Thursday, August 2, 2012


ބަހެއްގެ މޭޖަރ ޕްރޮޕަޓީސްތައް ދެނެގަތުމަށް ރަނގަޅީ ލިންގުއިސްޓުން ޖުމުލަ ހަދައިގެން އެނަލައިޒްކުރުމުގެ ބަދަލުގައި ކޮންވަޒޭޝަނަލް އެނަލިސީސްއެއް ހެދުމެވެ.

ޢަބްދުﷲ ޢިމްރާން

ތަޢާރަފު

އިންސާނުން ވާހަކަދައްކާ ބަސް ދިރާސާކުރުމުގެ މަސައްކަތަކީ ވަރަށް އެވޭލާ ޒަމާނުއްސުރެ އެކި ސިފަ ސިފައިގައި ކުރެވެމުން އަންނަ މަސައްކަތެކެވެ. މިގޮތަށް ބަހުގެ ކަންކަން ހޯދާ ބެލުމުގައި އެންމެ ފުރަތަމަ ކުރެވުނު އެއް މަސައްކަތަކީ ބަހުގެ މައިގަނޑު ބައިތައް ދެނެގަތުމަށް މަސައްކަތް ކުރުމެވެ. އެއަށްފަހު މިމަސައްކަތްތައް ފުޅާވެ ބަސް ބޭނުންކުރެވޭ ތަފާތު ގޮތްތަކާއި، ވާހަކަދެއްކުމުގެ ބޭނުމާއި، ބަހުގެ މުހިންމުކަމާމެދު ލިންގްއިސްޓުން ވިސްނައި އެކަންކަން ތަހުލީލުކުރާން ފެށިއެވެ. ބަހުގެ މިކަހަލަ ކަންކަން ދެނެގަތުމުގައި އެންމެ ފުރަތަމަ ކަންކުރެވުނު އުޞޫލަކީ ޖުމުލަ ހަދައިގެން އެނަލިސިސް ހެދުންކަމަށްވިއަސް ފަހުފަހުން އައިސް މިއުޞޫލު ބަދަލުވެ، ޑިސްކޯސް އެނަލިސިސްއާއި ކޮންވަޒޭޝަނަލް އެނަލިސިސްފަދަ ގޮތްތައް ތަޢާރަފުވިއެވެ.
ކޮންވަޒޭޝަނަލް އެނަލިސިސް ތަޢާރަފުވުމަށްފަހު އެންމެ ޢާންމުކޮށް ބަސްދިރާސާކުރެވޭ އެއްގޮތަކީ ކޮންވަޒޭޝަނަލް އެނަލިސިސް ހެދުމެވެ. ނަމަވެސް ކޮންވަޒޭޝަނަލް އެނަލިސިސްއަކީ ބަސްދިރާސާ ކުރުމުގައި ވަރަށްބޮޑެތި ގޮންޖެހުންތަކާ ދިމާވާގޮތެއްކަމަށް ބައެއް ލިންގުއިސްޓުން ދެކިލައްވައެވެ. އެހެންކަމުން އެއަށްވުރެ ރަގަޅުގޮތަކީ ލިންގުއިސްޓުން ޖުމުލަ ހަދައިގެން އެނަލިސިސް ހެދުންކަމަށް އެލިންގުއިސްޓުން ދެކިލައްވައެވެ.  ވީމާ މިދިރާސާގައި ބަލާލާފައިވާނީ ޖުމުލަ ހަދައިގެން ބަސްދިރާސާކުރުމާއި ކޮންވަޒޭޝަނަލް އެނަލިސިސްއަކުން ބަސްދިރާސާކުރުމާއި ދެގޮތުންކުރެ ރަގަޅުގޮތަކީ ކޮބައިތޯއެވެ.

ލިޓްރޭޗަރ ރިވިއު

     ބަސްދިރާސާކުރުމަކީ މީލާދުގެ ކުރީއްސުރެ ފެށިގެން ކުރެވެމުން އަންނަ ޢިލްމީ މަސައްކަތެކެވެ. އެންމެ ކުރީގައި މިކަންކުރެވުނީ ޖުމުލަތަކެއް ލިޔެގެންކަމަށްވިއަސް މިހާރު މިވަނީ މިއުޞޫލަށް ބަދަލުތަކެއް އައިސްފައެވެ (ޖޭމްސް އީ. އެލަތިސް، ކެރޮލީން އޭ. ސްޓްރަހްލެ، މެގީ ރޮންކިން އަދި ބްރެންޓް ގެލަންބާގަރ، 1996). އެގޮތުން މިހާރު ބަސްދިރާސާ ކުރުމުގައި އެކި ވައްތަރުގެ އެނަލިސިސްތައް ހަދައެވެ. އޭގެ ތެރޭގައި ސެންޓެންޝިއަލް އެނަލިސީސް އާއި ޑިސްކޯސް އެނަލިސިސް ހިމެނެއެވެ. އަދި ޑިސްކޯސް އެނަލިސިސްގައި ކޮންވަޒޭޝަނަލް އެނަލިސިސް އާއި ޓެކްސްޓް އެނަލިސިސް ހެދުންވެސް ހިމެނެއެވެ (ޑޭވިޑް ކްރީސްޓަލް، އަހަރުނެތް). ނަމަވެސް 19ވަނަ ޤަރުނުން ފެށިގެން ބަސްދިރާސާކުރުމުގައި އެންމެ ޢާންމުކޮށް ބޭނުންކުރެވޭ އެއް މެތަޑަކީ ކޮންވަޒޭޝަނަލް އެނަލިސިސްއެވެ.
     ބަސްދިރާސާކުރުމުގައި އެކިލިންގުއިސްޓުން ބޭނުންކުރައްވަނީ އެކި މެތަޑުތަކެވެ. އެގޮތުން މަދު ލިންގުއިސްޓުންތަކެއްގެ ނަޒަރުގައި ބަހެއް ދިރާސާކުރުމަށް އެންމެ ރަގަޅު މެތަޑަކީ ލިންގުއިސްޓުން އަމިއްލައަށް ޖުމުލަތަކެއް ހަދައިގެން އެނަލީސިސްކުރުމެވެ (ޖޯޖް ޔޫލް، 2004). އެހެނީ މިލިންގުއިސްޓުންގެ ނަޒަރުގައި ބަސްދިރާސާކުރުމަށް ކޮންވަޒޭޝަން އެނަލިސިސް ހެދުމުން ބަހުގެ މޭޖަރ ޕްރޮޕަޓީސްތައް ދެނެއެއް ނުގަނެވެއެވެ. ސަބަބަކީ ކޮންވަޒޭޝަންތަކުގައި ހެސިޓޭޝަނާއި ސްލިޕްސާއި ލެޕްސިސް އަދި ރެޕިޓީޝަން ގިނަ އަދަދަކަށް އެކުލެވުންކަމަށް އެބޭފުޅުން ވިދާޅުވެއެވެ. މިހެންވެ އެބޭފުޅުންގެ ނަޒަރުގައި ބަހެއް ދިރާސާކުރާން އެންމެ ރަގަޅުގޮތަކީ ލިންގުއިސްޓުން އަމިއްލައަށް ޖުމުލަތަކެއް ހަދައި އެޖުމުލަތައް އެނަލިސީސްކުރުމެވެ.
     ބަހެއް ދިރާސާ ކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ބަހުގެ މޭޖަރ ޕްރޮޕަޓީސްތައް ދެނެގަތުމެވެ. ބަހެއްގެ މޭޖަރ ޕްރޮޕަޓީސްތަކުގެ ތެރޭގައި ހިމެނެނީ މައިގަނޑު ނުވަބައި ކަމަށް (ޖޯޖް ޔޫލް، 1996) ހާމަކުރައްވާފައިވެއެވެ. އެއީ:
1.    އަރބިޓެރަރިނަސް:
ލަފުޒާ އެ ލަފުޒުން އިޝާރާތް ކުރާ އެއްޗާ އެއްވެސް ގުޅުމެއް ނެތްއިރު އެދެމެދުގައި އުފެދިފައިވާ ބާރު.
މިސާލު: ފޮތް- އެކިބަސްބަހުން ފޮތް ކީ ނަމަވެސް ފޮތަށް އިޝާރާތްކުރެވޭ ރެފަރެންޓް އޮބްޖެކްޓް އެކައްޗަކަށްވުން.
2.    ޑްވެލިޓީ:
މޯފީމް ގުޅިގެން ލަފުޒު އުފެދޭ ގޮތް. – ލަފުޒު ބައިބައި ކޮށްގެން މާނައެއް ނުއުފެއްދުން. މާނަ އުފެދެނީ ވަކިގޮތަކަށް އެލިމެންޓަތައް ގުޅިގެންކަމަށްވުން.
3.    ސެމޭންޓިސިޓީ:
ވަކިތަރުތީބަކުން ލަފުޒު އެތުރި މާނަތަކެއް ނުކުތުން.
4.    ޑިސްކްރިޕްޓްނަސް: 
ޖުމުލައިގެ ލަފުޒުގެ އަދަދަށް ވަކި މިންވަރެއް ނޯތުން / ލަފުޒުގައި ބޭނުންކުރާ ކުޑަކުޑައަޑަކުންވެސް މާނަ ދޭހަވުން.
5.    ޕްރޮޑަކްޓިވިޓީ:
އުފެއްދުންތެރިކަން – ދުވަހަކުވެސް އަޑުނާހާ ޖުމުލައެއް އުފެއްދުން. ޖުމުލަ އުފެއްދުމަށް ލިމިޓެއް ނުވުމާއެކު އެއްވާހަކައެއް އެކިގޮތްގޮތަށްވެސް ބުނުމުގެ ގާބިލްކަން ލިބިފައިވުން.
6.    ޑިސްޕްލޭސްމަންޓް:
ނުހިނގާކަމެއްގެ ވާހަކަ ހިނގިކަމެއްގެ ގޮތުގައި ގެނެވުން. ތަފާތު ޒަމާންތަކަށް ވާހަކަ ބަދަލުކޮށްލެވުން.
7.    ކަލްޗަރަލް ޓްރާންސްމިޝަން:
ބަސް ބޭނުންކޮށްގެން އެބައެއްގެ ސަގާފަތާއި އާދަކާދަ އެތައްޖީލަކަށް ފޯރުކޮށްދެވުން.
8.    އިންޓަޗޭންޖިބިލިޓީ:
ތިބާއަށް އަޑުއިވޭ ވާހަކަތައް ދެނެގަނެވި އަނެކާއަށް އެވާހަކަތައް ފޯރުކޮށްދެވުން.
9.    ސްޓްރަކްޗަރ ޑިޕެންޑެންސް:
ސިންޓެކްޓިކް ރޫލް އޮތުން. / ލަފުޒުއެތުރޭ ތަރުތީބު އޮތުން. މިއެވެ.
މަތީގައި މިބަޔާންކުރެވުނު ބަހުގެ މޭޖަރ ޕްރޮޕަޓީސްތައް ދެނެގަތުމުގެ އިތުރުން، ކޮންވަޒޭޝަނަކުން ބަހުގެ ޤަވާޢިދާއި ޖުމުލައިގެ މާނަތައް ދެނެގަތުމަކީވެސް އުނދަގޫކަމެއް ކަމަށް (ލަން ހުޗްބައި އެންޑް ރޮބިން ވޫފްފިޓް، 2008) (ނޯމް ޗޮމްސްކީ، 1965) އާ ހަވާލާދީ ބަޔާންކުރައްވައެވެ. އެކަމަކު މިމައްސަލަ ބޮޑަށް ދިމާވަނީ ގްރެމެޓިކަލް ކޮމްޕިޓެންސްނެތް މީހުންގެ ކޮންވަޒޭޝަންތަކުން ކަމަށްވެއެވެ. އަދިހަމަ ބައެއް ބަސްތަކަކީ ވާހަކަދައްކާގޮތާއި ލިޔާގޮތް ވަރަށް ތަފާތު ބަސްބަހެވެ.  މިބާވަތުގެ ބަސްތަކުގެ ކޮންވަޒޭޝަންތައް ތަހުލީލުކުރުމަށްވުރެ ރަގަޅީ ޖުމުލަ ހަދައިގެން ތަހުލީލު ކުރުންކަމަށް (އީވަންސް އެން، 2003) ވިދާޅުވެއެވެ. އެހެނީ މިބަވަތުގެ ބަސްބަހުގެ ކޮންވަޒޭޝަންތަކުގައި ލަފުޒުތައް ހުންނާނީ އެކުލަވާލާފައި ކަމަށްވުމުން ބަސްދުރުކުރާ ހަމައާއި، ބުނާއެއްޗެއް ދޭހަކޮށްދޭން ބޭނުންކުރި ފޯމްތަކަކީ ކޮބައިކަން ދެނެގަންނަން އުދަގޫވެއެވެ. ވީމާ މިބާވަތުގެ ކަންކަން ދިރާސާކުރާން އެންމެ ރަގަޅު ގޮތަކީ ޖުމުލަތަކެއް އުފެއްދުންކަމަށް ބައެއް ލިންގުއިސްޓުން ދެކިލައްވައެވެ.
     ޖުމުލައަކީ ފުރިހަމަ މާނައެއް ދޭހަވާގޮތަށް އަތުރާލެވޭ ބަސްތަކަށްކިޔާ ނަމެކެވެ. (އެޑްވާޑް ފިނެގަން، 1991) ބަޔާންކުރައްވާގޮތުގައި ޖުމުލައަކީ މައިގަނޑު ކްލޯޒެއް ނުވަތަ ކްލޯޒްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޤަވާޢިދުގެ ކުޑަ ޔުނިޓެކެވެ. ޖުމުލަ އެނަލިސިސް ކުރުމަކީ ޖުމުލަ ރޫޅާލައި އޭގެ ސިންޓެކްޓިކް ރޫލްއާއި ސެމޭންޓިކް ދެނެގަތުމުގެ އިތުރުން ޖުމުލައިގައި ހިމެނޭ އެއްލަފުޒު އަނެއްލަފުޒާ ގުޅިގެން މާނައުފައްދާގޮތް ދެނެގަތުންކަމަށް (އެންސައިކްލޮޕީޑިޔާ، 0000) ހާމަކުރައްވައެވެ. އަދި ޖުމުލައި އެނަލައިޒް ކުރުމުގައި ކޮންޓެކްސްޓްގެ އެއްވެސް ދައުރެއް ނޯވެއެވެ. ވީމާ ޖުމުލަ އެނަލައިޒް ކުރުމުގައި ބެލެނީ ބަހުގެ ޤަވާޢިދާއި ޖުމުލައިން ފެންނަން އޮންނަ ބޭރުފުށުގެ މާނައަކީ ކޮބައިތޯއެވެ.
     ކޮންވަޒޭޝަނަކީ ބައެއްގެ ތެރޭގައި ކޮންމެ ދުވަހަކު ޢާންމުކޮށް ދެކެވޭ ނުރަސްމީ ވާހަކަތަކަށްކިޔޭ ނަމެކެވެ. މަޝްހޫރު ލިންގުއިސްޓް (ލެވިންސަން، 1983)ގެ ނަޒަރުގައި ކޮންވަޒޭޝަނަކީ ބައެއްގެމެދުގައި ހިނގާ މުޢާމަލާތެއްގެ ނަތީޖާއެވެ. އެހެންކަމުން ކޮންވަޒޭޝަން އެނަލިސިސްއަކީ ނުރަސްމީކޮށް ދެކެވޭ ވާހަކައިގެ ދިރާސާއެއް ކަމަށާއި، ކޮންވަޒޭޝަނަލް އެނަލިސިސްއެއްނަމަ ކޮންޓެކްސްޓެއް އޮންނާނެކަމަށް (އެންތޮނީ ޖޭ ލިޑިކޯޓް، 2007) ބަޔާންކުރައްވައެވެ. ވީމާ ކޮންވަޒޭޝަން އެނަލިސިސްއަކީ ވާހަކަދެކެވޭ ބޭނުމާއި ދެކެވޭވާހަކައިގެ އެހީގައި ކޮންވަޒޭޝަނުގައި ބައިވެރިވާ ފަރާތްތަކުން ކަންކަން ހާސިލްކުރާގޮތް ދެނެގަތުމެވެ. މިކަމަށްޓަކައި ކޮންވަޒޭޝަން އެނަލިސިސްއެއް ހަދާނަމަ އެކޮންވަޒޭޝަނެއްގެ ކޮންޓެކްސްޓް އެނގުން ލާޒިމުވެއެވެ. އެހެނީ ކޮންޓެކްސްޓަކާއި ނުލައި ކޮންވަޒޭޝަނުން ނިކުން ނަތީޖާއެއް ނޭނގޭނެއެވެ.
     ކޮންޓެކްސްޓްއަކީ މުއާސަލާތާއި މުޢާމަލާތު ހިނގި ވެއްޓެވެ. އެހެންކަމުން ކޮންޓެކްސްޓްގައި ވާހަކަދެކެވުނު މާހައުލާއި، ވަޤުތާއި، ވާހަކައިގެ ބައިވެރިންނާއި، ދެކެވޭ ވާހަކައިގެ މައުޟޫއާއި، މުޢާމަލާތުގެ ބޭނުންފަދަ ކަންކަން ހިމެނޭކަމަށް (ހައިމްސް، 1964) ބަޔާންކުރައްވައެވެ. އެހެނީ މިކަންކަން ނޭނގި ދެކެވުނު ވާހަކައިގެ ބޭނުމާއި ބުނިއެއްޗެއްގެ ހަޤީޤީ މާނައެއް ދޭހައެއް ނުކުރެވޭނެއެވެ. މިހެންވެ ބަސްދިރާސާކުރާއްވާ ފަރާތްތަކުން ބަސްދިރާސާ ކުރުމުގައި މިހާރަކަށް އައިސް އެންމެ އާންމުކޮށް ބޭނުންކުރާ މެތަޑަކީ (ގެންގުޅޭ އުޞޫލަކީ) ބަހުގެ އަހުލުވެރިންގެ ކޮންވަޒޭޝަންތަކެއް ނަގައިގެން އެބަހެއް ދިރާސާކުރުމެވެ. އެހެނީ ޖުމުލަ ހަދައިގެން ދިރަސާކުރުމުން މަތީގައި މިބަޔާންކުރި ކަންކަން ދެނެއެއް ނުގަނެވެއެވެ. އެހެންކަމުން ދެން މިބަލާލަނީ ކޮންވަޒޭޝަނަކުން ބަހުގެ މޭޖަރ ޕްރޮޕަޓީސްތައް ފެނޭތޯއާއި ޖުމުލަ ހަދައިގެން މިޕްރޮޕަޓީސްތައް އެންމެ ފުރިހަމަޔަށް ދެނެގަނެވޭނެތޯއެވެ.

ޑިސްކަޝަން

މިއީ ބަސްދިރާސާ ކުރުމުގައި ބޭނުންކުރެވޭ ދެގޮތެއް ކަމަށްވާ ކޮންވަޒޭޝަނަލް އެނަލިސިސްއާއި ޖުމުލަހަދައި އެނަލިސިސް ކުރުމުންކުރެ ރަގަޅުގޮތަކީ ކޮންވަޒޭޝަނަލް އެނަލިސިސް ހެދުންކަން ޘާބިތުކޮށްދިނުމަށް ހަދާ ދިރާސާއެކެވެ. އެހެންކަމުން މިދިރާސާގައި ކޮންވަޒޭޝަނެއް ނަގައިގެން އެކޮންވަޒޭޝަނުން ފެންނަނީ ބަހުގެ ކޮންކޮން ބައިތަކެއްތޯ ބަލައި ތަހުލީލު ކުރެވޭނެއެވެ. އަދި އެކޮންވަޒޭޝަނުން ނުފެންނަ ކަންކަން އެހެން ކޮންވަޒޭޝަނަކުން ފެނޭތޯއާއި ބައެއް ލިންގުއިސްޓުން ކޮންވަޒޭޝަންތަކުން ނުފެންނާނެކަމަށް ނުވަތަ ހޯދަން އުދަގޫކަމަށް ބުނާ ބައިތައް (މޭޖަރ ޕްރޮޕަޓީސް އޮފް ލެންގުއޭޖް) ނެގުނު ކޮންވަޒޭޝަނުން ފެނޭތޯ ބަލާފައިވާނެއެވެ. އެއަށްފަހު ސެންޓެންސް ހަދައިގެން ދިރާސާކުރުމަށްވުރެ ކޮންވަޒޭޝަނެއް ދިރާސާކުރުން ރަގަޅުވާ ސަބަބުތަކުގެ މައްޗަށް އަލިއަޅުވާލާފައި ވާނެއެވެ.

ދިރާސާކުރުމަށް ނެގުނު ކޮންވަޒޭޝަން:

ކޮންވަޒޭޝަނެއް ދިރާސާކުރުމޭ ބުނެވޭ ބަހުގެ މާނައަކީ ދިރާސާކުރެވޭ ކޮންވަޒޭޝަނެއްގެ ކޮންޓެކްސްޓާއި ކޯޓެކްސް އަދި ޓެކްސްޓް ދެނެގަނެ އެކޮންވަޒޭޝަނެއްގައި ހިނގިކަންކަމާއި އެކޮންވަޒޭޝަނެއްގައި ހިމެނޭކަންކަން ހޯދާބަލައި ދިރާސާކުރުމެވެ. އަދި ކޮންވަޒޭޝަނުގެ އެހީގައި ބަހުގެ ބައިތައް ދިރާސާކުރުމާއެކު މުވާޞަލާތުކުރެވޭގޮތާއި، އޭގެފީޗާސްތަކާއި، މުވާޞަލާތު ކުރިއަށްދަނީ ކީއްވެކަމާއި ކިހިނެއްކަން ދެނެގަތުމެވެ. ނަމަވެސް މިދިރާސާގައި ބޮޑަށް ބަލާލާފައިވާނީ ކޮންވަޒޭޝަނަކުން ބަހުގެ މޭޖަރ ޕްރޮޕަޓީސްތައް ފެނޭތޯއެވެ.
     ތިރީގައި އެވަނީ ކޮންވަޒޭޝަނެއްގެ އެހީގައި ބަސްދިރާސާ ކުރުމުން ފެންނާނެ ބައިތަކަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި ނަގާފައިވާ ކޮންވަޒޭޝަނެވެ. މިކޮންވަޒޭޝަނުގެ އެހީގައި ޑިސްކަޝަންގައި ވާހަކަދައްކާފައިވާނީ ބަހުގެ މުހިންމު ބައިތަކާއި، މުވާޞަލާތުގެ ބޭނުން ފުރިހަމަޔަށް ދެނެގަނެވެނީ ކޮންވަޒޭޝަނަކުންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށެވެ.
     މިކޮންވަޒޭޝަނަކީ ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީން ޖަހާފައިވާ ޓެންޓްތައް މާޗް 19 ވަނަ ދުވަހު ރޫޅާލުމުގެ މަސައްކަތުގައި ބައިވެރި، އދ. ހަންޏާމީދޫއަށް ނިސްބަތްވާ ސިފައިންގެ މީހެއް އެމަސައްކަތުގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯއެއް އެފްބީގައި އުފައްދާފައިވާ ހަންޏާމީދޫ ޔަންގ ޖަނަރޭޝަން ފޭސްބުކް ގްރޫޕަށް އަޕްލޯޑް ކުރުމުން އެވަގުތު (20 މާރޗް 2012 ވަނަ ދުވަހު ރޭ 9 ޖެހިއިރު) ފޭސްބުކްގެ އެގްރޫޕުގައި ދެކެވިފައިވާ ވާހަކަތަކެކެވެ. 

ހުސެން:             މީކޮން ބާޣީއެއް؟
ސޮކާޓޯ ބަންބަން:       ހޮޅިދަނޑި ބާޣީ އެއުޅެނީ ހޮޅިދަނޑިތައް ހަލާކުކޮށް.
ހަލީމް މޫސާ:          އެއުޅެނީ ޓޯކީއެއް ހޯދަންވެގެން. ބާޣީ ވަޙީދުގެ ޓޯކީ.
ނިޔަލޯ ދި ނިޔަލޯ:      ތީއަހަރުމެން ފަޚުރުވެރިވާ ދިވެހި ސިފައިން. ސާބަހޭ މޫސާ ތިކުރާ ހިތްވަރަށް.
ހަލީމް މޫސާ:          މިޤައުމު އެކަކުވެސް ބަލައިނުގަންނަ ސިފައިންދޯ.
އަބްދުއްލާ އެމްރާން:     ނޫނޭ. "ބާޣީ" މިލަފުޒަކީ މިހާރު އަލްފާޟިލް ކިޔުމުގެ ބަދަލުގައި ބޭނުންކުރާ ލަފުޒެއްނޫންތަ؟
ސީރީން ޖަންނަތު:       ނައިސް.
ތޯއްޓެ ތޯސީން:        ބްރޯ. ތެޔޮވަޅު ރޫޅާލަނީދޯ؟ އެމްޑީޕީ މީހުން ދެން ލަލަލާ!
ޝާފް ވަޙީދު:         ކެރޭ ޒުވާނުންތަކެއްދޯ؟
ނިޔަލޯ ދި ނިޔަލޯ:      ހުސެން. ތިގޭގަ އުޅޭދޯ ބާޣީއެއް. އަދި ތިފެމިލީގަ ވަރަށްގިނަވެސްދޯ ބާޣީން.
ސާކަޅޭ ސާކް:         މި ކެރޭ ދިވެހިދަރީން ނެތްނަމަ މިޤައުމު އޮންނާނީ ކޮންހާލަތެއްގަބާ؟
ހަލީމް މޫސާ:          އެވެރިން މިޤައުމުގަނެތަސް މިޤައުމުދާނީ ރަނގަޅަށް.. އެއީ ފައްކާ ބާޣީއެއް..
ޝަމްޕީ ވަޙީދު:        ހަލީމް މޫސާ ޔޫއާ ޓޯޓަލީ ރޯންގ. އެހެންނަމަ ރައީސް މުޙަންމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމައްފަހު ހުރިހާ ފުލުހުންނާއި ސިފައިން ވަޒީފާއިން ވަކިކުރެއްވީސް. ކޮންމެ ސަރުކާރެއްގަވެސް ފުލުހުންނަކީ ވަރަށްބޮޑު ޤައުމީ ޒިންމާއެއް އޮންނަ ބައެއް. ކޮންމެ ކަމެއްގަވެސް ދެކޮޅު އޮންނާނެ. ފެއާރވެބަލަ. ވަކިބަޔަކުވީމަ ވަކިގޮތެއް ވަކި އެއްޗެއް..
ހަލީމް މޫސާ:          ހަމަ ބާޣީންވާނީ ބާޣީންނަށް. އެއެއް ބަދަލެއްނުކުރެވޭނެ.
ޝަމްޕީ ވަޙީދު:        ދެންކީއްވެބާ ކުރިން ތިހެންކިޔާއަޑު ނީވުނީ.
ހަލީމް މޫސާ:          ދަންނާށޭ ދަންނާށޭ ބާޣީންނޭ ދަންނާށޭ. ކުރިން އެއީ ދިވެހި ސިފައިން މިހާރު ބާޣީން.. މިހާރު ހަދަމުންދާތަން އެހާ ފަސޭހަޔަކުން ހަލާކުކޮށެއް ނުލެވޭނެ.
ނިޔަލޯ ދި ނިޔަލޯ:      އެކަތަޔާ ދަނގަޑުންދޯ މިފަހަރު ހުރިހާތަނެއްވެސް ހަދާނީ. އެހެންވީމާ އެތަނުގަ   ގެންގުޅޭނީވެސް ދަނގަޑު ކޮންޑަމްއާ ދަނގަޑު............ދޯ.

ކޮންވަޒޭޝަން ތަހުލީލުކުރުން:

އަރބިޓެރަރިނަސް:

     އާރބިޓެރަރިނަސްއަކީ ލަފުޒާ އެލަފުޒުން އިޝާރާތް ކުރެވޭ އެއްޗާ އެއްވެސް ގުޅުމެއް ނުވާއިރުވެސް ލަފުޒު ބުނުމުން އެއީ ކޯޗެއްކަން ދޭހަވުމެވެ. މަތީގައިވާ ކޮންވަޒޭޝަނަލްއަށް ބަލާލާއިރު "ބާޣީ" މިއީ މިގޮތަށް ބޭނުންކުރެވިފައިވާ ލަފުޒެކެވެ. އެހެނީ "ބާޣީ" މިލަފުޒަކީ ސިފައިންގެ ސިފަތަކާއި އެއްވެސް ގުޅުމެއްނެއް ލަފުޒަކަށްވީނަމަވެސް ކޮންވަޒޭޝަނުގައި އެލަފުޒު ބޭނުންކޮށްފައިވާގޮތާއި ހާލަތުން އެލަފުޒުން ދޭހަކޮށްދެނީ އެއީ ސިފައިންކަމެވެ. އަދި މިހާލަތުގައި އެލަފުޒު ބޭނުންކުރެވެމުންދާގޮތް ކޮންވަޒޭޝަނުގެ ހުރިހާ ބައިވެރިންނަށްވެސް ދޭހަކުރެވި ކޯޕަރޭޓްކޮށްފައިވެއެވެ. އެހެންކަމުން މިތަނުގައި މިއޮތީ ލަފުޒާއި ލަފުޒުން އިޝާރާތްކުރެވޭ އެއްޗަކާއި ގުޅުމެއް ނުވިނަމަވެސް ބައިވެރިންނަށް އެލަފުޒުގެ މާނަދޭހަވެފައިކަން ހާމަވެއެވެ. ވީމާ މިއީ ބަހުގެ އާބިޓްރަރިނަސްއެކެވެ. ނަމަވެސް "ބާޣީ" މިލަފުޒު ބޭނުންކޮށްގެ ޖުމުލައެއް ހެދުމުން މަތީގައި ބަޔާންކުރިގޮތަށް ބަހުގެ އާބިޓްރަރިނަސް ފެންނަމިންވަރު ވަރަށް ކުޑަވެއެވެ.

މިސާލު 01: ބާޣީ އެއުޅެނީ ހޮޅިދަނޑިތައް ހަލާކުކޮށްލާށެވެ.

     މިސާލު 01ގައި އެވަނީ ކޮންވަޒޭޝަނުން ޖުމުލައެއް ނަގައިފައެވެ. މިހެން ހެދުމުން "ބާޣީ" މިލަފުޒުން ލަފުޒުގެ އާބިޓްރަރިނަސް އަކަށް ފެންނަނީ ލަފުޒުގެ އަސްލު މާނައެވެ. އިތުރަށް މާނަ ފުޅާކޮށް އެހެން އަޞްލު އިޝާރާތްކުރެވޭ އެތިނޫން އެހެން އެއްޗެއް ދައްކުވައެއް ނުދެއެވެ.

މިސާލު 02: މި ކެރޭ ދިވެހިދަރީން ނެތްނަމަ މިޤައުމު އޮންނާނީ ކޮންހާލަތެއްގައި ބާ؟

     ބަހުގެ އާބިޓްރަރިނަސް ފެންނަ އަނެއް ވައްތަރަކީ ޑިއިކްސިސްއެވެ. އެހެނީ ޑިއިކްސިސްގެ ގޮތުގައި ބޭނުންކުރެވޭ އަކުރުތަކުން ދައްކައިދެނީ އެއްޗަކަށް އަސްލު ކިޔޭނަމުގެ ބަދަލުގައި ބޭނުން ކުރެވޭ އިޝާރާތެއް ކަމަށް (ލިޔޯން ޖޯން، 1977) ހާމަކުރައްވާފައިވެއެވެ. މިގޮތަށް އެބޭނުންކުރެވޭ އަކުރުތަކަކީ އެނިސްބަތް ކުރެވޭ އެއްޗަކާ އެއްވެސް ގުޅުމެއް ހުންނަ އެއްޗެއް (ލަފުޒެއް) ނޫނެވެ. މިގޮތަށް ޑެއިކްސިސްއިން ކުރެވޭ އިޝާރާތް ޖުމުލައެއް ހަދައިގެން ހޯދުމަކީ ފަސޭހަކަމެއްވެސް ނޫނެވެ. މިސާލު 02 ގައި އެވަނީ ޑެއިކްސިސްއެއް ބޭނުންކޮށްގެން ހަދާފައިވާ ޖުމުލައެކެވެ. މިސާލު 02 ގައިވާ "މި" މިޑެއިކްސިސްއިން އެހާލަތުގައި އެއްވެސް އެއްޗެއް ދޭހަކޮށެއް ނުދެއެވެ. ނަމަވެސް ހަމަ މިޖުމުލަ ކޮންވަޒޭޝަނުގައި ބޭނުން ކުރުމުން ޖުމުލައިގައިވާ ޑެއިކްސިސްއިން ބަރާބަރަށް މާނައެއް ދޭހަކޮށްދީ އެޑެއިކްސިސްއިން އާބީޓްރަރިނަސް ދައްކުވައިދެއެވެ. އެއީ "މި" އިޝާރާތްކުރަނީ ދިވެހި ސިފައިންނަށް ކަމެވެ.
     ބަހުގެ އާބިޓްރަރިނަސް އެންމެ ފުޅާކޮށް ފެނިގެންދަނީ ކޮންވަޒޭޝަނުން އެނަލިސިސްތަކުންނެވެ. އެގޮތުން ވަކިކޮންޓެކްސްޓަކާއި ގުޅުމުން ލަފުޒަށް ގެނުވާ ބަދަލުތައް ދެނެގަނެވޭނީ ކޮންވަޒޭޝަނަލް އެނަލިސިސްއަކުން ކަމަށް (ނިކޮލަސް އީވަންސް އާއި ސްޓެފަން ލެވިންސަން، 2009) ހާމަކުރައްވައެވެ. އެހެނީ ވަކި (ސިންގަލް) ލަފުޒެއް ބުނުމުން ސިކުޑީގައި ކުރަހާލެވޭ ތަސްވީރުތައް (މާނަތައް) ޖުމުލައަކުން ނުހޯދެނެތީއެވެ. އަދި އެ ލަފުޒެއްގެ މާނައަށް ބަދަލު އައިސްފިކަން ފުރަތަމަ ދެނެގަނެވޭނީވެސް ކޮންވަޒޭޝަނަކުން ކަމަށްވާތީއެވެ. މިކަން މަތީގައި ބަޔާންކުރެވުނު ވާހަކަތަކުންވެސް ވަރަށް ރަގަޅަށް ހާމަވެގެން ހިގައްޖެއެވެ. ވީމާ ބަހުގެ އާރބިޓްރަރިނަސް ޖުމުލައެއް ހަދައިގެން ފެންނަވަރަށްވުރެ ބޮޑަށް (ފުޅާކޮށް) ކޮންވަޒޭޝަނުން ފެންނަކަން ދިރާސާ ކުރެވުނު ކޮންވަޒޭޝަނުންނާއި ލިންގުއިސްޓުންގެ ވާހަކަތަކުން ހާމަވެއެވެ.

ޑްވެލިޓީ އާއި ޑިސްކްރިޕްޓްނަސް:

     ޑްވެލިޓީއަކީ މޯފީމްތައް ގުޅިގެން ލަފުޒު އުފެދޭ ގޮތެވެ. އަދި ޑިސްކްރިޕްނަސްއަކީ ލަފުޒުގައި ބޭނުންކުރެވޭ އެންމެ ފޮނީމަކުންވެސް މާނައަށް ބަދަލުއައުމާއި ޖުމުލައިގެ ދިގުމިނުގައި ވަކި މިންވަރެއް ނުވުމެވެ. މިގޮތަށް ބަހުގެ އަޑުތައް އުފައްދާގޮތާއި އަޑުތައް ތަރުތީބުކޮށްގެން ލަފުޒު އުފެދޭގޮތް ދިރާސާކުރާ ޢިލްމަށް ކިޔަނީ ފޮނެޓިކްސް އެންޑް ފޮނޮލޮޖީއެވެ. މިޢިލްމު ދިރާސާކުރައްވާ ފޮނިޓީޝަނުން ބައްލަވަނީ ބަހުގެ އަހުލުވެރިން ލަފުޒުކިޔުމުގައި އަސްލު ނެރޭ އަޑާއި، އަޑުތައް ގުޅުވައިގެން ދުލުން ލަފުޒު ކިޔާގޮތައް ކަމަށް (ޒާހިޔާ ޒަރީރު، 2011) ބާޔަންކުރައްވައެވެ. އެހެންވީމާ ކޮންވަޒޭޝަނަލް އެނަލިސްއަކުން ނޫންގޮތަކަށް ނުވަތަ ޖުމުލައެއް ހަދައިގެން މިބައިތައް ދެނެގަންނާނީ ކިހިނެއްތޯއެވެ. ވީމާ ބަހުގެ ޑްވެލިޓީ ދެނެގަނެވޭނެވޭނީ ކޮންވަޒޭޝަނަލް އެނަލިސިސްއަކުންނެވެ ނަމަވެސް މޯފީމްތައް އެތުރި ތަރުތީބުވާގޮތް ޖުމުލަ ހަދައިގެންނާއި ކޮންވަޒޭޝަންތަކުންވެސް ހޯދިދާނެއެވެ.
     ޖުމުލައެއް ހަދައިގެން ބަހުގެ ޑިސްކްރިޕްޓްނަސް ދެނެގަންނަ ވާހަކަ ދައްކާއިރު، ޖުމުލައެއްގެ އެންމެ އަސާސީ އެއްސިފައަކީ ވީހާވެސް ކުރުކޮށް ޖުމުލަހެދުމެވެ. ވީމާ ޖުމުލަ ހަދައިގެން ޑިސްކްރިޕްނަސް ދެނެގަންނާނީ ކިހިނެއްތޯއެވެ. އެހެނީ ޑިސްކްރިޕްނަސްއަކީ ޖުމުލައިގެ ދިގުމިނަށް ވަކި މިންވަރެއް ނުވުމާއި މޯފީމަކުން މާނައަށް ބަދަލުގެނުވުމެވެ. އެހެންކަމުން ބަހެއްގެ ޑިސްކްރިޕްނަސްކަން ފަސޭހައިން ފެންނާނީ ކޮންވަޒޭޝަނަކުންކަން ޔަޤީނެވެ. ސަބަބަކީ ކޮންވަޒޭޝަނެއްގައި މީހަކު ކިތަންމެ ދިގުކޮށްވެސް ވާހަކަދައްކަފާނެއެވެ. އަދި އޭނާ ޕްރޮނައުންސް ކުރާގޮތަކުން ލަފުޒުގެ މާނައަށް ބަދަލުވެސް ގެނުވަފާނެއެވެ. އެކަމަކު މިކަންކަން ލިޔުމަކުން ނުދެއްކޭނެއެވެ (ރޯވ ލެވިން، 2012). ވީމާ ބަހުގެ ޑިސްކްރިޕްނަސް އެންމެ ސާފުކޮށް ފެންނާނީ ޑިސްކޯސްތަކުންނެވެ. ތިރީގައިވާ މިސާލު 03 އަށް ވިސްނާލަމާތޯއެވެ.

މިސާލު 03: ދެންކީއްވެބާ ކުރިން ތިހެންކިޔާއަޑު ނީވުނީ.

     މިސާލު 03 ގައިވާ ޖުމުލަ ލިޔެފައި އޮންނައިރު އެއިން ދޭހަކޮށްދެނީ ހަމައެކަނި މަޢުލޫމާތެކެވެ. އެއީ ކުރިން އެހެން ކިޔާއަޑު ނީވުނު ވާހަކައެވެ. ނަމަވެސް ކޮންވަޒޭޝަނުގައި މިޖުމުލަ ޕްރޮނައުންސްކުރިގޮތުން ދޭހަކޮށްދެނީ މުޅިން އެހެން މާނައެކެވެ. އެއީ "ދެންކީއެއްވެބާ" މިހެން އޭނާ ބުނަނީ ކާފުގެ އިބިފިއްޔަށް ވަރަށްބޮޑަށް ދަމާލާފައިކަމަށް ވާތީއެވެ. އެހިސާބުން ނެގޭ މާނައަކީ އެވާހަކަ އޭނާ ޤަބޫލު ނުކުރާކެމެވެ. މިކަހަލަ ކަންކަން ޖުމުލަ ހަދައިގެން ދެނެގަންނާނީ ކިހިނެއްތޯއެވެ. ވީމާ ބަސްދިރާސާކުރުމަށް ރަގަޅީ ކޮންވަޒޭޝަނަލް އެނަލިސިސް ހެދުންކަން ހާމަވެއެވެ.

ސްޓްރަކްޗަރ ޑިޕެންޑެންސް އާއި ސެމޭންޓިސިޓީ:

      މިއީ ބަހުގެ ސިންޓެކްޓިކް ރޫލެވެ. (ޕޯލް ޖޯސަން، 1996) ހާމަކުރައްވާގޮތުން ބަސް ދިރާސާކުރައްވާ ފަރާތްތަކަށް ކޮންވަޒޭޝަނަކުން ދެނެގަންނާން އެންމެ އުދަގޫ އެއްބަޔަކީ މިއީއެވެ. ބަހުގެ ޖުމުލަތަކުގައި ލަފުޒުއަތުރާ ތަރުތީބު (ސިންޓެކްޓިކް ރޫލް/ ސްޓްރަކްޗަރ) ދެނެނުގަނެވުމެވެ. ނަމަވެސް މަތީގައިވާ ކޮންވަޒޭޝަނުގެ ޖުމުލަތައް އެނަލައިޒްކޮށްލުމުން ހާމަވަނީ މުޅިކޮންވަޒޭޝަނުގައި 85 އިންސައްތަ ޖުމުލަ ބޭނުންކޮށްފައިވަނީ ވަކި ސިންޓެކްޓިކް ރޫލްއަކަށް ފައްތައިގެންކަމެވެ. އަދި އެއީ ދިވެހިބަހުގައި ޖުމުލަ ހެދުމަށް ލަފުޒު އަމުނާލާ އުޞޫލާ އެއްގޮތަށްކަމެވެ. ވީމާ މިކޮންވަޒޭޝަނުން ޘާބިތުވަނީ ކޮންވަޒޭޝަނަލް އެނަލިސިސްއަކުން ބަހުގެ ސިންޓެކްސް (ސްޓްރަކްޗަރ ޑިޕެންޑެންސް) ވަރަށް ސާފުކޮށް ދެނެގަނެވޭކަމެވެ.  
      ބަހެއްގެ ހަޤީޤީ ސްޓްރަކްޗަރ ދެނެގަނެވޭނީ ކޮންވަޒޭޝަނަލް އެނަލިސިސްއަކުންނެވެ. އެހެނީ ބަހެއްގެ ޖުމުލަތަކުގައި ލަފުޒު އެތުރޭ ތަރުތީބު ކަނޑައަޅަނީ ބަހުގެ އަހުލުވެރިން ވާހަކަދައްކާގޮތް ދިރާސާކޮށްގެންކަމަށް (ފިނެގަން، 1991) ބަޔާންކުރައްވައެވެ. މިކަން މަތީގައިވާ ކޮންވަޒޭޝަނުންވެސް ޘާބިތުވެއެވެ. ވީމާ ބަހެއް ދިރާސާކުރުމަށް އެންމެ ރަގަޅު އެއްގޮތަކީ ކޮންވަޒޭޝަނަލް އެނަލިސިސް ހެދުމެވެ.

މިސާލު 04: ބްރޯ. ތެޔޮވަޅު ރޫޅާލަނީދޯ؟ (ސިފައިން ތެޔޮވަޅުތައް ރޫޅާލަނީއެވެ.)

     ސެމޭންޓިސިޓީއަކީ ލަފުޒުތައް ތަރުތީބުވެ އެލަފުޒުތަކުންނާއި ޖުމުލައިން މާނައެއް ދޭހަވާ އުޞޫލެވެ. މިކަން ދެނެގަތުމަށް ޖުމުލައެއް ނަގައިފިނަމަ އެޖުމުލައަކުން ފެންނާނީ ލަފުޒުތަކާއި ޖުމުލައިގެ ބޭރުފުށުން ފެންނަން އޮންނަ (ރެފެންޝިއަލް) މާނަ އެކަންޏެވެ. މިސާލު 04ގައި އެވާޖުމުލައިން އެފެންނަނީ މިދެންނެވި މާނައެވެ. އެއީ ތޮޔޮހުރި ވަޅެއް ރޫޅާލާ ނޫނީ ހަލާކުކޮށްލާ ވާހަކައެވެ. ނަމަވެސް ބުނާ ބުނުމުން ދޭހަކޮށްދޭ މާނަ ވަރަށް ތަފާތެވެ. ބުނާ ބުނުމުން ދޭހަވާ މާނައަކީ ވަކި ޙާލަތްތަކެއްގައި، ވަކި ވަގުތެއްގައި، ވަކި މާޙައުލެއްގައި ބޭނުންކުރެވުމުން ޖުމުލައިން ދޭހަކުރެވޭ މާނަކަމަށް (ވިކްޓޯރިޔާ ފްރޮމްކިންގއާއި އޭނާގެ ބައިވެރިން، 2003) ބުނެއެވެ.
      މިސާލު 04 ގައިވާ ޖުމުލަ ކޮންވަޒޭޝަނުގައި ބޭނުންކޮށްފައިވާ މާނަ ވަރަށް ތަފާތުވެއެވެ. އެމާނައަކީ "އެމްޑީޕީ މީހުންގެ މަސްތުވާތަކެއްޗާއި ރަލުގެ އައްޑާ ހަލާކުކޮށްލީ ދޯއެވެ." މިމާނައަކީ ބުނާ ބުނުމުން ދޭހަވާ މާނަކަން އެނގެނީ ޖުމުލަ ބޭނުންކޮށްފައިވާ ކޮންޓެކްސްޓަށް ބެލުމުންނެވެ. (ވިކްޓޯރިޔާއާއި އޭނާގެ ބައިވެރިން، 2003) ހާމަކުރައްވާގޮތުގައި ޖުމުލަ ބޭނުންކުރާ ހާލަތުން ޖުމުލައިގެ މާނަ ދެނެގަތުމުގެ ޢިލްމަކީ ޕްރެގްމެޓިކްސްވެއެވެ. ވީމާ ބަހުގެ ޕްރެގްމެޓިކްސް މާނަތައް ދެނެގަނެވެނީ ކޮންވަޒޭޝަނަލް އެނަލިސިސް ހަދައިގެންކަން ހާމަވެއެވެ. އެހެނީ ޖުމުލަގައި ބަލަނީ ފެންނަން އޮންނަ މާނައަށެވެ. އަދި ޖުމުލަ ކޮންޓެކްސްޓުން ވަކިކޮށްލުމުން އެޖުމުލައިގެ ޙަޤީޤީ މާނަ ދޭހަނުވާކަން މަތީގައިވާ މިސާލު 04އިން ވަރަށް ސާފުކޮށް ފެނޭވެސްމެއެވެ.

މިސާލު 05: ހުސެން! ތިގޭގަ އުޅޭދޯ ބާޣީއެއް.

     ސްޕީޗް އެކްޓް ދެނެގަންނެވެނީ ކޮންވަޒޭޝަނަލް އެނަލިސިސްތަކުންނެވެ. އެހެނީ މިސާލު 05ގައި އެވާ ޖުމުލައަށް ވިސްނާލާއިރު އެޖުމުލަ ޖުމުލައެއްގެ ގޮތުގައި އޮންނައިރު ދޭހަކުރެވެނީ އެއީ ބުނުމެއްކަން އެކަންޏެވެ. ނަމަވެސް މިޖުމުލަ ކޮންވަޒޭޝަނުގައި ބޭނުންކޮށްފައިވާގޮތަށް ބަލާއިރު ޖުމުލަ ބުނި ރާގުން މިއީ މަލާމާތެއްކަން ހާމަވެއެވެ. އަދި ހަމަ ސުވާލަކަށްވުމުގެ އިތުރުން ކަމެއް އޮތްގޮތް (ރެޕްރެޒެންޓޭޓިވްއެއް) ބުނެދިނުމާއެކު ޖުމުލަބުނި ހާލަތާއި ރާގުން މި ޖުމުލައިން ވާހަކަދައްކާ ފަރާތުގެ ޝުޢޫރު (އެކްސްޕްރެސިވް) ވެސް ދައްކުވައިދެއެވެ. ވީމާ ކޮންވަޒޭޝަން އެނަލިސިސް ހެދުމުން ފަސޭހަކަމާއެކު އެންމެ ބުނުމަކުންވެސް ސްޕީޗް އެކްޓްގެ އެތައްބައެއް ހޯދޭކަން ހާމަވެއެވެ. ނަމަވެސް ޖުމުލައެއް ހެދުމުން އެޖުމުލަ އަކުން ފެންނަނީ ސްޕީޗް އެކްޓްގެ ކޮންމެވެސް އެއް ބައެކެވެ. އެގޮތުން މަތީގައިވާ މިސާލު 05ވެސް ޖުމުލައެއްގެ ގޮތުގައި އޮންނައިރު އެއިން ފެންނަނީ ހަމައެކަނި ރެޕްރެޒެންޓޭޓިވް އެކަންޏެވެ.
     ޖުމުލަ ހަދައިގެން ސްޕީޗް އެކްޓް ދެނެއެއް ނުގަނެވޭނެއެވެ. އެއީ ސްޕީޗް އެކްޓަކީ ވާހަކަދައްކާ ދެފަރާތެއްގެ ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި ދެކެވޭ ވާހަކައިގެ ސަބަބުން އަންނަ ބަދަލުތައް ނުވަތަ ބުނުންތަކުގެ ސަބަބުން ކުރާ ޙަރަކާތްތައް ދިރާސާކުރުންކަމަށް (ފިނެގަން، 1999) ހާމަކުރައްވާފައިވާތީއެވެ. ވީމާ ސްޕީޗް އެކްޓް ދެނެގަތުމަށާއި ހާލަތާއި ގުޅިގެން ޖުމުލަތަކުން ދޭހާވާ މަނާ (ސޯޝިއަލް މީނިންގ، ޕްރެގްމެޓިކްސް މީނިންގ "މިސާލަކަށް ތެޔޮވަޅު މިލަފުޒުން ކުރާ އިޝާރާތް") ދެނެގަތުމަށް އެންމެ ރަގަޅުގޮތަކީ ކޮންވަޒޭޝަނަލް އެނަލިސިސް ހެދުމެވެ. އަދިހަމަ ދެކެވޭ ވާހަކަޔާއި ގުޅިގެން ވާހަކަ ދައްކާ ފަރާތާއި ވާހަކަދެކެވޭ ފަރާތުން ކަންކުރާގޮތް (ހިނގިހަރަކާތް) ހަމައެކަނީ ދެނެގަނެވެނީ ކޮންވަޒޭޝަން އެނަލިސިސްތަކުންނެވެ.

ޑިސްޕްލޭސްމަންޓް އާއި އިންޓަޗޭންޖިބިލިޓީ:

     ޑިސްޕްލޭސްމަންޓަކީ ބަހުގެ ބޭނުންކޮށްގެން ތަފާތު ޒަމާންތައް ދޭހަވާނޭހެން އައު ޖުމުލަތަކެއް ވުޖޫދުކުޅައުމެވެ. އަދި އިންޓަޗޭންޖިބިލިޓީއަކީ ތިމާއަށް އަޑުއިވޭ ވާހަކަތަކެއް ތަފާތު ގޮތްގޮތަށް ބަދަލުކޮށްގެން އެހެން މީހުންނަށް އެމަޢުލޫމާތު ފޯރުކޮށްދިނުމެވެ. ކޮންވަޒޭޝަނަކުން މަތީގައި މިބަޔާންކުރި ދެބައި ދެނެގަނެވޭތޯ ބަލާލުމަށް މިސާލު 06 އަށް ބަލާލަމާތޯއެވެ.

މިސާލު 06:
ހަލީމް މޫސާ:          ދަންނާށޭ ދަންނާށޭ ބާޣީންނޭ ދަންނާށޭ. ކުރިން އެއީ ދިވެހި ސިފައިން މިހާރު ބާޣީން.. މިހާރު ހަދަމުންދާތަން އެހާ ފަސޭހަޔަކުން ހަލާކުކޮށެއް ނުލެވޭނެ.
ނިޔަލޯ ދި ނިޔަލޯ:      އެކަތަޔާ ދަނގަޑުންދޯ މިފަހަރު ހުރިހާތަނެއްވެސް ހަދާނީ. އެހެންވީމާ އެތަނުގަ   ގެންގުޅޭނީވެސް ދަނގަޑު ކޮންޑަމްއާ ދަނގަޑު............ދޯ.

     މިސާލު 06ގައި މިވާ ޑައިލޮގްކޮޅަކީ މަތީގައިވާ ކޮންވަޒޭޝަނުން ނަގާފައިވާ ބައެކެވެ. މިޑައިލޮގްކޮޅަށް ބަލާލާއިރު ނޫކުލައިން ފާހަގަކޮށްފައިއެވާ ބުނުމަކީ ހިނގާފައިވާކަމެއްގެ ވާހަކައެވެ. (މީގެ މާނައަކީ ސިފައިންނަކީ ބާޣީންނެކޭ ނޫނެވެ. މިއީ ހަމަ މިސާލެއް) އެއާވިދިގެން ދެން ބުނި ޖުމުލައިގައި އެވަނީ އަދި ނުހިގާކަމެއްގެ ވާހަކައެވެ. މިދެބުނުމަށް ރަށްދުދިނުމަށް "ނިޔަލޯ" ބުނެފައިވާ ބުނުމުގައި އެވަނީ އަދި ވުޖޫދުނުވާ ކަންތައްތަކަކާއި ތަކެތީގެ ވާހަކައެވެ. (ޖޯޖް ޔޫލް، 2005) ހާމަކުރައްވާގޮތުގައި ހިނގާފައިވާކަމެއްގެ ވާހަކައާއި ނުހިނގާކަމެއްގެ ވާހަކައާއި ނެތް އެއްޗެއްގެ ވާހަކަ ހިތްމައްޗަށް ގެނެސްގެން ބަހުގެ ޒަމާނަށް ބަދަލުގެނެސްގެން އެދައްކާ ވާހަކަތަކަކީ ޑިސްޕްލޭސްމަންޓެވެ. ވީމާ މިޑައިލޮގްކޮޅުން ޑިސްޕްލޭސްމަންޓް ފެންނަކަމަށް ބުނެވިދާނެއެވެ. ވީމާ ކޮންވަޒޭޝަނަލް އެނަލިސިސްއަކުން ބަހުގެ ޑިސްޕްލޭސްމަންޓް ލިޔުމުން ފެންނަ ވަރަށްވުރެ ރަގަޅަށް ފެންނާނެކަން ހާމަވެއެވެ.
     ކޮންވަޒޭޝަނުން އިންޓަރޗޭންޖިބިލިޓީ ފެންނާނެތޯ ބަލާލުމަށް މަތީގައިވާ ކޮންވަޒޭޝަނަށް ބަލާލަމާތޯއެވެ. މިސާލު 07ގައި އެވަނީ ކޮންވަޒޭނުން ނަގާފައިވާ ޑައިލޮގްކޮޅެކެވެ.

މިސާލު 07:
ޝަމްޕީ ވަޙީދު: ހަލީމް މޫސާ ޔޫއާ ޓޯޓަލީ ރޯންގ. އެހެންނަމަ ރައީސް މުޙަންމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްފަހު ހުރިހާ ފުލުހުންނާއި ސިފައިން ވަޒީފާއިން ވަކިކުރެއްވީސް. ކޮންމެ ސަރުކާރެއްގަވެސް ފުލުހުންނަކީ ވަރަށްބޮޑު ޤައުމީ ޒިންމާއެއް އޮންނަ ބައެއް. ކޮންމެ ކަމެއްގަވެސް ދެކޮޅު އޮންނާނެ. ފެއާރވެބަލަ. ވަކިބަޔަކުވީމަ ވަކިގޮތެއް ވަކި އެއްޗެއް..

މިސާލު 07ގައިވާ ބުނުންތައް ކިޔާލުމުން އެނގެނީ މިއީ "ޝަމްޕީއަށް" ކުރިން އެނގިފައިވާ (އަޑުއިވިފައިވާ) މަޢުލޫމާތުތަކެއް ކަމެވެ. އެހެނީ އޭނާ ފަށާފައިވަނީ "އެހެންނަމަ" މިހެންކިޔާފައެވެ. މިއީ ދިވެހިބަހުގައި ހަވާލާ ދިނުމަށް ބޭނުންކުރާ ލަފުޒެކެވެ. ހަމައެހެންމެ މި ބުނުން ޝަމްޕީ ބުނެފައިވަނީ ބަސްބޭނުންކުރާ ހަމަތަކާ (އުޞޫލާ) އެއްގޮތަށެވެ. (ޖޯޖް ޔޫލް، 2005) ހާމަކުރައްވާނީ އިންޓަރޗޭންޖިބިލިޓީއަކީ ކުރިން އަޑުއިވިފައިވާ ވާހަކައެއް ބަދަލުކޮށްލައިގެން، އެކަމަކު ބަހުގެ ހަމަތަކާއި އެއްގޮތަށް އެހެން މީހަކަށް ފޯރުކޮށްދިނުން ކަމަށެވެ. ޝަމްޕީގެ ބުނުމުގައި ބުނަނީ ފުލުހުންނާއި ސިފައިން ވަޒީފާއިން ވަކި ނުކުރާ ވާހަކައެވެ. ނަމަވެސް އެވާހަކަ ގެނެސްފައިވަނީ ބަހުގެ ހަމަތަކަށް ފައްތައިގެން ޝަމްޕީ ބޭނުންވާ ސްޓައިލްގައެވެ. އެހެންވީމާ މިއީ އިންޓަރޗޭންޖިބިލިޓީ ފެންނަ ޖުމުލައަކަށްވެއެވެ. ވީމާ ކޮންވަޒޭޝަނަލް އެނަލިސިސްއަކުން ވަރަށް ފަސޭހައިން ބަހުގެ މިޕްރޮޕަޓިސް ދެނެގަނެވޭކަން އެބަހާމަވެއެވެ. 

ކަލްޗަރަލް ޓްރާންސްމިޝަން އާއި ޕްރޮޑަކްޓިވިޓީ:

     ކަލްޗަރަލް ޓްރާންސްމިޝަނަކީ ބަހުގެ ޒަރީޢާއިން އެބައެއްގެ ޘަޤާފަތާއި އާދަކާދަ އެތައްޖީލަކަން ފޯރުކޮށްދިނުން ނުވަތަ ދައްކައިދިނުމެވެ. އަދި ޕްރޮޑަކްޓިވިޓީއަކީ ބަހުގެ އުފެއްދުންތެރިކަން ހާމަވުމެވެ. މަތީގައިވާ ކޮންވަޒޭޝަނަށް ބަލާއިރު އެކޮންވަޒޭޝަނުން ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަލްޗަރއެއްކަމަށްވާ އަދަބު އިޚްތިރާމްކުރުން ވަރަށް ސާފުކޮށް ދައްކުވައިދެއެވެ. އެގޮތުން ބޮޑުންނާ މުޚާތަބުކުރުމުގައި މަތީ ދަރަޖައިގެ ބަސްކޮށާރު ބޭނުންކޮށްގެން ވާހަކަ ދައްކާފައިވާކަން (މިސާލު 07އިން) ފާހަގަކުރެވެއެވެ. އަދިހަމަ (ރޮބިން ލެކޮފް، 1973) އަށް ޙަވާލާދީ (ގައިކުކް، 1995) ހާމަކުރައްވާ ކޮންވަޒޭޓިވް ޕްރިންސިޕްލްސް ޕޮލައިޓްނެސްގެ ސިފަތަށް މިކޮންވަޒޭޝަނުން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. އެގޮތުން ވަކިކަމަކަށް މަޖުބޫރުކޮށްފައި ނުވުމާއި، ވާހަދެއްކުމަށް އެކަކު އަނެކަކަށް ފުރުޞަތުދީފައިވުމާއި، އަޑުއަހަން ހުރި މީހާ ހިތްހަމަޖައްސައިގެން ވާހަކަ ކުރިއަށް ގެންގޮސްފައިވާކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ވީމާ ރޮބިން ލެކޮފްގެ ޕޮލައިޓްނަސް ތިއަރީގައިވާ ކަންކަން ކޮންވަޒޭޝަނަލް އެނަލިސިސްއަކުން ފެންނާނެކަން މިކޮންވަޒޭޝަނުން ހާމަވެއެވެ. އަދިހަމަ ކަލްޗަރަލް ޓްރާސްމިޗަން ރައްކާކުރެވިފައި ހުންނަނީ ނުވަތަ ފެންނަނީ ޖުމުލަ ހަދައިގެން އެކަނި ނޫންކަން ހާމައެވެ.
     ބަހުގައި ބޭނުންކުރާ ލެންގއޭޖް ފަންކްޝަންތައް ހަތަރު ބަޔަކަށް ބަހާލެވެއެވެ. (ގައިކުކް، 1995) ހާމަކުރައްވާގޮތުގައި އެބައިތަކަކީ އިމޯޓިވް ނުވަތަ ވާހަކަ ދައްކާ މީހާގެ ޖަޒުބާތު ހާމަވާގޮތަށް ޖަވާބުދިނުމާއި، ޑައިރެކްޓިވް ނުވަތަ ބުނަން ބޭނުންވާ އެއްޗެއް ސީދާ ސީދާކޮށް ބުނުމާއި، ފެޓިކް ނުވަތަ ބަޔަކު ދައްކާ ވާހަކައަކަށް ވަދެގަތުމަށް މަގުހޯދައި ވަދެގަތުމާއި، ޕޮއިޓިކް ނުވަތަ ވާހަކަދެއްކުމުގައި ގެންގުޅޭ ޚާއްޞަ ވައްޓަފާޅިއެވެ. މަތީގައިވާ ކޮންވަޒޭޝަނަށް ބަލާލާއިރު "ތީއަހަރުމެން ފަޚުރުވެރިވާ ދިވެހި ސިފައިން. ސާބަހޭ މޫސާ ތިކުރާ ހިތްވަރަށް." މިބުނުން ވާހަކަދައްކާ މީހާގެ ޖަޒުބާތު ވަރަށް ރަގަޅަށް ފެނިގެންދެއެވެ. އެއީ ބުނުން ބުނި ރާގާއި ބޭނުންކޮށްފައިވާ ބަސްކޮށާރުގެ ސަބަބުންނެވެ. ޚާއްޞަކޮށް "ފަޚުރުވެރިވާ"، "ސާބަހޭ" މިދެލަފުޒުން އެކަން ދައްކުވައިދޭ މިންވަރު ބޮޑުކުރެއެވެ. ވީމާ މިއީ އިމޯޓިވް ބުނުމެއްކަން ހާމަވެއެވެ.
     ކޮންވަޒޭޝަނުގައި ޑައިރެކްޓިވް ފަންކްޝަންވެސް ވަރަށް ގިނައިން ބޭނުންކޮށްފައި އިބަހުއްޓެވެ. ގާތްގަޑަކަށް ހުރިހާ ބުނުމެއްވެސް ހުރީ ވަރަށް ސާފުކޮށް ސީދާ ސީދަލަށް ބުނެފައެވެ. މިސާލަކަށް "ހަމަ ބާޣީންވާނީ ބާޣީންނަށް. އެއެއް ބަދަލެއްނުކުރެވޭނެ." މިއީވެސް އެފަދަ ބުނުމެކެވެ. އަދި ކޮންމެސް ވަރަކަށް ފެޓިކް ހުރިކަންވެސް ފާހަގަކުރެވެއެވެ. އެގޮތުން މިސާލު 07ގައި އެވަނީ ފެޓިކެއް ބޭނުންކޮށްގެން ވާހަކައިތެރެއަށް ވަދެގަނެފައެވެ. އަދިހަމަ އެންމެންގެ ވާހަކަދެއްކުމުގައި އެކަކު އަނެކަކަށް ވިސްނައިދޭ ނުވަތަ ބައިވެރިކުރުވާ ގޮތަށް "ދޯ" ވަރަށް ގިނައިން ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއީ އެމުޖުތަމަޢުގައި ގެންގުޅޭ ޕޮއިޓިކް ގޮތަކަށްވެދާނެއެވެ. އެހެންވީމާ ލެންގްއޭޖް ފަންކްޝަންތައް މިކޮންވަޒޭޝަނުން މިހާސާފުކޮށް ފެންނާތީ ކޮންވަޒޭޝަނަލް އެނަލިސިސްއަކުން މިކަންކަން ހޯދަންވަރަށް ފަސޭހަވާނެކަމަށް ޤަބޫލުކުރެވެއެވެ.
     ބަހުގެ އުފެއްދުންތެރިކަން އެންމެ ރަގަޅަށް ދެނެގަނެވޭނެ އެއްގޮތަކީ ކޮންވަޒޭޝަނަލް އެނަލިސިސްއެއް ހެދުމެވެ. އެހެނީ މިސާލަކަށް، މަތީގައިވާ ކޮންވަޒޭޝަނުގައި ދެކެވިފައިވާ ހުރިހާ ވާހަކައެއްގަވެސް ކޮންވަޒޭޝަނުގެ ބައިވެރިންގެ ތެރެއިން އެއްބަޔަކު މަސައްކަތްކުރަނީ ސިފައިންނަކީ ބާޣީންކަމަށް ހަދާށެވެ. އަދި އަނެއްބަޔަކު މަސައްކަތްކުރަނީ އެހެން އެކަން ނުވާނެކަން ބުނެދޭށެވެ. އެކަމަށްޓަކައި އެމީހުން ދައްކާފައިވާ ވާހަކައިގެ ހުރިހާ ޖުމުލައަކުންވެސް ނެގެނީ ގާތްގަޑަކަށް އެއް މާނަތަކެކެވެ. އެއީ "ސިފައިންނަކީ ބާޣީން" ނޫނީ "ސިފައިންނަކީ ބާޣީނެއް ނޫން" މިއެވެ. އެކަމަކު އެކަމަށް ބޭނުންކުރި ކޮންމެ ޖުމުލައަކީ އާގޮތަށް އައު ބަސްކޮށާރެއް، ނޫނީ އައު ފޯމޭޝަނެއް، ނޫނީ އައު ސްޓައިލެއް ބެނުންކޮށްގެން އުފައްދާފައިވާ ޖުމުލައެކެވެ. މިކަމުން ބަހުގެ އުފެއްދުންތެރިކަން އިބަ ދައްކުވައިދެއެވެ.
މިސާލު 08: "ހުސެން. ތިގޭގަ އުޅޭދޯ ބާޣީއެއް. އަދި ތިފެމިލީގަ ވަރަށްގިނަވެސްދޯ ބާޣީން."
      ބަހުގެ އުފެއްދުންތެރިކަން ފެންނަ އެހެންގޮތަކަށް ބަލާލާއިރު ލަފުޒުތައް އަތުރާގޮތުން ފެންނަ މާނަނޫން އެހެން މާނައެއް ދޭހަކޮށްދޭ ދިނުމަކީވެސް ބަހުގެ މިބާވަތުގެ ސިފައެކެވެ. މިސާލު 08ގައި އެވަނީ އެކަހަލަ ބުނުމެކެވެ. މިބުނުމުން ދޭހަކޮށްދެނީ އެގޭގައި ބާޣީން އުޅޭ ވާހަކައެއް ނޫނެވެ. އެހެނެއްކަމަކު ފުލުހުންނާއި ސިފައިންނަކީ ބާޣީން ކަމަށް ވާނަމަ އެގޭގައިވެސް ބާޣީން އުޅޭނެ ވާހަކައެވެ. މިބާވަތުގެ ބުނުންތަކަށް ކިޔަނީ އިމްޕްލިކޭޗަރ ކަމަށް (ޖޯޖް ޔޫލް، 2000) ހާމަކުރައްވާފައިވެއެވެ. އެހެނީ އިމްޕްލިކޭޗަރއަކީ ބުނުމަކުން ފެންނަން ނެތް، އެހެން ނަމަވެސް އެ ބުނުމުން ނެގޭ ނުވަތަ ދޭހަކުރެވޭ މާނަ، ނޫނީ ނުބުނެ ބުނެފައި އޮންނަ ވާހަކައެވެ. ވީމާ ކޮންވަޒޭޝަނަލް އެނަލިސިސް އަކުން އިމްޕްލިކޭޗަރ ދެނެގަނެވޭނެކަން މިކޮންވަޒޭޝަނުން ހާމަވެއެވެ. ނަމަވެސް މިސާލު 08 އެއޮތްގޮތަށް ޖުމުލައަކަށް ހަދާލުމުން މިއިމްޕްލިކޭޗަރއެއް އެޖުމުލައަކުން ނުފެނާނެއެވެ. ވީމާ ބަސްއެނަލައިޒްކުރުމަށް ރަގަޅުގޮތަކީ ޖުމުލަ ހެދުމުގެ ބަދަލުގައި ކޮންވަޒޭޝަނަލް އެނަލިސިސް ހެދުމެވެ.
     މަތީގައި ބަޔާންކުރެވުނު ވާހަކަތަކުން ހާމަވަނީ ކޮންވަޒޭޝަނަލް އެނަލިސިސްއަކުން ބަހުގެ މޭޖަރ ޕްރޮޕަޓީސްތައް ދެނެގަނެވޭނެކަމެވެ. އަދި ޖުމުލަތަކުން ނުފެންނަ ބަހުގައި ހިމެނޭ ކިތަންމެ ކަންތައްތަކެއް ކޮންވަޒޭޝަނަކުން ފެންނާނެކަމެވެ. ވީމާ ބަސްދިރާސާކުރުމުގައި ކޮންވަޒޭޝަނަލް އެނަލިސިސް ހެދުން ޖުމުލަ ހަދައިގެން ދިރާސާކުރުމަށްވުރެ މާރަގަޅުވެފައި ފައިދާބޮޑެވެ.  

ނިންމުން

މިދިރާސީ މަސައްކަތަކީ ބަސްދިރާސާކުރާން ޖުމުލަ ހަދައިގެން އެނަލައިޒް ކުރުމަށްވުރެ ރަގަޅުގޮތަކީ ކޮންވަޒޭޝަނަލް އެނަލިސިސް ހެދުންކަން ހާމަކޮށްދިނުމަށް ހެދުނު ދިރާސާއެކެވެ. މިކަމަށްޓަކައި ކޮންވަޒޭޝަނެއް ނަގައިގެން އެކޮންވަޒޭޝަނުން ބަހުގެ މޭޖަރ ޕްރޮޕަޓީސްތައް ފެނޭތޯ ބެލުނެވެ. މިމަސައްކަތުން ހާމަވީ އެއްކަމަކީ ކޮންވަޒޭޝަނަކުން ބަހުގެ މޭޖަރ ޕްރޮޕްޓީސްތައް ފެންނަކަމާއި އެޕްރޮޕަޓީސްތަކުގެ ތެރެއިން ބައެއް ބައިތައް ޖުމުލަ ހަދައިގެން ހޯދާން އުދަގޫކަމެވެ. އަދި ބަހުގެ އެންމެ މުހިންމު ބޭނުންކަމަށްވާ މުވާސަލާތައި މުއާމަލާތުގެ ބޭނުމާއި އެމުވާސަލާތަކުން ހިނގިކަންކަން ޖުމުލަ ހަދައިގެން ފުރިހަމަޔަށް ދެނެނުގަނެވޭއިރު މިބައިތައް ކޮންވަޒޭޝަނަކުން ވަރަށް ސާފުކޮށް ފެންނަކަމެވެ. އޭގެ ތެރޭގައި ސްޕީޗް އެކްޓާއި، ލެންގުއޭޖް ފަންކްޝަންތަކާއި އިމްޕްލިކޭޗައާއި، ޕްރެގްމެޓިކްސް އަދި ބަހުގެ ހަޤީޤީ ސިންޓެކްސް (ދެކެވޭ ވާހަކައިގަ ސިންޓެކްސް ހުންނަގޮތް) ފާހަގަކުރެވެއެވެ. ވީމާ ބަސްދިރާސާކުރުމަށް ޖުމުލަ ހެދުމަށްވުރެ ރަގަޅުގޮތަކީ ކޮންވަޒޭޝަނަލް އެނަލިސިސް ހެދުންކަން މިދިރާސާއިން ހާމަވެއެވެ. ނަމަވެސް މިކަން ފުރިހަމަޔަށް ޔަޤީންކުރެވޭނީ މިއަށްވުރެން ފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ކުރެވިގެންކަން ކަށަވަރެވެ.

ރިފަރަންސް ލިސްޓް

ނިކޮލަސް އީވަންސް އާއި ސްޓެފަން ލެވިންސަން. (2009). ދަ މީތް އޮފް ލެންގުއޭޖް ޔުނިވާސަލް: ލެންގްއޭޖް
     ޑައިވާސިޓީ އެންޑް އިޓްސް އިމްޕޯޓަންސް ފޯރ ކޮގްނިޓިވް ސައިންސް. ލަންޑަން: ކެމްބްރިޖް ޔުނިވާސިޓި
     ޕްރެސް
ރޯވ ލެވިން. (2012). އަ ކޮންސައިޒް އިންޓްރޮޑަކްޝަން ޓު ލިނގުއިސްޓިކް. ފޮނޮލޮޖީ: އޮކްސްފޯޑް، ނެގީ:  
     www.pearsonhighered.com ން.
އެޑްވާޑް ފިނެގަން. (1991). ލެންގުއޭޖް ސްޓަރަކްޗަރ އެންޑް ޔޫޒް. ހެރިކޯޓް ބަރޭސް އެންޑް ކޮމްޕެނީ.
      އޮސްޓްރޭލިޔާ.
އީވަން އެން. (2003). ބިނީނީ ގަންވޯކް އަ ޕަންޑައިލެކްޓަލް ގްރެމަރ އޮފް މަޔާލި: ކޫނެ. ޕެސިފިކް
     ލިންގުއިސްޓިކް.
އެންތޮނީ ޖޭ ލިޑިކޯޓް. (2011). އޭން އިންޓްރޮޑަކްޝަން ޓު ކޮންވާޒޭޝަނަލް އެނަލިސިސް. ނިއުޔޯކް: ކޮންޓިނަމް
      އިންޓާނޭޝަނަލް ޕަބްލިޝިން ގްރޫޕް.
ވިކްޓޯރިޔާ ފްރޮމްކިން، ރޮބާޓް ރޮޑްމަން، ނީނާ ހައީމްސް. (2003). އެން އިންޓްރޮޑަކްޝަން ޓު ލެންގުއޭޖް،
      އެޑިޝަން(7). އުނައިޓެޑް ސްޓޭޓްސް: ތޯމަސް އެންޑް ތޮމްސަން.
ލަން ހުޗްބައި އެންޑް ރޮބިން ވޫފްފިޓް. (2008). ކޮންވަޒޭޝަން އެނަލިސިސް، އެޑިޝަން(2): ޕޮލިޓީ ޕްރެސް،
      ބްރިޖް ސްޓްރީޓް. ކެމްބްރިޖް
ލިޔޯންސް ޖޯން. (1977). ޑިއިކްސިސް ސްޕޭސް އެންޑް ޓައިމް އިން. ސެމޭންޓިކްސް، ވޮލިޔުން(2)، ޞ. 
      637-724: ލަންޑަން. ކެމްބްރިޖް ޔުނިވާސިޓި ޕްރެސް.
ގައިކޫކް. (1995).
ޖޯޖް ޔޫލް. (1996). ދަ ސްޓަޑީ އޮފް ލެންގުއޭޖް. ޔޫކޭ: ކެމްބްރިޖް ޔުނިވާރސިޓި ޕްރެސް.
ޖޯޖް ޔޫލް. (2000). ޕްރެގްމެޓިކްސް. ޔޫކޭ: އޮކްސްފޯޑް ޔުނިވާރސިޓި ޕްރެސް.
ޖޯޖް ޔޫލް. (2004). ދަ ސްޓަޑީ އޮފް ލޭންގްއޭޖް، އެޑިޝަން(2). ޔޫކޭ: ކެމްބްރިޖް ޔުނިވާރސިޓި ޕްރެސް.
ޖޯޖް ޔޫލް. (2005). ދަ ސްޓަޑީ އޮފް ލޭންގްއޭޖް، އެޑިޝަން(3). ޔުކޭ: ކެމްބްރިޖް ޔުނިވާރސިޓި ޕްރެސް.
ޖޭމްސް އީ. އެލަތިސް، ކެރޮލީން އޭ. ސްޓްރަހްލެ، މެގީ ރޮންކިން އަދި ބްރެންޓް ގެލަންބާގަރ. (1996).
ގިލިއަން ބްރައުން އެންޑް ޖޯޖް ޔޫލް. (1983). ޑިސްކޯސް އެނަލިސީސް. ޔޫކޭ: ކެމްބްރިޖް ޔުނިވާރސިޓި ޕްރެސް.
     ޖޯޖްޓައުން ޔުނިވާސިޓީ ރައުންޑް ޓޭބަލް އޮން ލެންގުއޭޖަސް އެންޑް ލިނގުއިސްޓިކް. ވޮޝިންޓަން: 
     ޖޯޖްޓައުން ޔުނިވާސިޓީ ޕްރެސް.
ޑޭވިޑް ކްރީސްޓަލް. (އަހަރު ނޭނގޭ). އެންސައިކްލޮޕީޑިއާ އޮފް ލެންގުއޭޖް، އެޑިޝަން(2): ކެމްބްރިޖް. ކެމްބްރިޖް
      ޔުނިވާރސިޓި ޕްރެސް.
ޒާހިޔާ ޒަރީރު. (2011). ފޮނެޓިކްސް އެންޑް ފޮނޮލޮޖީ. (ކޯސް ހޭންޑް އައުޓް). މާލެ: ފެކަލްޓީ އޮފް އާޓްސް

No comments:

Post a Comment