ކެރެލާގެ ތާރީޚް
ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ
މައޫރިއަން ރަސްކަމުގެ ޒަމާނުގައި ކެރެލާ
ރެކޯޑުކުރެވިފައިވާ
ކެރެލާގެ ތާރީޚަކަށް ފެންނަންއޮތީ މީލާދުގެ ކުރިން އިންޑިޔާގައި ރަސްކަންކުރި
މައްޝޫރު މައޫރިޔަން ދަރިކޮޅުގެ އަޝޯކާގެ ރަސްކަމުގައި (232–269) ލިޔެވިފައިވާ
ލިޔުމެކެވެ. އޭގައިވަނީ އަޝޯކާގެ ރަސްކަން އޮތް ސަރަހައްދުން (އަޝޯކާގެ ބާރުނުފޯރާ
ސަރަހައްދެއް) ދެކުނުގައި މިނިވަން ހަތަރު ރަސްކަމެއް ހިނގަމުންދިޔަ ކަމަށެވެ. މި
ރަސްކަންތަކަކީ ޗޭރާސް ރަސްކަމާއި ޕަންޑިޔަސް ރަސްކަމާއި ކެރެލާޕުތްރަސަންޑް
ރަސްކަމާއި ސަތިޔާޕުތްރާސް ރަސްކަމެވެ.
ކެރެލާޕުތްރާސް
ނުވަތަ ޗެރާސް ރަސްކަން ހިނގަމުންދިޔައީ އިންޑިޔާގެ މުޅި މަލާބާރު ނުވަތަ
ކޮޗިންނުން ފެށިގެން އުތުރު ޓްރެވެންކޯރއާ ދެމެދުގައިވާ ސަރަހައްދުގަ އެވެ.
މިހާރުނަމަ މިސަރަޙައްދަކީ މިހާރުގެ ކެރެލާ ސްޓޭޓެވެ. ޗެރާސްގެ ރަސްކަން އެ
ދުވަސްވަރު މިނިވަންކަމާއެކު ހިނގަމުންދިޔައީ އެ ރަސްކަމާއި މައޫރިއަން ރަސްކަމާއި
ދެމެދުގައި އޮތް ހަރުދަނާ ގުޅުންތަކާއި އެއްބަސްވުންތަކުގެ ސަބަބުންނެވެ. އެހެން
ނޫންނަމަ އެ ދުވަސްވަރު މުޅި އިންޑިޔާއަށް ބާރުފަތުރަމުން ދިޔަ އަޝޯކާ އޭނާގެ
ބާރުގެ ދަށަށް ޗެރާސް ރަސްގެފާނުގެ ސަރަޙައްދުތައް ގެންދިޔައީސްކަން ކަށަވަރެވެ.
ޗެރާސްއެކޭ
އެއްގޮތަށް ދެކުނު އިންޑިޔާގައި އޮތް އަނެތް ތިން ރަސްކަމުން އަޝޯކާއާއެކު
އެއްބަސްވުންތަކެއް އެއްބަސްވެ ރަހުމަތްތެރިކަން ޤާއިމްކޮށްފައިވެ އެވެ. އެގޮތަށް
އެކަން ނުކުރެވުނުނަމަ ބާރުގަދަ އަޝޯކާގެ ލަޝްކަރުގެ ފަރާތުން ނުރައްކާތަކެއް
ކުރިމަތިވީސްކަމަށް ބެލެވެ އެވެ. އެހެނީ އޭރު އަޝޯކާގެ ބާރުވަނީ އިންޑިޔާގެ ބޮޑު
ސަރަހައްދަކަށް ފޯރައި، އެސަރަހައްދުތައް އަޝޯކާގެ ބާރުގެދަށަށް ގެންދެވިފަ އެވެ.
ސަންގަމްގެ ރަސްކަން
މައޫރިއަން
ރަސްކަމުގެ ޒަމާނުގައި ޗެރާސް އޮތީ ބިރުވުވެރި ކަމެއްގެ ތެރޭގައެވެ. ނަމަވެސް އެ
ދެވަސްވަރު ޗެރާސްގައި ކަންކަން ހިނގަމުންދިޔަ ގޮތުގެ މާގިނަ މަޢުލޫމާތެއްވެސް
ފެންނާކަށް ނެތެވެ. އެކަމަކު ސަންގަމް ރަސްކަމުގެ ދުވަސްވަރު ޗެރާސްގައި އުފެދުނު
ޝަހުސިއްޔަތުތަކާއި މައްޝޫރު ވާހަތައް (ލެޖެންޑްސް އެންޑް މީތްސް) ވާރިދުވަމުން
އައިސްފައިވެ އެވެ.
ސަންގަމްގެ ޒަމާނަކީ
ލިޔުންތެރިކަމާއި ފަންނުވެރިކަން ކުރިއެރި ދުވަސްވަރެކެވެ. އެގޮތުން މީލާދުގެ
ފުރަތަމަ ޤަރުނުގެ ތެރޭގައި ޗެރާސްގައި ޢިލްމުވެރިކަމާއި ލިޔުންތެރިކަމަށް
ޚާއްޞަކުރެވިފައިވާ ތަންތަން ޤާއިމްކުރެވުނެވެ. މި ތަންތަން އުފެދުމުގެ ސަބަބުން
ޅެންވެރިކަމަށް ބޮޑު ކުރިއެރުމެއް ގެނުވި އެވެ. ނަމަވެސް މި މަސައްކަތްތައްވެސް
ފުރަތަމަ ސަންގަމްގައި މާގިނަ ދުވަސްތަކަކަށް ކުރެވޭނެ ގޮތެއްނުވި އެވެ. ސަބަބަކީ
ރަސްކަމަށް ބަދަލު ތަކެއް އައުމުގެ އިތުރުން އެހެނިހެން މައްސަލަތަކެއްވެސް
ކުރިމަތިވާން ފެށުމެވެ.
ދެވަނަ ސަންގަމްގައި
ތަމަޅަ ބަހުގެ ޤަވާޢިދު "ތޮލްކަޕިޔަމް" އެކުލަވާލެވި ލިޔެވުނެވެ. އަދި
ތިންވަނަ ސަންގަމްގައި ތަމަޅައިންގެ އެންމެ އިހުގެ ލިޔުންތައް ހިމެނޭ ތާރީޚީ ފޮތް
"އެތުތޮގައި" އެކުލަވާލެވުނެވެ. މި ފޮތުގެ ސަބަބުން އޭރު އެ މީހުންގެ
ސިޔާސަތާއި އިޤްތިޞާދާއި އިޖްތިމާޢީ ކަންކަން މި ޒަމާނަށް އައިއިރު ފެންނަން
އޮންނާނޭ މަގުފަހިވި އެވެ.
ޗެރާސްގެ ރަސްކަން
ސަންގަމް ރަސްކަމުގެ
ޒަމާނުގެ ލިޔުންތަކުން ޘާބިތުވާގޮތުގައި (މިހާރުގެ ކެރެލާގައި) އޭރު ތިން
ރަސްކަމެއް ޤާޢިމުވެފައި އޮތެވެ. އެއީ ކެރެލާގެ ދެކުނުގައި އޮތް އައިސް ރަސްކަމާއި
ކެރެލާގެ މެދުތެރޭގައި އޮތް ޗެރާސް ރަސްކަމާއި ކެރެލާގެ އުތުރު ސަރަހައްދުގައި
އޮތް އެޒްހިމަލަސް ރަސްކަމެވެ. އައިސް ރަސްކަން ފެށިގެންދިޔައީ ހެލިކޯންގެ
ދުވަސްވަރުގަ އެވެ. އަދި އެދުވަސްވަރު އެމީހުންގެ ބާރު ތިރުވަލާއިން ފެށިގެން
ދެކުނު ނަގަރްކޮއިލާ ހަމަޔަށް ފުޅާވެފައި އޮތެވެ. މި ރަސްކަމުގެ އެންމެ މުހިންމު
އަވަށްތަކަކީ އެންތިރަނާއި ތިތިޔަމާއި އަތިޔަމެވެ.
އެޒްހިމަލަސް
ރަސްކަމުގެ ސަރަހައްދު މިހާރުގެ ކަންނޫ (ކަންނަންނޫރު) އިން ފެށިގެން ކެރެލާގެ
އުތުރުގައިވާ ވައިނާޑް ޑިސްޓްރިކްޓާހަމަޔަށް ފެތުރިފައިވި އެވެ. ނަމަވެސް އޭރުގެ
އެންމެ ބާރުގަދަ އަދި ރަސްކަމުގެ ސަރަހައްދު އެންމެ ބޮޑު ބަޔަކަށްވެފައިވީ ޗެރާސް
ރަސްކަލުންނެވެ. މި ރަސްރަސްކަލުން ފާހަގަ ކުރެވެމުން ދިޔައީ އެ ޒަމާނުގައި ދެކުނު
ކެރެލާގައި އެންމެ ބާރުގަދަ ރަސްކަންކުރާ ދަރިކޮޅުކަމުގަ އެވެ.
ޗެރާސްގެ ފުރަތަމަ
ރަސްކަލަކީ ޕެރުމްޗޮއްޓު އުތިއަން ޗެރެލަޓަން ނުވަތަ "ބާރުގަދަ ޗޯލާ
ރަސްގެފާނު ކަރިކަލަން" އެވެ. މި ރަސްކަމުގައި ވެންނިންނާ ދެކޮޅަށް ކުރެވުނު
ހަނގުރާމައަށްފަހު، އެއީ ހެދުނު
ގޯހެއްކަމަށްދެކި އަމިއްލައަށް ދަންޖެހިގެން މި ރަސްގެފާނު އަވަހާރަވީ އެވެ. މި
ރަސްގެފާނުގެ ދަރިކަލުން އިމަޔަވަރަމްބަން ނެދަމް ޗެރެލަތަން އޭނާގެ ބައްޕަ
ކުރެއްވި ހަނގުރާމަ ކާމިޔާބުކުރެއްވި އެވެ. މި ރަސްގެފާނު 58 އަހަރުގެ
ދިގުރަސްކަމެއް ކުރެއްވި އެވެ. މި ދުވަސްވަރަކީ މި ދަރިކޮޅުގެ ރަސްކަމުގެ އެންމެ
ކުލަގަދަ ކާމިޔާބީގެ ދުވަސްވަރެވެ. މި ރަސްގެފާނާއި ދެކޮޅުވި މީހުންނާއި
ދުޝްމަނުންނާއި ދެކޮޅަށް ހަނގުރާމަކުރައްވައި ކާމިޔާބު ހޯއްދެވި އެވެ. މި
ވެރިކަމުގައި އާރޓާއި ލިޓްރެޗަރ އަދި ޅެންވެރިކަން ކުރިއަރާދިޔަ އެވެ.
އެވޭލާގެ ތޯތޯ
ވާހަކަތަކުންނާއި ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ޗެރާސްގެ އެންމެ މާބުގަދަ
އަދި މައްޝޫރު ރަސްކަލެއް ކަމުގައި ފާހަގަ ކުރެވިފައި ވަނީ ކަޑަލްޕިރަކޮށްޓި ވެލް
ކެލު ކުއްޓުވަން އެވެ. މި ރަސްގެފާނުގެ އަސްކަރިއްޔާގެ ބާރުގަދަކަމުގެ ވާހަކައަކީ
ވަރަށް ޢާންމު މައްޝޫރު ވާހަކައެކެވެ. އަދި އޭނާގެ އަނބިކަބަލުންނަށް ފައްޅިއެއް
އަޅުއްވައި ދެއްވި ވާހަކައަކީވެސް ވަރަށް މައްޝޫރު ވާހަކައެކެވެ. މި ފައްޅިއަކީ
ކުރުބާ ބަގާވަތިކަމަށް ބުނެވެ އެވެ.
ތަފާތު ދަރިކޮޅުތަކުގެ ރަސްރަސްކަން.
ސަންގަމް ރަސްކަމުގެ
ދުވަސްވަރަށްފަހު ދެން އައި ހަތަރު ގަރުނަކީވެސް ކެރެލާގެ ތާރީޚުގައި އައި ކަޅު
ދުވަސްތަކެއްކަމަށް ފާހަގަ ކުރެވިފައިވެ އެވެ. މި ދުވަސްވަރު ފާހަގަ
ކުރެވިފައިވަނީ "ކަލަބްހަރާ އިންޓެރެގނަން"ގެ ގޮތުގަ އެވެ. މީލާދުގެ
އަށްވަނަ ޤަރުނު ނިމުނުއިރު ދެކުރު އިންޑިޔާގެ ރަސްކަންކުރަމުން އައި
ސަރަހައްދުތަކުގެ ތެރެއިން ޕައްލަވައިންގެ ރަސްކަމާއި ޗަލުކްޔަނުންގެ ރަސްކަމާއި
ރަޝްޓުރަކުޓަރުންގެ ރަސްކަމާއި ޕަންޑަޔާއިންގެ ރަސްކަމުގެތެރޭގައި ވަނީ
ވެރިކަމާހެދި އަރައިރުންވުމާއި ވެރިކަމަށްޓަކައި ތަޅާފޮޅުން ޢާންމުވެފަ އެވެ.
ޝަންކަރަޗަރްޔާ – ބާރުގަދަ ދީނީ ފިކުރު.
މީލާދީން ހަވަނަ
ޤަރުނުގެ ތެރޭގައި ބުޑިޒަމް އުފެދުނު ރަށުން އެ ދީނުގެ އަޞްލު ގެއްލިގެންދާންފެށި
އެވެ. ނުވަތަ ބުޑިޒަމުގެ އަސަރުތައް ފަޑުވި އެވެ. އެ ހިސާބުން ހިންދުއިޒަމް
ކުރިއަރައި ފެތުރެންފެށި އެވެ.
މީލާދީން އަށްވަނަ ޤަރުނުގެތެރޭގައި
ކެރެލާގެ ކަންކޮޅުތަކުގައި ދީން އިސްލާޙްކުރުގެ އޮއިވަރެއް ފެތެންފެށި އެވެ. މި
މަސައްކަތުގެ އެންމެ އިސް މީހަކަށް ހުރީ އަދީ ޝަންކަރްޗަރްޔާ އެވެ. ހިންދުއިޒަމް
ދީނުގައި މީނާއަކީ ރޯމަނުންގެ ކެތޮލިކް މަޒުހަބުގައި އެސް.ޓީ ތޯމަސް އެންކުއިނަސް
ކަހަލަ އެ ފެންވަރުގެ މީހެކެވެ. އޭނާ އިންޑިޔާގެ ހުރިހާ ހިސާބަކަށް ދަތުރުކޮށް އެ
ތަންތަނުގައި ބުޑިޒަމް އުގަންނައިދޭގޮތް ބަލައި އެކަމާމެދު ވާހަކަދައްކައި
އާންމުންގެ ހިޔާލުހޯދައި، ބުޑިޒަމް
ދީނާމެދު ބަހުސްކުރުމަށް ހިތްވަރު ދެމުންދިޔަ އެވެ.
ޝަންކަރްޗަރްޔާ
އުފަންވީ ކޮޗިންއިން 25 ކިލޯމީޓަރ އުތުރުގައިވާ ކެލަޑީއަށެވެ. ޝަންކަރްޗަރްޔާއަކީ
ދީނާއި ދުނިޔެވީ ކަންކަމާމެދު ފިކުރުކޮށް ވާހަކަދެއްކި ނުވަތަ ކޮމިއުނިޒަމުގެ
ސިފަތަކަށް ލޯބިކުރި މީހެކެވެ. މީނާގެ މި ވަރުގަދަ އައު ފިކުރު އިންޑިޔާގެ ހަތަރު
ކަނަށް ފޯރުވި އެވެ. އެގޮތުން ކަރްނާޓަކާގެ ސްރިންގެރި އާއި ގުޖުރާތުގެ ދުވަރްކަ
އާއި އޮރިއްސާގެ ޕޫރިގެ އިތުރުން އުއްތަރް ޕްރަދޭޝްގެ ބެޑްރިނަތްގައި މި ފިކުރު
ޢާންމުވެ "ހިންދޫ މޮނާސްޓިކް" ޤާޢިމްވި އެވެ. ޝަންކަރްޗަރްޔާ އަވަހާރަވީ
އޭނާގެ ޢުމުރުން 32 އަހަރުގަ އެވެ.
ޗޭރާސް ރަސްކަމުގެ ދެވަނަ ދަރިކޮޅު.
އެކި
ސަރަހައްދުތަކުގައި ވަކިވަކި ރަސްރަސްކަން ޤާއިމްވެ، ބައިބައިވުމާއި
ފިތުނަވެރިކަން ޢާންމުވެފައިވީ ދުވަސްވަރަކީ ކެރެލާ ތާރީޚްގެ ކަޅު ދުވަސްތަކެކެވެ.
މި އަދިރިކަން ކެރެލާއިން ނައްތާލީ ޗޭރާސް ރަސްރަސްކަލުން ނެވެ. ޗެރާސް ދަރިކޮޅުގެ
ރަސްކަން މި ފަހަރު ޤާޢިމް ކުރެވުނީ މަހޮދިޔަޕުރް ނުވަތަ މިހާރުގެ ގޮތަށްނަމަ
ކޮދަންގަލޫރްގަ އެވެ.
މި ފަހަރުގެ ފުރަތަމަ
ރަސްކަލަކީ ކުލަސެޚަރާ އަލްވާރް (މީލާދީން 800-820) އެވެ. މި ދަރިކޮޅުން 12
ރަސްކަލުން ރަސްކަން ކުރެއްވިއެވެ. މި ރަސްރަސްކަލުން ފާހަގަ ކުރެވެނީ ދީނީ
ރަސްކަމެއް ކުރެއްވި ރަސްކަލުންތަކެއް ގޮތަށެވެ. އެހެންކަމުން މީލާދީން ހަތްވަނަ
ޤަރުނުން ފެށިގެން ދިހަވަނަ ޤަރުނާއި ހަމަޔަށް މި ދަރިކޮޅުން ރަސްކަން ކުރެއްވި
ރަސްރަސްކަލުންގެ ދަޢުރުގައި ދީނީ ކަންކަމަށާއި ޘަޤާފަތަށް ޚާއްޞަ ސަމާލުކަމެއް
ދެވިފައިވި އެވެ. މިހާރު ޓެމިލްނާޑޫން ފެންނަމުންދާ ޘާޤާފަތަކީ މި ދުވަސްވަރުގެ
އަސަރުތަކެވެ. މި ދުވަސްވަރު އާރޓްގެ މަސައްކަތް ވަރަށް ބޮޑަށް ފުޅާވެ، ރަސްކަމުގެ ދަރުބާރުގައި ޑްރާމާ ތަމްސީލުކުޅުން
ޢާންމުވެފައިވި އެވެ. އަދި ސާންސްކްރިތް ބަހުގެ އުފެއްދުންތައް އުފައްދާފައިވެ
އެވެ.
ރާޖާ ސެޚަރާ ވަރްމަން ރުލް (މީލާދީން 820-844)
ކުލަސެޚަރާ އަލްވާރް
ރަސްކަމުގެ ކާމިޔާބީއަށްފަހު ރަސްކަމަށް އިސްވީ ރާޖާ ސެޚަރާ ވަރްމަން ރުލް
(މީލާދީން 820-844) ރަސްގެފާނެވެ. މި ރަސްގެފާނުގެ ރަސްކަމުގައި މީލާދީން 825ގައި
ލިޔެފައިވާ "އެޕިގްރަފިކް" ރެކޯޑަކީ ޗޭރާ ރަސްރަސްކަލުންގެ ތާރީޚް
ލިޔެވުމުގެ ފެށުންކަމުގައި ބެލެވެ އެވެ. މި ރަސްގެފާނަށްފަހު ދެން އިސްވީ ސްތަނު
ރަވި ވަރްމަން (މީލާދީން 844-855) އެވެ. ސްތަނު ރަވި ވަރްމަންގެ ޒަމާނުގައި ޗޯލާ
ރަސްކަން ބާރުގަދަވަމުން އައެވެ. އެއީ އަދިތްޔާ (1) (މީލާދީން 870-906) ގައި ފައުޅުވުމާ
ހަމަޔަށްކަމަށް ބެލެވެ އެވެ.
ތިލައިސްތަނަމްގައި
ވާގޮތުން މި ރަސްގެފާނާއި އޭރު ކުރިއަރަމުން އައި ޗޯލާ ރަސްކަމާއި ދެމެދުގައި
ވަރަށް ހަރުދަނާ ރަހުމަތްތެރި ގުޅުންތަކެއް އުފެދިފައި އޮތެވެ. އަދި މި
ރަސްގެފާނުގެ ދުވަސްވަރު ކެރެލާއާއި ޗައިނާއާ ދެމެދުގައި ވަރަށް ރަގަޅަށް ވިޔަފާރި
ކުރެވެމުންދިޔަ އެވެ. މި ދުވަސްވަރު މުއްސަދި ޢަރަބި ވިޔަފާރިވެރިޔާ އަދި
ޢިލްމުވެރިޔާ ސުލައިމާން އިންޑިޔާއަށް ޒިޔާރަތްކުރި އެވެ. އެއީ މީލާދީން 851ގައި
އެވެ. މީނާއަކީ ނުޖޫމީ ޢިލްމަށް ވަރަށް ޝަޢުޤުވެރިވާ ބޭކަލެކެވެ. މިކަލޭގެފާނުގެ
ކާއިނާތާއި ބެހޭގޮތުން އެއްކުރެއްވި މަޢުލޫމާތު ހޯއްދެވުމުގެ މަސައްކަތަށް
ސަންކަރަނަރަޔަނާ އެހީތެރިވެދިނެވެ.
އެތައް
ޒަމާނެއްވަންދެން ޗޯލާއިންނާއި ޗޭރާއިންގެ ރަސްކަމާދެމެދުގައި އޮތް ގުޅުންތައް
ނިމުމަކަށް އައީ ރާޖާ ސެޚަރާ އަވަހާރަވުމުންނެވެ. އެއަށްފަހު ޕާންޑިޔަނުންނާއި
މަދޫރައިންވެސް އެމީހުންގެ އަމިއްލަ ފައިދާއަށް މަސައްކަތް ކުރަންފެށި އެވެ. އަދި
ވެރިކަމުގެ ތެރޭގައި ހަނގުރާމަތައް ކުރެވެން ފެށުނެވެ. އެހެންކަމުން ރަމާ ވަރްމާ
ކުލަސެހަރާ (މީލާދީން 1090- 1102)ގެ ރަސްކަމުގައި ރަސްކަންމުގެ ވެރިރަށް
މަހޮދިޔަޕުރުން ކުއިލޯނަށް ބަދަލުކުރި އެވެ. މި ރަސްގެފާނަކީ މި ދަރިކޮޅުން
ރަސްކަންކުރެއްވި އެންމެ ފަހު ރަސްކަލެވެ. މި ރަސްގެފާނުގެ ރަސްކަން ނިމިގެން
ދިޔައީ ޗޭރާއިން ފުރިހަމަ ބާރާއެކު ކުރަމުން އައި ރަސްކަން ވެނާޑް ދަރިކޮޅުގެ
އަތްމައްޗަށް ފުރޮޅިގެންނެވެ. އެހެނީ ރަމާ ވަރްމާ ކުލަސެހަރާ އަވަހާރަވުމަށްފަހު
ދެން ފެށެނީ ވެނާޑު ދަރިކޮޅުގެ ރަސްކަމެވެ.
ވެނާޑް ރަސްކަން
ކުލަސެހަރާއަށްފަހު
ރަސްކަމަށް އިސްވި ވެނާޑުންގެ ރަސްކަން ފެށެނީ މާބޮޑު ދަތި އުދަގޫތަކެއްނެތި
މިނިވަންކަމާއެކު އެވެ. ނަމަވެސް މި ދަރިކޮޅުގެ ރަސްކަމުގެ އެންމެ ކުލަގަދަ
ދުވަސްވަރަކީ އުދަޔާ މަރްތަންޑާ ވަރްމާ (މީލާދީން 1175-1195) އާއި ރަވީ ވަރްމާ
ކުލަސެޚެރާ (މީލާދީން 1299-1314)ގެ ރަސްކަމުގެ ދުވަސްތަކެވެ. އުދަޔާ މަރްތަންޑާ
ވަރްމާ ފާހަގަ ކުރެވިފައި ވަނީ މޮޅު އާރކިޓެކްޓެއްގެ ގޮތަށެވެ. ޚާއްޞަކޮށް
ފައްޅިތަށް ފަރުމާ ކުރުމުގަ އެވެ. މި ރަސްގެފާނުގެ ރަސްކަމުގައި މީލާދީން 1183ގައި
ލޯފޮތިތަކެއްގައި ލިޔެފައިވާ "ކޮއްލޫރ މަދަމް"ގެ ނަންދެވިފައިވާ
ލިޔުންތަކަކީ ފާހަގަކޮށްލެވޭ ޚިދުމަތެކެވެ.
ރަވީ ވަރްމާ
ކުލަސެޚެރާއަކީ މި ދަރިކޮޅުގެ އެންމެ މުހިންމު ރަސްގެފާނެވެ. މި ރަސްގެފާނަކީ
ވިސްނުން ތޫނު ކުޅަދާނަ ހަނގުރާމަވެރިއެކެވެ. މި ރަސްގެފާނަށް ޙައްލުކުރަން ދަތި
އުދަގޫތައް ކުރިމަތިވެފައިވީ ޕަންޑިޔަމް ރަސްކަމަށް ސުލްޙަވެރިކަން ގެނަ އެވެ.
ޙައްލުކުރަން އުދަގޫވި މި މައްސަލަތަކަކީ ދިއްލީގެ ރަސްގެފާނު އަލާއުއްދީން ހިލްޖީ
(1295-1315) ފޮނުވި މާލިކް ކާފޫރ ކިޔުނު މީހަކު ދިން ގެއްލުންތަކެކެވެ. މި
ރަސްކަމުގައި ޢިލްމާއި އާރޓް ކުރިއަރާދިޔަ އެވެ. މީގެއިތުރުން މި ރަސްކަމުގައި
މިޔުޒިކާއި ޅެންވެރިކަން ކުރިއެރި އެވެ. ސަބަބަކީ ރަސްގެފާނަކީވެސް އެކަން
ކުރައްވާ ބޭފުޅަކަށްވުމެވެ. އަދި ވިޔަފާރި ކުރިއަރައި ކުއިލޯންއަކީ ވިޔަފާރީގެ
މައްޝޫރު ޝަހަރަކަށްވި އެވެ.
ރަވީ ވަރްމާ
ކުލަސެޚެރާ އަވަހާރަވުމަށްފަހު މި ދަރިކޮޅުގެ ރަސްކަމުގައި މާ މުހިންމު
ފާހަގަކޮށްލެވޭ ކަހަލަ ކަންތައްތަކެއް ނުހިގަ އެވެ. ނަމަވެސް 18 ވަނަ ޤަރުނާއި
ހަމަޔަށް މި ރަސްކަން ދެމިއޮތެވެ. އެއީ 18 ވަނަ ޤަރުނުގައި ރަސްކަން ނެތިދަންނެވެ.
ކަލިކަޓްގެ ރަސްކަން ފެށުން
މެދުޒަމާނަށް
ފެށުނުއިރު ކަލިކަޓް ވެފައިވަނީ ކުލަސެޚެރާ ރަސްކަމުގެ ސަރަހައްދުތަކުގެ ތެރެއިން
ފާހަގަކޮށްލެވޭ އެންމެ މުހިންމު ސަހަރަށްވެފަ އެވެ. މިއީ ކެރެލާގެ އުތުރުގައި އޮތް
ސަހަރެކެވެ. މިދުވަސްވަރު ކަލިކަޓު ކޮންޓްރޯލް ކުރަމުންދިޔައީ ޒަމޮރިން އެވެ.
ޒަމޮރިން ފާހަގަ ކުރެވިފައި ވަނީ ކަނޑުމަތީގެ ރަސްގެފާނުގެގޮތުގަ އެވެ. މީނާގެ
ބާރުދަށަށް ކަލިކަޓް ގޮއްސައިވަނީ ކެރެލާގައި ރަސްކަންކުރި މުސްކުޅި ޕެރުމަލް
ދަރިކޮޅުގެ ރަސްކަމުގެ ޒަމާނުގަ އެވެ. ޒަމޮރިންގެ ބާރުގެ ދަށުގައި ކަލިކަޓް ތަރައްޤީ
ކުރެވިފައި ވަނީ ކަނޑުމަގުން ކުރެވޭ ވިޔަފާރިއަށް އަމާޒުކޮށްގެން ނެވެ.
އެހެންކަމުން ކަލިކަޓަކީ އޭރު އިންޑިޔާގައި އޮތް އެންމެ މުހިންމު ވިޔަފާރި
ބަދަރަށްވި އެވެ.
ޒަމޮރިންގެ
ރަސްކަމުގެ ދުވަސްވަރު ޢަރަބިންނާއި ޗައިނާ މީހުން ކަލިކަޓަށް ވިޔަފާރިކަމުގައި
އައިސް، ގޮސްވި އެވެ. އެހެންކަމުން ބޭރުގެ
ޤައުމުތަކާއި އެކު ވިޔަފާރި ކުރެވެމުންދިޔަ އެވެ. މި ކުރެވުނު ވިޔަފާރި ވެފައިވަނީ
ޒަމޮރިންނަށް އެންމެ ބޮޑު މަންފާއެއްވި މަސައްކަތަށެވެ. ނަމަވެސް މި ވިޔަފާރިގެ
އަޞްލުކޮންޓްރޯލް އޮތީ ޢަރަބިންގެ އަތުގަ އެވެ. މި ދުވަސްވަރު އެކިކަހަލަ
ފަންނުވެރިކަން، ޚާއްޞަކޮށް ޢިލްމާއި ތަފާތު ޘަޤާފަތްތައް ކަލިކަޓުގައި
ޢާންމުވެގެންދިޔަ އެވެ. މީގެ އިތުރުން ޒަމޮރިންވެސް ފާހަގަކުރެވިފައިވަނީ
ލިޔުންތެރިއެއް ގޮތަށެވެ. މިކަމަށް ބާރުލިބެނީ ދަތުރުވެރިންގެ ތެރޭގައި ހިމެނުނު
އިބްނު ބަތޫތާ (1342-1347)، ޗައިނާގެ ދަތުރުވެރިޔާ މާ ހުއާން، އަބުލް ރައްޒާޤް
(1443)، ނިކޮލޯ ކޮންޓި (1444) އަދި
އަތަނޭސިއަސް ނިކިތިން (1468-1474) ސަފަރުނާމާތަކުން ނެވެ.
ޒަމޮރިން އަބަދުވެސް
މަސައްކަތްކުރަމުން ދިޔައީ އޭނާގެ ބާރުގެ ދަށުގައިވާ ސަރަހައްދު އިތުރަށް ބޮޑުކޮށް
އެހެން ސަރަހައްދުތައް ހިފުމަށެވެ. އެގޮތުން ބޭޕޫރް، ޕަރައްޕަނާޑް، ވެއްޓާޓް،
ކުރުމްބަރަނާޑް، ނިލަމްބޫރް، މަންޖެރި، މަލައްޕުރަމް، ކޮއްޓަކަލް އަދި ޕޮންނައި
އޭނާގެ ވެރިކަމުގެ ބާރުގެދަށަށް ގެނަ އެވެ. މިހެންކަމުން 15 ވަނަ ޤަރުނު
ފެށުނުއިރު ކޮޗިންނާއި ކަލިކަޓާ ދެމެދުގައި ވަނީ މައްސަލަތައް ބޮޑުވެ، ގިނަވާން
ފަށާފަ އެވެ. ނަމަވެސް ޒަމޮރިންގެ ރަސްކަމުގައި މަލާބާރުކަރައިގެ އުތުރުން
ޕަންޓަލަޔާނި ކޮއްލަމްއާ ހަމަޔަށްއޮތީ ޒަމޮރިކް ރަސްކަމެވެ.
ޔޫރަޕިއަނުން އިންޑިޔާއަށް އައުން
ވަސްކޯ ޑަ ގާމާ
މީލާދީން 1408ގައި ކަލިކަޓަށް އައުން ވެގެންދިޔައީ ދެކުނު އޭޝިޔާ ސަރަހަށްދަށް
ތާރީޚީގޮތުން އައި ބޮޑު ބަދަލަކަށެވެ. އޭރު ކެރެލާގެ ސިޔާސީ މަޝްރަހުވަނީ ވަރަށް
ހަލަބޮލިވެފަ އެވެ. އެހެނީ ރަސްރަސްކަލުންގެ އިތުރުން އެކި ސަރަހައްދުތައް
ކޮންޓްރޯލް ކުރާ ވިޔަފާރިވެރިންނާއި އެހެނިހެން ވެރިންތައް ގިނަވެ، ރައްޔިތުންނަށް
އުދަގޫތަކެއް ކުރިމަތިވެފައިވުމެވެ. ނަމަވެސް ޕޯޗުގީޒުންނާއި ޒަމޮރިންނާ
ދެމެދުގައި އޮތް ސިޔާސީ ރަހުމަތްތެރިކަމުގެ ގުޅުމުގެ ތެރެއިން ޕޯޗުގީޒުން
ކުއިލޯނާއި ކަންނަންނޫރުގައި ވިޔަފާރިކުރާންފެށި އެވެ. އެކަމަކު އެ ސަރަހައްދުގައި
ވިޔަފާރިކުރަމުންދިޔަ ޢަރަބިންގެ ހަރަކާތްތައް ޕޯޗުގީޒުން ބޭނުންވިގޮތަށް
ހުއްޓުވައެއް ނުލެވުނެވެ.
ކޮޗިންނާއި
ކަލިކަޓާއި ދެމެދުގައި ހިންގަމުންދިޔަ ދެކޮޅުވެރިކަމާއި އަރައިރުމުގެ އިތުރުން
ހަރގުރާމަ އިތުރަށް ގޯސްވީ ކޮޗިންގެ ރާޖާ ޕޯޗުގީޒުންނާ އަތާއަތް ގުޅާލުމުންނެވެ.
މިހެންވުމުން ޒަމޮރިން ކޮޗިން ހޯދުމަށްކުރި މަސައްކަތް ނާކާމިޔާބުވެ، ޕޯޗުގީޒުންގެ
ބާރުދަށަށް ކޮޗިން ދިޔައީ އެވެ. މިހާ ހިސާބުން 1503 އަދި 1504 ގައި ޕޯޗުގީޒުން
ކޮޗިންގައި ވިޔަފާރިފެށި އެވެ. އަދިހަމަ ކޮޗިންނާއި ކްރަންގަނޯރ ޕޯޗުގީޒުންގެ
ކޮލޮނީއަކަށްވި އެވެ.
ވަސްކޯ ޑަ
ގާމާއަށްފަހު އިންޑީޔާގައި ދެން އެންމެ ފާހަގަކޮށްލެވޭ ޕޯޗުގީޒް އޮފިސަރަކީ
އަލްބަކުއާރ އެވެ. އަލްބަކުއާރ ޒަމޮރިންނާއެކު މީލާދީން 1513ގައި ސުލްޙައިގެ
އެއްބަސްވުމެއް އެކުލަވާލި އެވެ. މި އެއްބަސްވުމުގެ ސަބަބުން ޕޯޗުގީޒުންނަށް
ވިޔަފާރިކުރުމާއި، އެ މީހުންގެ ވިޔަފާރި ޙިމާޔަތްކުރުމަށްޓަކައި ކޮޗިންގައި ފޯޓެއް
ޢިމާރާތްކުރުމުގެ ހުއްދަ ލިބުނެވެ. ނަމަވެސް އަލްބަކުއާރގެ މި މަސައްކަތައް އެންމެ
ފުރިހަމަޔަށް ކާމިޔާބުވާގޮތެއްނުވި އެވެ. ސަބަބަކީ އެ މީހުންގެ ތެރޭގައި އުފެދު
ކަރަޕްޝަނުގެ ޢަމަލުތަކެވެ. ނަތީޖާއެއްގެ ގޮތުން ޕޯޗުގީޒުންގެ ބާރު ކެރެލާގައި ކުޑަވާންފެށި
އެވެ. ކަންމިހެންވީނަމަވެސް ޕޯޗުގީޒުންގެ ތަޢުލީމާއި ޘަޤާފަތް ކެރެލާގައި
ވައިހިއްޕާލި އެވެ. އެގޮތުން ކެރެގައި ޕްރިންޓިން ޕްރެސް ޢާންމުވި އެވެ. މިއީ
ޕޯޗުގީޒުންގެ ކާމިޔާބީއެކެވެ. އަދި ޕޯޗުގީޒުންގެ ދީން ކެރެލާގައި ފެތުރިގެންދިޔަ
އެވެ. ހަމައެއާއެކު މިނިވަންވުމުގެ ރޫހުވެސް ރައްޔިތުންގެ ތެރޭގައި ފެތުރެމުންދިޔަ
އެވެ.
ޑަޗުންނާއެކު ކުރެވުނު ވިޔަފާރި
ވިޔަފާރި ކުރުމުގެ
ބޭނުމުގައި ޑަޗުން އިންޑިޔާއަށް ފޭބީ ކަނޑުމަގުން އިންޑިޔާގެ ހުޅަނގު ފަޅިއަށެވެ.
ވިޔަފާރި އާއި އެހެނިހެން އެއްބަސްވުންތައް ޑަޗުން އެކުލަވާލާފައިވަނީ މީލާދީން
1608ގަ އަދި 1610ގައެވެ. މީލާދީން 1619ގައި ޑަޗުންނާއި އިގިރޭސީން އަދި
ޕޯޗުގީޒުންގެ މެދުގައި ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެވުނެވެ.
ޕުރައްކާޑާއި
ކަޔަކުއްލަމާއި ކުއިލޯނާއި ޓްރެވެންކޯގައި ކުރެވެމުންދިޔަ ވިޔަފާރީގެ
މޮނޮޕޮލީއަކަށް މީލާދީން 1662ގައި ޑަޗުންވި އެވެ. ޑަޗުން އިންޑިޔާގައި ތިބި
ދުވަސްވަރު އެމީހުންނަށް ލިބުނު އެންމެ ބޮޑު ކާމީޔާބީ އަކީ މީލާދީން 1662ގައި
ކޮޗިން އެމީހުންގެ ބާރުގެދަށަށް ދިޔުމެވެ. ޑަޗުން އަތުން ޓްރެވެންކޯ ގެއްލުނީ
މަރްތަން ވަރްމާ (1729-1758)ގެ ސަބަބުންނާއި މައިސޫރު ރަސްގެފާނު ޓްރެވެންކޯގެ
މައްޗަށް ބާރުހިންގަން ފެށުމުންނެވެ. އަނެއްކޮޅުން ކޮޗިންނާއި ކްރަންގަނޯރާއި
ޕަރޫރުގެ އިތުރުން ޓްރިޗޫގައި ޒަމޯރިންނަށް އޮތް ބާރު ވަރަށް ބޮޑަށް ކުޑަވި އެވެ.
ނަތީޖާއެއްގެ ގޮތުން މީލާދީން 1759 އާހަމަޔަށް އައިއިރު އިންޑިޔާގައި ޑަޗުންނަށް
ކޮންޓްރޯލް ލިބިފައިވާ މާގިނަ ސަރަހައްދުތަކެއް ނެތެވެ.
ޓްރެވެންކޯ އާރާސްތުވުން
މީލާދީން 18ވަނަ
ޤަރުނުގެ ތެރޭގައި ޓްރެވެންކޯ ނުވަތަ ވެނާޑް ވެފައިވަނީ ކެރެލާގައި އުފެދު އެންމެ
ވަރުގަދަ ސިޔާސީ ލީޑަރުން އުފެދު އެއް ސަހަރަށްވެފައި އެވެ. މިކޯޅުން އޮތީ
މައްޝޫރު އަދި އެހާމެ ނުފޫޒުގަދަ ދެމީހުންކަމަށްވާ މަރްތަންޑާ (1729-1758) އާއި
ރާމާ ވަރްމާ ނުވަތަ މައްޝޫރު ނަމުންނަމަ ދަރްމަ ރާޖާ (1758-1798)އާ ދެމެދުގަ އެވެ.
މަރްތަންޑާ ވަރްމާ ވަނީ އޭނާގެ ހިތްވަރާ ފަންވަރުން ޑަޗުންގެ ބާރުގެދަށުގައިވާ
ސަރަހައްދުތައް އަނބުރާ މިނިވަންކޮށްފަ އެވެ. މީނާ ފާހަގަކުރެވެނީ މިހާރު
ޓްރެވެންކޯ އޮތްގޮތަށް ޓްރެވެންކޯ ހެދި ނުވަތަ އެތަނުގެ ސަރަހައްދު އެކުލަވާލި
ބާނީގެ ގޮތުގަ އެވެ. އަދި މީނާގެ ޒަމާނުގައި މިހާރުގެ ޓްރެވެންކޯ އެއޮތް މުޅި
ސަރަހައްދަކީ ޓްރެވެންކޯކަމަށް ޤާނޫނީ ގޮތުން ހަމަޖެއްސި އެވެ. މީނާގެ މަސައްކަތްތަކަކީ
ކެރެލާގެ ތާރީޚުގައި ފަލައަކުރުން ލިޔެވޭ ޚިދުމަތްތަކެކެވެ.
ރާމާ ވަރުމާގެ
ޒަމާނުގައި ޓްރެވެންކޯގެ ހިންގުމާއި އިދާރީ ކަންކަން ހަރުދަނާކުރެއްވި އެވެ.
މީނާގެ ދެ ވަޒީރުން ކަމަށްވާ އައްޔައްޕަން މަރްތަންޑާ ޕިއްލައި އާއި ރާޖާ ކެސަވާ
ޑަސްގެ އެހީތެރިކަން ޚާއްޞަކޮށް އިދާރީގޮތުން ރަސްކަން ހިންގެވުމުގައި
ލިބެމުންދިޔަ އެވެ. ރާމާ ވަރްމާގެ ރަސްކަމުގައި ޚައިދަރު ޢަލީ އާއި ޓިއްޕޫ
ސުލްޠާންގެ ލަޝްކަރުގެ ފަރާތުން ދިމާވަމުންދިޔަ އުދަގޫތަކާ ކުރިމަތިލައްވަން
ޖެހިވަޑައިގަތެވެ. އެހެންކަމުން ޚައިދަރު ޢަލީ އާއި އޭގެފަހުން ޚައިދަރު ޢަލީގެ
ދަރި ޓިއްޕޫ ސުލްޠާން ދެމުންދިޔަ ވަރުގަދަ ހަމަލާތަކުން ޓްރެވެންކޯ
ސަލާމަތްކުރުމުގައި ދެގޮތެއްނުވެ ހިއްވަރާއެކު ރަމާ ވަރްމާ އާއި އޭނާގެ ލަޝްކަރު
ދެމިތިއްބެވެ. ޓްރެވެންކޯގެ ހުރިހާ ރަސްރަސްކަލުންވެސް ސައިންސާއި އާރޓާއި
ޘަޤާފަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ ސަބަބުން އޭރު އެ
ސަރަހައްދު ވަނީ މި ރޮގުރޮގުން ކުރިއެރުންތަކެއް ހޯދާފަ އެވެ.
މައިސޫރުގެ ބާރުދަށަށް ކެރެލާދިޔުން
މައިސޫރެގެ
ރަސްގެފާނު ނުވަތަ ސުލްޠާން ޚައިދަރު ޢަލީއަކީ ވަރަށް ގިނަ ރަށްތައް އޭނާގެ
ވެރިކަމުގެ ދަށަށް ގެންދެވި ރަސްކަލެކެވެ. މިގޮތުން ކުރެއްވި ގިނަ ހަނގުރާމަތަކެއް
ކާމިޔާބު ކުރެއްވުމަށް ފަހު މީލާދީން 1763ގައި އޭނާ މިސްރާބު ޖެއްސެވީ
ކެރެލާއަށެވެ. މިދެއްވި ހަމަލާގައި ހިއްޕެވި ސަރަހައްދުތަކުގެ ތެރޭގައި ކޮލަތިރި، ކޮށްޓަޔަމް، ކަޑަތަނާޑް ކުރުމްބަރަނާޑް އަދި ކަލިކަޓް ހިމެނެ
އެވެ. ޚައިދަރުގެ ބާރުގެ ދަށުގައި މަލާބާރުކަރަ އޮއްވާ ޓްރިޗޫއަށް ހަމަލާދެއްވި
އެވެ. ޚައިދަރު ޢަލީގެ ދަރިކަލުން ޓިއްޕޫ ސުލްޠާން މީލާދީން 1782ގައި އޭނާގެ
ބައްޕަ ހިއްޕެވި ބިންތަކުގައި ރަސްކަމުގެ ބާރުހިންގަވަން ފަށްޓަވައި މީލާދީން
1783ގައި މުޅި ދެކުނު މަލާބާރަށް ހަމަލާދިނެވެ. މީލާދީން 1790ގައި ޓްރެވެންކޯއާ
ހިސާބަށް ހުރި ހުރިހާ ރަށްތަކެއް އޭނަގެ ވަރިކަމުގެ ދަށަށް ގެންގޮސް
ޓްރެވެންކޯއާއެކު އެއްބަސްވުމެއް އެކުލަވާލި އެވެ.
މައިސޫރުންގެ
ތިންވަނަ ހަނގުރާމަ ފެށުމާއެކު އެމީހުންނަށް ނާކާބިޔާބީތައް ކުރިމަތިވާންފެށި އެވެ.
އެހެނީ ޓިއްޕޫގެ ބާރުގެ ދަށުގައިވާ އެއް ރަށަކަށްފަހު އަނެއް ރަށެއް ބާރުގަދަ
އިގިރޭސީން އެމީހުންގެ ބާރުގެ ދަށަށް ގެންދަން ފެށުމެވެ. އެންމެ ފަހުން 1792މ.
ގައި ޓިއްޕޫ އިނގިރޭސީންނާއެކު އެއްބަސްވުމަކަށް އައެވެ. މި އެއްބަސްވުމުގެ ދަށުން
މަލާބާރުކަރައިގެ ހުރިހާ ސަހަރުތަކެއް ނުވަތަ ރަށްރަތަކެއް އިގިރޭސީންނާ
ހަވާލުކުރެވި، އިނގިރޭސީންގެ ބާރުގެ ދަށަށްދިޔަ
އެވެ.
އިންޑިޔާގައި އިގިރޭސީންގެ ބާރުފެތުރުން
ޔޫރަޕުގެ އެހެން
ޤައުމުތަކެކޭ އެއްފައިދައިން އިގިރޭސީންވެސް އިންޑިޔާއަށް އައީ ވިޔަފާރިކުރުމުގެ
ބޭނުމުގަ އެވެ. ކެރެލާގެ ޕޯޗުގީޒުން ބޭނުންކުރި ހުރިހާ ފޯޓެއް މީލާދީން 1634
ނުވަތަ 1635އިން ފެށިގެން އިނގިރޭސީން ބޭނުންކުރުމުގެ ހުއްދަ ޒަމޮރިންގެ ފަރާތުން
އެމީހުންނަށް ލިބުނެވެ. އެހެންކަމުން މީލާދީން 1664ގައި އިގިރޭސީން އެމީހުންގެ
ފޯޓެއް ކަލިކަޓުގައި ޤާއިމުކުރި އެވެ. އެއަށްފަހު ޓްރެވެންކޯ އާއި ޓެލިޗެރީގެ
ހުރިހާ ހަރާކަތްތަކެއްގެ ބެލެހެންޓުންތެރިއަކަށް އިގިރޭސީންވި އެވެ. ނުވަތަ މި
ސަރަހައްދުތައް އިގިރޭސީންގެ ބާރުގެދަށަށްދިޔަ އެވެ. ނަމަވެސް މި ސަރަހައްދުގައި
ދަތުރު ފަތުރުކޮށް އުޅޭކަށް އިގިރޭސީންނަށް އެހާ ފަސޭހަ ނުވަތަ ރައްކާތެރިއެއްނުވި
އެވެ. ސަބަބަކަށްވީ ޕޯޗުގީޒުންނާއި ޑަޗުންގެ އުދަގޫތައް ކަނޑުމަތިން
ކުރިމަތިވަމުންދިޔުމެވެ. އެހެންނަމަވެސް ޔޫރަޕުގެ އެހެން ބާރުތަކާ ޚިލާފަށް
އިނގިރޭސީން އެމީހުން ބޭނުންވާ ލަޑުދަނޑިތަށް ޚާޞިލްކުރި އެވެ.
އިނގިރޭސީން ކެރެލާއަށް
އެރި ހިސާބުން ފެށިގެން ކެރެލާ މީހުން ދިޔައީ އިނގިރޭސީންގެ ސިޔާސަތާ ދޭތެރޭ
ހިތްހަމަނުޖެހޭކަން ފާޅުކުރަމުން ނެވެ. އެގޮތުން
18ވަނަ ޤަރުގެ ފަހުކޮޅު އަދި 19 ވަނަ ގަރުނުގެ ކުރީކޮޅުގައި ކެރެލާ ރައްޔިތުންގެ
ފަރާތުން އިގިރޭސީނަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދިޔަ އެވެ. ކެރެލާ
ރައްޔިތުންގެ މި ހަރަކާތްތަކުގެ އިތުރުން ޚާއްޞަކޮށް ވެލޫ ތަމްޕި އާއި ޕަލިއަތު
އަޗަންގެ ފަރާތުން ގިނަ ފިއްތުންތަކެއް އިނގިރޭސީންނަށް ކުރިމަތިވަމުންދިޔަ އެވެ.
ޕަލިއަތު އަޗަންއަކީ އޭރު ޓްރެވެންކޯ އާއި ކޮޗިންގެ ވެރިޔާ އެވެ. އަދި ވެލޫ
ތަމްޕިއަކީ ރަސްގެފާނުގެ މުޝީރުންގެ ފަރާތުން ފެންނަމުންދިޔަ ކަރަޕްޝަނުގެ
ޢަމަލުތަކާއި، ޤަވާޢިދާ ޤާނޫނު ތަންފީޒް ނުކުރެވުމާ ދެކޮޅަށް އެކަންކަން ރަގަޅު
ކުރުވުމަށް (ރައްޔިތުން ނެރެގެން) އިނގިރޭސީންނަށް ޕްރެޝަރކުރަމުންދިޔަ
ހިތްވަރުގަދަ މީހެކެވެ. މީނާގެ މިމަސައްކަތުގެ ސަބަބުން އޭނާއަކީ ރައްޔިތުންގެ
އިތުބާރާއި މަޤްބޫލުކަން ލިބިފައިވި މީހެކެވެ.
އިނގިރޭސީން
އެމީހުންގެ ވެރިކަމުގެ ފަރާތުން ދައްކަމުންދިޔަ އަދި އިންޑިޔާގައި އޮތް
ޚުދުމުހުތާރު ވެރިކަމުގެ ސިފަތައް ބަދަލުކުރީ ވެލޫ ތައްޕި އިނގިރޭސީންނަށް
ކުރަމުންދިޔަ ޕްރެޝަރުގެ ސަބަބުންނެވެ. ވެލޫ ތައްޕި އޭނާގެ މަސައްކަތުގައި
ކުރިއަށްދިޔުމަށް އިތުރު ހިތްވަރެއް ލިބުނީ ކޮޗިންގެ ދޭވަން ޕަލިއަތު އަޗަންގެ
ފަރާތުން ނެވެ. އެހެނީ މީނާއަކީވެސް އިނގިރޭސީންގެ ސިޔާސަތުތަކާ ދޭތެރޭ
ހިތްހަމަނުޖެހިފައިވާ މީހެކެވެ. އިނގިރޭސީންނާ ދެކޮޅަށް އިޙްތިޖާޖު ކުރުމަށް
ނެރެވުނުކަމަށް މައްޝޫރުވެފައިވާ ރަސްމީ ލިޔުން ނެރުނީ މީލާދީން 1809ގައި ވެލޫ
ތައްޕި އެވެ. މި ލިޔުމާ ވިދިގެން މިނިވަންވުމުގެ ރޫޙު މީސްތަކުންގެ ހިތުގައި
އުފެދި ބޮޑު ބަދަލެއް ކެރެލާއަށް އައެވެ. މި މަސައްކަތުގެ ތެރޭގައި ތައްޕި އާއި
އަޗަން އެދެމީހުންގެ މުޅިހަޔާތް ޤުރުބާންކުރި އެވެ.
މީލާދީން 1792ގައި
ސެރިރަންގަޕަތަމްއާ އިނގިރޭސީންނާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މަލާބާރު
އިނގިރޭސީންގެ ދަށުގައި އޮތެވެ. ނަމަވެސް ޓްރެވެންކޯ އާއި ކޮޗިންގައި
ހިނގިކަންކަމާ އަޅާބަލާއިރު މަލާބާރުގެ އެހެން ސަރަހައްދުތަކުން މާބޮޑު
މައްސަލަތަކެއް އިނގިރޭސީންނަކަށް ކުރިމައްޗެއް ނުވެއެވެ. އެހެންކަމުން މަލާބާރު
ބަދަލުކުރެވުނީ މަޑްރާސްގެ ޑިސްޓްރިކްޓަކަށެވެ. ނަމަވެސް މީލާދީން 1835 އިން
1856އަށް މަލާބާރުގައި މަޕިއްލާއިންގެ ދެކޮޅު ހެދުންތަކާއި އެއްވުމާއި ސިޔާސީ
ހަރާތްތަކުގެ ސަބަބުން އިނގިރޭސީންނަށް ގިނަ ގުނަ އުދަގޫތަކެއް ފޯރަމުންދިޔަ އެވެ.
ނަމަވެސް މި ހަމަނުޖެހުންތައް އުފެދުނު އަޞްލު ސަބަބަކީ ކޮބައިކަމެއް މިވީހާތަނަށް
ހޯދިފައެއް ނުވެ އެވެ. ސުވާލަކީ މި ހަމަނުޖެހުންތައް އުފެދުނީ ދީނީ
ސަބަބުތަކަކަށްތޯ ނޫނީ ބިމުގެ ބޭނުމުގައިތޯ އެހެންނޫނީ ހަމަހަމަކަން ނެތިގެންތޯ
ނުވަތަ ވެރިކަމުގެ ދަހިވެތި ކަމުގައިތޯ އެވެ. އިނގިރޭސީން މިކަމާ މާބޮޑު
ފަރުވާލެއް ނުބެހެއްޓުމުން ދެކޮޅުވެރިވި ފަރާތްތަކުންގެ ހަރަކާތްތައް ކޮންމެވެސް
ވަރަކަށް ހިމޭންވި އެވެ.
ވަޠަނީ ރޫހު ޢަލާވާން ފެށުން
އިންޑިޔާ މިނިވަން ކުރުމަށް ހިންގުނު ހަރާތްތަކުގައި މަލާބާރަކީ އެންމެ ގިނަ
ސިޔާސީ ހަރާތްތައް އިންތިޒާމް ކުރެވުނު އަދި މިނިވަންވުމުގެ ޤައުމީ ހަރަކާތް
އެންމެ ފުޅާކޮށް ހިނގި ސަރަހައްދެވެ. މިނިވަންވުމަށްޓަކައި ހިންގުނު
ހަރާތްތަކުގައި އިންޑިޔާގެ ބައެއް ސަރަހައްދުތަކުގައި ދަތިއުދަގޫ ގޮތްތަކެއް
ދިމާވަމުން ދިޔަ ނަމަވެސް މި ހަރަކާތުގައި ކެރެލާއިން އެއްވެސް މީހެއް
ނިޔާވިކަމެއް އެނގިފައެއްނުވެ އެވެ. ނަމަވެސް
ވަކިފަރާތަކަށް ނުޖެހޭ މިނިވަން ހަރަކާތްތަކުގެ ބައިވެރިންވެސް އެންމެ ގިނައިން
އުޅުނު އެއް ސަރަހައްދަކީ މަލާބާރުކަރަ އެވެ. މީލާދީން 1930ގައި މަހާތުމާ ގާންދީ
އިސްވެ ހުރެ ހިންގި ލޮނު އުފެއްދުމުގެ "ސްތެޔަގަރަހަ" ހަރަކާތާއި 1932މ.
ގައި އޭރުގެ ވެރިކަމާ ނުވަތަ އިގިރޭސީންނާ ދެކޮޅަށް ހިންގުނު ހަމަހިމޭން ހަރާތްކަތުގައިވެސް
މަލާބާރުން ބައިވެރިވި އެވެ. އިންޑިޔާގެ މުސްލިމުން އުފެއްދި މުސްލިމް ލީގުގެ
ގޮތްޕެއް މީލާދީން 1034ގައި މަލާބާރުގައިވެސް ޤައިމު ކުރެވުނެވެ. އަދި
ކަންނަންނޫރުގެ ރާޖާ އަބްދުއް ރަހުމާން ޢަލީ ރާޖާ މި ލީގުގެ ރައީސްކަމަށް މީލާދީން
1937ގައި ހަމަޖެއްސުނެވެ. ކެރެލާގައި ކޮމިއުނިސްޓް ޕާޓީ ހިނގައިގަތީ މީލާދީން
1639ގައެވެ.
މީލާދީން 1799 އިން ފެށިގެން ޓްރެވެންކޯ އާއި ކޮޗިންގައި މިނިވަންވުމުގެ
ހަރަކާތްތައް ހިނގަމުންދިޔަ އެވެ. މިއީ މިގޮތުން ހިންގުނު އެންމެ ފުރަތަމަ
ހަރަކާތްތައްވެސްމެ އެވެ. ނަތީޖާއެއްގެ ގޮތުން މީލާދީން 1891ގައި މަލަޔާލީ
އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މިކަން ކުރާން ޖެހުނީ ރައްޔިތުން މަގުމައްޗަށް ނިކުމެ އެމީހުންގެ ޙައްޤުތަކާއި ޢަދުލު
އިންސާފު ހޯދުމަށް މަސައްކަތްކުރާން ފެށުމުންނެވެ. ހަމަމިގޮތަށް 1896ގައި
އެކުލަވާލެވުނު އިޒްހަވާ މެމޯރިއަލްވެސް އެކުލަވާލެވުނި އެތައް ދުވަހެއްވަންދެން
އިޒްހަވާ ދަރިކޮޅުގެ މީހުންނަށް އިންސާފު ނުލިބިވުމުގެ ސަބަބުން އުފެދުނު
ހަމަނުޖެހުންތައް މައިތިރި ކުރުމަށެވެ. މިގޮތަށް ކުރެވެމުންދިޔަ މަސައްކަތުގެ
ތެރޭގައި އިންޑިޔަން ނޭޝަނަލް ކޮންގްރެސްގެ ތެރެއިން ކޮމިޓީއެއް
ތްރިވަނަންތަޕޫރަމްގައި ޤައިމް ކުރެވުނެވެ. މިދުވަސްވަރުވެސް އަދި އޭގެފަހުން
އެތައް އަހަރެއްވަންދެންވެސް ޓްރެވެންކޯގައި ސިޔާސީ ހަމަނުޖެހުންތައް
ހިނގަމުންދިޔަ އެވެ.
މިނިވަންވުމުގެ ހަރަކާތްތަކުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ކޮޗިން
ފާހަގަކުރެވެ އެވެ. މި ގޮތުން ކޮޗިންގެ ރައްޔިތުން ކަރަންޓްގެ ޚިދުމަތް ރަގަޅު
ކުރުމަށާއި ސަކުރުކާރު ޒިންމާދާރު ކުރުވުމަށާއި މި ނޫންވެސް އެތައް ކަމަކަށްޓަކައި
މަސައްކަތް ކުރަމުންދިޔަ އެވެ. އިންޑިއަން ނޭޝަނަލް ކޮންގްރެސްގެ ގޮތްޕެއް
ކޮޗިންގައިވެސް އުފެދުނެވެ.
ނޯޓް: މިލިޔުން
ލިޔެފައިމިވަނީ އިންޑިޔާސައިޓްގައިވާ މަޢުލޫމާތުތައް އަޞްލަކަށް ބަލައިގެންނެވެ.
Las Vegas' Wynn Casino - JTM Hub
ReplyDeleteCasino. Wynn is a 출장안마 $4 billion resort with four hotel towers with 5,750 rooms and https://sol.edu.kg/ suites. Each of the hotel ventureberg.com/ towers includes a 20,000 square foot casino septcasino.com and 출장안마 a