Sunday, September 16, 2012

ރޯމަން ލެންގުއޭޖް Roman Language


ރޯމަން ލެންގުއޭޖް

      ލެޓިންބަހަކީ ބީ.ސީން (މީލާދުގެ ކުރިން) ފުރަތަމަ ޤަރުގެ ތެރޭގައި އިޓަލީގެ ލެޓިއަމްގައި ވަޒަންވެރިވެގެން އުޅުނު މަދު މީސްކޮޅެއްގެ ބަޔަކު ވާހަކަދެއްކުމަށް ބޭނުންކުރި ބަހެކެވެ.  ލެޓިއަމްއޭ ކިޔެނީ އިޓަލީގެ ހުނޅަގު ބިތަށެވެ. އޭގެފަހުން އައި ޒަމާނެއްގައި މިބަސް ފުޅާވެ، ޤަދީމީ ރޯމަނުންގެ ރަސްމީ ބަހަށް މިބަސް ބަދަލުވިއެވެ. ލެޓިން ބަސް ތަރައްޤީވުމަށްފަހު ރޯމަންސް ބަހުގެ ގޮތުގައި އެބަސް ބޭނުން ކުރެވެން ފެށިއެވެ. ފުރަތަމަ ބަހުގެ ގޮތުގައި ރޯމަންސް ބަސް ބޭނުންކުރީ ރޯމަނުންނާއި ރޯމަނުންގެ ބާރުގެދަށުގައިވާ ޤައުމުތަކުގެ އަހުލުވެރިންނެވެ. އޭގެ ތެރޭގައި އިޓަލީ، ފްރާންސް، ސްޕޭން ޕޯޗުގީޒް އަދި ރޮމޭނިކާ ހިމެނެއެވެ. ރޯމަން އެމްޕެޔަރ ކުރިއަރައި، އެބައިމީހުންގެ ސިޔާސީ ނުފޫޒު ދުނިޔޭގެ ބޮޑުބަޔަކަށް ހިނގުމުގެ ނަތީޖާއެއްގެ ގޮތުން ލެޓިން ނުވަތަ ރޯމަންސް ބަހަކީ ވަރަށް އާންމު، އެންމެންހެން ދަންނަ ބަހަކަށްވިއެވެ.
     ރޯމަންސް ބަހުން ވާހަކަދެއްކުމުގައި ދެގޮތެއް (ދެބަހުރުވައެއް) ގެންގުޅެއެވެ. ފުރަތަމަ ގޮތަށް ކިޔަނީ "ކްލެސިކަލް" އެވެ. މިގޮތަކީ ތަޢުލީމީ ނުވަތަ ޤަދަރުވެރިން ވާހަކަދެއްކުމުގައި ބޭނުންކުރާ ގޮތެވެ. ދިވެހިބަހުގެ އުޞޫލުތަކުން ބަލާނަމަ މިއީ މާތް ބަހުރުވައިން ވާހަކަދެއްކުމޭ ބުނެވިދާނެއެވެ. ދެވަނަ ގޮތަށް ކިޔަނީ "ވެނެކިއުލަރ" އެވެ. މިގޮތަކީ ޢާންމުގެ ވާހަކަދެއްކުމުގައި ބޭނުން ކުރާގޮތެވެ. ދިވެހިބަހުގެ އުޞޫލުތަކަށް ފައްތާނަމަ ޢާންމު ބަހުރުވައިން ވާހަކަދެއްކުމެވެ.
     ވެނެކިއުލަރ ނުވަތަ ވުލްގަރ ލެޓިން ބަހުރުވައިގެ ސަބަބުން ރޯމަންސް ބަސް ޢާންމުވުމަށް މަގުފަހިވިއެވެ. އެހެނީ ރޯމަންއެމްޕެއަރގެ ހުކޫމަތު ދުނިޔޭގެ ބޮޑުބަޔަކަށް ހިގަމުންދިޔުމުގެ ސަބަބުން ނުސީދާކޮށް ރޯމަންސް ބަސް ދަސްކުރުމަށް ގިނަ ބަޔަކަށް މަޖުބޫރުވެގެން ދިޔައެވެ. މިގޮތަށް ބަސް ދަސްވި ގިނަމީހުންނަށް އަދި ގިނަ ޤައުމުތަކަށް ޢާންމުވެގެން ދިޔައީ ވެނެކިއުލަރ ބަހުރުވައެވެ. ކޮންމެއަކަސް މީލާދީން 12 ވަނަ ޤަރުނު ފެށުނުއިރު ހުނޅަގު ޔޫރަޕުގެ ބޮޑުބައެއްގައި ބޭނުންކުރެވޭ ބަހަކަށް މިބަސްވެގެން ދިޔައެވެ. މިގޮތަށް މިބަހުރުވަ ފެތުރުނު ކަމުގައިވިއަސް، ބަހުގެ ޠަބީއަތާއި އެއްގޮތަށް އެކިސަރަހަށްދަށް މިބަސް ފެތުރިގެންދިޔައިރު ތަފާތު އިތުރު ބަހުރުވަތަކެއް އުފަންވެގެން ދިޔައެވެ.
     ލެޓިން ބަސް ފުޅާވުމުގައި އުފެދު ބަހުރުވަތައް ފަހުން ބަދަލުވީ އެކި އެކި ޤައުމުތަކުގެ ބަހަށެވެ. އެހެންކަމުން އެކޮންމެ ބަހުރުވައެއްވެސް ކުރިއަރައި ބަހަކަށްވެގެން ދިޔަގޮތުގެ އަމިއްލަ ތާރީޚެއް އިބައޮތެވެ. އޭގެ ތެރޭގައި އެބަހުރުވައެއްގެ ލިޔުމުގެ ވައްޓަފާޅިއާއި، ޤަވާޢިދާއި، ބަހުގެ އަޑުތަކާއި އަދި ލަފުޒުތައް ކަހަލަ ކަންކަން ކުރިއަރައި ތަރައްޤީވިގޮތްވެސް ހިމެނެއެވެ. އަދި އެންމެ ފަހުން މިހާރު އެބަހުރުވަތައް ބަސްތަކަކަށްވެ މިހާރު އެބަސްތައް ބައްޓަންކުރެވިފައިވާގޮތްވެސް ހިމެނެއެވެ. ރޯމަންސް ނުވަތަ ލެޓިން ބަހުން އުފެދު ބަހުރުވަތައްވެސް، ބަސް، ބަހަށް ވެގެންދިޔައީއެވެ. އެބަސްތަކުގެ ތާރީޚުން އެކަން ފެންނާން އިބައޮތެވެ. އޭގެ ތެރޭގައި ފްރެޗް ބަހާއި، ޕޯޗްގީޒް ބަހާއި އިޓަލީ ބަސްފަދަ ބަސްތައް ހިމެނެއެވެ.