Allauddin Khiljiއަލާއުއްދީން ޚިލްޖީ
އަލާއުއްދީން ޚިލްޖީއަކީ ޝަހާބުއްދީން ޚަލްޖީގެ ދަރިއެވެ.
އަދި ޖަލާލުއްދީން ޚިލްޖީއަށް ބޮޑުބޭބެކިޔާ ދަނބިދަރިއެއްވެސްމެއެވެ. ޖަލާލުއްދީން
ޚިލްޖީއަކީ ދެކުނު އޭޝިޔާގައި ރަސްކަންކުރި ޚިލްޖީ ދަރިކޮޅުގެ ބާނީއެވެ.
ޖަލާލުއްދީންގެ ރަސްކަމުގައި އަލާއުއްދީން އާމިރް އައި ތުކްޒު ނުވަތަ އަރީޒް އައި
މުބާރިކް ކަމުގައި ހަމަޖެއްސެވިއެވެ. އެއީ ރަސްކަމުގެ އެންމެ އިސް ޖެނެރަލުގެ
މަޤާމެވެ. އޭގެކުރިން ހުންނެވީ ކެރެލާގެ ގަވަރުނަރުކަމުގައެވެ. މިދުވަސްވަރު
ޖަލާލުއްދީން ދިޔައީ އޭނާގެ ރަސްކަމުގެ ސަރަހައްދު ފުޅާކުރަމުންނެވެ. ހަމަ މިދުވަސްވަރު
އަލާއުއްދީން ދިޔައީ ރަސްކަލަކަށްވުމުގެ ހުވަފެންތައް ދެކެމުންނެވެ.
މީލާދީން 1292ގައި ޖަލާލުއްދީނުގެ
މަދަދާއެކު އަލާއުއްދީން މަލްވާއަށް ހަމަލާދީ ބިލްސާ ޓައުން ހިފިއެވެ. ނަމަވެސް
އެއަށްފަހު ޖަލާލުއްދީނަށް އެންގުމަކާނުލައި އަލާއުއްދީން ދެކުނު އިންޑިޔާ އޭނާގެ
ބާރުގެދަށަށް ގެނައުމަށް މަސައްކަތްފެށިއެވެ. މިހަނގުރާމައިގައި އަލާއުއްދީން
ޑިއޯގިރި އާއި ޑެއްކަން އާއި ޑެވަގަރީއާއި އަދިވެސް އިތުރު ސަރަހައްދުތަކެއް
ހިފިއެވެ. އެހެންކަމުން އަލާއުއްދީގެ މަޤުބޫލުކަން ޝާހީޚާންދަނުގައި ދިޔައީ
އިތުރުވަމުންނެވެ. މިޚަބަރު ޖަލާލުއްދީނަށް ލިބުމުން އޭނާގެ ދަނބިދަރިއާ
ބައްދަލުކުރުމަށް ކެރެލާއަށް ދަތުރުކުރިއެވެ. ނަމަވެސް ޖަލާލުއްދީން
އަލާއުއްދީނާއި ބައްދަލުވި ވަޤުތު އަލާއުއްދީން ޖަލާލުއްދީނަށް ހަމަލާދީ
ޝަހީދުކޮށްލިއެވެ.
ޖަލާލުއްދީން
ޝަހީދުވުމާ ގުޅިގެން ޖަލާލުއްދީންގެ އަނބިކަމަބަލުން މަލިކާ ޖަހާން އޭނާގެ ކޮއްކޮ
ރުކްނުއްދީން ޚިލްޖީ ރަސްކަމަށް އިސްކުރިވިއެވެ. މިޚަބަރު ލިބުމުން 3 އޮކްޓޯބަރ
1296ގައި އަލާއުއްދީން ޖަލާލުއްދީގެ ބޯ ހިފައިގެން ކެރެލާއިން ޑެލްހީއަށް އައެވެ.
އަދި އަމިއްލައަށް ޑިލްހީގެ ރަސްކަމަށް އިސްވިއެވެ. އެއަށްފަހު ޖަލާލުއްދީންގެ
ދޮށީދަރިކަލުން އަރްކަލީ ޚާނާއި ރުކުއްދީން ވަރަށް ނިކަމެތިގޮތެއްގައި ޑެލްހީން
ބޭރުކޮށްލެއްވިއެވެ. އަދި މަލިކާ ޖަހާން ޖަލަށްލިއެވެ. ސިޔާސީގޮތުން
ބާރުގަދަވުމަށްޓަކައި ޖަލާލުއްދީންގެ އާއިލާ ނައްތަވާލެއްވީ ކަމަށްވެސް ބައެއް
ލިޔުންތަކުގައި ވެއެވެ. ނަމަވެސް އަލާއުއްދީނާމެދު އިހުގައި ލިޔެވިފައިވާ
ލިޔުންތަކުގައާއި ދެކެވޭ ވާހަކަތަކުގައި ވަނީ އަލާއުއްދީނަކީ ބާރުގަދަ ހުޝިޔާރު
ހިތްވަރުގަދަ ކެރޭ ރަސްކަލެއްކަމަށެވެ. އަދި އޭނާއަކީ މުސްލިމުންގެ ދިފާޢުގައި ގިނަ
މަސައްކަތްތަކެއް ކުރެއްވި ޖެނެރަލެއްގެ އިތުރުން މޮޅު ހިނގުންތެރިއެއް
ކަމުގައެވެ.
އަލާއުއްދީން
ރަސްކަމަށް އިސްވުމަށްފަހު ގިނަ ހަނގުރާމަތަކެއް ކުރެއްވިއެވެ. އެގޮތުން މީލާދީން
1297ގައި ގުޖުރާތަށް ހަމަލާދިނެވެ. އަދި މީލާދީން 1301ގައި ރަމްތަމްބޯރަށް
ހަމަލާދީ ރާޖްޕުޓް ހާމިރް ޑޭވާ މަރާލިއެވެ. އެއަށްފަހު މީލާދީން 1303ގައި ޗިއްޓޯ
ހިފައި ރާނާ ރައްޓާ ސިންގ މަރާލައި އޭނާގެ ރާނީ ޕަޑްމިނީ އަލާއުއްދީނުގެ
ގަނޑުވަރަށް ގެނައި ކަމަށްވެއެވެ. މިރާނީއަކީ އަލާއުއްދީނު ވާހަކައިގައި އޭނާގެ
ލޯބިވެރިޔާކަމަށް ގެނެވިފައިވާ މައްޝޫރު ކަމަނާފާނުވެސްމެއެވެ. އޭގެފަހުން 1305
މީލާދުގައި މަލްވާރާއި އުއްޖަނާއި މަންޑާއި ޑާރާއި ޗެންޑާރި ހިފިއެވެ. ނަމަވެސް
ގުޖުރާތަށްދިން ހަމަލާގައި ނާކާމިޔާބުވެ ގުޖުރާތު މިނިވަންކޮށް އޮތެވެ.
މީލާދީން
1308ގައި ސިލްވާނާ ރާޖަސްތާންގެ ފޯޓް ހިފުމަށް ލަޝްކަރެއް ފޮނުވިއެވެ. އަދި 1311މ.
ގައި ޖާލޯއަށްވެސް ލަޝްކަރެއް ފޮނުވިއެވެ. މިހާހިސާބަށް ދިޔައިރު އުތުރު
އިންޑިޔާވަނީ އަލާއުއްދީންގެ ބާރުގެ ދަށަށް ގޮސްފައެވެ. އޭގެ ކުރިން 1294މ. ގައި
ކުރެވުނު ހަނގުރާމައިގައި ދެކުނުގައިވާ ޑޭވާގިރި ވަނީ އަލާއުއްދީނުގެ ބާރުގެދަށަށް
އައިސްފައެވެ. މިސަރަހައްދުން ވަރަށް ރަގަޅު ޢާމްދަނީއެއް އަލާއުއްދީނަށް ލިބެމުން
ދިޔައެވެ. އުތުރުގެ ހަނގުރާމައަށްފަހު ދެކުނަށް ވަރުގަދަ ލަޝްކަރެއް އަލާއުއްދީން
ފޮނުވިއެވެ. މިފަހަރު ލަޝްކަރުތަކުން ޕަންޑަޔަމް ކިންޑަމް ފަތަހަކުރިއެވެ.
އަލާއުއްދީނަކީ
ހިތްވަރުގަދަ ޖެނެރަލެއްގެ އިތުރުން އެލެގްޒެންޑާ ފަދައިން މުޅި ދުނިޔެ އޭނާގެ
ބާރުގެ ދަށަށް ގެނައުމަށް މަސައްކަތްކުރި ބޭކަލެކެވެ. އެކަމަކުވެސް ދިމާވަމުން
ދިޔަ ދަތި އުދަގޫތަކުގެ ސަބަބުން އޭނާގެ ލަނޑުދަޑި ޚާޞިލެއް ނުކުރެވުނެވެ. އެހެން
ނަމަވެސް އޭނާ ވަނީ އޭނާގެ ހުޝިޔާރުކަމާއި ކުޅަދާނަކަން އެކިއެކި މަރުހަލާތަކުގައި
ދުނިޔެއަށް ޘާބިތުކޮށްދީފައެވެ. އެގޮތުން އޭނާވަނީ ވަރުގަދަ ބިޔަ ލަޝްކަރަކާއި
ހަތިޔާރާއި ސަވާރީ އޭނާގެ ބާރުގެ ދަށުގައި ރުކުރުވާލާފައެވެ. ހަމައެހެންމެ އޭނާގެ
ޒަމާނުގައި އޭނާވަނީ ލަޝްކަރީންނަށް ބޮޑު މުސާރައެއްދިން ވެރިޔާގެ ފަޚުރު
ލިބިގަނެފައެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ރަސްކަމުގައި ސަތޭކަ ހާސް
ހަނގުރާމަވެރިން ހިމެނޭ މޮންގޯލުންގެ ވަރުގަދަ ލަޝްކަރެއް ދިއްލީއަށް
ހަމަލާދިނުމުން އެލަސްކަރާ ކުރިމަތިލައްވާ އޭނާގެ ރަސްކަން ދިފާޢުކުރެއްވިއެވެ.
މޮންގޯލުންގެ
ހަމަލާތައް އެތައް ފަހަރެއްގެ މަތިން ކުރިމަތިވެގެން ދިޔައިރުވެސް އޭނާގެ ލަޝްކަރު
ދެގޮތެއްނުވެ ޤައުމު ދިފާޢުކުރުމުގައި ދެމިތިބުމުނެ އެންމެ ބޮޑު ސިއްރަކީ
ލަސްކަރީންނަށް ދެމުންގެންދިޔަ ބޮޑު މުސާރައާއި އިނާޔަތްތަކެވެ. މިކަމާއެކުވެސް
ދިފާއުގައި ހަދާފައިވާ ބުރުޒުތައް މަރާމާތުކޮށް އައު ބުރުޒުތައް ހައްދަވައި އޭނާގެ
ރަސްކަމުގެ ކިއްލާ އަމާންތަނަކަށް ހެއްދެވިއެވެ. މޮންގޯލުގެ ބާރުވެރިކަމުން
އިންޑިޔާ ސަލާމަތް ކުރުން ވެގެން ގޮސްފައިވަނީ އަލާއުއްދީނު އިންޑިޔާއަށް
ކޮށްދެއްވި އެންމެ މުހިންމު އެއްޚިދުމަތަށެވެ. ހަމައެހެންމެ އަލާއުއްދީން
ފާހަގަކުރެވިފައިވަނީ މޮންގޯލުގެ ބާރުތަކަށް ބަލިކޮށް ނުލެވުނު މަދު
ރަސްރަސްކަލުންގެ ތެރެއިން ރަސްކަލެއްގެ ގޮތުގައެވެ. މީގެއިތުރުން އަލާއުއްދީން
ފާހަގަ ކުރެވިފައި ވަނީ ދެކުނު އިނޑިޔާގެ އިތުރުން އިންޑިޔަން ސަބްކޮންޓިނެންޓް
ހިމެނޭގޮތުން ރަސްކަން ކުރެއްވި ފުރަތަމަ މުސްލިމު ރަސްގެފާނުގެ ގޮތުގައެވެ. އަދި
އެހެން އެއްވެސް މުސްލިމު ރަސްކަލަކަށް ދެކުނު އިންޑިޔާ ކޮންޓްރޯލް ކުރެވިފައިނުވާ
ވަރަށް ނުވަތަ ނުވާވަރުގެ ބޮޑުބައެއް އަލާއުއްދީން ކޮންޓްރޯލް ކުރެއްވިއެވެ.
އެހެންކަމުން އަލާއުއްދީން ފާހަގަ ކުރެވެމުންދަނީ މައުރިޔަން އެމްޕަރާރގެ
އަޝޯކާފަދައިން މުޅި އިންޑިޔާ ކޮންޓްރޯލް ކުރެއްވި ރަސްކަލެއްގެ ގޮތުގައެވެ.
ނަތީޖާއެއްގެ ގޮތުން އަލާއުއްދީންގެ ނަމުގެ ކުރިއަށް ސިކަންދަރު ސާނީ (މާނައަކީ
ދެވަނަ އެލެގްޒެންޑަރ) ކިޔައެވެ.
އަލާއުއްދީން
ރަސްކަން ކުރަމުން ގެންދިޔައީ ވަރަށް ހަރުދަނާ ސިޔާސަތުތަކަކާއި ހަރުދަނާ
އުސޫލުތަކެއްގެ މަތީގައެވެ. އެކަން އެހެން ނުކުރެވުނުނަމަ އަލާއުއްދީނަށް އެހާބޮޑު
ސަރަހައްދެއް ކޮންޓްރޯލް ކުރާކަށް ފަސޭހައެއް ނުވީހެވެ. އެގޮތުން ހުރިހާ
ސަރަހައްދެއްގައި ހިނގާ ކަންކަން އޭނާ ދިޔައީ ބަލަމުންނެވެ. އަދި ރައްޔިތުންގެ
މެދުގައި ވެރިކަމާ ދެކޮޅުވެރިކަމެއް އުފެދިގެން އަޔަނުދިނުމަށްޓަކައި ހަރުކަށި
ފިޔަވަޅުތަކެއްވެސް އެޅިފައިވިއެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުން އަބަދުވެސް
އުޅެމުން ދިޔަކަމަށްވަނީ އެމީހުންގެ އަމިއްލަ ކަންކަމުގައި މަޝްޣޫލުވެގެންނެވެ.
އަދި އެމީހުންނަށް ވެރިކަމާ ދެކޮޅަށް ތެދުވާނެ ވަޤުތެއް ނުލިބެއެވެ.
ޤައުމުގެ
އިޤްތިޞާދު ރަގަޅު ކުރުމަށާއި އެއްގޮތުގައި އިޤްދިޞާދު ހިފެހެއްޓުމަށްޓަކައި
އަލާއުއްދީން ޤައުމުގެ ބިމާބެހޭ އުޞޫލުތަކަށް ބަދަލު ގެންނެވިއެވެ. އެގޮތުން
ސްޓޭޓްތަކުގެ ބިންތަކުގެ ތެރެއިން ޚިދުމަތް ދިނުމަށް ޚާއްޞަކުރެވިފައިވާ
ބިންތަކަށް ދައްކަމުން އައި ކުއްޔާއި ބިމު އަގު ކަނޑުއްވާލިއެވެ. އެއަށްފަހު
ދަނޑުވެރި އުފެއްދުންތަކުން ނަގަމުން އައި ޓެކްސް މަތިކުރެއްވިއެވެ. އަދި
އަމިއްލަފުޅަށް ނިކަމެތި ފަޤީރުން އުޅޭ ސަރަހައްދުތަކަށާއި ނިކަމެތިންގެ އުފެދުންތައް
ބެއްލެވުމަށް ވަޑައިގެން އެމީހުންގެ ދަޢުރު އިޤްތިޞާދުގައި ބޮޑުކޮށް މެދުފަންތީގެ
މީހުންގެ ދައުރާ އެއްވަރު ކުރުމަށް މަސައްކަތް ކުރެއްވިއެވެ. ހަމައެއާއެކު ހަތަރު
ނުކުތާއެއްގެ މައްޗަށް އެކުލެވޭ ތަކެތީގެ އަގުތައް ކޮންޓްރޯލްކުރުމުގެ
އެޖެންޑާއެއް ތަޢާރަފު ކުރެއްވިއެވެ. އެއީ ޢާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު
ބޭނުންކުރާ ތަކެތި ހިމެނޭ އެޖެންޑާއެކެވެ. ބޭނުމަކަށްވީ ދަށްފަންތީގެ ދިރިއުޅުން
އުޅޭ ޢާންމުންނަށް ފަސޭހަގޮތެއް ހޯއްދަވައި ދެއްވުމެވެ. އެގޮތުން އެތަކެތީގެ
އަގުގެގޮތުގައި ކޮންޓްރޯލް ފިކްސްޑް އަގެއް ކަނޑައަޅުއްވައި އެތަކެތި ބާޒާރުން
ހުސްނުވެ ލިބޭތޯ ބައްލަވަމުން ގެންދެވިއެވެ. އަދި މިކަމަށް ޚާއްޞަ މެކޭނިޒަމެއް
އުފައްދަވައި އެވިޔަފާރީގައި މޮނޮޕޮލީއެއް ނުއުފެދޭނޭގޮތަށް ޢަމަލު ކުރެއްވިއެވެ.
މިއެކަށައެޅުއްވި އުސޫލާ ޚިލާފުވާ ވިޔަފާރިވެރިންނަށް އަދަބު ދެއްވިއެވެ.
އަލާއުއްދީން
އޭނާގެ
ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ކުރެއްވިއެވެ. އޭނާ އަވަހާރަވީ ދިގު
މުއްދަތެއްގައި ބަލިވެ،
އުޅުއްވުމަށްފަހު މީލާދީން 1316 ވަނަ އަހަރު ޖެނުއަރީ މަހު 5 ވަނަ ދުވަހުއެވެ.
އަލާއުއްދީނުގެ ޒަމާނުގައި ޑެލްހީ ވެފައިވީ މުސްލިމް ޘަޤާފަތުގެ ސެންޓަރަކަށެވެ.
އަދި މޮޅެތި ޅެންވެރިން އުފެދުނު ދުވަސްވަރަކަށެވެ. އެގޮތުން އާމިރް ޚުސްރާއު އާއި
އާމިރް ހަސަން ސިޖްޒީ ފަދަ ޅެންވެރިންގެ ޚިދުމަތުން ފުރިފައިވީ
މިދުވަސްވަރުގައެވެ.
އަލާއުއްދީންގެ ހަޔާތުގެ ފަހު ދުވަސްތަކުގައި ވެރިކަމުގެ ތެރޭގައި ޚާއްޞަކޮށް
ގަޑުވަރު ތެރޭގައި ބޮޑެތި މައްސަލަތައް ކުރިމަތިވިއެވެ. އަދި އަލާއުއްދީނަށް ފަހު
މިދަރިކޮޅުގެ ވެރިކަން ފޮރޮޅިގެން ދިޔައެވެ. އެހެންކަމުން ދެން ފެށުނީ ތުޣުލުޤް
ދަރިކޮޅުގެ ރަސްކަމެވެ.
ރުޖޫޢަވީ އަސްލުތައް:
http://en.wikipedia.org/wiki/Alauddin_Khilji#Biography
No comments:
Post a Comment