފައި" މިއިން އަކުރެއް ގުޅުވާލުމެވެ. އެހެންވީމާ މިއިން އަކުރެއް
ގުޅާލައިގެން ކަންއިތުރެއް އުފައްދާނަމަ ނުވަތަ އުފެދޭނަމަ އަބަދުވެސް މިއަކުރުގެ
ކުރީގައި އޮންނާނީ ކަމެކެވެ. ވީމާ މިގޮތަށް ކަންއިތުރެއް އުފެއްދޭނީ ކަމަކުން
ކަންއިތުރެއް އުފެދޭ ޙާލަތްތަކުގައެވެ. ތިރީގައިވާ މިސާލު 3 ، 4 އަދި 5 ގައިއެވަނީ
މިގޮތަށް ގެނެވޭ ބަދަލު ދައްކުވައިދޭ މިސާލުތަކެކެވެ.
މިސާލު 3:
ބިސްނަގާ އަތަށްލައިގެން މުހަންމަދު
އަތުވެއްޖެއެވެ.
މިސާލު 4:
ދިޔަވަރު ބޮޑުވުމުން ދޯނި ފުންވެއްޖެއެވެ.
މިސާލު 5: ދޯނި
ދުއްވާފައި އަތުވެއްޖެއެވެ.
ކަންއިތުރު
އުފެދޭ ތިންވަނަ ގޮތަކީ، ތަންބަޔާންކުރާ ކަންއިތުރު އުފެދޭގޮތެވެ. ތަން ބަޔާންކުރާ
ކަންއިތުރު އުފެދޭ ދެގޮތެއް ފާހަގަ ކުރެވެއެވެ. އޭގެތެރެއިން ފުރަތަމަ ގޮތަކީ
ކަންހިނގި ތަން ނުވަތަ ތަނުގެ ނަމުގެ ގޮތުގައި އޮންނަ ނަމުގެ ފަހުއަކުރަށް
ބަދަލެއް ގެނައުމެވެ. އެގޮތުން ގެނެވޭ ބަދަލެއްކަމަށް ފާހަގަކުރެވެނީ ނަމުގެ
ފަހުއަކުރު "ން" އަކަށް ބަދަލުކުރުމެވެ. (ނޫނު ސުކުނަކަށް ބަދަލުކުރުން
ނުވަތަ ނޫނު ސުކުނެއް އިތުރުކުރުމެވެ). ތިރީގައި އެވާ މިސާލު 6 ގައި އެވަނީ
މިބަޔާންކުރި ކަހަލަ ކަންއިތުރެއް އުފެދިފައިވާގޮތް ދައްކުވައިދީފައެވެ.
މިސާލު 6: އަތުން ބޯޅަ ވެއްޓިއްޖެއެވެ. / މަސްބޭނީ ކަނޑުންނެވެ.
މިސާލު 6
ގައިވާ "އަތް" މިއީ ނަމެކެވެ. ނަމަވެސް އެނަން ކަންއިތުރަކަށް
ބަދަލުވެގެން ދިޔައިރު އެވަނީ "އަތް" މިލަފުޒުގެ ފަހަތަށް ނޫނު ސުކުނެއް
އިތުރުކޮށްފައެވެ. އެހެންކަމުން އެލަފުޒު (އަތް) އެވަނީ
"އަތުން" އަށް ބަދަލުވެފައެވެ. ހަމައެއާއެކު "އަތުން"
ވެގެންއެދަނީ ބޯޅަ ވެއްޓުނީ ކޮންތަނަކުންކަން ބަޔާންކުރާ ކަންއިތުރަކަށެވެ. އެއީ
ކަންހިނގި ތަން ބަޔާންކުރާ ކަން އިތުރަކަށް އަތް ވީތީއެވެ. ދެން އޮތް
ޖުމުލައިގައިވެސް ކަންހިނގާފައި އެވަނީ ހަމަ މިބަޔާންކުރި ޖުމުލައިގައިވެސް
ކަންހިނގާފައި ވާގޮތަށެވެ.
ތަން
ބަޔާންކުރާ ކަންއިތުރު އުފެދޭ ދެވަނަ ގޮތެއްކަމަށް ފާހަގަކުރެވެނީ ނަމުގެ ފަހަތަށް
"ގައި" މިއަކުރު އިތުރުކުރުމެވެ. މިސާލު 7 ގައި އެވަނީ މިބަޔާންކުރި
ކަހަލަ ކަންއިތުރެއް ދައްކުވައިދީފައެވެ.
މިސާލު 7::
ދެމިޔަކަނުގައި އުފެދިފައިވާ ފޮނުތައް
ފޮހެލަދީފިއެވެ.
މިސާލު 7
ގައިވާ "ދެމިޔަކަން" އަކީ ނަމެކެވެ. ނަމަވެސް އެނަން ތަން ބަޔާންކުރާ
ކަންއިތުރަކަށް ބަދަލުވެގެން ދިޔައިރު އެވަނީ އެނަމުގެ ފަހަތަށް "ގައި"
މިއަކުރު އިތުރު ކުރެވިފައެވެ. ވީމާ ތަން ބަޔާންކުރާ ކަންއިތުރު އުފެދުމުގައި
މަތީގައި ބާޔާންކުރި ގޮތަށް ނަމެއް ބޭނުންކުރާނަމަ އެނަމަކަށް "ން"
ނުވަތަ "ގައި" އިތުރުވެގެންދާކަން ހާމަވެއެވެ. އަދި އިތުރު މިސާލެއް
ފާހަގަކޮށްލާނަމެވެ.
މިސާލު 8:
ހައްވާފުޅު މޫނުގައި ދެއަތް އެޅިއެވެ.
މިސާލު 8
ގައިވެސް "މޫނު" މިލަފުޒަކީ ނަމެކެވެ. ނަމަވެސް ދެއަތް އެޅުން އެއީ
ކަމަކަށްވާއިރު، އެދެއަތް އެޅިތަން ބަޔާންކޮށްދެނީ "މޫނުގައި"
މިލަފުޒުންނެވެ. އަދި މޫނު މިނަން ކަންއިތުރަކަށް ބަދަލުކޮށްފައި އެވަނީ
"މޫނު" މިނަމުގެ ފަހަތަށް "ގައި" އިތުރުކޮށްގެންނެވެ. އެއީ
"މޫނުގައި" މިލަފުޒު އުފައްދައިގެންނެވެ. ވީމާ ތަން ބަޔާންކުރާ
ކަންއިތުރު އާންމުގޮތެއްގައި އުފެދިފައި ހުންނަނީ ނަމަށް ބަދަލު ގެނެސްގެންކަން
އެނގެއެވެ. އަދި އެގެންނަ ބަދަލަކީ ނަމުގެ ފަހަތަށް "ނޫނު ސުކުނެއް"
އިތުރުކުރުން ނޫނީ "ގައި" (މިއަކުރު) އިތުރުކުރުމެވެ.
ކަންއިތުރު
އުފެދިފައިވާ ހަތަރުވަނަ ގޮތެއްކަމަށް ފާހަގަކުރެވޭ ގޮތަކީ އެތައް ލަފުޒެއް ނުވަތަ
އިބާރާތެއް ކަންއިތުރުގެ ގޮތުގައި ކަންހިނގިގޮތް ބުނެދިނުމަށް ގެނެސްފައި
ހުރުމެވެ. މިސާލު 9 ގައި އެވަނީ މިބަޔާންކުރި ވައްތަރުގެ މިސާލެކެވެ.
މިސާލު 9:
ހައްވާފުޅު ހަނޑޫދޮލަނގު ހިފައިގެން ދުވަމުންކަހަލަ
ގޮތަކަށްގޮސް ގޭތެރެއަށް ވަދެއްޖެއެވެ.
މިޖުމްލައިގައި
ބޭނުންކުރެވިފައިވާ "ހަނޑޫދޮލަނގު ހިފައިގެން
ދުވަމުންކަހަލަ ގޮތަކަށްގޮސް" މިޢިބާރާތަކީ ކަންއިތުރެކެވެ. އެއީ
އެޢިބާރާތުން ކަންކުރިގޮތް ބުނެދޭތީއެވެ. މިގޮތަށް ކަމަކަށް އިތުރު ސިފައެއް
ގެނެސްދޭ ޢިބާރާތްތަކަކީ ކަންއިތުރުގެ އިބާރާތްތަކެވެ.
ކަންއިތުރު
އުފެދޭ ހަތަރުގޮތެއްވެއެވެ. އެއީ ކަންއިތުރުގެ ފަހަތަށް "އަށް" ނުވަތަ
"ކޮށް" އިތުރުމާއި، ކަމުގެ ފަހަތަށް "މުން" '
"ގެން" ނުވަތަ "ފައި" އިތުރުކުރުމާއި، ތަން ބަޔާންކުރާ
ކަންއިތުރުގައި ނަމުގެ ފަހަތަށް "ން" ނުވަތަ "ގައި"
އިތުރުކުރުމެވެ. އަދި އެންމެ ފަހުގޮތަކީ ކަންއިތުރުގެ ގޮތުގައި އެތައް ލަފުޒެއް
ނުވަތަ އިބާރާތެއް ގެނެސްގެން ކަންއިތުރު އުފެދުމެވެ. ކަންއިތުރު އުފެދޭ މިނޫން
ގޮތްތަކެއްވެސް ވެދާނެއެވެ.
ކަންއިތުރުގެ
ވައްތަރުތައް:
ކަމަށް އިތުރު
ސިފައެއްގެނެސްދޭ ލަފުޒުތައް ނުވަތަ ކަންއިތުރު ތިންބަޔަކަށް ބަހާލެވެއެވެ. އެ
ތިންބަޔަކީ:
1. ކަން ހިންގުމުގެ ވަޤުތު ބަޔާންކުރާ
ކަންއިތުރު
2. ކަން ހިނގި ނުވަތަ ހިނގާތަން ބަޔާންކުރާ
ކަންއިތުރު
3. ކަން ހިނގިގޮތް ބަޔާންކުރާ ކަންއިތުރު
މިއެވެ.
ކަންއިތުރުގެ
ވައްތަރުތަކުގެ ތެރެއިން ފުރަތަމަ ވައްތަރަކީ ކަންހިނގި، ހިނގާ ނުވަތަ ހިނގާނެ
ވަޤުތު ބަޔާންކުރާ ލަފުޒު ނުވަތަ ލަފުޒުތަކެވެ. މިސާލު 10 ގައި އެވަނީ
މިބަޔާންކުރި ކަހަލަ މިސާލެކެވެ.
މިސާލު 10:
ފިރާޤު މިރޭ އަންނާނެއެވެ.
މިސާލު 10ގައި
ފާހަގަ ކުރެވިފައިއެވާ "މިރޭ" އަކީ މިޖުމުލައިގައި ކަންއިތުރެކެވެ.
އެހެނީ އެލަފުޒަކީ ނަމެއްކަމުގައިވިޔަސް މިޖުމުލައިގައި އެލަފުޒު ބުނެދެނީ ފިރާޤު
އަންނާނެ ވަޤުތެވެ. ނުވަތަ ކަން ހިނގާނެ ވަޤުތެވެ. އެހެންކަމުން އެލަފުޒު ވެގެންދަނީ
ކަންއިތުރަކަށެވެ.
ކަންއިތުރުގެ
ވައްތަރުތަކުގެ ތެރެއިން ދެވަނަ ވައްތަރުކަމަށްވާ ކަން ހިނގި ނުވަތަ ހިނގާތަން
ބަޔާންކުރާ ކަންއިތުރަކީ އެކަމެއް ކުރި، ކުރާ އަދި ކުރާނެތަން ބަޔާންކުރާ ލަފުޒު
ނުވަތަ ލަފުޒުތަކެވެ. މިސާލު 11 ގައި އެވަނީ މިބަޔާންކުރި ވައްތަރުގެ މިސާލެކެވެ.
މިސާލަ 11:
އެންދެމީ އަތަފަރު ފަޅުންނެވެ.
މިސާލު 11
ގައިވާ ޖުމުލައިގައި އެންދެމީ ކޮންތަނަކުންކަން އެނގިގެންދަނީ
"އަތަފަރުފަޅު" މިލަފުޒުންނެވެ. ވީމާ "އަތަފަރުފަޅު"
މިލަފުޒަކީ ތަނަކަށް ކިޔާ ނަމަކަށްވީ ނަމަވެސް މިޖުމުލައިގައި އެނަން އެވަނީ
ކަންއިތުރެއްގެ ގޮތުގައި ގެނެވިފައެވެ. ހަމައެހެންމެ ނަމުގެ ފަހަތަށް
"ނޫނުސުކުން" ގެނައުމުން ތަނުގެ ނަން ކަންއިތުރަކަށް ބަދަލުވާކަން
ކުރިން ބަޔާންކުރި ތަންބަޔާންކުރާ ކަންއިތުރު އުފެދޭގޮތް ބުނެދެވުނު ބައިގައިވެސް
ބަޔާންކުރެވިފައި ވާނެއެވެ. ހަމަ އެގޮތަށް ތަން ބަޔާންކުރާ ކަންއިތުރުގެ ގޮތުގައި
ޢާންމުކޮށް އަންނަނީ ތަނުގެނަން ނުވަތަ ތަނުގެ ނަމުގެ ފަހަތަށް ނޫނު ސުކުން
އިތުރުކޮށްގެން އުފެދިފައިވާ ކަންއިތުރުކަން ފާހަގަކުރެވެއެވެ.
ކަންއިތުރުގެ
ތިންވަނަ ވައްތަރަކީ ކަން ހިނގިގޮތް ނުވަތަ ކަންކުރިގޮތް ބަޔާންކުރާ ކަންއިތުރެވެ.
މިބައި އަދި އިތުރު ދެބަޔަކަށް ބަހާލެވެއެވެ. އެއީ ކަންހިނގިއިރު ކަންކުރިފަރާތް
ހުރިގޮތާއި ކަންހިނގި މިންވަރު ބަޔާންކުރާ ކަންއިތުރެވެ. ނަމަވެސް ފުރަތަމަ
މިބަލާލަނީ ކަންހިނގިގޮތް ބަޔާންކުރާ ކަންއިތުރަށެވެ. އެގޮތުން މިސާލު 12 ގައި
އެވަނީ ކަންހިނގިގޮތް ބުނެދޭ ކަންއިތުރެއް އެކުލެވިގެންވާ ޖުމުލައެކެވެ.
މިސާލު 12:
އޭނާ ރީތިކޮށް ކިޔަވައިފިއެވެ.
/ މުހަންމަދު ފިލާވަޅު ރަގަޅަށް
ދަސްކޮށްފިއެވެ.
މިސާލު 12 ގައި
އެވަނީ ކަން ހިނގިގޮތް ބަޔާންކުރާ ކަންއިތުރެކެވެ. އެއީ "ރީތިކޮށް"
މިލަފުޒުން ކަންކުރިގޮތް އެނގޭތީއެވެ. އަދި ދެން އޮތް މިސާލުގައި
"ރަގަޅަށް" މިލަފުޒުން ކަންހިނގިގޮތް ބުނެދެއެވެ. އެހެންކަމުން ކަމުގެ
ކުރިއަށް ކަންކުރިގޮތް ނުވަތަ ކަންހިނގިގޮތް ބުނެދިނުމަށް ގެނެވޭ ލަފުޒަކީ ނުވަތަ
ލަފުޒުތަކަކީ ކަންހިނގިގޮތް ބަޔާންކޮށްދޭ ކަންއިތުރެވެ.
ކަންހިނގިއިރު
ކަންކުރި ފަރާތް ހުރިގޮތް ބުނެދޭ ކަންއިތުރުގެ މިސާލެއް މިސާލު 13 ގައި
އެވަނީއެވެ. މިއީ ކަންހިނގިއިރު ކަންކުރި ފަރާތް ހުރިގޮތް ނުވަތަ އޮތްގޮތް ބަޔާން
ކުރާ ކަންއިތުރެކެވެ.
މިސާލު 13:
އޭނާ އެނދުމަތީގައި ބަންޑުން އޮވެ
ރޯންފަށައިފިއެވެ.
މިސާލު 13
ގައިވާ "ބަންޑުން" މިލަފުޒުން ކަންކުރި ފަރާތް ކަންކުރިއިރު ހުރިގޮތް
ނުވަތަ އޮތްގޮތް ބަޔާންކޮށްދެއެވެ. އެހެންކަމުން މިހާލަތުގައި
"ބަންޑުން" މިލަފުޒު ވެގެންދަނީ ކަންކުރި ފަރާތް އޮތްގޮތް ބަޔާންކުރާ
ކަންއިތުރަކަށެވެ.
ކަންހިނގި
މިންވަރު ބަޔާންކުރާ ކަންއިތުރުގެ މިސާލެއް މިސާލު 14 ގައި އެވަނީއެވެ. މިއީ
ކަންހިނގި މިންވަރު ބަޔާންކުރާ ކަންއިތުރެވެ.
މިސާލު 14:
ކެއްކި ހުރިހާ އެއްޗެއް ކައި ހުސްކޮށްފިއެވެ.
މިސާލު 14
ގައިވާ "ހުރިހާ" މިލަފުޒުން ކަންހިނގި މިންވަރު ބުނެދެއެވެ. އެއީ ކެއްކި
ހުރިހާ އެއްޗެއްވެސް ހުސްވިކަމެވެ. ވީމާ މި މިސާލުގައިވާ "ހުރިހާ" މިލަފުޒަކީ
މިޖުމުލައިގައި ކަންހިނގި މިންވަރު ބަޔާންކޮށްދޭ ލަފުޒެއްކަން އެނގެއެވެ.
އެހެންކަމުން ކަންއިތުރުގެ ތެރޭގައި ތިން ބާވަތެއް ވާކަން އެނގެއެވެ. އެއީ
ކަންހިނގި ތަން ބަޔާންކުރާ ކަންއިތުރާއި ކަންހިނގި ވަޤުތު ބަޔާންކުރާ ކަންއިތުރާއި
އަދި ކަންހިނގިގޮތް ބަޔާންކުރާ ކަންއިތުރެވެ.
ދަރަޖަ
ބަޔާންކުރާ ކަންއިތުރު:
ދިވެހިބަހުގައި ދަރަޖަ ބަޔާންކުރާ ކަންއިތުރު ހުރެއެވެ. އަދި މިދަރަޖަ ބަޔާންކުރާ
ކަންއިތުރު ތިން ބަޔަކަށް ބަހާލެވެއެވެ. އެއީ ފުރަތަމަ ދަރަޖަ، މަތީ ދަރަޖަ އަދި
އެންމެ މަތީ ދަރަޖައެވެ. މިގޮތަށް ދަރަޖަ ކުރުމުގައި ބެލެނީ ކަންކުރި މިންވަރުގެ
މައްޗަށެވެ. އެގޮތުން އެ މިންވަރު ވެގެންދަނީ ކަންއިތުރަކަށެވެ. އެހެންކަމުން ދެން
މިބަލައިލަނީ ފުރަތަމަ ދަރަޖައިގެ ކަންއިތުރަކަށެވެ.
މިސާލު 15:
ނާޝިދު ދުވީ ބާރަށެވެ.
މިސާލު 15
ގައިވާ ޖުމްލައިގައި "ބާރަށް" މިލަފުޒު ވެގެންދަނީ ކަންއިތުރަކަށެވެ.
އެއީ ކަންކުރި މިންވަރު ނުވަތަ ގޮތް ބުނެދޭތީއެވެ. މިއީ ކަންއިތުރުގެ ފުރަތަމަ
ދަރަޖައެވެ. މިއާވިދިގެން ކަންއިތުރުގެ ދެވަނަ ދަރަޖައެއްވެސް އުފެއްދިދާނެއެވެ.
އެކަހަލަ މިސާލެއް މިސާލު 16 ގައި އެވަނީއެވެ.
މިސާލު 16:
ފާތުން ދުވީ ނާޝިދަށްވުރެ ބާރަށެވެ.
މި މިސާލުގައި
(މިސާލު 16 ގައި) އެވަނީ އަޅާކިއިފައެވެ. އަޅައި ކިޔުމުގައި ބޭނުންކޮށްފައިވާ
"ވުރެ ބާރަށް" ވެގެންދަނީ ކަންއިތުރަކަށެވެ. އެއީ މިތަނުގައިވެސް އެވަނީ
އެކަންކުރިގޮތް ނުވަތަ މިންވަރު ބުނެދީފައިކަމަށް ވުމުންނެވެ. ނަމަވެސް ދެވަނަ
ދަރަޖައިގައެވެ. އެހެންކަމުން މިއީ ދެވަނަ ދަރަޖައިގެ ކަންއިތުރެކެވެ.
މަތީ ދަރަޖަ
ނުވަތަ ތިންވަނަ ދަރަޖައިގެ ކަންއިތުރުވެސް އުފެދިފައި ހުންނަނީ ކުރިން ބަޔާންކުރި
ދެ ދަރަޖައިގެ ކަންއިތުރުވެސް އުފެދިފައި ހުންނަގޮތަށެވެ. ތަފާތަކީ މިއީ
މަތީދަރަޖަކަމަށް ވުމުން މިއަށްވުރެން މައްޗަށް އަޅާކިއިފައި ނުހުންނާނެކަމެވެ.
މިކަހަލަ މިސާލެއް މިސާލު 17 ގައި އެވަނީ ގެނެސްދީފައެވެ.
މިސާލު 17: އެންމެ ބާރަށް
ދުވީ މަރިޔަމް އަލި ދީދީއެވެ. މިޖުމްލައިގައިވާ "އެންމެ ބާރަށް" މި ދެ
ލަފުޒަކީވެސް ކަންއިތުރެވެ. ސަބަބަކީ މިދެލަފުޒުން ފެތި މިންވަރު (އެންމެ މަތީ
ދަރަޖަ) ބަޔާންކޮށްދޭތީއެވެ. އެހެންކަމުން ޖުމްލަތަކުގައި ކަންކުރިގޮތް
ބުނެދިނުމުގައި މިންކުރެވިފައިވާނަމަ އެވެގެންދަނީ ކަންއިތުރުގެ ދަރަޖަ
ތަކަކަށެވެ. ވީމާ މިއީވެސް ކަންއިތުރު އުފެދޭ ގޮތެއްކަން ހާމަވެއެވެ.
ކަންއިތުރު
ޖުމުލައިގެ މާނައަށް ނުފޫޒު ފޯރުވާބާ؟
ކަންއިތުރުގައި ވަރަށް ގިނަ ވައްތަރުތަކެއްވެއެވެ. އޭގެ ތެރޭގައި ކަމުގެ
ކުރިއަށް ގެނެވޭ ކަންއިތުރާއި ކަމުގެ ފަހަތަށް ގެނެވޭ ކަންއިތުރާއި އެތައް
ކަންއިތުރެއް އެއް ޖުމްލައެއްގައި ހިމެނޭ ކަންއިތުރާއި ޖުމްލައިގެ މައިގަނޑު
ޢިބާރާތް ކަންއިތުރަށްވާ ޖުމްލަތަކާއި ކަންކުރި ވަގުތު ކަންކުރި ފަރާތް ހުރިގޮތް
ނުވަތަ އޮތްގޮތް އަންގައިދޭ ކަންއިތުރާއި ކަންހިނގި މިންވަރު އަންގައިދޭ
ކަންއިތުރާއި ކަންހިނގުމުގެ ވަޤުތު ބަޔާންކުރާ ކަންއިތުރުހިމެނެއެވެ. އަދި މީގެ
އިތުރުން ކަންހިނގާތަން ބަޔާންކުރާ ކަންއިތުރުވެސް ހުރެއެވެ. ހަމައެހެންމެ
ކަންއިތުރުގައި ދަރަޖަ ތަކެއްވާކަންވެސް މަތީގައި ބަޔާންވެދިޔަ ވާހަކަތަކުން
އެނގެއެވެ. ފާހަގަ ކޮށްލެވޭ އަނެއްކަމަކީ ކަންއިތުރުން އިތުރުކަމެއް ނުވަތަ
ބަޔާނެއް ގެނެސްދެނީ ކަމަށް އެކަނި ނޫންކަމެވެ. އެހެނެއްކަމަކު ކަންއިތުރުގެ
ސަބަބުން މުޅި ޖުމްލައަށްވެސް ބަދަލު ގެނުވައެވެ. ތިރީގައިވާ މިސާލު 18 އަށް
ބައްލަވާލައްވާށެވެ.
މިސާލު 18: ޙައްވާފުޅު ބަލިވީ
އޭގެ ދެމަސްދުވަސް
ފަހުންނެވެ.
އޭގެ ދެމަސްދުވަސް ފަހުން ބަލިވީ
ޙައްވާފުޅެވެ.
ބަލިވީ އޭގެ ދެމަސްދުވަސް
ފަހުން ހައްވާފުޅެވެ.
މަތީގައިވާ
މިސާލު 18 ގައިވާ ތިން މިސާލަށް ބަލާލުމުންވެސް ތިން މިސާލުންވެސް ލިއްބައިދެނީ
ތަފާތު ތިން މާނައެކެވެ. ނަމަވެސް ވަރަށް އެއްގޮތް ތިން މާނައެކެވެ. އެހެންކަމުން
އެހެން މިސާލަކަށް ބަލާލަމާތޯއެވެ.
މިސާލު 19: ގިނައިން ވާހަކަދެއްކިނަމަ މުދައްރިސް މާރކުސް
ދިނީހެވެ.
ވާހަކަދެއްކިނަމަ މުދައްރިސް ގިނައިން މާރކުސް ދިނީހެވެ.
މިސާލު 18 އާ
ޚިލާފަށް މިސާލު 19 އިން އެނގިގެންދަނީ ނަންއިތުރުގެ މަޤާމު ބަދަލުކޮށްލުމުން
މާނައަށް ބަދަލު އަންނަކަމެވެ. އެހެންކަމުން މިމިސާލުގައި ކުރިން ބުނި އެއްޗަކާ
މިހާރު ބުނެވޭ އެއްޗެއްގެ މާނައިގައި ވަރަށް ބޮޑު ތަފާތެއް ވެއެވެ. އެއީ ކުރިން
ބުނެފައިވަނީ ގިނައިން ވާހަކަދެއްކިނަމަ މާރކުސް ދޭނެކަމަށެވެ. ނަމަވެސް
ކަންއިތުރުގެ މަޤާމް ބަދަލުކޮށްލުމުން ބުނެވޭ އެއްޗަކީ ވާހަކަދެއްކިނަމަ ގިނައިން
މާރކުސްދޭނެ ވާހަކައެވެ. މިހެންކަމުން އެނގިގެންދަނީ ޖުމްލައިން ނެރެވޭ މާނައަށް
ކަންއިތުރު ވަރަށް ބޮޑަށް ނުފޫޒުފޯރުވާ ކަމެވެ.
ވަރަށް ގިނަ
ވައްތަރުގެ ކަންއިތުރު ހުރެއެވެ. އޭގެތެރޭގައި
ކަމުގެ ކުރިއަށް ގެނެވޭ ކަންއިތުރާއި ކަމުގެ ފަތަށް ގެނެވޭ ކަންއިތުރާއި އެތައް
ކަންއިތުރެއް އެއް ޖުމްލައެއްގައި ހިމެނޭ ކަންއިތުރާއި ޖުމްލައިގެ މައިގަނޑު
ޢިބާރާތް ކަންއިތުރަށްވާ ޖުމްލަތަކާއި ކަންކުރި ވަޤުތު ކަންކުރިފަރާތް ހުރިގޮތް
އަންގައިދޭ ކަންއިތުރާއި ކަންހިނގި މިންވަރު އަންގައިދޭ ކަންއިތުރާއި ކަންހިނގުމުގެ
ވަޤުތު ބަޔާންކުރާ ކަންއިތުރު ހިމެނެއެވެ. އަދި ކަންހިނގާތަން ބަޔާންކުރާ
ކަންއިތުރުވެސްހުރެއެވެ. ހަމައެހެންމެ ކަންއިތުރުގައި ދަރަޖަ ތަކެއްވެސް ވެއެވެ.
ކަންއިތުރުގެ މައިގަނޑަކީ ޖުމްލައިގައި ހައިރާކީގޮތުން އެންމެ ބާރުގަދަ
އެއްބައިކަމަށްވެސް ބައެއް ޖުމްލަތަކުގައި ވެފައިހުރެއެވެ. ކަންއިތުރު
އުފެދުމުގައި ސިފަބަޔާންކުރާ ކަންއިތުރުގެ ކުރިއަށް "ކޮށް" އަދި
"އަށް" އިތުރުކޮށްގެންނާއި ކަމުގެ ފަހަތަށް "މުން"، "ގެން"، "ފައި" ގުޅައިގެން
ކަންއިތުރު އުފެދިފައިހުރެއެވެ. ތަންބަޔާންކުރާ ނަމުގެ ފަހަތަށް "އިން"
އަދި "ގައި" އިތުރުކޮށްގެންވެސް ކަންއިތުރު އުފެދެއެވެ. އަދިހަމަ
ކަންއިތުރުގެ ސަބަބުން ޖުމްލައިގެ މާނައަށް ބަދަލުތަކެއް ގެނުވައެވެ.
ނޯޓް:
މިދިރާސާއަށްޓަކައި ދިވެހިބަހުގެ ޤަވާޢިދު ފޮތްތަކުން ގިނަ މަޢުލޫމާތުތަކެއް
ނެގިފައިވާނެއެވެ. އެހެނީ މިލިޔުމުގައި މަސައްކަތްކޮށްފައިވާނީ ޤަވާޢިދު
ފޮތްތަކުގައި ހުރި މަޢުލޫމާތާއި އަދި އިތުރު މަޢުލޫމާތު ހިމަނައިގެން
ކަންއިތުރާބެހޭ ވީހާ ގިނަ މަޢުލޫމާތު އެއްލިޔުމަކުން ފަސޭހަކަމާއެކު ފެންނާނެ
މަގެއް ފަހިކުރުމަށެވެ.
No comments:
Post a Comment